“އައިންސްޓައިންގެ ދޫ” މި ނަމުން މަޝްހޫރުވެފައިވާ މި ފޮޓޯއަކީ އޭގައި އެކުލެވިގެންވާ މަޖާ އަދި ސަމާސާ ސިފަތަކުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ވަރަށް ތާރީޚީ ފޮޓޯއެކެވެ. ސަމާސާކުރުމަކީ އޭގެ ޒާތުގައި ފުން ބުއްދިއެއް ބޭނުންވާ ކަމަކަށްވާއިރު، މިފަދަ ކުއްލި ސަމާސާ ވަގުތެއް ކެމެރާގެ ލެންސަށް އެރުވުމަކީ ފޮޓޯގްރަފީގެ ދާއިރާގައި ކުރަން އެންމެ އުނދަގޫ އެއް މަސައްކަތެވެ. އަލްބަރޓް އައިންސްޓައިންގެ ހަޔާތުން ފެންނަ މި މަޖާ އަދި ތަފާތު މަންޒަރަކީ އޭނާގެ ޝަޚުޞިއްޔަތުގެ އަނެއް ފަރާތް ހާމަކޮށްދޭ، މި ފޮޓޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ.
މި ހަނދާނީ ވަގުތުކޮޅު ފެނިގެންދިޔައީ އައިންސްޓައިންގެ 72 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ. އެ ދުވަހު ގިނަ އަދަދެއްގެ ފޮޓޯގްރަފަރުން އެތަނަށް އެއްވެ ތިބި ނަމަވެސް، މި ތާރީޚީ މަންޒަރު ކެމެރާގައި ރައްކާކުރެވުނީ ޖީން ސާސޭ އަށެވެ. ނިސްބަތީ ނަޒަރިއްޔާ ނުވަތަ ‘ތިއަރީ އޮފް ޖެނެރަލް ރެލެޓިވިޓީ’ އިން ދުނިޔެ ބަދަލުކޮށްލި ނޯބެލް އިނާމު ހާސިލުކޮށްފައިވާ ސައިންސްވެރިޔާގެ ސީރިއަސް ސިފައާ ޚިލާފަށް، އާންމުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއް މި ފޮޓޯއިން ފެނިގެންދެއެވެ.
މި ފޮޓޯގެ ފަހަތުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އައިންސްޓައިން މި ފޮޓޯއަށް އިންތިހާއަށް ގަޔާވި ކަމެވެ. އެގޮތުން އޭނާގެ އަމިއްލަ ބޭނުމަށްޓަކައި މި ފޮޓޯގެ ކްރޮޕްކޮށްފައިވާ ނުވަ ކޮޕީއަށް ޔޫ.ޕީ.އައި (ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް) ގައި އެދުނެވެ. މީގެ ތެރެއިން އެއް ފޮޓޯ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ހައޮވަރޑް ކޭ. ސްމިތަށް ދިނެވެ. ޝައުގުވެރިކުރުވާ ކަމަކީ، އެ ފޮޓޯގެ ފަހަތުގައި އައިންސްޓައިން ލިޔެފައިވާ ކުރު މެސެޖެކެވެ. އޭގައިވެއެވެ.
“މި ހަރަކާތަކީ މުޅި އިންސާނިއްޔަތަށް އަމާޒުކޮށްގެން ކުރި ކަމަކަށްވާތީ، ތިބާއަށް މި މަންޒަރު ކަމުދާނެއެވެ. އެއްވެސް ޑިޕްލޮމެޓަކަށް ކުރަން ނުކެރޭނެ ކަންކަން ކުރުމުގެ އިޚުތިޔާރު އާންމު ރައްޔިތަކަށް އޮވެއެވެ.” އައިންސްޓައިން

އައިންސްޓައިންގެ 72 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ޖީން ސާސޭ
