ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިޞްރުގެ 71 އަހަރުގެ އަންހެނަކު އިންތަނުން ނުތެދުވެ އިނދެ ޤުރުއާން ޚަތިމްކޮށްފި!

މިޞްރުގެ އުމުރުން 71 އަހަރުގެ އަންހެނަކު، ހިތުދަސްކޮށްފައިވާ މުޅި ކީރިތި ޤުރުއާން އެއް ދުވަސް ތެރޭގައި ކިޔަވައި ޚަތިމްކޮށްފިއެވެ.

މަނޫފިއްޔާ ގަވަރުނަރޭޓްގެ މައިތު ޝަހާލާ އަވަށަށް ނިސްބަތްވާ ޙާއްޖާ ސަނާ ޢަބްދުއްސައްތާރަކީ، ވަރުގަދަ އަޒުމާއި ކީރިތި ޤުރުއާނާ އޮތް ފުން ގުޅުމުގެ ނަމޫނާ މިސާލެކެވެ.

އޭނާ މުޅި ޤުރުއާން އެއް ދުވަހުން (އެއް އިށީނުމުން) ކިޔަވައި ނިންމާލާފައިވަނީ ފަތިސް ނަމާދުން ފެށިގެން އިރުއޮއްސި މަޣްރިބް ނަމާދާ ހަމައަށެވެ.

ތައުރީފު ހައްގު މި ކާމިޔާބީގެ ފަހަތުގައިވަނީ މީގެ އެތައް އަހަރުތަކެއް ކުރިން ފެށުނު ދިގު ދަތުރެކެވެ. ޙާއްޖާ ސަނާގެ އުމުރުން ވިހީގެ އަހަރުތަކުގައި ކީރިތި ޤުރުއާނަށް އުފެދުނު ލޯތްބާއެކު، ‘ޤުރުއާން ރޭޑިއޯ ސްޓޭޝަން’ ވެގެންދިޔައީ މި މާތް ފޮތް ހިތުދަސްކުރުމަށް އޭނާއަށް މަގުދެއްކި ވަޞީލަތަށެވެ.

ޙާއްޖާ ސަނާ ބަޔާންކުރި ގޮތުގައި އޭނާ ޤުރުއާން ހިތުދަސްކުރަން ފެށީ ޒުވާން އުމުރުގައެވެ. މި މަގު އިޚްތިޔާރުކުރީ މެދުނުކެނޑި ޤުރުއާން ރޭޑިއޯ އަޑުއެހުމުގެ ސަބަބުންނެވެ.

“މިއީ އިލާހީ ހަދިޔާއެއް. އަހަރެން ޤުރުއާން ހިތުދަސްކުރީ އުމުރުން ވިހީގެ ކުރީކޮޅުގައި. ޤުރުއާން ރޭޑިއޯ އަޑުއެހުމުގެ ސަބަބުން މި މާތް ފޮތަށް އަހަރެންގެ ހިތުގައި ލޯބިޖެހި، ހިތުދަސްކުރުމުގެ އަޒުމް ވަރުގަދަވި،” އޭނާ ކިޔައިދިނެވެ.

އޭނާ ޤުރުއާން ހިތުދަސްކުރަމުން ދިޔައީ ކައިވެނިކޮށް، ދަރިން ބެލެހެއްޓުމުގެ ޒިންމާތަކާ އެކުގައެވެ. ޙާއްޖާ ސަނާގެ ތިން ފިރިހެން ދަރިން ތިބެއެވެ. އެއީ މުޙައްމަދު (50 އަހަރު)، މަޙްމޫދު (45 އަހަރު) އަދި ފާމަސިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މުޞްޠަފާ (42 އަހަރު) އެވެ.

މިވެސް ކިޔާލަން:  ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން "އޯޕަން ޑޭ" އެއް ބާއްވަނީ

ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލެހެއްޓުމުގެ ބުރަ އުޅުމުގައިވެސް، އޭނާ އަބަދުވެސް ޤުރުއާނަށް ވަގުތު ހުސްކުރެވޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން ސޫރަތުއް ނަޙްލު އާ ހަމައަށް ހިތުދަސްކުރެވިފައި ވަނިކޮށް، ފިރިމީހާ ބަލިވުމުގެ ސަބަބުން އެ މަސައްކަތް މެދުކެނޑުނެވެ.

ފިރިމީހާ ބަލިވެއުޅުނު ހަ މަސްދުވަހު އޭނާއަށް އަޅާލުމަށްޓަކައި ޙާއްޖާ ސަނާ ޤުރުއާން ހިތުދަސްކުރުން މެދުކަނޑާލިއެވެ. ފިރިމީހާ ނިޔާވުމަށްފަހު ކުރިމަތިވި ހިތާމަވެރި ދުވަސްތަކުގެ ސަބަބުންވެސް މި ދަތުރަށް ބުރޫއެރިއެވެ.

އެހެންނަމަވެސް، މި މެދުކެނޑުމަކީ އެ ދަތުރުގެ ނިމުމެއް ނޫނެވެ. އެންމެ ފަހުން ޙާއްޖާ ސަނާ އަލުން ޤުރުއާނާ ގުޅި، ޤުރުއާން ހިތުދަސްކުރުމަށާއި މުރާޖަޢާކުރުމަށް އެހީތެރިވެދޭނެ ފަރާތެއް ހޯދިއެވެ.

ޙާއްޖާ ސަނާގެ މި ދަތުރަކީ ހަމައެކަނި ހިތުދަސްކުރުމެއް ނޫނެވެ. އޭނާ އަންނަނީ ތަފާތު އުމުރުފުރާތަކުގެ ވިއްސަށްވުރެ ގިނަ އަންހެނުންނާއެކު މުރާޖަޢާ ކުލާސްތަކުގައި ބައިވެރިވަމުންނެވެ. މި އަންހެނުން އެއްވެ އުޅެނީ މާތް اللهގެ ފޮތުން ހިތުދަސްކޮށްފައިވާ ބައިތައް ކިޔަވައި މުރާޖަޢާ ކުރުމަށެވެ.

އޭނާގެ އެކުވެރިންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ ނަމަވެސް، މުޅި ޤުރުއާން ހިތުދަސްކޮށްފައިވާ އަވަށްޓެރިއަކުވެސް ހިމެނެއެވެ. އެކަނބަލުންނަކީ اللهގެ ފޮތަށް އޮތް ލޯތްބެއްގެ ސަބަބުން ގުޅިފައިވާ، ނުހަނު ސަމާލުކަމާއެކު އާޔަތްތައް މުރާޖަޢާކުރާ ބަޔެކެވެ.

ޙާއްޖާ ސަނާގެ ޤުރުއާނުގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފަތިސް ނަމާދުން ފެށިގެން އިރުއޮއްސުމާ ހަމައަށް މެދުނުކެނޑި ކިޔަވައި، މުޅި ޤުރުއާން ހިތުން ކިޔަވައި ނިންމާލުމެވެ.

“އަހަރެމެން ކިޔެވީ މާ އަވަސްނޫން މެދުމިނުގެ ރާގަކަށް. އެކަމަށް މުޅި ދުވަސް ހޭދަވި،” ޙާއްޖާ ސަނާ ކިޔައިދިނެވެ.

މި ކާމިޔާބީއަކީ އޭނާގެ އަމިއްލަ ވިސްނުންތޫނުކަމުން ލިބުނު އެއްޗެއް ކަމަށް ބުނަން އޭނާ އިންކާރުކުރެއެވެ.

މިވެސް ކިޔާލަން:  މޯބައިލްފޯން ފަދަ ތަކެތީގައި ކީރިތިޤުރުއާން ގެންގުޅުމުގެ ޙުކުމަކީ ކޮބާ؟

އޭނާ ބުނި ގޮތުގައި:-

“މިއީ އަހަރެންގެ މޮޅުކަމެއް ނުވަތަ ބުއްދިވެރިކަމެއް ނޫން؛ މިއީ މާތް الله ގެ ތައުފީޤާއި އެހީތެރިކަން” ކަމަށެވެ.

2024 ވަނަ އަހަރު ޙާއްޖާ ސަނާއަށް ވަނީ ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައެވެ. މިއީ ޤުރުއާނަށް އޮތް ލޯތްބާއި الله އާ ކުއްތަންވުމަށް އޭނާ ކުރަމުންދާ ދަތުރުގައި ލިބުނު އިތުރު އުފާވެރިކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top