ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްގަރާއި މުލައް ފެށީ ފަސޭހަ މޮޅަކުން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ މ. އަތޮޅުގެ ކުޅުން އިއްޔެ ފަށައިފި އެވެ. ހަތަރު ޓީމު ބައިވެރިވެފައިވާ މި އަތޮޅު މުބާރާތް ކުރިޔަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ލީގު އުސޫލުން ބުރެއް ކުޅެ، ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މި އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ދިއްގަރާއި މުލައް އަދި ވޭވަށާއި މުއްޔެވެ. މި އަތޮޅުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މުލީގަ އެވެ. މުބާރާތުގެ ދެ މެޗު އިއްޔެ ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 1

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ރަށް ކަމުގައިވާ މުލި އަދި ދިއްގަރެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މުލިން ނެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވެ ދިޔައިރު، އިރުކޮޅެއް ފަހުން ދިއްގަރުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ ދިއުމަށް ނިމުން ގެނައީ ދިއްގަރުން ނެވެ. ހަވަނަ މިނިޓްގައި ދިއްގަރަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ވާއިލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާތެރެއަށް ހުސްކޮށް ވަތް ވަގުތު އެ ޓީމުގެ ކުޅުންތެރިއަކު އޭނާއަށް ޖައްސާލި ބޯޅަ ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ރީނދޫ ސަމާލު - ލާމުން އައްޑުއަށް!

މި ލަނޑަށްފަހު މުލިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. މުލިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ދިއްގަރު ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މުލިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ހާފުގެ ފަހުކޮޅު ދިއްގަރު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ބޭނުން ނުކުރެވިދިޔަ މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ދިއްގަރުން ނެވެ. ލީޑު ނެގުމަށް ދެ ޓީމުން ވެސް މަސައްކަތްކުރި މި ހާފުގައި ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބިފަ އެވެ. ދެވަނަ ފަހަރަށް ދިއްގަރުން ލީޑު ނެގީ 34 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިކްރާމް ހުސައިން އެވެ. ނަތީޖާ ހަމަހަމަކުރުމަށް މުލިން މަސައްކަތްކުރަމުން ދަނިކޮށް އަދިޔާން ބިން މުޙައްމަދު ވަނީ ދިއްގަރަށް ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.

3-1 އިން ދިއްގަރު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިކްރާމް ހުސައިން އެވެ.

 

މެޗު 2

ދެވަނަ މެޗުގައި ބައްދަލުކުރީ ވޭވަށާއި މުލަކެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެކެވެ.

މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި މުލަކުން ވަނީ ފަސްވަނަ މިނިޓްގައި ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އިބްރާހިމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވޭވަށު ހާފުގެ މެދަކާއި ހިސާބުން އަރިމަތިން ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.

މިވެސް ކިޔާލަން:  ދުވާފަރު ޗެންޕިއަންކަން ހޯދައިފި!

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވޭވަށަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް މުލަކުގެ ވިޝާހް ޝަރީފް އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. ވިޝާހްގެ މި ލަނޑަކީ އަރިމަތިން ބޭރުވުމުން ލިބުނު ކިކް އޭނާ ފޮނުވާލުމުން ވޭވަށު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނު މުލަކުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މެދުރޮނގު ކައިރިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި ހައިޒަމް ޖައްސާލުމުން، މުޅިން ހުސްކޮށް ހުރި އަޙްމަދު ތޮލާލު ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ވޭވަށުން މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖެހީ 15 ވަނަ މިނިޓްގަ އެވެ. ވޭވަށު ކުޅުންތެރިއަކު މުލަކު އޭރިޔާތެރެއަށް ޖައްސާލި ބޯޅަ ހޯދައި ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ ދައްޔާން އަހްމަދު އެވެ. އާވި އުންމީދާއިއެކު އިތުރު ހިތްވަރެއްލައި ހާފުގެ ފަހުކޮޅު ވޭވަށުން ވަނީ ދެވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ދައްޔާން އަޙްމަދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މުލަކު ހާފުގެ މެދަކާއި ހިސާބުން ލިބުނު ފްރީކިކް އެއްފަހަރުން ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ.

ދެވަނަ ހާފުގައި ވޭވަށުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ހޯދާފަ އެވެ. ދެވަނަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު ހާފުގެ ކުރީކޮޅު މުލަކަށް ޖަހައިދިނީ އަހްމަދު އިބްރާހިމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  މަނަދޫ އާއި މާފަރު ވެސް ފެށުން ރަނގަޅުކޮށްފި

4-2 އިން މުލަކު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ވިޝާހް ޝަރީފް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top