ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ އަށްވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މާޒިޔާ އަނެއްކާ ވެސް ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯރޓްސް ކުލަބެވެ.
ރޭގެ މެޗަކީ ލީގު ބުރުގައި މި ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ފުރަތަމަ މެޗުން ފަސޭހަކަމާއި މޮޅުވި މާޒިޔާ ކުޅުނު ދެވަނަ މެޗު ވީ އެއްވަރެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ބުރު، ވަނީ ދެވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނު މާޒިޔާއިން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ބުރުގެ ޑިފެންޑަރުން ކާމިޔާބު ހޯދި ނަމަވެސް، އެ ކާމިޔާބު ހިފެހެއްޓުނީ 8 ވަނަ މިނިޓާއި ހަމައަށެވެ.
ނުވަވަނަ މިނިޓްގައި މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މާޒިޔާއިން އުފެއްދި ހަމަލާ ދިފާއުކުރަން މަސައްކަތްކުރި ބުރު ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ހޯދައި ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ ސީނިއާރ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މުޙައްމަދު އިލާން އިމްރާންއެވެ.
ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ބުރަށް 10 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މާޒިޔާ ވަނީ 14 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާ ކުޅުންތެރިއަކު އަރިމަތިން ކުރިޔަށް އަރައި މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މާޒިޔާގެ ލީޑު ފުޅާކޮށްދިނީ އައިދު މުޙައްމަދު ޖަވީޒެވެ.
މެޗު ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ކުޅެމުންދިޔަ މާޒިޔާއިން 18 ވަނަ މިނިޓްގައި އަނެއްކާ ވެސް ލަނޑެއް ޖެހިއެވެ. މާޒިޔާ ކުޅުންތެރިއަކު ބުރުގެ ޑިފެންޑަރުންގެ ފަހަތަށް ކުޅެލި ބޯޅަ ހޯދައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިލާން އިމްރާންއެވެ.
މާޒިޔާއިން ތިންވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ، އެ ޓީމަށް ލިބުނު ކޯނަރަކުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މަތިމަތިން ގޯލު ކުރިމައްޗަށް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އައިދު މުޙައްމަދު ޖަވީޒެވެ.
ތިރީސް އަށްވަނަ މިނިޓްގައި މުޙައްމަދު އިލާން އިމްރާން ފުރިހަމަ ކުރި ހެޓްރިކާއިއެކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން 5 ލަނޑުގެ ލީޑެއް ނެގިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ މާޒިޔާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ތަނެވެ.
މުޙައްމަދު އިލާން އިމްރާންގެ ހަތަރުވަނަ ލަނޑާއިއެކު ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ލީޑު އިތުރަށް ފުޅާކުރިއެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ބުރަށް މަދުން ނަމަވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ.
މާޒިޔާއިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓްގައެވެ. ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަނޫފްއެވެ.
ބުރުން މި މެޗުގައި ޖެހި ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަރުހަމްއެވެ.
7-1 އިން މާޒިޔާ މޮޅުވެ ހަތް ޕޮއިންޓާއި ފައިދާ 14 ލަނޑާއިއެކު ލީގު ބުރުގެ އެއްވަނައަށް ޖެހިލިއިރު ދެވަނައިގައި އޮތް އޮޑިއަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ކެޔޮދޫ އާއި ނިއުރޭޑިއަންޓްއެވެ.
