ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ގ. އަތޮޅުގެ ފެށުން ގެނަފުށްޓާއި ދެއްވަދޫ ވެސް މޮޅަކުން ފަށައިފި އެވެ. ދެއްވަދޫގައި ކުރިޔަށްދާ ގއ. އަތޮޅު މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ރަށުން ނެވެ. އެއީ ދެއްވަދޫ އާއި ގެމަނަފުށި އަދި ކޮނޑޭ އާއި ވިލިނގިއްޔެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް، ކޮންމެ ޓީމަކާއި ބައްދަލުކޮށް ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމަށް ފައިނަލްގެ ޖާގަ ލިބޭގޮތަށް ރާވާލެވިފައިވާ މި މުބާރާތުގެ ދެ މެޗު އިއްޔެ އާއި ރޭ ވަނީ ކުޅެފަ އެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 1
މި އަތޮޅު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދެއްވަދޫ އާއި ވިލިނގިއްޔެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދެއްވަދޫއިން ނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނިޓްގައި ދެއްވަދޫއަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އިމްރާން އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ 1-0 ގައި ދެއްވަދޫ ކުރީގައި އޮވެގެން ނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލީޑު ދެމެހެއްޓުމުގެ އިތުރުން، ލީޑު ފުޅާކުރުމަށް ދެއްވަދޫން ގިނަ މަސައްކަތްތަކެއް ކުރިއިރު، ނަތީޖާ ހަމަހަމަކުރުމަށް ވިލިނގިލިން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ދެވަނަ ހާފުގައިވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށްވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
1-0 އިން ދެއްވަދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމަށް ލަނޑު ޖަހައިދިން މުޙައްމަދު އިމްރާން އެވެ.
މެޗު 2
މި އަތޮޅު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކޮނޑޭ އާއި ގެމަނަފުށްޓެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގެމަނަފުށިން ނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖެހުމަށް ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށް ލީޑު ނެގީ ގެމަނަފުށިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ގެމަނަފުށްޓަށް ލީޑު ނަގައިދިނީ އިސްމާއިލް ހަނާން ރުޝްދީ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ކޮނޑޭއިން މަސައްކަތް ކުރަމުން ދަނިކޮށް އަޙްމަދު އައިޝަމް އިޤްބާލް ވަނީ ގެމަނަފުށީގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި ހާފުގެ ފަހުކޮޅު ޢަލީ ޝާޒް ހަބީބް ވަނީ ގެމަނަފުށްޓަށް ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
3-0 އިން ގެމަނަފުށި މޮޅުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު އިންޝައު އަޙްމަދު ވަނީ ކޮނޑޭއަށް ދެ ލަނޑު ޖަހައިދީފަ އެވެ.
3-2 އިން ގެމަނަފުށި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގެނަމަފުށީ ޓީމުގެ ޢަލީ ޝާޒް ހަބީބް އެވެ.
މި އަތޮޅުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ދެއްވަދޫ އާއި ކޮނޑޭ ބައްދަލު ކުރާއިރު، އެރޭ ބައްދަލު ކުރާނީ ގެމަނަފުށްޓާއި ވިލިނގިލި އެވެ.
