ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް “ގޯލްމާލް” ގެ ފަސްވަނަ ފިލްމު “ގޯލްމާލް 5” ގައި އޭނާ ކުޅެންޖެހޭ މަންޒަރުތައް ނަގާ އެއްކޮށް ނިންމާލާފައިވާ ކަމަށް އެކްޓަރު ޝަރުމަން ޖޯޝީ ހާމަކޮށްފިއެވެ.
މި ފިލްމުގެ ޝޫޓިންގ ނިންމާލުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޝަރުމަން ބުނީ، ގިނަ ދުވަސްތަކަކަށްފަހު އަޖޭ ދޭވްގަންއާއެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ. އަދި ޑައިރެކްޓަރު ރޯހިތު ޝެޓީގެ މި މަސައްކަތުގައި ބައިވެރިވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
2006 ވަނަ އަހަރު ރިލީޒްކުރި އެންމެ ފުރަތަމަ “ގޯލްމާލް: ފަން އަންލިމިޓެޑް” ގައި ލަކްޝްމަންގެ ރޯލުން ފެނިގެންދިޔަ ޝަރުމަން، އޭގެ ފަހުގެ ބައިތަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން، ގިނަ އަހަރުތަކަކަށްފަހު އޭނާ އަލުން މި ފްރެންޗައިޒަށް އެނބުރި އައުމަކީ މި ފިލްމުގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.
“ގޯލްމާލް 5” ގެ ޝޫޓިންގގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، މި ފިލްމުގައި އަޖޭ ދޭވްގަން، އަރްޝަދް ވާރްސީ، ކުނާލް ކޭމޫ އަދި ތުޝާރު ކަޕޫރު ފަދަ ތަރިންވެސް ފެނިގެންދާނެއެވެ. ޝަރުމަންގެ ބައިތައް ނިމުނު ނަމަވެސް، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި އެހެނިހެން މަންޒަރުތަކުގެ މަސައްކަތްތައް ނިމި، މި ފިލްމު ސިނަމާތަކަށް އަންނާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
