މީނާ ކުމާރީގެ ކާމިޔާބު ފިލްމު ‘ޕާކީޒާ’ (1972) އިތުރަށް ފުރިހަމަކޮށް، 4ކޭ ރިސްޓޯޑް ވަރޝަނެއްގެ ގޮތުގައި ފްރާންސްގެ ‘ފެސްޓިވަލް ލޫމިއަރ’ އާއި ‘ބީ.އެފް.އައި ލަންޑަން ފިލްމު ފެސްޓިވަލް’ ގައި ދައްކާލުމަށް ވަނީ ތައްޔާރުވެފައެވެ.
މި ފިލްމު އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ ފިލްމު ހެރިޓޭޖް ފައުންޑޭޝަން (އެފް.އެޗް.އެފް) އިންނެވެ. އެ ފައުންޑޭޝަންގެ ޑައިރެކްޓަރު ޝިވެންދްރަ ސިންގް ހާމަކުރެއްވި ގޮތުގައި، ފިލްމުގެ އަސްލު ކެމެރާ ނެގެޓިވްތައް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުގެ ސަބަބުން، މިއީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެކެވެ. އަދި މި މަސައްކަތުގައި ފިލްމުގެ ޑައިރެކްޓަރު ކަމާލް އަމްރޯހީގެ ދަރިންގެ މަޝްވަރާވެސް ހޯދާފައިވެއެވެ.
ފެބްރުއަރީ 4، 1972 ގައި ރިލީޒްކުރި ‘ޕާކީޒާ’ އަކީ އިންޑިއާގެ ސިނަމާގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ. މިއީ މަޝްހޫރު ބަތަލާ މީނާ ކުމާރީ ފެނިގެންދިޔަ އެންމެ ފަހު ފިލްމުވެސް މެއެވެ.
މި ފިލްމަށް ފަސްދޮޅަހަކަށް އަހަރު ވެފައިވާއިރު، މިހާރުގެ ޖީލުތަކަށް މި ފިލްމުގެ ޖާދޫ 4ކޭގެ ފުރިހަމަ ކޮލިޓީގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.
