ފިލްމީ ދުނިޔޭގައި ތަފާތު ރަހަތަކުގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް، ހަފުތާ ބަންދުގައި ނުވަތަ ހުސްވަގުތުތަކުގައި ބަލައިލަން ކަމުދާނެ މޮޅު އުފެއްދުންތަކެއް އޮންލައިން ސްޓްރީމިން ޕްލެޓްފޯމްތަކުގައި މިހާރުވެސް ދަނީ ޓްރެންޑް ވަމުންނެވެ. އޭގެ ތެރެއިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަތަރު އުފެއްދުމެއްގެ މައުލޫމާތު ތިރީގައި މިވަނީއެވެ.
1. އޭކޭ ވާސަސް އޭކޭ
ނެޓްފްލިކްސް މެދުވެރިކޮށް ބަލައިލެވޭ މި ފިލްމަކީ ޑާކް ތްރިލާ ޖޯންރާއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމެކެވެ. ފިލްމީ ދާއިރާގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ޑައިރެކްޓަރަކު، މަޝްހޫރު ފިލްމީ ތަރިއެއްގެ އަންހެން ދަރިފުޅު ރަހީނުކޮށް، އެ ދަރިފުޅު ހޯދުމަށް އެ ތަރި ކުރާ މަސައްކަތް ރިއަލް-ޓައިމްކޮށް ޝޫޓްކުރަމުން ގެންދާ ގޮތް މި ފިލްމުގައި ދައްކުވައިދެއެވެ. އައިއެމްޑީބީގައި 6.9 ގެ ރޭޓިންއެއް ލިބިފައިވާ މި ފިލްމަކީ ޝައުގުވެރި ހާދިސާތަކެއް އެކުލެވޭ ފިލްމެކެވެ.
2. މަރްދު ކޯ ދަރްދު ނެހީ ހޯތާ
ހަށިގަނޑުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިހުސާސް ނުވާ ޒުވާނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ އެކްޝަން އަދި ކޮމެޑީ އެކުލެވޭ ފިލްމެކެވެ. މާޝަލް އާޓްސްގެ ހުނަރުތަކާއެކު އަނިޔާވެރި ވިލަންއަކާ ދެކޮޅަށް ނުކުމެ، އޭނާގެ ކުޑައިރުގެ އައިޑޮލް ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތައް ފެނިގެންދާ މި ފިލްމަށް އައިއެމްޑީބީގައި ވަނީ 7.3 ގެ މަތީ ރޭޓިންއެއް ލިބިފައެވެ. މި ފިލްމު ވެސް ސްޓްރީމް ކުރެވެނީ ނެޓްފްލިކްސް އިންނެވެ.
3. ތާންޑަވް
އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަމުން އަންނަ “ތާންޑަވް” އަކީ ސިޔާސީ ގޮތުން ނުފޫޒާއި ބާރު ހޯދުމަށް ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ ހަނގުރާމަ ވަރަށް ފުރިހަމައަށް ދައްކުވައިދޭ ޕޮލިޓިކަލް ޑްރާމާ ސީރީޒެކެވެ. މަކަރުވެރި ސިޔާސީ ލީޑަރުންނާއި، ޖޯޝުން ފުރިގެންވާ ޒުވާނުން ބާރުގެ ބޭނުން ހިފުމަށް ކުރާ ކުރިމަތިލުންތައް ފެންނަ މި ސީރީޒަށް އައިއެމްޑީބީގައި ލިބިފައިވަނީ 6.8 ގެ ރޭޓިންއެކެވެ. ސިޔާސީ ކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ސީރީޒެކެވެ.
4. ތާލީ
ޖިއޯސިނަމާއިން ބަލައިލެވޭ “ތާލީ” އަކީ އިންޑިއާގެ ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތުގެ ހަގީގީ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މުޖުތަމައުގައި ހައްގުތައް ހޯދައި، ހަމަހަމަކަން ގާއިމުކުރުމަށް އޭނާ ކުރި ހިތްވަރުގަދަ މަސައްކަތްތައް މި ސީރީޒުން ފެނިގެންދެއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ މި އުފެއްދުމަށް އައިއެމްޑީބީގައި ވަނީ 7.8 ގެ މޮޅު ރޭޓިންއެއް ލިބިފައެވެ.
