ކޮފީ ބުއިމުން ހަމައެކަނި އަހަރެމެންގެ ހަށިގަނޑު ހަމައަކަށް އަޅުވައިލަނީކީއެއް ނޫނެވެ. އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް އެނގިފައި ނެތްނަމަވެސް، ކޮފީ ބުއިމުން އެތަކެއް ބައިވަރު ސިއްހީ ފައިދާތަކެއް ލިއްބައިދެއެވެ. ހަކުރާއި ކިރާއި އެއްކޮށްގެން ކޮފީގެ ރަހައަކީ އަނގަޔަށް މީރު ރަހައެކެވެ. ނަމަވެސް ކުރިން މިބުނި ފައިދާތައް ލިއްބައިދެނީ ތާޒާ ކަޅުކޮފީ ބުއިމުންނެވެ. އެހެންކަމުން މަސްނޫޢީ ރަހަތައް (އާޓިފިޝަލް ރަހަތައް) އެކުލެވިފައިނުވާ ޤުދުރަތީ ތާޒާކަން އެކުލެވޭ ކޮފީ ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. އެއިން ލިއްބައިދޭ ގިނަގުނަ ފައިދާތެއް ލިބޭނީ އޭރުންނެވެ.

ކޮންމެދުވަހަކު ކޮފީ ބޯނަމަ އަހަރެމެންގެ ހަށިގަނޑަށް އަންނަނިވި ފައިދާތައް ލިބޭނެއެވެ.

1- ހަކަތަ އިތުރުކޮށްދީ ސިކުނޑި މަސައްކަތް ކުރަން އެހީވެދޭ

ގިނަ މީހުން ކޮފީބޯން ފަށާ ސަބަބަކީ މިއީކަމަށްވެސް ވެދާނެ އެވެ. ހެނދުނު ހެނދުނާ ހޭލައިގެން ދުވަހުގެ މަސައްކަތަށް ކުރިމަތިލުމަކީ ގިނަބަޔަކަށް އުނދަގޫ ކަމެކެވެ. މި އުނދަގޫކަމާއި ކަންނެތްކަން ފިލުވައިލުމަށް ކޮފީ ތަށްޓެއް ބުއިމަކީ ހަށިގަނޑުގެ ލޮޑުކަން ފިލުވައިލާ ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. ކޮފީބުއިމުން ހަކަތަ އިތުރުކޮށްދެއެވެ. ދުވަހުގެ ފެށުމަށް ކޮފީއެއް ބުއިމަކީ ރަނގަޅުކަމެކެވެ. (ކޮފީ ބުއިމުގެ ކުރިން، ހުސްބަނޑާހުރެ ތާފަނާ ފެންތަށްޓެއް ނުވަތަ އާދައިގެ ފެންތަށްޓެއް ބުއިމަކީވެސް ސިއްހީގޮތުން ފައިދާހުރި ކަމެކެވެ. އެހެނީ ހުސްގޮހޮރާ ހުރެ ކޮފީ ބުއިމަކީ ސިއްޙަތަށް ގެއްލުންހުރި ކަމެކެވެ.)

ހެނދުނު ކޮފީއެއް ބުއިމަށްފަހު، އަނެއްކާވެސް މެންދުރުފަހުގެ ވަގުތެއްގައި ކޮފީއެއް ބުއިމުން އަނެއްކާވެސް ހަކަތަ އިތުރުކޮށްދޭނެ އެވެ. މެޓަބޮލިޒަމް ބޫސްޓްކޮށްދޭނެ އެވެ.

ދިރާސާތައް ދައްކާގޮތުން، ކަސްރަތުކުރުން ފަދަ ކޮންމެވެސް ‘ވޯރކް އައުޓެއް’ ގެފަހުން ކޮފީއެއް ބުއިމަކީ ‘މެޓަބޮލިޒަމް ސްޕީޑް އަޕް’ ކޮށްދޭނެ ކަމެކެވެ. ޖަރނަލް އޮފް އެޕްލައިޑް ފިޒިއޮލޮޖީން ކޮށްފައިވާ ދިރާސާއަކުން އެނގިފައިވަނީ ކުޅިވަރުކުޅޭ މީހުންގެ ތެރެއިން ކޮފީ ބޯ މީހުންގެ މަސްގަނޑުގައި ގްލައިކޮޖެން 66 އިންސައްތައަށް އިތުރުކޮށްދޭކަމެވެ. ގްލައިކޮޖެން އަކީ ވަރުގަދަޔަށް ކަސްރަތުކޮށްލުމުން ނުވަތަ ކުޅިވަރެއް ކުޅެލުމުން ގެއްލިގެންދާ ހަކަތަ ވަރަށް އަވަހަށް އިއާދަކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ.

2- ކޮފީ ބުއިމުން ސިކުނޑީގެ ސިއްހަތު އިތުރުކޮށްދެ އެވެ.

ބައެއް ދިރާސާތައް ދައްކާގޮތުން ދުވާލަކު 3-5 ތަށި ކޮފީ ބުއިމުން އަލްޒައިމާސް (ހަނދާންނެތޭ) ބަލި ޖެހުމުގެ ނުރައްކާ 65 އިންސައްތައަށް ކުޑަކޮށްދެ އެވެ. އާދަވެ ކޮފީބުއިމުން ޕާރކިންސަންސް (ތުރުތުރުއަޅާ) ބަލި ޖެހުމުގެ ފުރުސަތު 32-60 އިންސައްތައަށް ދަށްކޮށްދޭ ކަމަށްވެސް އެހެން ބައެއް ދިރާސާތަކުން ދައްކައެވެ.

ސިކުނޑީގައިވާ އެޑެނޮސައިން ނަމަކަށް ކިޔާ ނިއުރޯޓްރާންސްމިޓާ އެއް ކެފެއިން އިން ބްލޮކް ކުރެއެވެ. އޭގެ ސަބަބުން މީހާގެ މޫޑް ރަނގަޅުވެ، ހަކަތަ އިތުރުވެ އެހެނިހެން ގޮތްގޮތުން ސިކުނޑިއަށް ފައިދާތަކެއް ލިބިގެންދެއެވެ.

3. ޖިސްމާނީ ބާރު އިތުރަށް ވަރުގަދަކޮށްދޭ

ކެފެއިން އަކީ ނާރުގެ ނިޒާމް ސްޓިމިއުލޭޓް ކޮށް، ސަރުބީ ވިރުވުމަށްޓަކައި ފެޓް ސެލްތަކަށް ސިގްނަލް ފޮނުވައިދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ކެފެއިންގެ ސަބަބުން ފެޓް ސެލްތައް ސަރުބީ ވިރުވައިދެއެވެ. ދެން އެ ސަރުބީ ފެޓީ އެސިޑްގެ ގޮތުގައި ލޭގެ ތެރެއަށް ދޫވެގެންދެއެވެ. އެއަށްފަހު އެ ސަރުބީ ހަކަތައިގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. އެހެންކަމުން ކަސްރަތު ކުރަން ފެށުމުގެ ބައި ގަޑިހާއިރު ކުރިން ކޮފީ ތަށްޓެއް ބުއިމަކީ ރަނގަޅު ކަމެކެވެ.

4. ބޭނުންތެރި އެތައް ނިއުޓްރިއެންޓެއް ލިއްބައިދޭ

ކޮފީ އަކީ ގިނަ އަދަދެއްގެ ނިއުޓްރިއެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ކޮފީގައި ހުންނަ ބައެއް މުހިންމު ނިއުޓްރިއެންޓްތަކުގެ ތެރޭގައި ރައިބޯފްލޭވިން، ޕެންޓޯތެނިކް އެސިޑް، މެންގަނީސް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ނައެސިން ހިމެނެއެވެ. ދުވާލަކު 3-4 ތަށި ކޮފީ ބޯ މީހަކަށް މި ނިއުޓްރިއެންޓްތައް ލިބޭ މިންވަރު އިތުރުވާނެ އެވެ.

5. ޓައިޕް 2 ޑައިބެޓީސް އިން ރައްކާތެރިކޮށްދޭ

ޓައިޕް 2 ޑައިބެޓީސް އަކީ ވަރަށް ބޮޑު ސިއްޙީ މައްސަލައެކެވެ. އެގޮތުން މުޅި ދުނިޔޭގައި އެކަމަށް ފަރުވާ ކުރަމުންދާ ގާތްގަނޑަކަށް 300 މިލިއަން މީހުން އެބަތިއްބެވެ. އެއީ އިންސުލިން ރެސިސްޓެންސް ނުވަތަ އިންސުލިން އުފައްދައި ނުދެވުމުގެ ސަބަބުން ހަކުރު މައްޗަށް ދިއުމުން ދިމާވާ މައްސަލައެކެވެ. ކޮފީ ބޯ މީހުންނަށް މި ބާވަތުގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ކޮފީ ބޯ މީހުންނަށް މި ބަލި ކެހުމުގެ ފުރުސަތު އެހެން މީހުންނާއި ބަލާފައި 23-50 އިންސައްތަ އަށް ކުޑަވެގެންދެއެވެ. ދާދިފަހުން 18 ދިރާސާއެއްގެ ޑޭޓާ އިން ފެނުނު ގޮތުގައި ދުވާލަކު އެއް ތަށި ކޮފީ ބުއިމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު 7% ކުޑަވެގެން ދެއެވެ.

6. އަލްޒައިމާސް ބަލިން ރައްކާތެރިކޮށްދޭ

އަލްޒައިމާސް ބައްޔަކީ އެންމެ އާންމު ނިއުރޯޑީޖެނެރޭޓިވް ބައްޔެވެ. އަދި ދުނިޔޭގައި ޑިމެންޝިއާ އިތުރުވުމުގެ މައިގަނޑު ސަބަބުވެސް މެއެވެ. މި ބައްޔަކީ އާންމުކޮށް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޖެހޭ ބައްޔެކެވެ. އަދި މިހާތަނަށް އަލްޒައިމާސް އަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މި ބަލި ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ދުޅަހެޔޮ ކެއުންބުއިމުގެ އާދަތައް ގެންގުޅުމާއި، ކަސްރަތު ކުރުން އަދި ކޮފީ ބުއިން ވެސް ހިމެނެއެވެ. ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް އަލްޒައިމާސް ޖެހުމުގެ ފުރުސަތު 65% އަށް ކުޑަވެގެން ދެއެވެ.

7. ޕާކިންސަން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

މިއީ އަލްޒައިމާސް އަށްފަހު ދެވަނަ އަށް އެންމެ އާންމު ނިއުރޯޑީޖެނެރޭޓިވް ބައްޔެވެ. މި ބަލި ޖެހެނީ ސިކުނޑީގައި ޑޯޕެމައިން ޖެނެރޭޓް ކޮށްދޭ ނިއުރޯންތައް މަރުވުމުގެ ސަބަބުންނެވެ.

އަލްޒައިމާސް އެކޭ އެއްފަދައިން މި ބައްޔަށް ވެސް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް 32-60% އާއި ދެމެދުގެ އަދަދަކަށް ޕާކިންސަންސް ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެހެންނަމަވެސް ޑީކެފް ކޮފީ ބޯ މީހުންނަށް ޕާކިންސަންސް ޖެހުމުގެ ފުރުސަތު ކުޑަވެގެން ނުދެއެވެ.

8. ލިވާ ރައްކާތެރިކޮށްދޭ

ލިވާ ނުވަތަ މޭގަނޑަށް އެންމެ އާންމުކޮށް ޖެހޭ ބަލިތަކަކީ ހެޕަޓައިޓިސް އަދި ފެޓީ ލިވާ ޑިޒީސް އެވެ. އޭގެ ސަބަބުން ކައިރޯސިސް އާއި ކުރިމަތިލާން ޖެހެއެވެ. ކައިރޯސިސް އަކީ ލިވާގައި ވަރަށް ބޮޑު ސްކާ ޓިޝޫއެއް އުފެދުމެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 4 ތަށި ކޮފީ ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯ މީހުންނަށް ކައިރޯސިސް ޖެހުމުގެ ފުރުސަތު 80% ކުޑަވެގެން ދެއެވެ.

9. ޑިޕްރެޝަން އާއި ހަނގުރާމަކޮށް އުފާވެރިކޮށްދޭ

ޑިޕްރެޝަން އަކީ ދިރިއުޅުމުގެ ކޮލިޓީ ދަށްކޮށްދޭ ވަރަށް ސީރިއަސް ނަފްސާނީ ބައްޔެކެވެ. އެގޮތުން މިވަގުތު އެމެރިކާގެ 4.1% މީހުން ދަނީ ކްލިނިކަލް ޑިޕްރެޝަން އާއި ހަނގުރާމަ ކުރަމުންނެވެ. ހާވާޑް އިން 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި 4 ތަށި ނުވަތަ އެއަށްވުރެ ގިނައިން ދުވާލެއްގެ މައްޗަށް ކޮފީ ބޯ އަންހެނުންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު 20% ކުޑަކޮށްދެ އެވެ. 208،424 މީހުންނާއިއެކު ކުރެވުނު އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 4 ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯ މީހުން އަމިއްލައަށް މަރުވުމުގެ ފުރުސަތު 53% ކުޑަވެގެން ދެއެވެ.

10. ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކެންސަރަކީ ދުނިޔޭގައި މީހުން މަރުވުމަށް ދިމާވާ އެންމެ ބޮޑު އެއް ބައްޔެވެ. އެއީ ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ ގިނައިން ހަށިގަނޑުގައި ސެލްތައް އުފެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެގޮތުން ކޮފީ އަކީ ޤަބޫލުކުރެވޭ ގޮތުގައި ލިވާ ކެންސަރު އަދި ކޮލޮރެކްޓަކް ކެންސަރުން ދިފާޢުކޮށްދޭ އެއްޗެކެވެ. ލިވާ ކެންސަރަކީ ތިންވަނައަށް އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދާ ކެންސަރުގެ ބާވަތެކެވެ. އެ ލިސްޓުގެ ހަތަރު ވަނައިގައި އޮންނަނީ ކޮލޮރެކްޓަލް ކެންސަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުންނަށް ލިވާ ކެންސަރު ޖެހުމުގެ ފުރުސަތު 40% ކުޑަވެގެން ދެއެވެ. އަދި 489،706 މީހުންނާއިއެކު ކުރެވުނު އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 4-5 ތަށި ކޮފީ ބޯ މީހުންނަށް ކޮލޮރެކްޓަލް ކެންސަރު ޖެހުމުގެ ފުރުސަތު 15% ކުޑަވެގެން ދެއެވެ.

11. ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކޮފީ ބުއިމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިއެއް ނުވެއެވެ. އޭގެ ބަދަލުގައި ކޮފީ ބުއިމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އާންމުކޮށް ބުނެ އުޅޭ ގޮތުގައި ކެފެއިންގެ ސަބަބުން ލޭ މައްޗަށް ދެއެވެ. އެއީ ތެދެކެވެ. އެހެންނަމަވެސް އެއީ އާންމުކޮށް ކޮފީ ބޯނަމަ ފޭދިގެންދާ އަސަރެކެވެ. އެހެންނަމަވެސް ބައެއް މީހުން ކޮފީ ބުއިން އާދަކުރިނަމަވެސް، މި މައްސަލައާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އާންމުކޮށް ލޭ މައްޗަށް ދާ މީހެއްނަމަ އެކަމާއިމެދު ވިސްނަން ވާނެއެވެ. އެހެންނަމަވެސް ކޮފީ ބުއިމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހޭ ކަމަށް ދިރާސާތަކުން ނުދައްކައެވެ. އޭގެ ބަދަލުގައި ދިރާސާތަކުން ދައްކާފައި ވަނީ ކޮފީ ބޯ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށެވެ. ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 20% ކުޑަވެގެން ދެއެވެ.

12. އުމުރު ދިގުކޮށްދިނުން

ކޮފީ ބޯ މީހުންނަށް ވަރަށް ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދިއުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި މީހާގެ އުމުރު ދިގުވުމުގައި އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންގެ އުމުރު ދިގުވެގެން ދެއެވެ.

13. ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ހިމެނިގެންވުން

ހުޅަނގުގެ ކެއުންބުއިމުގެ އާދަތަކަށް ޢަމަލުކުރާ މީހަކަށް އެންމެ ދުޅަހެޔޮ އެއްޗަކީ ކޮފީ އެވެ. އެއީ ކޮފީ ގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ހިމެނިގެން ވާތީއެވެ. އެގޮތުން ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މޭވާ އާއި ތަރުކާރީން ޖުމްލަކޮށް ލިބޭ އެންޓިއޮކްސިޑެންޓަށްވުރެ ކޮފީ އިން އެންޓިއޮކްސިޑެންޓްތައް ލިއްބައިދޭ މިންވަރު ގިނައެވެ. ކޮފީ އަކީ ދުނިޔޭގެ އެންމެ ދުޅަހެޔޮ އެއް ބުއިމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.