– “މާތްﷲއެއް އަހަރެންނަކަށް ނުފެނޭ، ދެން އަހަރެން ގަބޫލުކުރަންވީ ކީއްވެ؟”
އަހަރެން ކުރިން ގަބޫލުކުރީ ބުދުދީނެވެ. އަހަރެމެން އަޅުކަންކުރަނީ ޗައިނާގެ އިލާހުންތަކަކަށެވެ. އެތަކެތީގެ ތުނބުޅީގެ ކުލައާއި، ލޮލާއި، ލޮލުގެ ބޮޑުމިންވެސް ހުންނަނީ ހަމަ އަހަރެމެންނާ އެއްގޮތަށެވެ. އެއީ ދިރިހުރިއިރު ކަލަކު ކަމުގައި ނުވެއެވެ. އޭނާ ކަލަކަށް ވަނީ މަރުވުމަށްފަހުގައެވެ. އެމީހުން އޭނާ ކަލެއްގެ ދަރަޖައަށް އުފުލަނީއެވެ. އަހަރެން އެމީހުންގާތު އެހީމެވެ. “މިއީ ކާކު ހެއްޔެވެ؟ މިއީ ކަލެއް ހެއްޔެވެ؟ އޭނާ ކަލަކަށްވީ ކޮން އިރަކު ހެއްޔެވެ؟” އެހިސާބުން އެމީހުން އަޑުގަދަކޮށް ބުންޏެވެ. “ދެން ފުދިއްޖެ! ނިމުނީ! އިތުރަށް ނާހާ!”
ދެން އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާ ގާތު އެހީމެވެ. “މުސްލިމެއްގެ ހައިސިއްޔަތުން ތިޔަބައިމީހުން އަޅުކަންކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟” އޭނާ ޖަވާބު ދިނެވެ. “އަހަރެމެން އަޅުކަންކުރަނީ މާތްﷲ އަށެވެ.” އަހަރެން ކަނާތަށާއި ވައަތަށް ބަލާލުމަށްފަހު ބުނީމެވެ. “ތިޔަބުނާ ކަލާނގެ ކޮބައި ހެއްޔެވެ؟ އަހަރެންނަކަށް ނުފެނެއެވެ.” އޭނާ ބުންޏެވެ. “ނޫނެކެވެ. މާތްﷲ ވޮޑިގެންވެއެވެ. ނަމަވެސް އެކަލާނގެއެއް ނުފެންނާނެއެވެ.” އަހަރެން ބުނީމެވެ. “ތިޔަބުނަނީ ކީކޭ ހެއްޔެވެ؟ އަހަރެން ގަބޫލުކުރާނީ ފެންނަ އެއްޗެހި އެކަންޏެވެ. ނުފެންނަ އެއްޗެއް އަހަރެން ގަބޫލުކުރަންވީ ކީއްވެ ހެއްޔެވެ؟” ދެން އޭނާ އަހަރެންނަށް މިސާލެއް ދެއްކިއެވެ. އެކަމަކު ހިތުގެ އަޑިން އަހަރެންނަށް އިހުސާސްވިއެވެ. “މި ކަލާނގެއާ ބެހޭ ވާހަކަތަކަކީ ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކެކެވެ.”
އެއްދުވަހަކު އަހަރެން ބުނީމެވެ. “މަންމާ، ޑިސެމްބަރު މަހުގެ ކުރީކޮޅު އަހަރެން މައްކާއަށް ދާން އެބައުޅެމެވެ. މަންމަ އަހަރެންނާއެކު ދާން ބޭނުން ހެއްޔެވެ؟” މަންމަ ބުންޏެވެ. “އާނ، އާނ! އަހަރެން ދާން ބޭނުން!” އަހަރެން ބުނީމެވެ. “އެކަމަކު މަންމާ، މުސްލިމަކަށް ނުވެ މައްކާއަކަށް ނުދެވޭނެއެވެ.” މަންމަ އެއްވެސް ޖަވާބެއް ނުދެއެވެ. މަންމަ ރޯން ފެށިއެވެ. އަދި ބުންޏެވެ. “އެންމެ ރަނގަޅެވެ. އަހަރެންވެސް މުސްލިމްވާނަމެވެ.”
ފިރުދައުސް ވަންގް އަކީ ކާކު ހެއްޔެވެ؟ ދިރިއުޅުމުގެ ވާހަކަ ކުރުކޮށް ކިޔައިދީފާނަން ހެއްޔެވެ؟
އަހަރެންނަކީ ޗައިނާ މީހަކީމެވެ. ކުރިން ބުޑިސްޓެކެވެ. ބޮޑުވީ މެލޭޝިއާގެ ކުއާލަލަމްޕޫރުގެ ކެޕޮންގް ކިޔާ ސަރަހައްދެއްގައެވެ. އެއީ ގޭންގުތަކުގެ ބާރު ވަރަށް ގަދަ ސަރަހައްދެކެވެ. އަހަރެންނަކީ ކުއާލަލަމްޕޫރުގެ ސްޓޭޓް ޓީމަށާއި މެލޭޝިއާގެ ގައުމީ ޒުވާން ޓީމަށްވެސް ކުޅުނު މީހެކެވެ. އަލްހަމްދުލިﷲ، އުމުރުން 22 އަހަރުގައި އަހަރެން އިސްލާމްވީމެވެ.
ކުރިން ކަލަކު ވޮޑިގެންވާކަމަށް ގަބޫލުކުރީ ކިހިނެއް ހެއްޔެވެ؟
އަހަރެން ގަބޫލުކުރީ ބުދުދީނެވެ. ނަމަވެސް ބުދުދީނުގެ ފޮތްތަކެއް އަހަރެން ނުކިޔަމެވެ. ގިނަ ޗައިނާ ބުޑިސްޓުންނެކޭ އެއްގޮތަށް، އަހަރެމެން އަމަލުކުރަނީ މައިންބަފައިންނާއި ކާބަފައިން ކޮށްއުޅުނު ކަންތައްތަކަށެވެ. ބުދުދީނާ ބެހޭގޮތުން އަހަރެންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ހަމައެކަނި ބައެއް އާދަކާދަތަކާއި “ހެޔޮކަންތައް ކުރުމެވެ.” އެކަމަކު ހެޔޮކަންތަކުގެ މާނައަކީ ކޮބައިކަމެއް ނޭނގެއެވެ.
އަހަރެން އިސްލާމްވުމަށްފަހު އެނގުނު ގޮތުގައި ބުދުދީނުގައި “ކަލަކު” ވޮޑިގެންވާ ކަމުގެ ފުރިހަމަ ތަސައްވުރެއް ނޯވެއެވެ. އެމީހުން އުޅެނީ ބުދުދީނާއި، ތާއޮއިޒަމް އަދި ކޮންފޫޝިއަނިޒަމްގެ ތެރޭގައެވެ. އަހަރެމެން ގަބޫލުކުރި ގޮތުގައި އެންމެ މަތީ ކަލަކީ “ޖޭޑް އެމްޕަރާ” އެވެ. އަދި އެހެނިހެން ކުދިކުދި އިލާހުންތައްވެސް ތިބެއެވެ. މިކަންކަން ޗައިނާ ފިލްމުތަކުން ފެންނާނެއެވެ. މިސާލަކަށް “މަންކީ ގޯޑް” ނުވަތަ ރާމާމަކުނު ކަލާނގެ ފަދަ ތަކެއްޗަށްވެސް އަހަރެމެން އަޅުކަންކުރީމެވެ. އެމީހުން ކަލާނގެތައް ސިފަކުރަނީ އިންސާނުންނާ އެއްގޮތަށެވެ؛ ލޯބިވުމާއި، ކައިވެނިކުރުމާއި، ދަރިން ލިބުން ފަދަ ކަންކަމެވެ.
އަމިއްލަ ދީނާ މެދު ސުވާލު އުފެދުނީ ކޮން ކަމަކާ ހުރެ ހެއްޔެވެ؟
އުމުރުން 11 އަހަރުގައި އަހަރެންގެ ކާފަ މަރުވިއެވެ. ޗައިނާގެ ސަގާފީ އާއިލާއެއްގައި، ކާފަ މަރުވުމުން ކުރި ބައެއް ކަންކަމާ މެދު އަހަރެން ސުވާލު އުފެދުނެވެ. އެމީހުން ކާފަ ސުވަރުގެއަށް ފޮނުވުމަށްޓަކައި ބައެއް ކަންކަން ކުރަމުންދިޔައިރު، ހަމައެއާއެކު “ނަރަކައިގެ ބޭންކް ނޫޓު” ތަކެއްވެސް އަންދަމުން ދިޔައެވެ. އަހަރެން އެހީމެވެ. “ކާފަ ސުވަރުގެއަށް ދާނަމަ، މި ނަރަކައިގެ ފައިސާ ބޭނުންވަނީ ކީއްކުރަން ހެއްޔެވެ؟” އެމީހުން ބުންޏެވެ. “މިއީ ކާފައަށް ސުވަރުގެއަށް ނުދެވިއްޖެ ހާލަތެއްގައި ނަރަކައިގައި ބޭނުންކުރަން ދޭ ފައިސާއެވެ.” މި ޖަވާބުން އަހަރެން އިތުރަށް އޮޅުންބޮޅުންވިއެވެ. ދުނިޔޭގައި ރަނގަޅު މީހަކަށް ވެގެން ސުވަރުގެ ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނަރަކައަށް ގޮސްގެންވެސް ފައިސާ ހުރިއްޔާ އުފަލުގައި އުޅެވޭނަމަ، ހެޔޮކަންތައް ކުރުމުގެ މާނައެއް ނެތެއް ނޫން ހެއްޔެވެ؟
އިސްލާމްދީނާ ދިމާލަށް ދަތުރު ފެށުނީ ކިހިނެއް ހެއްޔެވެ؟
އުމުރުން 18 އަހަރުން ފެށިގެން 22 އަހަރާ ހަމައަށް އަހަރެން އުޅުނީ ވަކި ދީނެއް ގަބޫލުނުކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ކަލަކު ވޮޑިގެންވެއެވެ. އެކަމަކު އެ ކަލާނގެއަކީ އިންސާނަކަށް ނުވަތަ މަހުލޫގަކަށް ވެގެން ނުވާނެއެވެ. އަދި މަހުލޫގަކަށް ކަލަކަށްވެސް ނުވެވޭނެއެވެ. އަހަރެންގެ ރަހުމަތްތެރިން ގާތު އެހީމެވެ. “ތިޔަބައިމީހުން އަޅުކަންކުރާ ބުދުތަކަކީ ކުރިން އިންސާނުން ނޫން ހެއްޔެވެ؟” އެމީހުން ބުންޏެވެ. “އާނއެކެވެ. އޭނާ ދިރިހުރިއިރު ކަލަކަށް ނުވެއެވެ. އެކަމަކު އޭނާ ކުރި ހިދުމަތްތަކަށް ބަލާފައި، ތާރީހު އިލްމުވެރިން އޭނާ ކަލެއްގެ ދަރަޖައަށް އުފުލީއެވެ.” އަހަރެން ބުނީމެވެ. “އެހެންވިއްޔާ ތިޔަބައިމީހުން އަޅުކަންކުރަންވީ އޭނާ ކަލަކަށް ހެދި މީހުންނަށް ނޫން ހެއްޔެވެ؟ އެހެނީ އޭނާއަށްވުރެ އެމީހުންގެ ބާރު މާ ބޮޑެވެ.”
އުމުރުން 22 އަހަރުގައި އަހަރެންނަށް އަނިޔާއެއް ލިބި، އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. ދިރިއުޅުމުގެ މަގްސަދާ މެދު ވިސްނަން ފެށީމެވެ. “މި ދިރިއުޅުމަކީ ހަމައެކަނި މަސައްކަތްކުރުމާއި، ކެއުމާއި، ނިދުމާއި، ކައިވެނިކޮށް ދަރިން ހޯދައި މަރުވުން ހެއްޔެވެ؟ އެހެންވިއްޔާ ޖަންގަލީގައި އުޅޭ ރާމާމަކުނާ އަހަރެމެންނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟”
ދެން އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާ ގާތު ސުވާލުކުރީމެވެ. އޭނާ ބުންޏެވެ. “މާތްﷲ ވޮޑިގެންވެއެވެ، އެކަމަކު އެކަލާނގެއެއް ނުފެންނާނެއެވެ.” އަހަރެން ބުނީމެވެ. “ނުފެންނަ އެއްޗެއް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟” އޭނާ ބުންޏެވެ. “ވައިރޯޅި ފެނޭ ހެއްޔެވެ؟” އަހަރެން ބުނީމެވެ. “ނުފެނެއެވެ، އެކަމަކު އޭގެ އަސަރު ފެނެއެވެ.” އޭނާ ބުންޏެވެ. “ހަމައެފަދައިން، މާތްﷲ ވޮޑިގެންވާކަން އެކަލާނގެ އުފެއްދެވި ތަކެތިންނާއި އޭގެ އަސަރުތަކުން އިހުސާސް ކުރެވޭނެއެވެ.” މި ޖަވާބަކީ އަހަރެންގެ ބުއްދިއަށް އެންމެ ގަބޫލުކުރެވުނު ޖަވާބެވެ. އިސްލާމްދީނުގައި ކަލާނގެ ސިފަކޮށްދީފައިވާ ގޮތަކީ އަހަރެން ހޯދަމުންދިޔަ ހަގީގަތެވެ. އަހަރެން ބޭނުންވީ ނަރަކައިގެ އަޒާބުން ސަލާމަތްވާށެވެ. އެހެންކަމުން، އަހަރެން އިސްލާމްވާން ނިންމައި، މަންމައަށް ގުޅައި އެވާހަކަ ބުނީމެވެ. މަންމަ ބުންޏެވެ، “ތިޔައީ ކުޅިވަރަކަށް ނަހަދާށެވެ. ސީރިއަސްވާށެވެ.”
އަހަރެން ޝަހާދަތް ކިޔައި އިސްލާމްވީ 2005 ވަނަ އަހަރުއެވެ. އެ ދުވަހުން ފެށިގެން އިސްލާމްދީނުގައި ހަރާމްކުރެއްވި ކޮންމެ ކަމަކާ އަހަރެން ދުރުހެލިވީމެވެ. ނަމަވެސް، ދީނުގެ ފުން މައުލޫމާތުތައް އަހަރެންނަށް އެނގެން ފެށީ އޭގެ ހަ އަހަރު ފަހުންނެވެ. އެއީ އުސްތާޒަކާ ބައްދަލުވެ، ދައުވަތު ދިނުމުގެ މުހިންމުކަން އޭނާ އަހަރެންނަށް ކިޔައިދިން ހިސާބުންނެވެ. އޭނާ ބުންޏެވެ، “ފިރުދައުސް، ގިޔާމަތް ދުވަހުން މާތްﷲ ސުވާލުކުރައްވާނީ އެހެން މީހުން ދައުވަތު ނުދިނީ ކީއްވެގެންތޯއެއް ނޫނެވެ. ސުވާލުކުރައްވާނީ ކަލޭގެ މަސްއޫލިއްޔަތު އަދާނުކުރީ ކީއްވެގެންތޯއެވެ.” މި ބަސްތަކުން އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.
ދެން އަހަރެން ދީން އުނގެނެން ފެށީމެވެ. ކީރިތި ރަސޫލާ ﷺ ގެ ސީރަތު ކިޔަވައިދިން ކޯހަކުން، އެކަލޭގެފާނު ދެކެ އަހަރެން އިންތިހާއަށް ލޯބިވިއެވެ. އެކަލޭގެފާނަކީ އަހަރެންގެ ހުރިހާ ހިތްވަރަކާއި މިސާލެކެވެ.
އަހަރެންގެ ދައުވަތުގެ މަސައްކަތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަހަރެންގެ މަންމަ އިސްލާމްވުމެވެ. އަހަރެން މަންމަ ގާތު ބުނީމެވެ، “މަންމާ، ދުނިޔޭގައި އަހަރެންގެ މަންމައަށް ވީތީ އަހަރެން ވަރަށް އުފާވެއެވެ. ނަމަވެސް އާހިރަތުގައިވެސް އަހަރެންގެ މަންމައަށް ވުމަށް މަންމަ މުސްލިމްވާން ޖެހެއެވެ.” 2019 ވަނަ އަހަރު މަންމަ އިސްލާމްވިއެވެ. މަންމަ އިސްލާމްވުމަށްފަހު ފުރަތަމަވެސް އެހީ ނަމާދުކުރާނެ ގޮތެވެ. މަންމަގެ އުމުރުން ދުވަސްވެފައިވީ ނަމަވެސް، އުމްރާގެ އަޅުކަމުގައި މަންމަ ދެއްކި ހިތްވަރުން އަހަރެން ހައިރާންވިއެވެ.
ބުދުދީނުގައި “ނިރުވާނާ” އަކީ އުފާވެރިކަމާއި ހަމަހިމޭންކަން ލިބޭ މަންޒިލެއް ކަމަށް ބުނެއެވެ. ނަމަވެސް ބުދުދީނުގެ އަސާސްތަކާއި އިސްލާމްދީނުގެ އުސޫލުތަކާ އަޅާކިޔާއިރު، އިސްލާމްދީނަކީ ފުރިހަމަ އަދި ސާފު މަގު ދައްކައިދޭ ދީނެވެ. ބުދުދީނުގެ ބައެއް އިލްމުވެރިން ބުނާގޮތުގައި އިންސާނާގެ ފުރާނައެއް ނުވެއެވެ. މިއީ ހަގީގަތާ ހިލާފު ވާހަކައެކެވެ.
އަހަރެން ބުނާނީ، ހަމައެކަނި “ހެޔޮކަންތައް ކުރުމުން” ފުދޭކަށް ނެތެވެ. އެކަން ކުރަންވާނީ ސައްހަ އަދި ރަނގަޅު ގޮތުގައެވެ. ކީރިތި ރަސޫލާ ﷺ ގެ ކިބައިން އަހަރެންނަށް އެންމެ އަސަރުކުރީ އެކަލޭގެފާނުގެ ސާބިތުކަމެވެ. އެކަލޭގެފާނަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ލާމަސީލު ނަމޫނާއެވެ.
ކެތްތެރިކަމާއި ސާބިތުކަން.
އެކަލޭގެފާނަށް މެދުވެރިވި ކޮންމެ ކަމަކުންނާއި، އަދި މެދުވެރިނުވި ކޮންމެ ކަމަކުންވެސް އަބަދުވެސް އަހަރެންނަށް ޙިކުމަތްތަކެއް ފެނެއެވެ. އަދި އަބަދުވެސް އަހަރެން ބަލަނީ އެކަލޭގެފާނު ކަންކަމުގައި ދެއްވާ ރައްދަށެވެ. އެއީ އިޙްސާސްތަކުގެ މައްޗަށް ބިނާވެގެންވާ ކަމެއް ނޫނެވެ. ކަންކަމަށް ދެވޭ ކުއްލި އިޙްސާސީ ރައްދާއި، ބުއްދިވެރިކަމާއެކު ދެވޭ ރައްދާ ދެމެދު އަހަރެން އަބަދުވެސް ތަފާތުކުރަމެވެ. ކުއްލި އިޙްސާސީ ރައްދަކީ ޖަޒުބާތީ ކަމެކެވެ. ނަމަވެސް ބުއްދިވެރި ރައްދަކީ ވިސްނުންތެރިކަމާއެކު ދެވޭ ޖަވާބެކެވެ. އެކަލޭގެފާނު އަބަދުވެސް ކަންކަމުގައި ދެއްވަނީ ބުއްދިވެރި ރައްދެކެވެ. އެއީ ވަރަށް ބޮޑަށް ބަލައި ދިރާސާކުރެވިފައިވާ ފިޔަވަޅުތަކެކެވެ.
އަހަރެން އެކަލޭގެފާނަކީ ސާބިތުކަމުގެ މިސާލެއް ކަމަށް މި ބުނަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަކީ އެކަމުގެ އެންމެ ފުރިހަމަ މިސާލެވެ. ދުނިޔޭގެ އެއްވެސް ނަފްސާނީ ޢިލްމުވެރިއަކު ސާބިތު ނަފްސެއްގެ މައްޗަށް ދިރާސާއެއް ކުރަން ބޭނުންނަމަ، މުޙައްމަދު ނަބިއްޔާ ﷺ ފިޔަވައި އެއަށްވުރެ ފުރިހަމަ މިސާލެއް ނުފެންނާނެއެވެ. މި އިންސާނާއާ މެދު ވިސްނާލަބަލާށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު ވަނީ ނިޔާވެފައެވެ. އުފަންވެވަޑައިގަތީ ބައްޕައެއް ނެތް ޔަތީމެއްގެ ގޮތުގައެވެ. އޭގެ ފަހުން މަންމާފުޅުވެސް ނިޔާވީއެވެ. ދެން ކާފާފުޅު ނިޔާވުމުން، އެކަލޭގެފާނު ބެއްލެވީ ބޮޑުބޭބޭފުޅެވެ. ޤުރައިޝުންނަށް ބަލާލަބަލާށެވެ. އެމީހުން އެކަލޭގެފާނާ ދެކޮޅަށް މަދުވެގެން ވިހި ތަފާތު އުކުޅުތައް ބޭނުންކުރިއެވެ. އެކަލޭގެފާނާ ދެކޮޅަށް ޤުރައިޝުން ބޭނުންކުރި ގިނަގުނަ އުކުޅުތަކަކީ އެކަލޭގެފާނު ދެއްވި ބުއްދިވެރި ރައްދުތަކުގެ ހެއްކެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނާ ދެކޮޅަށް އެމީހުން ބޭނުންކުރި އެއްވެސް އުކުޅަކަށް އެކަލޭގެފާނު ލެނބިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ކުރައްވަނީ ކީއްކަން އެކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. އެކަލޭގެފާނުގެ މަޤްޞަދާއި އަމާޒު ސާފެވެ. އެކަލޭގެފާނަކީ ސާބިތުކަމުގެ ލާމަސީލު މިސާލެކެވެ. މީހުން ކޮންމެ އެއްޗެކޭ ކިޔަސް އެކަލޭގެފާނު އަޅައެއް ނުލައްވައެވެ. އެމީހުންގެ އުކުޅުތައް ނާކާމިޔާބުވަމުން ދިޔުމުން، އަބަދުވެސް އައު ކަންތައްތަކެއް ހޯދަން އެމީހުންނަށް މަޖުބޫރުވިއެވެ. އެމީހުން ހުއްޓާލަން ޖެހުނީ އެމީހުންގެ އުކުޅުތައް ކާމިޔާބުވެގެންނެއް ނޫނެވެ، ނަމަވެސް “އަހަރެމެން ބަލިވެއްޖެ” އޭ ބުނެ އަމާންދީފައެވެ. އެކި ދިމާދިމާލުން ބަޔަކު ހުއްޓުމެއްނެތް ހަމަލާތައް ދެމުންދާއިރުވެސް، ތިމާ ފަހަތަށް ނުޖެހި ސާބިތުކަމާއެކު ހުރުމަކީ ކެތްތެރިކަމާއި ސާބިތުކަން ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ ހުރިހާ ދަތިތަކާއެކުވެސް އެކަލޭގެފާނު ކުރިހޯއްދެވިއެވެ.
އަހަރެމެން އެކަމާ އެއްބަސްވުން ލާޒިމެއް ނޫނެވެ، ނަމަވެސް މައިކަލް ހާޓް ވަނީ ތާރީޚުގައި އެންމެ ނުފޫޒުގަދަ ޝަޚުޞިއްޔަތަކަށް އެކަލޭގެފާނު އިޚްތިޔާރުކޮށްފައެވެ. އޭނާ ޤަބޫލުކުރާ އޭނާގެ ކަލާނގެ އަދި ސަލާމަތްތެރިޔާ ކަމަށްވާ އީސާގެފާނަށްވުރެ ވެސް މަތީގައެވެ. އޭނާއަކީ ނަޞާރާއެކެވެ. އެހެންނަމަވެސް އޭނާ އީސާގެފާނު އިޚްތިޔާރު ނުކުރީއެވެ. އޭނާ މުޙައްމަދު ނަބިއްޔާ ﷺ އިޚްތިޔާރުކުރީ އެކަލޭގެފާނަކީ ހުރިހާ ދާއިރާއަކުން ކާމިޔާބު ބޭފުޅަކަށް ވީތީއެވެ. އަސްކަރީ ލީޑަރެއްގެ ގޮތުންނާއި، ސިޔާސީ ލީޑަރެއްގެ ގޮތުންނާއި، ބަފައެއްގެ ގޮތުންނާއި، ފިރިއެއްގެ ގޮތުންނާއި، އަދި އެކުވެރިއެއްގެ ގޮތުންވެސްމެއެވެ. މިއަދާ ހަމައަށްވެސް، އަދި އިރާދަކުރެއްވިއްޔާ ޤިޔާމަތާ ހަމައަށްވެސް އެފަދަ ފިޔަވަޅުތަކަކަށް ތަބާވެވޭނެ އެހެން އެކަކުވެސް ނާންނާނެއެވެ.
ދުނިޔޭގައި ތިބި މުސްލިމް ނޫން އެންމެންނާ، ޚާއްޞަކޮށް ޗައިނާގެ ޣައިރު މުސްލިމުންނާ ވާހަކަދައްކަން ފުރުޞަތެއް ލިބިއްޖެނަމަ ބުނާނީ ކީކޭ ހެއްޔެވެ؟
އަހަރެން އެންމެން ގާތު ބުނާނީ، މިއީ ތިބާގެ ހަމައެކަނި ދިރިއުޅުން ކަމުގައި ވާނަމަ… ހަޤީޤަތުގައި ތިބާ ތިޔަ އުޅެނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ތިބާ ޤަބޫލުކުރަނީ އެހެން ދުނިޔެއެއް އޮތް ކަމަށް ނުވަތަ އަލުން އުފަންވާނެ ކަމަށް ނުވަތަ ރިއިންކާނޭޝަން އަށް ވެދާނެއެވެ. އެކަންކަމަށް ތިބާއަށް އީމާންވެވިދާނެއެވެ. ނަމަވެސް ތިބާގެ އަމިއްލަ ނަފްސާ ދުވަހަކުވެސް ސުވާލުކުރިން ހެއްޔެވެ؟ ތިބާގެ އަމިއްލަ ބުނުންތަކާ މެދު ސުވާލު އުފެއްދިން ހެއްޔެވެ؟ އަހަރެމެންނަށް ބޮޑެތި ސުވާލުތައް ކުރަން ކެރުމާއި ހިތްވަރު ހުރެއެވެ. ނަމަވެސް އަހަރެމެންގެ އަމިއްލަ ސުވާލުތަކާއި ބުނުންތަކާ މެދު ސުވާލު އުފައްދާނެ ހިތްވަރު އެބަހުރި ހެއްޔެވެ؟ ތިޔަ ނިންމުމަށް ވާޞިލުވީ ކިހިނެއްކަމާ މެދު ސުވާލުކުރިން ހެއްޔެވެ؟
ވިސްނާލަބަލާށެވެ، ތިބާ ތިޔަ ނަގަނީ ބޮޑު ރިސްކެކެވެ. މިއަށްފަހު އެހެން ދިރިއުޅުމެއް އޮތް ކަމަށް ތިބާ ޤަބޫލުކުރަނީއެވެ. ނަމަވެސް އަހަރެންގެ ސުވާލަކީ، ތިބާގެ ހީކުރުން ގޯސްވެފައި އަހަރެންގެ ހީކުރުން ރަނގަޅުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ހަމައެކަނި ދިރިއުޅުން ކަމަށްވެފައި، މިއަށްފަހު އޮތީ ހަމައެކަނި ސުވަރުގެއާއި ނަރަކަ ކަމަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މި އިމްތިޙާނުން ތިބާ ފޭލްވެއްޖެނަމަ، “މައްސަލައެއް ނެތް، އަހަރެން ނަރަކައަށް ގޮސްފާނަން” އޭ ބުނެފާނެއެވެ. ނަރަކައަށް ދިއުމަކީ އުފާވެރި ކަމެއް ކަމަށް ތިބާ ހީކުރަނީ ހެއްޔެވެ؟ ނޫނެކެވެ، އެއީ އެފަދަ ކަމެއް ނޫނެވެ. ދުނިޔޭގެ އަލިފާނާއި ހޫނަށް ތިބާއަށް ކެތްނުކުރެވި، އެއީ ވޭނަކަށް ވާނަމަ، ނަރަކައިގެ އަލިފާނުގައި ތިބާއަށް ކެތްކުރެވޭނެ ކަމަށް ނުވަތަ އެތަނުގައި އުފަލުގައި އުޅެވޭނެ ކަމަށް ތިބާ ހީކުރަނީ ކީއްވެ ހެއްޔެވެ؟
އެހެންކަމުން، އަމިއްލަ ނަފްސަށް ފުރުޞަތެއް ދޭށެވެ. އިސްލާމްދީނާ ބެހޭގޮތުން ދިރާސާކޮށް ވިސްނުން ފުޅާކުރާށެވެ. ޖަޒުބާތީ ގޮތުން ނޫން، އިންޞާފުވެރިކަމާއެކު އަޅާކިޔާށެވެ. ތިބާ މިހާރު ތިޔަ އުޅޭ ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވާނަމަ، އޮތީ ދެ ވޭނެކެވެ. އެއީ ހިތާމައިގެ ވޭނެވެ، ނުވަތަ މުސްލިމެއްގެ ގޮތުގައި އަޚްލާޤީ ހަމަތަކެއްގައި އުޅުމުގެ އުނދަގުލެވެ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކީ ސުވަރުގެއެވެ. މިހާރު އިޚްތިޔާރު އޮތީ ތިބާގެ އަތްމަތީގައެވެ. ވިސްނާށެވެ، ވިސްނާށެވެ، ވިސްނާށެވެ. ބުއްދީގެ ބޭނުންކޮށްގެން ދިރާސާކުރާށެވެ. އަދި އިޚްލާޞްތެރިކަމާއެކު ޙަޤީޤަތް ހޯދަން މަސައްކަތްކުރާ މީހުންނަށް ތެދުމަގު ދެއްކެވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަހަރެން ދުޢާކުރަމެވެ.
