ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
65 އަހަރުން މަތީ މީހުން ދުވާލަކު 5 ތަށްޓަށް ވުރެން އިތުރަށް ކޮފީ ބުއިމަކީ ހަށިގަނޑުގެ ކަށިތައް ބަލިކަށިކޮށްލާ ކަމަކަށް ވެދާނެ – ދިރާސާ

10 އަހަރުގެ މުއްދަތަށް ގާތްގަނޑަކަށް 10،000 އުމުރުން ދުވަސްވީ އަންހެނުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކޮފީ ބޯ މިންވަރު ވަކި ވަރެއްގައި ހިފެހެއްޓުމަކީ ރައްކާތެރިކަމެކެވެ.

އެމެރިކާގެ ގާތްގަނޑަކަށް 10،000 އަންހެނުން ބައިވެރިކޮށްގެން ދިހަ އަހަރު ވަންދެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، އުމުރުން 65 އަހަރުވުމަށްފަހު ދުވާލަކު ފަސް ތަށްޓަށް ވުރެން އިތުރަށް ކޮފީ ބޯ އަންހެނުންގެ ކަށީގެ ވަރުގަދަކަން (ބޯން މިނަރަލް ޑެންސިޓީ)، މަދު މިންވަރަކަށް ކޮފީ ބޯ މީހުންނަށްވުރެ ދަށެވެ. އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ ދިރާސާވެރިން އިސްވެ ތިބެ ކުރި މި މަސައްކަތް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު “ނިއުޓްރިއަންޓްސް” މަޖައްލާގައި ޝާއިޢުކޮށްފައިވެއެވެ. މި ދިރާސާ ބިނާކޮށްފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮން އޭޖިންގް އާއި އެހެނިހެން ޞިއްޙީ އިދާރާތަކުން ޚަރަދުކޮށްގެން ކުރިއަށްގެންދާ “ސްޓަޑީ އޮފް އޮސްޓިއޯޕޮރޮޓިކް ފްރެކްޗާސް” ގެ މަޢުލޫމާތުގެ މައްޗަށެވެ.

ކޮފީ ބޯ ގިނަ މީހުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ދުވާލަކު ދެތިން ތަށި ކޮފީ ބުއިމަކީ ކަށީގެ ވަރުގަދަކަމަށް ނޭދެވޭ އަސަރެއް ކުރާ ކަމެއް ނޫންކަން މި ދިރާސާއިން އެނގެއެވެ. އަދި ސައި ބުއިމަކީ އުނަގަނޑުގެ ކަށިތައް ކުޑަކޮށް ވަރުގަދަކޮށްދޭ ކަމެއްކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މައްސަލައެއްގެ ގޮތުގައި ފާހަގަވީ ހަމައެކަނި އާދަޔާ ޚިލާފަށް ގިނައިން ކޮފީ ބޯ މީހުންގެ ކިބައިންނެވެ.

ދިރާސާވެރިން ބެލި ކަންތައްތައް
ރަޔަން ޔަން ލިއު އާއި އެސޯސިއޭޓް ޕްރޮފެސަރު އެންވޫ ލިއު އިސްވެ ތިބެ، އުމުރުން 65 އަހަރުން މަތީގެ 9،704 އަންހެނުންގެ މަޢުލޫމާތު ދިރާސާކުރިއެވެ. މި ދިހަ އަހަރުގެ ތެރޭގައި އެމީހުން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި، އެކްސް-ރޭގެ އެހީގައި ކަށީގެ ވަރުގަދަކަން ދިޔައީ ބަލަމުންނެވެ. ކަށީގެ ވަރުގަދަކަން ނުވަތަ “ބޯން މިނަރަލް ޑެންސިޓީ” އަކީ ކަށި ފީވުމުގެ ބަލި (އޮސްޓިއޯޕޮރޯސިސް) ހުރިތޯ ބަލަން ބޭނުންކުރާ މިންގަނޑެކެވެ.

މިވެސް ކިޔާލަން:  ކޮފީއިން މިހުރިހާ ފައިދާތަކެއް ލިބޭކަން އެނގިއްޖެއްޔާ ކޮންމެމީހަކުވެސް ކޮފީ ބޯނެ!

ޖުމްލަގޮތެއްގައި ބަލާއިރު، ކޮފީ ބުއިމާއި ކަށީގެ ވަރުގަދަކަމާ ދެމެދު މާބޮޑު ގުޅުމެއް ނެތެވެ. ނޭދެވޭ އަސަރެއް ފެންނަން ފެށީ ހަމައެކަނި ދުވާލަކު ފަސް ތަށްްޓަށް ވުރެން ގިނައިން ކޮފީ ބޯ މީހުންގެ ކިބައިންނެވެ. އަދި އާދަޔާ ޚިލާފަށް ގިނައިން ރާ ބޯ އަންހެނުންގެ ތެރެއިން ގިނައިން ކޮފީ ބޯ މީހުންގެ ކަށީގެ ވަރުގަދަކަން މާބޮޑަށް ދަށްވާކަން ފާހަގަކުރެވުނެވެ.

ސައި ބުއިމުގެ ނަތީޖާ ތަފާތެވެ. ސައި ބޯ މީހުންގެ އުނަގަނޑުގެ ކަށީގެ ވަރުގަދަކަން، ސައި ނުބޯ މީހުންނަށްވުރެ ކުޑަތަންކޮޅެއް އިތުރެވެ. މިއީ ވަރަށް ކުޑަ މިންވަރެއް ނަމަވެސް، ސައިން ލިބޭ މި ފައިދާ ޚާއްޞަކޮށް ފަލަ މީހުންނަށް ބޮޑުކަން ފާހަގަވިއެވެ.

ކެފެއިން އާއި ކަށީގެ ދުޅަހެޔޮކަމާ ހުރި ގުޅުން
ކެފެއިންގެ ސަބަބުން ހަށިގަނޑަށް ކެލްސިއަމް ދަމައިގަތުމަށް ހުރަސްއެޅޭކަމާއި، މިއީ ކަށީގެ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެއްކަން ދިރާސާވެރިންނަށް އެނގެއެވެ. ކުރީގެ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 300 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ބޭނުންކުރުމަކީ މައްސަރު ކަންތައް ހުއްޓިފައިވާ އަންހެނުންގެ މައިބަދައިގެ ކަށި ފީވުން އަވަސްކޮށްދޭ ކަމެކެވެ. އާދައިގެ ކޮފީ ތަށްޓެއްގައި ގާތްގަނޑަކަށް 80 އާއި 100 މިލިގްރާމްގެ ކެފެއިން ހުރެއެވެ. އެހެންކަމުން ދުވާލަކު ފަސް ތަށި ބުއިމުން މި މިންގަނޑަށްވުރެ އިތުރުވެއެވެ.

ސައިގައިވެސް ކެފެއިން ހުރި ނަމަވެސް، އޭގައި ހިމެނޭ “ކެޓެކިންސް” ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ކަށި އުފެދުމަށް އެހީތެރިވެދީ، ކަށި ބަލިކަށިވުން ލަސްކޮށްދެއެވެ.

ދިރިއުޅުމުގެ އާދަތަކަށް މީގެން ކުރާނެ އަސަރު
ދިރާސާވެރިން ބުނާގޮތުގައި މިއީ ކޮފީ ބުއިން މުޅިން ހުއްޓާލަންވީ ސަބަބެއް ނޫނެވެ. ދުވާލަކު އެއް ތަށި ނުވަތަ ތިން ތަށި ކޮފީ ބޯ މީހުން އާދަ ބަދަލުކުރާކަށް ނުޖެހެއެވެ. ނަމަވެސް އާދަވެގެން ފަސް ތަށްޓަށް ވުރެން އިތުރަށް ކޮފީ ބޯނަމަ، އެ މިންވަރު މަދުކުރުމާއި، ކެލްސިއަމް ހޯދުމަށް ކޮފީއަށް ކިރު އެޅުމާއި، ނުވަތަ ކޮފީގެ ބަދަލުގައި ސައި ބޯން ފެށުމަކީ ކުރެވިދާނެ ރަނގަޅު ކަންތައްތަކެވެ. ޚާއްޞަކޮށް ގިނައިން ރާ ބޯ މީހުން މިކަމާ މެދު ޑޮކްޓަރަކާ މަޝްވަރާކުރުން މުހިންމެވެ.

މިވެސް ކިޔާލަން:  ކޮފީ ބުއިމުގައި "ވަކި މިންވަރެއް" ހިފެހެއްޓުމަކީ ނަފްސާނީ ބަލިތަކާއި ހާސްކަން ކުޑަކޮށްދޭ ކަމެއް - ދިރާސާ

ސަމާލުކަމަށް:

އިސްލާމްދީނުގައި ރާބުއިމަކީ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެކެވެ. އެއީ އޭގެ ސަބަބުން އިންސާނާ މަސްތުވެ، ބުއްދިއާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޫޙާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ބުރޫއަރާތީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top