ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުން އީގަލްސް މޮޅުވެއްޖެ އެވެ. މިއަދު ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ މިއަހަރު ދިވެހި ޕްރިމިއާރ ލީގަށް ކޮލިފައިވި ބިސްބުރު ސްޕޯރޓްސް ކުލަބާއި މި ދިޔަ އަހަރު ވެސް ދިވެހި ޕްރިމިއާރ ލީގުގައި ވާދަކުރި ކުލަބް އީގަލްސް އެވެ.
މި މެޗުގައި އީގަލްސްއިން ބޭނުންކުރި އޮރެންޖު ކުލައިގެ ޖޯޒީއާއި ބިސްބުރުގެ ޖޯޒީގެ ކުލަ އެއްގޮތް ވުމުގެ ސަބަބުން ބިސްބުރުން ކުޅެފައިވަނީ ޤައުމީ ޓީމުގެ ޖޯޒީ ލައިގެން ނެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އީގަލްސް އެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އީގަލްސް އެވެ. 16 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އާމިރު ޝޮއިބް އެލްސަޑެކް މުޙައްމަދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބިސްބުރުގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ހަނި އެންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. އީގަލްސްއަށް މި ލަނޑު ޖަހައިދިން އާމިރު ޝޮއިބް އެލްސަޑެކް މުޙައްމަދަކީ ލީގު ކޮލިފައިންގައި ބިސްބުރަށް ކުޅުނު ކުޅުންތެރިއެކެވެ.
ނަތީޖާ ހަމަހަމަކުރުމަށް ބިސްބުރުން މަސައްކަތްކުރަމުން ދަނިކޮށް އީގަލްސްއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 34 ވަނަ މިނިޓްގައި އީގަލްސްއަށް މި ލަނޑު ޖަހައިދިނީ ޒައިން ޒަފަރު އެވެ. ޒައިން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ބިސްބުރުގެ އޭރިޔާ ތެރެއިން އޭނާ ޖައްސާލި ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލައި ކީޕަރާއި ދަނޑިއާ ދޭތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ދެވަނަ ހާފުގައި ބިސްބުރުން ކުޅުން ރަނގަޅުކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި އެވެ. 55 ވަނަ މިނިޓްގައި ބިސްބުރަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޒިދާން އެވެ. ޒިދާން މި ލަނޑު ޖަހާފައިވަނީ އީގަލްސްގެ އޭރިޔާ ބޭރު ރޮނގު ކައިރިން އީގަލްސްގެ ކުޅުންތެރިއަކު ކޮންޓްރޯލްކުރަން މަސައްކަތްކުރި ބޯޅަ ހޯދައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ދެވަނަ ހާފުގެ ފަހުކޮޅު އީގަލްސްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. 78 ވަނަ މިނިޓްގައި އީގަލްސްގެ ކުޅުންތެރިއަކަށް ބިސްބުރު ކުޅުންތެރިން، އެ ޓީމުގެ އޭރިޔާ ތެރެއިން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއިލް އީސަ (މެސީ) އެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
3-1 އިން އީގަލްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ ޒައިން ޒަފަރު އެވެ.
