ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިބަލް ޕާސްޓަރ ސެމިއުލް ޝްރޮޕްޝަޔާ އިސްލާމްދީން އިޚްތިޔާރުކުރި ދަތުރު

އަހަރެންގެ ދަރިއަކަށް ކިޔަނީ އީސާ (ޖީސަސް) އެވެ. އެ ދުވަސްވަރު، ދަރިއަކަށް އެ ނަން ކިޔުމަކީ އަހަރެންނަށް ވަރަށް އާދަޔާޚިލާފު ކަމަކަށް ވެދާނެއެވެ. ނަމަވެސް، ސައުދީ އަރަބިއްޔާގައި ދިރިއުޅުމަށްފަހު މިއަދު އަހަރެން މިހުރީ މި މަގުގައެވެ. ‘ކިއު’ ޕްރޮޖެކްޓުގައި އަހަރެންގެ ޒިންމާއަކަށްވީ، ކްރިސްޓިއަން ފާދިރީއެއްގެ ހައިސިއްޔަތުން ކީރިތި ޤުރުއާން ކިޔެވުމެވެ. އެއީ ޑރ. ސާފީ ކަސްކަސް ތައްޔާރުކުރެއްވި ކީރިތި ޤުރުއާނުގެ އާ އިނގިރޭސި ތަރުޖަމާއެކެވެ. އަހަރެންގެ މަސައްކަތަކީ އެ ލިޔުންތައް ކިޔައި، އުފެދޭ ސުވާލުތައް ނޯޓުކޮށް، އިބާރާތްތައް އިތުރަށް ސާފުކޮށްދިނުމަށް ލަފާދިނުމެވެ.

އަހަރެން ކުރަމުންދިޔައީ އެޑިޓްކުރުމުގެ މަސައްކަތެވެ. ކޮންމެ ދުވަހަކު ހެނދުނު، ތަރުޖަމާ ކުރާ ކޮމިޓީއާއި މާނަކޮށްދޭ ކޮމިޓީއާ ބައްދަލުކޮށް، އަހަރެންގެ ހިތުގައި އުފެދޭ ސުވާލުތައް ހުށަހަޅަމެވެ. މިގޮތުގައި ތިން އަހަރު ހޭދަވިއިރު، މިއީ އިސްލާމީ އިލްމުގެ ރޮނގުން މަދުވެގެން މާސްޓާސް ނުވަތަ ޕީއެޗްޑީއެއް ހާސިލުކުރުން ފަދަ ކަމެކެވެ. ނަމަވެސް، އެތަނުގައި އެންމެ ހަ މަސްދުވަސް ހޭދަކޮށް، ޤުރުއާން ކިޔެވުމަށްފަހު، އަހަރެންނަކީ މުސްލިމެއްކަން އަހަރެންނަށް އިހުސާސްވާން ފެށިއެވެ. އަދި ޖޯޖިއާގެ ޖެފަސަންގައި އުމުރުން ދެތިން އަހަރުގައި ދިރިއުޅުނު ދުވަސްވަރުން ފެށިގެންވެސް އަހަރެންގެ ހިތުގެ އަޑީގައި އެކަން އޮތްކަން އެނގުނެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑު ގޮވައިގެން ޖޯޖިއާގެ ޖެފަސަންގައި ހުންނަ ފަސްޓް ބެޕްޓިސްޓް ޗާޗަށް ދެއެވެ. އާދީއްތަ ދުވަހުގެ އަޅުކަމަށްފަހު، މަންމަ އަޅުގަނޑު ގޮވައިގެން ކުތުބުޚާނާއަށް ދެއެވެ. އެ ކުތުބުޚާނާގައި ކުލަގަދަ ރީތި ކުރެހުންތައް ހިމެނޭ ކުޑަކުދިންގެ ގިނަ ފޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ޖަމަލާއި، ދިގު ހެދުން އަޅައިގެން ތިބޭ ބަދަވީންނާއި، ސަހަރާގެ މަންޒަރުތައް ފެންނަން ހުރެއެވެ.

މިވެސް ކިޔާލަން:  އޮސްޓްރޭލިއާގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްވެއްޖެ

އަޅުގަނޑު ތަކުރާރުކޮށް އެދެމުންދިޔައީ އެއް ފޮތެއް ކިޔައިދިނުމަށެވެ. އެ ފޮތުގެ ނަމަކީ “ދަ ގޯޑް އޮފް އިބްރާހީމް” އެވެ. މަންމަ އެ ފޮތް ކިޔައިދެމުން، އިބްރާހީމްގެފާނުގެ ވާހަކަ ކިޔައިދެއެވެ. އެކަލޭގެފާނުގެ މައިންބަފައިން ބުދަށް އަޅުކަން ކުރާތީ، އެމީހުން ދޫކޮށް ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. އަދި މާތްﷲ އެކަލޭގެފާނު ވަރަށް ދުރު ރަށަކަށް ފޮނުއްވެވި ވާހަކައެވެ. އެކަލޭގެފާނު ވަޑައިގަންނަވަނީ ކޮންތާކަށްކަން އެނގިވަޑައިނުގެންނެވި ނަމަވެސް، މާތްﷲގެ އެންގެވުމަށް ކިޔަމަންތެރިވެވަޑައިގަތުމަށް ނިންމެވިއެވެ.

މާތްﷲ އަޅުގަނޑު ސައުދީ އަރަބިއްޔާއަށް ފޮނުއްވެވި ފަދައިން، އިބްރާހީމްގެފާނުވެސް ދުރު ރަށަކަށް ފޮނުއްވެވިއެވެ. ވަޑައިގަންނަވަނީ ކޮން ދިމާއަކަށްކަން އެނގިވަޑައިނުގެންނެވި ނަމަވެސް، އެކަލޭގެފާނު މާތްﷲއަށް ކިޔަމަންތެރިވެވަޑައިގެން ދަތުރުކުރެއްވިއެވެ. އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުން މާތްﷲ އެކަލޭގެފާނަށް ބަރަކާތްލައްވައި ހެޔޮ ދަރުމަ ދެއްވިއެވެ. ސައުދީ އަރަބިއްޔާގައި ހަ މަސް ދުވަސް ހޭދަކުރި ފަހުން، އަޅުގަނޑުގެ ހިތަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

އެއްދުވަހެއްގެ މަޣުރިބު ނަމާދު ވަގުތު، މަގުމަތިން ބަންގީގެ އަޑު އިވުމުން އަޅުގަނޑު ހުރި އެޕާޓްމަންޓުން ނުކުމެގެން މަސްޖިދުއް ތަޤުވާ އާ ދިމާއަށް ހިނގައިގަތީމެވެ. މިސްކިތުގެ ދޮރުމަތީގައި ހުރެ އަޅުގަނޑު ދޮރުގައި ޓަކިޖެހީމެވެ. މީހުން ދޮރު ހުޅުވައިގެން އެތެރެއަށް ވަންނަމުންދިޔައެވެ. ނަމަވެސް އަޅުގަނޑަކީ ކްރިސްޓިއަނަކަށް ވީތީ، އެތެރެއަށް ވަދެވިދާނެކަމާ މެދު ޝައްކު އުފެދުނެވެ. އަދި އަހަރެންނަކީ ކްރިސްޓިއަނެކެވެ. މައްކާއާއި މަދީނާއަށް އަހަންނަށް ނުވަދެވޭނެކަން އެނގެއެވެ. ފަހަރުގައި މިސްކިތަށް ވަދެއްޖެނަމަ މީހުންނަށް އެކަން ބޭއަދަބީ ކަމަކަށް ވެދާނެ ކަމުގެ ބިރު އޮތެވެ.

ނަމާދު ނިމިގެން 15 ނުވަތަ 20 މިނެޓު ފަހުން މީހުން ނުކުންނަން ފެށިއިރުވެސް، އަހަރެން ހުރީ ދޮރުގައި ޓަކިދޭށެވެ.

މިވެސް ކިޔާލަން:  ކުރިން ބުދަށް އަޅުކަންކުރި ފިރްދައުސް ވޮންގް އިސްލާމްވި ގޮތް!

އެއީ ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ތަޖުރިބާއެކެވެ.

އެންމެ ފަހުން އެ މިސްކިތުގެ މުއައްޛިން ޝާފީ ޒުބިޔާ ދޮރުމައްޗަށް ނުކުމެ، “އަހަންނަށް ކޮށްދޭންވީ ކޮން ކަމެއްތޯ؟” އޭ އެހިއެވެ. އަހަރެން ބުނީމެވެ. “އާދެ، އަހަރެންގެ ނަމަކީ ސެމިއުލްއެވެ. އަހަންނަކީ އެމެރިކާގެ ކްރިސްޓިއަނަކީމެވެ. މިސްކިތަށް ވަނުމަކީ މައްސަލައެއް ތޯއެވެ؟” އެހިނދު ޝާފީ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި “އަހްލަން ވަސަހްލަން” އޭ ބުނެ މަރުހަބާ ކިއެވެ. އަހަރެން މިސްކިތަށް ވަދެ، އެތެރޭގެ ކަންކަން ބަލައިލުމަށް ހިނގައިލީމެވެ.

އޭގެ އިރުކޮޅެއް ފަހުން އަހަރެން ޝާފީ ގާތު އެހީމެވެ. “މާދަމާ ވެސް އަހަރެން މިސްކިތަށް އައުމަކީ އެންމެ ރަނގަޅު ކަމެއް ތޯއެވެ؟” އޭނާ ބުންޏެވެ. “އާދެ، އެންމެ ރަނގަޅެވެ.” ޖެހިގެން އައި ދުވަހު އަހަރެން ފަސް ފަހަރު މިސްކިތަށް ދިޔައީމެވެ. ކުރަންވީ ކީއްކަމެއް ނޭނގޭތީ، މިސްކިތުގެ ފަހަތުގައި ހުރި ގޮނޑިއެއްގައި އަހަރެން އިށީނދެގެން އިނީއެވެ. އަރަބި ބަސް ނޭނގޭތީ، މީހުން އެކުރާ ކަންތައްތަކެއް، އޭގެ ތެރޭގައި ރުކޫޢު ކުރުމާއި ސަޖިދަ ކުރުން ފަދަ ކަންކަމެއް އަހަންނަކަށް ނުވިސްނެއެވެ.

މިގޮތަށް ތިން ދުވަސް ވަންދެން ކޮންމެ ދުވަހަކު ފަސް ނަމާދަށް އަހަރެން ދިޔައީމެވެ.

ތިން ދުވަސް ފަހުން އަހަރެން ޝާފީ ގާތު ބުނީމެވެ. “މުސްލިމުން ނަމާދުކުރާ ގޮތް އަހަންނަށް ދަސްކޮށްދެވިދާނެ ހެއްޔެވެ؟”

ޝާފީ އަހަންނަށް ފާތިޙާ ސޫރަތް ދަސްކޮށްދިނެވެ. އަލްޙަމްދުލިއްލާހި، އެއާއެކު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ދެ ހަފުތާއެއްހާ ދުވަސް ފަހުން އަހަރެން ޝާފީ ގާތު ދެން ހަދަންވީ ކިހިނެއްތޯ އެހީމެވެ. އޭނާ އެހިއެވެ. “ޝަހާދަތް ކިޔިދާނެއެވެ. ކަލޭ ޝަހާދަތް ކިޔައިފިން ހެއްޔެވެ؟” އަހަރެން ބުނީމެވެ. “ނޫނެކެވެ. ޝަހާދަތަކީ ކޮބައި ހެއްޔެވެ؟”

މިވެސް ކިޔާލަން:  އައްޑޫ ސިޓީގައި ޝްރީލަންކާ މީހަކު އިސްލާމްވެއްޖެ

އޭނާ އަޅުގަނޑު ގޮވައިގެން ދިޔައީ ކައިރި އަވަށެއްގައި ހުންނަ އިސްލާމިކް އެޑިއުކޭޝަން ފައުންޑޭޝަނަށެވެ. އެތަނުން ބައްދަލުވި ކިންގް އަބްދުލްއަޒީޒް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ސާދީ މާލީގެ އެހީތެރިކަމާއެކު އަޅުގަނޑު ޝަހާދަތް ކިޔައި އިސްލާމްވީމެވެ.

އެއަށްފަހު، ޑރ. މާލީގެ ކާރުގައި އޭނާ އަޅުގަނޑު ގޮވައިގެން ސީދާ މައްކާއަށް ދިޔައެވެ. އަޅުގަނޑުމެންނަށް ހަރަމްފުޅަށް ދެވުމާއެކު، އަޅުގަނޑުގެ ހިތަށް ފުރަތަމަވެސް އައީ ކައުބަތުﷲ ގެފުޅަކީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ބިނާކުރެއްވި ތަނެއްކަމެވެ. އަދި ގެފުޅު ދެކިލަން ބޭނުންވާކަމަށް ޑރ. ސާދީގެ އަރިހުން އާދޭހާއެކު އެދުނީމެވެ. އޭނާ އަޅުގަނޑު ގޮވައިގެން ހަރަމްފުޅުގެ ތެރެއިން ވަރަށް ގާތުން ގެފުޅު ފެންނަ ހިސާބަކަށް ދިޔައެވެ.

ގެފުޅު ފެނުމާއެކު، އަޅުގަނޑަށް ރޮވި، ﷲ އަށް ދުޢާކުރަމުން ސަޖިދައަށް ތިރިވެވުނެވެ. އެވަގުތު އަޅުގަނޑުގެ މަންމަ ބުނި ބަސްތައް ހަނދާންވިއެވެ. “ސާމީ! ސާމީ! ދަރިފުޅު ބޮޑުވުމުން އަޅުކަން ކުރަންވާނީ އިބްރާހީމްގެފާނުގެ ކަލާނގެ އަށެވެ. އެކަލާނގެ ފިޔަވައި އެހެން ކަލަކު ނުވެއެވެ.”

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top