ކުޑަކުދިންނަށް ކުޅެމުން މަޖާ މާޙައުލެއްގައި ދިވެހިބަސް ދަސްކޮށްދިނުމުގެ މަޤްޞަދުގައި “އަކުރު ފިލި” ނަމުގައި މުޅިން ހިލޭ ބޭނުންކުރެވޭ ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ‘ރޯމް ދުނިޔެ’ އިން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
މި އެޕަކީ މުޖުތަމަޢަށް ފައިދާހުރި ހިލޭ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވަސީލަތެކެވެ. ކުޑަކުދިންނާ ރައްޓެހި އަދި ރައްކާތެރި ވެއްޓެއް ކަށަވަރުކުރުމުގެ ގޮތުން، މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން ބެލެނިވެރިންނަށް އެއްވެސް ޖެހިލުމެއްނެތި ކުދިންނާ މި އެޕް ޙަވާލުކުރެވޭނެއެވެ.
“އަކުރު ފިލި” އެޕް ފަރުމާކޮށްފައިވަނީ ތަޢުލީމީ ގިނަ ބައިތަކެއް ޝައުޤުވެރި ގޮތަކަށް ދަސްވާނޭހެންނެވެ. އެގޮތުން ތާނަ އަކުރާއި ފިލި، އަދަދުތަކާއި ހިސާބު، އަދި އެކި ކަހަލަ ކުލަތައް ދަސްކޮށްދިނުމުގެ އިތުރުން، ސްކްރީނުގައި އިނގިލި ޖައްސައިގެން އަކުރު އަޅަން ދަސްކޮށްދޭ 16 ކުޅިވަރެއް މި އެޕްގައި ވަނީ ހިމަނާފައެވެ. މީގެއިތުރުން ކުޑަކުދިންގެ ސަމާލުކަން ދަމައިގަންނަ ފަދަ ރީތި ތަސްވީރުތަކާއެކު ކިޔައިދޭ ދިވެހި ވާހަކަތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.
މި ޒަމާނުގައި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވަމުން އަންނައިރު، މިފަދަ އެޕެއްގެ ސަބަބުން ދިވެހި ބަހަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވެ، ދިވެހި އަދަބިއްޔާތާއި ބަހުގެ ހުނަރުތައް ކުޑައިރުއްސުރެ އަށަގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އެޕްގެ ޚާއްޞަ ފީޗާތަކުގެ ތެރޭގައި ހިމެނޭ “އަކުރު ލިޔާ” ކުޅިވަރަކީ ކުދިންނަށް އަކުރު އަޅަން ވަރަށް ފަސޭހައިން ދަސްކޮށްދޭ ބައެކެވެ. އެގޮތުން އިނގިލިން އަކުރު ލިޔާއިރު، ކޮންމެ އަކުރެއް ވެސް ލިޔަން ފަށާނެ ތަނާއި، ދާންވީ މިސްރާބު އަދި ނިންމާނެ ތަން މި އެޕުން ސާފުކޮށް ދައްކައިދެއެވެ.
މީގެއިތުރުން، އެޕްގައި ހިމެނޭ ވާހަކަތައް ބެލެނިވެރިންގެ އަމިއްލަ އަޑުން ރެކޯޑްކުރުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އެޕްގެ ޚާއްޞަ ބެލެނިވެރިންގެ މެނޫ މެދުވެރިކޮށް ވާހަކަތަކާއި ތާނަ އަކުރުތައް ކިޔައިދީ ރެކޯޑްކޮށްލުމުން، ކުދިން އެޕް ބޭނުންކުރާއިރު އެ އަޑުތައް އިވޭނީ ބެލެނިވެރިޔާގެ އަޑުންނެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކުދިންނަށް އަޑު ޖެއްސުމާއި ނިއްވާލުމުގެ އިޚްތިޔާރު ވެސް ލިބިގެންވެއެވެ.
ބެލެނިވެރިންނަށް އެޕް ކޮންޓްރޯލް ކުރެވޭ ގޮތަށް ހިމަނާފައިވާ މެނޫއިން، ކުދިން ދަސްކުރުމުގައި ހޯދާ ކުރިއެރުންތައް ފަސޭހަކަމާއެކު ބަލައިލެވެއެވެ. އަދި ކޮންމެ ކުއްޖަކަށް ވަކިން ސްކްރީން ޓައިމް ކަނޑައަޅައި، އެޕް ބޭނުންކުރެވޭނެ ވަގުތު ކޮންޓްރޯލް ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ކުދިންގެ ޒާތީ މަޢުލޫމާތާއި ރައްކާތެރިކަމަށް ބަލާއިރު، ކުދިންގެ ނަމާއި، ހޯދާ ތަރިތަކާއި އަދި ރެކޯޑިންގތައް ރައްކާވަނީ ހަމައެކަނި އެ ބޭނުންކުރާ ފޯނެއްގައެވެ.
“އަކުރު ފިލި” އެޕް މިހާރު akurufili.com ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. އަދި އައިފޯނާއި އައިޕެޑް ގެންގުޅޭ ފަރާތްތަކަށް އެޕަލްގެ ‘ޓެސްޓްފްލައިޓް’ މެދުވެރިކޮށް ވެސް މި އެޕް އަޖުމަބަލައިލެވޭނެއެވެ. އެންޑްރޮއިޑް ވަރޝަން މިވަގުތު އޮތީ ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގައެވެ. އެހެންކަމުން އެންޑްރޮއިޑް ވަރޝަން ޓެސްޓްކުރުމުގައި ބައިވެރިވާން ބޭނުންވާ ބެލެނިވެރިން ގުޅުމުން އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.
މި އެޕާ ބެހޭގޮތުން އެއްވެސް ޚިޔާލެއް ފާޅުކުރުމަށް، އައު ފީޗަރެއް ހުށަހެޅުމަށް ނުވަތަ އެޕުން އެއްވެސް ކުށެއް ފާހަގަކުރެވިއްޖެނަމަ، 7968676 ނަންބަރަށް ވަޓްސްއެޕް (WhatsApp) މެދުވެރިކޮށް ޙިއްޞާކުރުމަށް ޑިވެލޮޕަރުން ވަނީ އެދިފައެވެ.
android official link https://play.google.com/store/apps/details?id=mv.akurufili.kids
