ރޫޙުގެ ހަނގުރާމަ
ކިޔާރާ އޭނާގެ އެޕާޓްމަންޓާ ދިމާލަށް ހިނގަމުން ދިޔައިރު، ވެހެމުންދިޔަ ވާރޭ ތިކިތަކަކަށް ބަދަލުވެ، އޭނާގެ ކާޑިގަންގަޔާއި، އައްސާފައި އޮތް އިސްތަށިގަނޑުން ބޭރުވެފައި ހުރި އިސްތަށިތަކުގައި ތެތްކަން ހިފާފައި ހުއްޓެވެ. މަގުމަތި މިހާރު އޮތީ ހިމޭންކޮށެވެ. އިރުއިރުކޮޅާ ދުއްވާލާ އިލެކްޓްރިކް ސައިކަލެއްގެ އަޑު އިމާރާތްތަކުގެ ތެރޭގައި ގުގުމާލާފައި ކެނޑިގެންދެއެވެ. ކޮންމެ ފިޔަވަޅެއްވެސް ކުރިއަށްވުރެ ބަރުކަމަށް އިޙުސާސްވީ ނަމަވެސް، އޭނާގެ ވިސްނުންތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
އޭނާގެ ހިތް އަދިވެސް ބާރަށް ތެޅެމުންދެއެވެ. އެ ބީރައްޓެހި މީހާގެ ހަނދާންތަކާ އޭނާއަށް ދުރެއް ނުވެވުނެވެ. އަދި އެ މީހާގެ ގައިން ދުވި ވަސްވެސް ހަނދާނުން ފޮހެލެވޭ ގޮތެއް ނުވިއެވެ. އަގުބޮޑު ސީޑާވުޑް އާއި ބާގަމޮޓް ގެ މީރުވަހެވެ. އަދި އެ ދެވަހުގެ ތެރެއިން.. ދަގަނޑު ރަހައެއް ނުވަތަ ވަހެއް ފާހަގަކުރެވުނެވެ. އޭނާ ގެއަށް ވަދެ ފައިވާން ބޭލުމަށްފަހުވެސް އެ ވަސް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.
ފިނި ފެންފޮދަކުން މޫނު ދޮވެލުމަށްފަހު، ކުއްލިއަކަށް ހަޤީޤަތް ވިސްނުނެވެ. އެއީ ކޮޕާ ނުވަތަ ލޭގެ ވަހެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އޭނާއަށް ބުނެވުނެވެ. “އޯ..” އެއީ ބޭއިޚްތިޔާރުގައި ބޭރުވި ބަހެކެވެ. އެ މީހާގެ ހަށިގަނޑުން ލޭ އަންނަނީއެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން އޭނާއަށް އެކަން ފާހަގަނުކުރެވުނީއެވެ. އޭނާގެ ޔުނިފޯމުގައި ލޭ ހޭކޭހާ ގިނައިން ލޭ ނައި ނަމަވެސް، އޭނާ ޖަހާފައި ހުރި އަގުބޮޑު ސެންޓުގެ ވަހުގެ ތެރެއިން އެ ލޭގެ ވަސް ދުވާވަރުވެއެވެ.
އެ ޚިޔާލުން އޭނާ ނުތަނަވަސްވިއެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާއަށް އަނިޔާވީ ކިހިނެއް ހެއްޔެވެ؟ އަދި އެއްވެސް ކަމެއް ނުވާ ފަދައިން އޭނާ އުޅުނީ ކީއްވެ ހެއްޔެވެ؟
ސާޅީސް އަށް ގަޑިއިރު ފަހެވެ. ބަހުން ދިމާވި ބީރައްޓެހި މީހާގެ ހަނދާންތަކަކީ ނިދި މަދުވުމުގެ ސަބަބުން ކުރެވުނު އާދަޔާ ޚިލާފު އިޙުސާސެއް ކަމަށް އޭނާ ނިންމިއެވެ. އިމަޖެންސީ ޑިޕާޓްމަންޓްގައި ހުކުރު ދުވަހުގެ ރޭތަކަކީ ނަރުހުންނަށް މިފަދަ ޚިޔާލުތަކުގައި ތިބެވޭނެ ފުރުސަތު ލިބޭ ރޭތަކެއް ނޫނެވެ. އިރުއޮއްސުމުގެ ކުރިން މުޅި ތަން ވަނީ އިންތިހާއަށް ބާރުބޮޑުވެފައެވެ. ބަލިމީހުން ބަލާ ބޯޑު އޮތީ ރަތް ކުލައިން ފުރިފައެވެ. ކޮންމެ އެނދެއްގައި ބަލިމީހަކު އޮތެވެ. ކޮރިޑޯގައިވެސް ބަލިމީހުން ބައިތިއްބާފައި ތިއްބެވެ. އާއިލާގެ މީހުން ނުތަނަވަސްކަމާއެކު ބޭރުގައި މަޑުކޮށްގެން ތިއްބެވެ. ފޯނުތައް މެދުނުކެނޑި ރިންގުވަމުންދެއެވެ.
“ކިޔާރާ، އަހަރެން ބޭނުން އިތުރު އައިވީ ޕަމްޕެއް!”
“ސްކޭންތައް ހިފައިގެން ރޭޑިއޮލޮޖީ މީހުން ކޮބާ؟”
“އޯތޯޕެޑިކްސްއަށް އަދިވެސް އެއްފަހަރު ގުޅާލަބަލަ!”
ކޮންމެ ދިމާލަކުންވެސް އިވެނީ އެކި މީހުންގެ އަޑުތަކެވެ. ކިޔާރާއަށް ނޭވާލާނެ ވަގުތެއްވެސް ނުލިބެއެވެ. އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއްގެ މަޢުލޫމާތު ނޯޓުކުރަން ހުއްޓާ، ކުއްލިއަކަށް އޮޓޮމެޓިކް ދޮރު ހުޅުވިއްޖެއެވެ. “ކްރޭޝް ކާޓް!” ޑރ. މަހްމޫދު ހަޅޭއްލަވައިގަތެވެ. “ބަނޑަށް ވަޅި ޖަހާފައި! ބްލަޑް ޕްރެޝަރު ދަށަށް ދަނީ!” ޕެރާމެޑިކް މީހާ ބުންޏެވެ.
ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. ކިޔާރާ އޭނާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އެ ދިމާލަށް ދިޔައެވެ. ބަލިމީހާ އޮތީ މުޅިން ލެއިން ތަތްތެޅިފައެވެ. އޭނާގެ ފަހަތުން ކަޅު ކުލައިގެ ސޫޓު ލައިގެން ތިބި ބޮޑު ދެ ފިރިހެނުން އައެވެ. އެމީހުންގެ އަތުގައި ހޮސްޕިޓަލުގެ އެއްވެސް އައިޑީއެއް ނެތެވެ. އަދި އެތަނުން ދާކަށްވެސް އެމީހުން ބޭނުމެއް ނުވެއެވެ. ޑރ. މަހްމޫދު އެމީހުންނަށް ބަލާލުމަށްފަހު، “މިތަނަށް ވަދެވޭނީ ހަމައެކަނި މެޑިކަލް ސްޓާފުންނަށް.” ކަމަށް ބުންޏެވެ. ނަމަވެސް އެމީހުން އެތަނުން ނުކުންނަން އިންކާރު ކުރިއެވެ. އެންމެ ފަހުން ބަލިމީހާއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު، އެމީހުން ބޭރަށް ނުކުތެވެ.
ކިޔާރާ އަނިޔާވި ތަން ބެލުމަށްޓަކައި ގަމީސް ކަނޑާލިއެވެ. އެވަގުތު އޭނާ ހުއްޓުން އެރިއެވެ. އެއީ ހަމަ އެމީހާއެވެ! ބަހުން ދިމާވި މީހާއެވެ. އޭނާގެ މޫނުމަތިންވެސް ކިޔާރާ އެނގުނުކަން ހާމަވިއެވެ. “ނަރުސް ކުއްޖާ.. ބަހުން ދިމާވި..” އޭނާ މަޑުމަޑުން ބުންޏެވެ. ޑރ. މަހްމޫދު ހައިރާންވެފައި އެމީހުންނަށް ބަލާލިއެވެ. ކިޔާރާ ވަގުތުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލާފައި، އެއީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ހަމައެކަނި ބަހުން ދިމާވި މީހެއް ކަމަށް ބުންޏެވެ.
އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް، ވަރަށް ސާބިތުކަމާއެކު އައިވީ ގުޅައިދިނެވެ. ބަލިމީހާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. “އަހަރެމެންނާއެކު.. ފަރުވާތެރިކަމާއެކު.” ޑރ. މަހްމޫދު ބަލިމީހާއަށް އިރުޝާދު ދިނެވެ. ގާތްގަނޑަކަށް ވިހި މިނެޓުގެ ބުރަ މަސައްކަތަށްފަހު، ލޭ އައުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނެވެ.
“ކިޔާރާ، އޯ-ނެގަޓިވް ލޭ ހޯދާ. ވަގުތުން!” ޑރ. މަހްމޫދު ބުންޏެވެ. ކިޔާރާ ބްލަޑް ބޭންކާ ދިމާލަށް ދިޔައިރު، ސާފުކުރާ މީހެއްގެ ޔުނިފޯމުގައި ހުރި މީހަކު އޭނާގެ ކައިރިން ލާފައި ދިޔައެވެ. އެމީހާގެ އުޅުމުން ކިޔާރާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިޙުސާސްވިއެވެ. އޭނާގެ އައިޑީ ކާޑު އޮތީ ފުށުން ޖެހިފައެވެ. އަދި އޭނާ އަރައިގެން ހުރި ބޫޓަކީ ހޮސްޕިޓަލުގެ މުވައްޒަފުން އަރާ ކަހަލަ ބޫޓެއް ނޫނެވެ.
ލޭ ހިފައިގެން އެނބުރި އައި މަގުމަތީގައި، އެ މީހާ އަނެއްކާވެސް ފެނުނެވެ. މިފަހަރު އޭނާ ހުރީ ސާފުކުރާކަށް ނޫނެވެ. އޭނާ ހުރީ ވަޅިއެއް ހިފައިގެން ބަލިމީހާ އޮތް ކޮޓަރިއަށް ވަންނާށެވެ. ކިޔާރާ އެއްވެސް ޖެހިލުމެއް ނެތި، ކައިރީގައި ހުރި މެޑިކަލް ސަޕްލައި ކާޓު މުޅި ބާރުލާފައި އެ މީހާއާ ދިމާލަށް ކޮށްޕާލިއެވެ. އެ ކާޓު ގޮސް އެ މީހާގެ ގައިގައި ޖެހި، އޭނާ ބިންމައްޗަށް ވެއްޓުނެވެ. ވަގުތުން ސެކިއުރިޓީން އައިސް އެމީހާ ހިފެހެއްޓިއެވެ.
ކިޔާރާ ހުރީ ބިރުން ގަނޑުވެފައެވެ. އޭނާގެ އަތް އިންތިހާއަށް ތުރުތުރުލައެވެ. ޑރ. މަހްމޫދު ނުކުމެ ލޭ ހޯދުމަށް އެދުމުން، އޭނާ ލޭ ހަވާލުކުރިއެވެ. “ވަރަށް ރަނގަޅު މަސައްކަތެއް.” ޑޮކްޓަރު ބުންޏެވެ.
ބަލިމީހާ އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔުމުގެ ކުރިން، ކިޔާރާއާ ދިމާލަށް ބަލާލިއެވެ. އެ ބެލުމުގައި ބުނެދޭން ނޭނގޭ ފަދަ މާނައެއް ހުއްޓެވެ. އެނާގެ މުޅި ރޫޙަށް އެކަން އިޙުސާސްވި ކަހަލައެވެ.
އޮޕަރޭޝަނަށްފަހު ބަލިމީހާގެ ހާލު ރަނގަޅުވަމުންދާ ކަމުގެ ޚަބަރު ލިބުމުން ކިޔާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ އަމިއްލަ ނަފުސާ ސުވާލުކުރަމުން ދިޔައެވެ. އެއީ ކާކު ހެއްޔެވެ؟ އަދި އޭނާ މަރާލަން އެހާ ބޮޑު މަސައްކަތެއް ކުރަނީ ކީއްވެ ހެއްޔެވެ؟
ފަތިސް ވަމުން އައިއިރު، މާލޭގެ އުޑުމަތި ރިހި އަދި ނޫކުލައިން ފެންނަމުން ދިޔައެވެ. ކިޔާރާއަށް އެއީ ހަމައެކަނި ބުރަ ޑިއުޓީއެއްގެ ނިމުމެވެ. ނަމަވެސް، އޭނާގެ ހަޔާތަށް އަންނަން އުޅޭ ބޮޑު ބަދަލެއްގެ ފެށުން ކަމެއް އޭނާއަކަށް ނޭނގެއެވެ.
ހޮސްޕިޓަލުގެ ފާރުތަކުން ބޭރުގައި، މާލޭގެ އުޑުމަތި ފަތިހުގެ ރީތި ކުލަތަކުން ފެވެމުން ދިޔައިރު، ބޭރުގައި ހުރި މީހަކު އޭނާގެ އަތުގައި އޮތް ފޯނު ފިތާލުމަށްފަހު މޫދަށް އެއްލާލިއެވެ. އަދި އައު ނަންބަރަކަށް ގުޅައި، ނުހަނު ސީރިއަސް ރާގަކަށް ބުންޏެވެ.
“މިކަން އަދި ނިމުނީއެއް ނޫން.” އެއާއެކު ފޯނު ކަނޑާލިއެވެ.
**********
ކިޔާރާއަށް އެއީ ހަމައެކަނި ވަރުބަލިކުރުވި ޑިއުޓީއެއްގެ ނިމުމެވެ. ނަމަވެސް އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލާނެ، ކެރުމާއި، އިތުބާރާއި، އަދި އާދައިގެ މޫނުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ދިރިއުޅުންތަކުގެ ވާހަކަ އޭނާއަށް އޮތީ އަދި ނޭނގިފައެވެ. އޭނާ ކުރި ހިތްވަރުގަދަ އަމަލުގެ ސަބަބުން، އޭނާ މިއަދު އެވަނީ ނުރައްކާތެރި އަދި އެހާމެ ކުލަގަދަ ހާދިސާތަކެއްގެ މެދުތެރެއަށް ވަދެވިފައެވެ.
ކިޔާރާގެ ހިތާއި ރޫޙުގެ އެންމެ ފުންމިނަށް އެކަން އިޙުސާސްވަމުންދިޔައެވެ. އެއީ އެ މަދު ސިކުންތުކޮޅުގެ ތެރޭގައި، އެ ބީރައްޓެހި މީހާގެ ކަޅި އޭނާގެ ދެލޮލާ އަމާޒުވެފައި ހުރި ގޮތުން ކަމަށް ވެދާނެއެވެ. ނުވަތަ އެ މަޑުމައިތިރި ބެލުމުގެ ފަހަތުގައިވި، މާނަކުރަން ދަތި ފުން އަސަރުތަކެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެހެންނޫނީ އެއީ ހަމަ އޭނާގެ ހަވަނަ ހިއްސުން ބުނެދިން ބުނެދިނުމަކަށް ވެސް ވެދާނެއެވެ.
ނަމަވެސް، އޭނާގެ ރޫޙުގެ އެންމެ ފުންމިނަށް ބޮޑު ބަދަލެއް އަތުވެއްޖެކަން އޭނާއަށް ޔަގީންވިއެވެ. ހިތުގެ ކޮންމެވެސް ދިމާއަކުން ބުނެދޭން ނޭނގޭ ފަދަ ޔަގީންކަމެއް އޭނާއަށް ލިބުނެވެ.
ދަންވަރުގެ އާދައިގެ ބަސް ދަތުރެއްގެ ތެރެއިން ދިމާވި އެ ބީރައްޓެހި މީހާއަކީ، އޭނާގެ މުޅި އުމުރަށް ބީރައްޓެހިވެފައި ހުންނާނެ މީހެއް ނޫންކަން އޭނާއަށް އިޙުސާސްވިއެވެ.
އޭނާއަށް ވިސްނައިގަންނަން ދަތި، އުންމީދުވެސް ނުކުރާ ފަދަ ގޮތަކަށް، އެ ކުޑަކުޑަ ބައްދަލުވުމުން އޭނާގެ މުޅި ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. އޭނާއަށް ކުރިން ނޭނގޭ އާ ދުނިޔެއަކަށް ވަދެވޭނެ ދޮރެއް އެ ހިނދުކޮޅު ހުޅުވިގެން ދިޔައެވެ.
އެ ދޮރުގެ ފަހަތުގައި އޮތީ އޭނާގެ މިހާރުގެ އާދައިގެ ދިރިއުޅުމާ މުޅިން ތަފާތު ދުނިޔެއެކެވެ. ހޮސްޕިޓަލުގެ ދިގު ޑިއުޓީތަކާއި، ނުދެއްކި ހުރި ބިލުތަކާއި، ދަންވަރު ކައިއުޅޭ އިންސްޓަންޓް ނޫޑްލްސްއާއި، މާލޭގެ މަގުބައްތިތަކުގެ ދަށުން އެކަނިމާއެކަނި ހިނގާ ހިނގުންތަކާ އެ ދުނިޔެ މުޅިން ތަފާތެވެ.
މި ބަދަލުގެ ސަބަބުން ލިބޭނީ އުންމީދެއް ކަމެއް ނުވަތަ ހިތްދަތިކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އޭނާގެ ހުރިހާ ކަމެއް ބަދަލުވާން އުޅޭކަމެވެ.
އޭނާގެ ބުއްދި ގޮވާލަމުން ދިޔައީ، އެ ދޮރު އިތުރަށް ހުޅުވުމުގެ ކުރިން ފަސްއެނބުރި ދިއުމަށެވެ. ނަމަވެސް، އޭނާގެ ހިތާއި ރޫޙުގެ އެންމެ ފުންމިނުން ބުނަމުންދިޔައީ، ބިރުވެރިކަމާއި އުފާވެރިކަން އެކުލެވޭ، ދުވަހަކުވެސް ހަނދާނުން ފޮހެލަން ދަތި އޭނާގެ ހަޔާތުގެ އާ ބާބެއް ރިހިކުލައިން މުޅި ރޫޙުގައި ލިޔެވެން މިހާރު ފެށިއްޖެ ކަމަށެވެ.
(ނުނިމޭ)
