ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކުރިން ބުދަށް އަޅުކަންކުރި ފިރްދައުސް ވޮންގް އިސްލާމްވި ގޮތް!

– “މާތްﷲއެއް އަހަރެންނަކަށް ނުފެނޭ، ދެން އަހަރެން ގަބޫލުކުރަންވީ ކީއްވެ؟”

އަހަރެން ކުރިން ގަބޫލުކުރީ ބުދުދީނެވެ. އަހަރެމެން އަޅުކަންކުރަނީ ޗައިނާގެ އިލާހުންތަކަކަށެވެ. އެތަކެތީގެ ތުނބުޅީގެ ކުލައާއި، ލޮލާއި، ލޮލުގެ ބޮޑުމިންވެސް ހުންނަނީ ހަމަ އަހަރެމެންނާ އެއްގޮތަށެވެ. އެއީ ދިރިހުރިއިރު ކަލަކު ކަމުގައި ނުވެއެވެ. އޭނާ ކަލަކަށް ވަނީ މަރުވުމަށްފަހުގައެވެ. އެމީހުން އޭނާ ކަލެއްގެ ދަރަޖައަށް އުފުލަނީއެވެ. އަހަރެން އެމީހުންގާތު އެހީމެވެ. “މިއީ ކާކު ހެއްޔެވެ؟ މިއީ ކަލެއް ހެއްޔެވެ؟ އޭނާ ކަލަކަށްވީ ކޮން އިރަކު ހެއްޔެވެ؟” އެހިސާބުން އެމީހުން އަޑުގަދަކޮށް ބުންޏެވެ. “ދެން ފުދިއްޖެ! ނިމުނީ! އިތުރަށް ނާހާ!”

ދެން އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާ ގާތު އެހީމެވެ. “މުސްލިމެއްގެ ހައިސިއްޔަތުން ތިޔަބައިމީހުން އަޅުކަންކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟” އޭނާ ޖަވާބު ދިނެވެ. “އަހަރެމެން އަޅުކަންކުރަނީ މާތްﷲ އަށެވެ.” އަހަރެން ކަނާތަށާއި ވައަތަށް ބަލާލުމަށްފަހު ބުނީމެވެ. “ތިޔަބުނާ ކަލާނގެ ކޮބައި ހެއްޔެވެ؟ އަހަރެންނަކަށް ނުފެނެއެވެ.” އޭނާ ބުންޏެވެ. “ނޫނެކެވެ. މާތްﷲ ވޮޑިގެންވެއެވެ. ނަމަވެސް އެކަލާނގެއެއް ނުފެންނާނެއެވެ.” އަހަރެން ބުނީމެވެ. “ތިޔަބުނަނީ ކީކޭ ހެއްޔެވެ؟ އަހަރެން ގަބޫލުކުރާނީ ފެންނަ އެއްޗެހި އެކަންޏެވެ. ނުފެންނަ އެއްޗެއް އަހަރެން ގަބޫލުކުރަންވީ ކީއްވެ ހެއްޔެވެ؟” ދެން އޭނާ އަހަރެންނަށް މިސާލެއް ދެއްކިއެވެ. އެކަމަކު ހިތުގެ އަޑިން އަހަރެންނަށް އިހުސާސްވިއެވެ. “މި ކަލާނގެއާ ބެހޭ ވާހަކަތަކަކީ ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކެކެވެ.”

އެއްދުވަހަކު އަހަރެން ބުނީމެވެ. “މަންމާ، ޑިސެމްބަރު މަހުގެ ކުރީކޮޅު އަހަރެން މައްކާއަށް ދާން އެބައުޅެމެވެ. މަންމަ އަހަރެންނާއެކު ދާން ބޭނުން ހެއްޔެވެ؟” މަންމަ ބުންޏެވެ. “އާނ، އާނ! އަހަރެން ދާން ބޭނުން!” އަހަރެން ބުނީމެވެ. “އެކަމަކު މަންމާ، މުސްލިމަކަށް ނުވެ މައްކާއަކަށް ނުދެވޭނެއެވެ.” މަންމަ އެއްވެސް ޖަވާބެއް ނުދެއެވެ. މަންމަ ރޯން ފެށިއެވެ. އަދި ބުންޏެވެ. “އެންމެ ރަނގަޅެވެ. އަހަރެންވެސް މުސްލިމްވާނަމެވެ.”

ފިރުދައުސް ވަންގް އަކީ ކާކު ހެއްޔެވެ؟ ދިރިއުޅުމުގެ ވާހަކަ ކުރުކޮށް ކިޔައިދީފާނަން ހެއްޔެވެ؟

އަހަރެންނަކީ ޗައިނާ މީހަކީމެވެ. ކުރިން ބުޑިސްޓެކެވެ. ބޮޑުވީ މެލޭޝިއާގެ ކުއާލަލަމްޕޫރުގެ ކެޕޮންގް ކިޔާ ސަރަހައްދެއްގައެވެ. އެއީ ގޭންގުތަކުގެ ބާރު ވަރަށް ގަދަ ސަރަހައްދެކެވެ. އަހަރެންނަކީ ކުއާލަލަމްޕޫރުގެ ސްޓޭޓް ޓީމަށާއި މެލޭޝިއާގެ ގައުމީ ޒުވާން ޓީމަށްވެސް ކުޅުނު މީހެކެވެ. އަލްހަމްދުލިﷲ، އުމުރުން 22 އަހަރުގައި އަހަރެން އިސްލާމްވީމެވެ.

ކުރިން ކަލަކު ވޮޑިގެންވާކަމަށް ގަބޫލުކުރީ ކިހިނެއް ހެއްޔެވެ؟

އަހަރެން ގަބޫލުކުރީ ބުދުދީނެވެ. ނަމަވެސް ބުދުދީނުގެ ފޮތްތަކެއް އަހަރެން ނުކިޔަމެވެ. ގިނަ ޗައިނާ ބުޑިސްޓުންނެކޭ އެއްގޮތަށް، އަހަރެމެން އަމަލުކުރަނީ މައިންބަފައިންނާއި ކާބަފައިން ކޮށްއުޅުނު ކަންތައްތަކަށެވެ. ބުދުދީނާ ބެހޭގޮތުން އަހަރެންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ހަމައެކަނި ބައެއް އާދަކާދަތަކާއި “ހެޔޮކަންތައް ކުރުމެވެ.” އެކަމަކު ހެޔޮކަންތަކުގެ މާނައަކީ ކޮބައިކަމެއް ނޭނގެއެވެ.

އަހަރެން އިސްލާމްވުމަށްފަހު އެނގުނު ގޮތުގައި ބުދުދީނުގައި “ކަލަކު” ވޮޑިގެންވާ ކަމުގެ ފުރިހަމަ ތަސައްވުރެއް ނޯވެއެވެ. އެމީހުން އުޅެނީ ބުދުދީނާއި، ތާއޮއިޒަމް އަދި ކޮންފޫޝިއަނިޒަމްގެ ތެރޭގައެވެ. އަހަރެމެން ގަބޫލުކުރި ގޮތުގައި އެންމެ މަތީ ކަލަކީ “ޖޭޑް އެމްޕަރާ” އެވެ. އަދި އެހެނިހެން ކުދިކުދި އިލާހުންތައްވެސް ތިބެއެވެ. މިކަންކަން ޗައިނާ ފިލްމުތަކުން ފެންނާނެއެވެ. މިސާލަކަށް “މަންކީ ގޯޑް” ނުވަތަ ރާމާމަކުނު ކަލާނގެ ފަދަ ތަކެއްޗަށްވެސް އަހަރެމެން އަޅުކަންކުރީމެވެ. އެމީހުން ކަލާނގެތައް ސިފަކުރަނީ އިންސާނުންނާ އެއްގޮތަށެވެ؛ ލޯބިވުމާއި، ކައިވެނިކުރުމާއި، ދަރިން ލިބުން ފަދަ ކަންކަމެވެ.

އަމިއްލަ ދީނާ މެދު ސުވާލު އުފެދުނީ ކޮން ކަމަކާ ހުރެ ހެއްޔެވެ؟

އުމުރުން 11 އަހަރުގައި އަހަރެންގެ ކާފަ މަރުވިއެވެ. ޗައިނާގެ ސަގާފީ އާއިލާއެއްގައި، ކާފަ މަރުވުމުން ކުރި ބައެއް ކަންކަމާ މެދު އަހަރެން ސުވާލު އުފެދުނެވެ. އެމީހުން ކާފަ ސުވަރުގެއަށް ފޮނުވުމަށްޓަކައި ބައެއް ކަންކަން ކުރަމުންދިޔައިރު، ހަމައެއާއެކު “ނަރަކައިގެ ބޭންކް ނޫޓު” ތަކެއްވެސް އަންދަމުން ދިޔައެވެ. އަހަރެން އެހީމެވެ. “ކާފަ ސުވަރުގެއަށް ދާނަމަ، މި ނަރަކައިގެ ފައިސާ ބޭނުންވަނީ ކީއްކުރަން ހެއްޔެވެ؟” އެމީހުން ބުންޏެވެ. “މިއީ ކާފައަށް ސުވަރުގެއަށް ނުދެވިއްޖެ ހާލަތެއްގައި ނަރަކައިގައި ބޭނުންކުރަން ދޭ ފައިސާއެވެ.” މި ޖަވާބުން އަހަރެން އިތުރަށް އޮޅުންބޮޅުންވިއެވެ. ދުނިޔޭގައި ރަނގަޅު މީހަކަށް ވެގެން ސުވަރުގެ ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނަރަކައަށް ގޮސްގެންވެސް ފައިސާ ހުރިއްޔާ އުފަލުގައި އުޅެވޭނަމަ، ހެޔޮކަންތައް ކުރުމުގެ މާނައެއް ނެތެއް ނޫން ހެއްޔެވެ؟

މިވެސް ކިޔާލަން:  ބައިބަލް ޕާސްޓަރ ސެމިއުލް ޝްރޮޕްޝަޔާ އިސްލާމްދީން އިޚްތިޔާރުކުރި ދަތުރު

އިސްލާމްދީނާ ދިމާލަށް ދަތުރު ފެށުނީ ކިހިނެއް ހެއްޔެވެ؟

އުމުރުން 18 އަހަރުން ފެށިގެން 22 އަހަރާ ހަމައަށް އަހަރެން އުޅުނީ ވަކި ދީނެއް ގަބޫލުނުކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ކަލަކު ވޮޑިގެންވެއެވެ. އެކަމަކު އެ ކަލާނގެއަކީ އިންސާނަކަށް ނުވަތަ މަހުލޫގަކަށް ވެގެން ނުވާނެއެވެ. އަދި މަހުލޫގަކަށް ކަލަކަށްވެސް ނުވެވޭނެއެވެ. އަހަރެންގެ ރަހުމަތްތެރިން ގާތު އެހީމެވެ. “ތިޔަބައިމީހުން އަޅުކަންކުރާ ބުދުތަކަކީ ކުރިން އިންސާނުން ނޫން ހެއްޔެވެ؟” އެމީހުން ބުންޏެވެ. “އާނއެކެވެ. އޭނާ ދިރިހުރިއިރު ކަލަކަށް ނުވެއެވެ. އެކަމަކު އޭނާ ކުރި ހިދުމަތްތަކަށް ބަލާފައި، ތާރީހު އިލްމުވެރިން އޭނާ ކަލެއްގެ ދަރަޖައަށް އުފުލީއެވެ.” އަހަރެން ބުނީމެވެ. “އެހެންވިއްޔާ ތިޔަބައިމީހުން އަޅުކަންކުރަންވީ އޭނާ ކަލަކަށް ހެދި މީހުންނަށް ނޫން ހެއްޔެވެ؟ އެހެނީ އޭނާއަށްވުރެ އެމީހުންގެ ބާރު މާ ބޮޑެވެ.”

އުމުރުން 22 އަހަރުގައި އަހަރެންނަށް އަނިޔާއެއް ލިބި، އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. ދިރިއުޅުމުގެ މަގްސަދާ މެދު ވިސްނަން ފެށީމެވެ. “މި ދިރިއުޅުމަކީ ހަމައެކަނި މަސައްކަތްކުރުމާއި، ކެއުމާއި، ނިދުމާއި، ކައިވެނިކޮށް ދަރިން ހޯދައި މަރުވުން ހެއްޔެވެ؟ އެހެންވިއްޔާ ޖަންގަލީގައި އުޅޭ ރާމާމަކުނާ އަހަރެމެންނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟”

ދެން އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާ ގާތު ސުވާލުކުރީމެވެ. އޭނާ ބުންޏެވެ. “މާތްﷲ ވޮޑިގެންވެއެވެ، އެކަމަކު އެކަލާނގެއެއް ނުފެންނާނެއެވެ.” އަހަރެން ބުނީމެވެ. “ނުފެންނަ އެއްޗެއް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟” އޭނާ ބުންޏެވެ. “ވައިރޯޅި ފެނޭ ހެއްޔެވެ؟” އަހަރެން ބުނީމެވެ. “ނުފެނެއެވެ، އެކަމަކު އޭގެ އަސަރު ފެނެއެވެ.” އޭނާ ބުންޏެވެ. “ހަމައެފަދައިން، މާތްﷲ ވޮޑިގެންވާކަން އެކަލާނގެ އުފެއްދެވި ތަކެތިންނާއި އޭގެ އަސަރުތަކުން އިހުސާސް ކުރެވޭނެއެވެ.” މި ޖަވާބަކީ އަހަރެންގެ ބުއްދިއަށް އެންމެ ގަބޫލުކުރެވުނު ޖަވާބެވެ. އިސްލާމްދީނުގައި ކަލާނގެ ސިފަކޮށްދީފައިވާ ގޮތަކީ އަހަރެން ހޯދަމުންދިޔަ ހަގީގަތެވެ. އަހަރެން ބޭނުންވީ ނަރަކައިގެ އަޒާބުން ސަލާމަތްވާށެވެ. އެހެންކަމުން، އަހަރެން އިސްލާމްވާން ނިންމައި، މަންމައަށް ގުޅައި އެވާހަކަ ބުނީމެވެ. މަންމަ ބުންޏެވެ، “ތިޔައީ ކުޅިވަރަކަށް ނަހަދާށެވެ. ސީރިއަސްވާށެވެ.”

އަހަރެން ޝަހާދަތް ކިޔައި އިސްލާމްވީ 2005 ވަނަ އަހަރުއެވެ. އެ ދުވަހުން ފެށިގެން އިސްލާމްދީނުގައި ހަރާމްކުރެއްވި ކޮންމެ ކަމަކާ އަހަރެން ދުރުހެލިވީމެވެ. ނަމަވެސް، ދީނުގެ ފުން މައުލޫމާތުތައް އަހަރެންނަށް އެނގެން ފެށީ އޭގެ ހަ އަހަރު ފަހުންނެވެ. އެއީ އުސްތާޒަކާ ބައްދަލުވެ، ދައުވަތު ދިނުމުގެ މުހިންމުކަން އޭނާ އަހަރެންނަށް ކިޔައިދިން ހިސާބުންނެވެ. އޭނާ ބުންޏެވެ، “ފިރުދައުސް، ގިޔާމަތް ދުވަހުން މާތްﷲ ސުވާލުކުރައްވާނީ އެހެން މީހުން ދައުވަތު ނުދިނީ ކީއްވެގެންތޯއެއް ނޫނެވެ. ސުވާލުކުރައްވާނީ ކަލޭގެ މަސްއޫލިއްޔަތު އަދާނުކުރީ ކީއްވެގެންތޯއެވެ.” މި ބަސްތަކުން އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

މިވެސް ކިޔާލަން:  ސިންތިއާ ގޯމޭޒް ޕެރޭޒް އިސްލާމްވި ސަބަބު އޭނާގެ ގަލަމުން

ދެން އަހަރެން ދީން އުނގެނެން ފެށީމެވެ. ކީރިތި ރަސޫލާ ﷺ ގެ ސީރަތު ކިޔަވައިދިން ކޯހަކުން، އެކަލޭގެފާނު ދެކެ އަހަރެން އިންތިހާއަށް ލޯބިވިއެވެ. އެކަލޭގެފާނަކީ އަހަރެންގެ ހުރިހާ ހިތްވަރަކާއި މިސާލެކެވެ.

އަހަރެންގެ ދައުވަތުގެ މަސައްކަތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަހަރެންގެ މަންމަ އިސްލާމްވުމެވެ. އަހަރެން މަންމަ ގާތު ބުނީމެވެ، “މަންމާ، ދުނިޔޭގައި އަހަރެންގެ މަންމައަށް ވީތީ އަހަރެން ވަރަށް އުފާވެއެވެ. ނަމަވެސް އާހިރަތުގައިވެސް އަހަރެންގެ މަންމައަށް ވުމަށް މަންމަ މުސްލިމްވާން ޖެހެއެވެ.” 2019 ވަނަ އަހަރު މަންމަ އިސްލާމްވިއެވެ. މަންމަ އިސްލާމްވުމަށްފަހު ފުރަތަމަވެސް އެހީ ނަމާދުކުރާނެ ގޮތެވެ. މަންމަގެ އުމުރުން ދުވަސްވެފައިވީ ނަމަވެސް، އުމްރާގެ އަޅުކަމުގައި މަންމަ ދެއްކި ހިތްވަރުން އަހަރެން ހައިރާންވިއެވެ.

ބުދުދީނުގައި “ނިރުވާނާ” އަކީ އުފާވެރިކަމާއި ހަމަހިމޭންކަން ލިބޭ މަންޒިލެއް ކަމަށް ބުނެއެވެ. ނަމަވެސް ބުދުދީނުގެ އަސާސްތަކާއި އިސްލާމްދީނުގެ އުސޫލުތަކާ އަޅާކިޔާއިރު، އިސްލާމްދީނަކީ ފުރިހަމަ އަދި ސާފު މަގު ދައްކައިދޭ ދީނެވެ. ބުދުދީނުގެ ބައެއް އިލްމުވެރިން ބުނާގޮތުގައި އިންސާނާގެ ފުރާނައެއް ނުވެއެވެ. މިއީ ހަގީގަތާ ހިލާފު ވާހަކައެކެވެ.

އަހަރެން ބުނާނީ، ހަމައެކަނި “ހެޔޮކަންތައް ކުރުމުން” ފުދޭކަށް ނެތެވެ. އެކަން ކުރަންވާނީ ސައްހަ އަދި ރަނގަޅު ގޮތުގައެވެ. ކީރިތި ރަސޫލާ ﷺ ގެ ކިބައިން އަހަރެންނަށް އެންމެ އަސަރުކުރީ އެކަލޭގެފާނުގެ ސާބިތުކަމެވެ. އެކަލޭގެފާނަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ލާމަސީލު ނަމޫނާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top