ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްގަރު ޗެމްޕިއަންކަން ހޯދައިފި
މުބާރާތުގެ ޗެމްޕިއަން ޓީމު ދިއްގަރު / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ މ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ދިއްގަރު ހޯދައިފި އެވެ. ރޭ ކުޅެވުނު މ. އަތޮޅު ފައިނަލްގައި ބައްދަލުކުރީ ދިއްގަރާއި ވޭވަށެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 5-1 އިން ކާމިޔާބުކުރީ ވޭވަށެވެ. މުބާރާތުގެ ފައިނަލުން ޖާގަ ވޭވަށަށް ލިބުނީ މި މެޗުގައި ހޯދި ތަފާތުބޮޑު މޮޅުގެ ސަބަބުން ނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ވޭވަށުން ދެއްކި ޖާދޫ މި މެޗުގައި ދެއްކޭ ގޮތެއް ނުވި އެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދިއްގަރުން ނެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ވެސް ހޯދީ އެ ޓީމުން ނެވެ. ތިންވަނަ މިނިޓްގައި ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރިއިރު، ދެން އުފެއްދި ތިން ހަމަލާ ވެސް ގޯލާއި އަމާޒުކުރުމުގެ ކުރިން ވޭވަށު ޑިފެންޑަރުން ހުއްޓުވި އެވެ.

ލަނޑު ޖަހާނެ ފުރުސަތެއް ލިބޭތޯ މަސައްކަތްކުރި ވޭވަށުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފައި ލީޑު ނެގީ ދިއްގަރުން ނެވެ. މެޗުގެ 14 ވަނަ މިނިޓްގައި ދިއްގަރަށް މި ލަނޑު ޖަހައިދިނީ، ކޮންމެ މެޗެއްގައި މޮޅު ކުޅުމެއް ދައްކަމުންދާ އިސްމާއިލް ވާއިލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވޭވަށު ހާފުގެ މެދަކާއި ހިސާބުން ދިއްގަރަށް ލިބުނު ފްރީކިކް ތިރިތިރިން ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ.

މިވެސް ކިޔާލަން:  ހަނިމާދޫ އާއި ނައިވާދޫ ފައިނަލަށް

މެޗުގެ ފުރަތަމަ ހާފު ނިމުނީ ނަތީޖާ ހަމަހަމަކުރުމަށް ވޭވަށުން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބި އެވެ. ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ވޭވަށުން ވަނީ 27 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަލީފް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވޭވަށަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އަޒާން އެވެ.

އަތޮޅު ޗެމްޕިއަންކަން ހޯދުމަށްޓަކައި ދެ ޓީމުން ވެސް އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލަން މަސައްކަތްކުރި މި މެޗުގެ 31 ވަނަ މިނިޓްގައި ދިއްގަރުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުސްހަބު ބިން އަޙްމަދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅައެއް ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމަށް ވޭވަށުން މަސައްކަތް ކުރަމުންދަނިކޮށް، ދިއްގަރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 37 ވަނަ މިނިޓްގައި ދިއްގަރަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ސާގިބު އެވެ. ސާގިބު މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅަ ފުންނާބުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި ލަނޑަށްފަހު ވެސް ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް، ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މުބާރާތުގެ ރަނައަޕް ޓީމު ވޭވަށް / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

3-1 އިން މެޗު ކާމިޔާބުކޮށް މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިސްމާއިލް ވާއިލް އެވެ. އެހެނިހެން މަގާމުތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދިއްގަރު ޓީމުގެ އިސްމާއިލް ވާއިލް އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދި މުލީ ޓީމުގެ މުޙައްމަދު ފަޒީލް އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ މުލީ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިސްމާއިލް ވާއިލް (ދިއްގަރު)، ނާފިޒް ޢަބްދުއްޝުކޫރު (ވޭވަށް)، އިކުރާމް ހުސައިން (ދިއްގަރު)، ނޫހު މަސްއޫދު (ދިއްގަރު) އަދި މުޙައްމަދު ނަވީން (ވޭވަށް) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދިއްގަރު ޓީމުގެ އިސްމާއިލް ވާއިލް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ދިއްގަރު ޓީމުގެ ކޯޗު އަޙްމަދު ރީހާން އެވެ.

މިވެސް ކިޔާލަން:  ޔޫތު މިނިސްޓްރީން ބީސީސީ ބަލިކުރިއިރު، ފައިނޭންސްއިން ދިވަރު ކޮޅަށް 8 ލަނޑު ޖަހައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top