ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ސިއްރު – ޗެޕްޓަރ 8
މުނިއަވަސް ގްރެފިކްސް

މެސެޖުތައް

އެރޭ އާޝިޔާގެ ލޮލަކަށް ނިންޖެއް ނައެވެ.
ގޭތެރެއަށް ހަމަހިމޭންކަން ވެރިވެ، މަރުގެ ހިތާމައިގައި ބައިވެރިވާން އައިސްތިބި ތިމާގެ މީހުން ނިދަން ވަދެ، އެންމެންގެ އަޑުތައް ކެނޑުނުތާ އެތައް އިރެއް ފަހުންވެސް، އޭނާ އިނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހަމްދާންގެ ބޭނުންކުރި ކުރީގެ ޓެބްލެޓް އުނގުމަތީގައި ބާއްވައިގެންނެވެ.
ފުރާޅުން ފައިބަމުންދިޔަ ވާރޭ ތިކިތަކުގެ އަޑާއި، ދުރުން އިވޭ ކަނޑުގެ ރާޅުތަކުގެ އަޑަށް ސަމާލުކަން ދީގެން އޭނާ އިނެވެ. ސިދްރާ އޮތީ އޭނާގެ ކުޑައެނދުގައި ވަރަށް އަރާމުކޮށް ނިދާފައެވެ. މަޑު ރަޖާގެ ދަށުން އެ ކުޑަކުޑަ މޭމަތި އަރާފައި ތިރިވަމުން ދިޔައެވެ. ނިދީގައި އޭނާ ލައްވާލާ ކުދިކުދި އަޑުތަކުން އާޝިޔާއަށް ހަނދާންކޮށްދެނީ އެ މައުސޫމްކަމެވެ. އޭނާ އުފަންވި ދުނިޔެ މިހާރު މުޅިން ބަދަލުވެފައިވާކަމުގެ އެއްވެސް ޚަބަރެއް އެ ކުޑަ ފުރާނައަކަށް ނެތެވެ.

އާޝިޔާވެސް އެފަދަ މައުސޫމް ދުވަސްތަކަކަށް އެނބުރި ދާން ބޭނުންވިއެވެ.
އެރޭ ދަމުނަމާދު ވަގުތު، ފަތިހު ތިނެއް ޖަހަނިކޮށް އައި އެ ފޯނު ކޯލަކީ ދުވަހަކުވެސް ނައި ކޯލަކަށް ވީނަމައޭ އޭނާގެ ހިތަށް އެރިއެވެ. ހަމްދާންއަކީ އާދައިގެމަތިން ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައި އުޅޭ މީހަކަށް ވެފައި، ހޮސްޕިޓަލުގެ ބުރަ ޑިއުޓީއަކަށްފަހު ވަރުބަލިވެފައި ހުރި ވާހަކަ ބުނަން ހެނދުނު ޒޯޔާ ގުޅާނެ ނަމައޭ އޭނާ ހިތަށްއެރިއެވެ. އެ ފޮޓޯތަކާއި، ގެސްޓްހައުސްއާއި، އަލިފާނުގެ ހާދިސާއާއި، ކުރެވޭ ތުހުމަތުތަކަކީ ހަމައެކަނި ބިރުވެރި ހުވަފެނަކަށް ވެފައި، އެ ހުވަފެނުން އޭނާއަށް ހޭލެވޭނެ ނަމައޭ އޭނާ އުންމީދު ކުރިއެވެ.

ނަމަވެސް ފޯނަށް އައިސްފައިވާ މެސެޖުތަކުން އޭނާއަށް އެ ހިތްހަމަޖެހުމެއް ނުލިބުނެވެ.
އޭނާ އަލުން އެ މެސެޖުތައް ހުޅުވާލިއެވެ.
“ލެޕްޓޮޕް ހޯދަން އުޅުން ހުއްޓާލާ.”
ދެވަނަ މެސެޖެވެ.
“ހަމްދާން އާއި ޒޯޔާއަށް ދިމާވި ހާދިސާއަކީ އިއްތިފާގެއް ނޫން.”
އަދި އެންމެ ފަހު މެސެޖެވެ.

“މިކަން އެނގުމަކީ ކަލެއަށް އޮތް ހައްގެއް ނޫން.”

އެ ލަފުޒުތަކުން އޭނާގެ ހިތަށް ވަން ބިރުވެރިކަމަކީ ހަމައެކަނި ހިތާމައަކުން ކިޔައިދެވޭނެ އެއްޗެއް ނޫނެވެ. އެ މެސެޖުތައް ފޮނުވި މީހަކަށް ގެއްލިފައިވާ ލެޕްޓޮޕްގެ ވާހަކަ އެނގެއެވެ. އޭނާ ހަގީގަތް ހޯދަން މަސައްކަތް ކުރާކަން އެނގެއެވެ. އަދި ތަހުގީގާ ބެހޭ ގޮތުން އާންމުކޮށް ހާމަކޮށްފައި ނުވާ ކަންތައްތަކެއްވެސް އެ މީހަކަށް އެނގޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާ ބިރުގަތީ އެ އިންޒާރުގައިވާ ޔަގީންކަމެއްގެ ސަބަބުންނެވެ. މިއީ ހަމައެކަނި މިކަމާ ނޫޅުމަށް އެދި އާދޭސްކުރާ މީހެއް ނޫނެވެ. މިއީ އޭނާއަށް އެނގެންވީ ކޮން އެއްޗެއްކަމާއި، ނޭނގެންވީ ކޮން އެއްޗެއްކަން ނިންމުމުގެ ބާރު އޮތްކަމަށް ގަބޫލުކުރާ މީހެކެވެ.

މިވެސް ކިޔާލަން:  ނީލާ އާސްމާން ސޯގަޔާ (އަންހެން ލަވަ) - ދިމާނަ

އާޝިޔާ އެ މެސެޖުތަކުގެ ސްކްރީންޝޮޓެއް ނަގައި، ސިއްރު ފޯލްޑަރެއްގައި ރައްކާކުރުމަށްފަހު ފޯނުން އެ މެސެޖުތައް ފޮހެލިއެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް، ފޯނުގައި އެހެން އެ ހުއްޓާ ބަޔަކަށް ފެނުމަކީ ރައްކާތެރި ގޮތެއް ނޫންކަން އޭނާގެ ހިތް ބުންޏެވެ. ބަޔަކު އޭނާއަށް ފާރަލަމުންދާނަމަ، އޭނާއަށް އެނގިފައިވާ މައުލޫމާތުތައް ދެނެގަތުމަކީ އެމީހުންނަށް ފަސޭހަވާނެ ކަމެއްގެ ގޮތުގައި ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ފޯނު އެއްފަރާތެއްގައި ބޭއްވުމަށްފަހު، އޭނާ އަލުން އެ ފޮޓޯގަނޑަށް ސަމާލުކަން ދިނެވެ.

އެ ފޮޓޯއިން ފެންނަނީ ހަމްދާން އާއި ޒޯޔާ އެމީހުން މަރުވި ގެސްޓްހައުސްގެ ބޭރުގައި ތިއްބައެވެ. ދެމީހުން ތިބީ ދުރުދުރުގައެވެ. ދެމީހުންގެ މޫނުމަތިންވެސް ހިތްހަމަޖެހުމެއް ނުފެނެއެވެ. އެމީހުންގެ ފަހަތުގައި ކަޅުކުލައިގެ ސައިކަލެއް ކައިރީގައި ނުދަންނަ މީހަކު ހުއްޓެވެ. އާޝިޔާ ގަޑިއިރެއްހާއިރު އެ ފޮޓޯއަށް ބަލަން އިނުމަށްފަހު، އަލުން އެ ފޮޓޯ ބޮޑުކޮށްލައިގެން ކޮންމެ ދިމާލަކަށް ރަނގަޅަށް ބަލަން ފެށިއެވެ.
އޭނާއަށް ކަމެއް ފާހަގަވިއެވެ.

ގެސްޓްހައުސްގެ ކުޑަދޮރުގެ ބިއްލޫރިގަނޑުން، ފޮޓޯ ނެގި މީހާގެ ފަހަތުގައި އޮތް މަގުގެ ބައެއް ފެންނަން ހުއްޓެވެ. ފުރަތަމަ އޭނާއަށް ހީވީ އެއީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ހިޔަނި ކަމަށެވެ. ނަމަވެސް، އެ ފޮޓޯ އިތުރަށް ބޮޑުކޮށްލުމުން، މަޑު ކުލައެއްގެ ސްކާފެއް އަޅައިގެން ހުރި އަންހެނެއްގެ ސިފަ ފާޅުވާން ފެށިއެވެ.
އެތަނުގައި އިތުރު މީހަކު ހުއްޓެވެ.
ފާރަލާން ހުރި މީހެއް ކަހަލައެވެ.
އާޝިޔާގެ އަތް ޓެބްލެޓަށް ބާރުވެލިއެވެ.

އޭނާ ފޮޓޯގެ އަނެއް ފަރާތަށް ބަލާލިއިރު، ދޮރުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލު ފެނުނެވެ. ސައިކަލުގެ ހިޔަނީގެ ތެރެއިން ނަންބަރު ބޯޑުގެ ބައެއް ފެންނަން ހުއްޓެވެ. ފޮޓޯ ފުސްވަންދެން ބޮޑުކޮށްލުމަށްފަހު، އޭނާއަށް ފެންނަން ހުރި އަކުރުތަކާއި ނަންބަރުތައް ކަރުދާސްކޮޅެއްގައި ލިޔެލިއެވެ.

މިވެސް ކިޔާލަން:  ނީލާ އާސްމާން ސޯގަޔާ (ފިރިހެން ލަވަ) – ދިމާނަ

އެއިން ކުރާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ.
ފަހަރުގައި އެއްވެސް ކަމެއް ނުކޮށްފާނެއެވެ.
ނުވަތަ ހުރިހާ ކަމެއްވެސް ކުރާނީ އެއިން ކަމަށް ވެދާނެއެވެ.
އޭނާ ބިރުގަތީ، ފިރިމީހާގެ މަރުގެ ހަގީގަތް ހޯދަން އުޅޭ ހުވަފަތް އަނތްބަކަށްވުރެ ބޮޑަށް، ކުށެއްގެ ތަހުގީގު ހިންގާ މީހެއްގެ އުސޫލުން އޭނާއަށް އަމަލުކުރެވެން ފެށުމުންނެވެ.
ނަމަވެސް، ފަހަރުގައި އެއީ މިހާރު ތަފާތު ދެކަމަކަށް ނުވަނީއެވެ.
އޭނާ ފޮޓޯގައިވާ ހަމްދާންގެ މޫނަށް ބަލާލިއެވެ.

“ކަލޭ އަހަންނަށްޓަކައި އެއްޗެއް ދޫކޮށްފައި އެބަހުރި،” އޭނާ މަޑުމަޑުން ބުނެލިއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށް ބުނި އެއްޗެއް ކަމެއް ނުވަތަ ހަމްދާންއަށް ބުނި އެއްޗެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. “ދޯ؟”
ކޮޓަރިތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ.

ފަތިހުގެ އަލިކަން ދުނިޔެމައްޗަށް ފާޅުވާން ފެށިއިރު، އާޝިޔާ ވަނީ ގޮތެއް ނިންމާފައެވެ.
އެ މެސެޖުތަކުގެ ވާހަކަ އޭނާ އެއްވެސް މީހަކަށް ކިޔައެއް ނުދޭނެއެވެ.
އެހާ އަވަހަކަށް ނޫނެވެ.

އެ މެސެޖު ފޮނުވީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި އެއީ ކޮން މާނައެއްގައި ފޮނުވި އެއްޗެއްކަން ނޭނގި، އެއްވެސް މީހަކަށް އެ މައުލޫމާތު ހިއްސާކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފާއިތުވި ބިރުވެރި ދެ ދުވަހު އޭނާއާ އެންމެ ގާތުގައި ހުރި ނަޖުމީ އަކީވެސް، މާ ކުރިން ފެށިފައިވާ ކަމެއްގެ ބައިވެރިއެއްގެ ގޮތުގައި އޭނާއަށް މިހާރު ފެންނަން ފަށައިފިއެވެ.
އެ ވިސްނުމުން އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

ނަޖުމީއަކީ ހަމްދާންއާ އެކު އުޅުނު ދުވަސްވަރުން ފެށިގެން އޭނާ ދަންނަ މީހެކެވެ. އެމީހުންގެ އާއިލާތަކުން އެކުގައި އުފަންދުވަސްތައް ފާހަގަކޮށް، އެކުގައި ދަތުރުގޮސް، އެތައް ވަގުތެއް ހޭދަކޮށްފައިވެއެވެ. ނަޖުމީއަކީ ދޮރުގައި ޓަކިވެސް ޖަހާލުމެއް ނެތި ގެއަށް ވަދެ، ބަދިގެއިން ކާއެއްޗެހި ނަގައިގެން ކައި، ހަމްދާންގެ ގަމީސްތަކުގެ ކުލައަށް މަލާމާތްކޮށް އުޅޭ ގާތް އެކުވެރިއެކެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 3

ނަމަވެސް، އެ ފޮޓޯގެ ސަބަބުން އާޝިޔާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ފުރަގަސްދެވޭކަށް ނެތެވެ.
2018 ވަނަ އަހަރު ހިނގީ ކޮން ކަމެއް ހެއްޔެވެ؟

އަދި އާޝިޔާއަށް އެކަން ދުވަހަކުވެސް އެނގިގެން ނުވާނެކަމަށް ހަމްދާންއާއި ޒޯޔާ އެއްބަސްވީ ކީއްވެ ހެއްޔެވެ؟
އޭނާ ޓެބްލެޓް ނިވާލުމަށްފަހު، އެންމެ ފަހުން ސިދްރާގެ ގާތުގައި އޮށޯތެވެ. ނަމަވެސް ނިދި ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ.
ހެނދުނު އަށެއް ޖަހާކަންހާއިރު، ގޭގެ ބޭރު ދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނެވެ.
ދޮރު ހުޅުވީ އޭނާގެ މަންމައެވެ.
ކުޑަ ވަގުތުކޮޅަކަށްފަހު، އަޒީމް ކޮޓަރީގެ ދޮރުމައްޗަށް އައެވެ.

“އާޝިޔާ، ނަޖުމީ އެބަހުރި އައިސް.”
އޭނާ ތެދުވެ އިށީނެވެ.
“ނަޖުމީ؟”
“އާނ. ބުނީ އާޝިޔާއާ ވާހަކަދައްކާލަން ބޭނުމޭ.”
އާޝިޔާގެ ހިތަށް ފުރަތަމަ އައީ ކީއްވެގެންތޯ އަހާށެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ހިފެހެއްޓިއެވެ. ސިދްރާ ރީތިކޮށް ފޮތިގަނޑަކުން އޮޅާލުމަށްފަހު، އަތްމައްޗަށް ނަގައިގެން ބޭރަށް ނިކުތެވެ.
ނަޖުމީ ހުރީ ސިޓިންގރޫމްގެ ދޮރު ކައިރީގައެވެ.

އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ހީވަނީ ރޭގެ ހިތާމައިގައި އޭނާ މާ ބޮޑަށް މުސްކުޅިވެފައިވާ ހެންނެވެ. ގަމީސް އޮތީ ރޫބޮނޑިއަކަށް ވެފައެވެ. ލޯ ހުރީ ދުޅަވެފައެވެ. އަބަދުވެސް ތަރުތީބުން ހުންނަ ނަޖުމީގެ ފަރާތުން ފެންނަނީ އަމިއްލަ ނަފްސަށް ބެލުމެއް ނެތް މީހެއްގެ ސިފައެވެ.
އޭނާގެ ނަޒަރު ވަގުތުން ސިދްރާއަށް ހުއްޓުނެވެ.
“ކިހިނެއް އެކުއްޖާ؟”
“ހުން މިހާރު މަޑު.”
“އަލްހަމްދުލިﷲ.”

އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ.
ކުޑަ ވަގުތުކޮޅަކަށް އެ ދެމީހުން ހިމޭނުން ތިއްބެވެ. އެމީހުންނާ އެންމެ ގާތް ދެމީހުން ގެއްލިފައިވާ ދެމީހުން، ދެން ވާނީ ކިހިނެއްކަން ދެނެގަންނަން މަސައްކަތްކުރާ ކަހަލައެވެ.
ދެން ނަޖުމީ އޭނާގެ ޖީބުން މުށިކުލައިގެ ކުޑަ ސިޓީއުރައެއް ނެގިއެވެ.

“އަހަރެންގޭ ތެރެއިން އެއްޗެއް ފެނިއްޖެ.”
އާޝިޔާ އެއަށް ބަލާލިއެވެ.
“ކޯޗެއް؟”
“މިއީ ޒޯޔާގެ އެއްޗެއް.”
އޭނާ އެ ސިޓީއުރަ އާޝިޔާއަށް ދިއްކޮށްލިއެވެ.
އާޝިޔާ ވަރަށް ސަމާލުކަމާއެކު އެ ހުޅުވާލުމަށްފަހު، އޭގެ ތެރެއިން ކުރީގެ ފޮޓޯގަނޑެއް ނެގިއެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top