“އިރުއިރުކޮޅާ އޮޕަރޭޝަން ކުރަންޖެހޭ މި ދާއިރާގެ ތެރޭގައި ބަންދުވެފައި ހުރުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް. މީގެ ސަބަބުން ތިމާގެ އެއްވެސް ބާރެއް ނެތްކަމުގެ އިޙުސާސް ކުރެވޭ.” ނެޓަލީ ގްރީންވުޑް ކިޔައިދިނެވެ. އޭނާ ބުނާ ގޮތުގައި މި ބަލީގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމުގެ ސަބަބުން، ގިނަ ވަގުތު އޭނާއަށް އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް އުނދަގޫވެއެވެ.
އުމުރުން 36 އަހަރުގެ ގްރީންވުޑަކީ އެންޑޯމެޓްރިއޯސިސްގެ ސަބަބުން އުނަގަނޑުގައި ދާއިމީކޮށް ރިއްސުމާއި، އިންތިހާއަށް ވަރުބަލިވުމާއި، ސިކުނޑި ސާފުނުވުން ފަދަ އުނދަގޫތައް ތަހައްމަލު ކުރަމުންދާ މީހެކެވެ. މި އުނދަގޫތައް ކުޑަކުރުމަށްޓަކައި ކޮންމެ މަދު އަހަރުތަކަކުން އޭނާ އޮޕަރޭޝަނެއް ކުރަންޖެހެއެވެ.
އޭނާ ފާހަގަކުރާ ގޮތުގައި އޮޕަރޭޝަނަށް ބަރޯސާވުމުގެ އޮތް މައްސަލައަކީ ހަމައެކަނި ހަށިގަނޑަށް ލިބޭ ގެއްލުމާއި އޮޕަރޭޝަނަށްފަހު ފަސޭހަވާން ނަގާ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އޮޕަރޭޝަނުން ލިބޭ ލުޔަކީ ނުވަތަ ތަދު ކެނޑުމަކީ ވަރަށް ކުރު މުއްދަތެއްގެ ކަމަކަށް ވުމެވެ.
ދާއިމީކޮށް އުނަގަނޑުގައި ރިއްސާ ބަލިމީހުންނަށް އޮޕަރޭޝަނާއި ހޯރމޯން ބޭސްތައް ބޭނުންކޮށްގެން ކުރާ ފަރުވާއާމެދު އިތުބާރު ނެތީ ހަމައެކަނި ގްރީންވުޑްގެ އެކަންޏެއް ނޫނެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގެ އެން.އެޗް.އެސް އިން އާންމުކޮށް ބޭނުންކުރާ މި ދެގޮތް އެކުލެވޭ ފަރުވާއިން، އަންހެން ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރަކަށް މާބޮޑު ކުރިއެރުމެއް ނާދެއެވެ.
ގްރީންވުޑަށް އެންޑޯމެޓްރިއޯސިސް ހުރިކަން އެނގުނީ މީގެ 13 އަހަރު ކުރިން ޔުނިވަރސިޓީ ނިމުނުތަނާހެންނެވެ. މިއީ ރަހިމުގެ އެތެރެއިން ފެންނަ ޓިޝޫއާ އެއްގޮތް ޓިޝޫތަކެއް، ރަހިމުން ބޭރުގައި، ޚާއްސަކޮށް އުނަގަނޑުގެ ވަށައިގެންވާ ހުސްތަންތަނުގައި އުފެދި، އޭގެ ސަބަބުން ދުޅަވުމާއި ތަދު އުފެދޭ ބައްޔެކެވެ.
ވެސްޓް ޔޯކްޝަޔަރގެ ލެންގުއޭޖް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ގްރީންވުޑް މިހާތަނަށް ތިން ފަހަރު އޮޕަރޭޝަން ކޮށްފިއެވެ. އެއީ އޭނާގެ އުމުރުން 23، 28 އަދި 32 އަހަރުގައެވެ. ފުރަތަމަ ދެ ފަހަރު ކުރީ “އެބްލޭޝަން” ނުވަތަ ހޫނު ނުވަތަ ފިނި ބޭނުންކޮށްގެން އެ ޓިޝޫތައް ނައްތާލުމުގެ އޮޕަރޭޝަނެކެވެ. ފަހު ފަހަރު ކުރީ “އެކްސިޝަން” ނުވަތަ ކޮށައިގެން އެ ބައިތައް ނެގުމުގެ އޮޕަރޭޝަނެކެވެ.
“އޮޕަރޭޝަނުގެ ސަބަބުން މަދު އަހަރުތަކަކަށް ތަދު ކުޑަވޭ. އެކަމަކު އޮޕަރޭޝަނަށްފަހު ދުވަހަކުވެސް މުޅިން ފަސޭހަވިކަމުގެ އިޙުސާސެއް ނުކުރެވޭ.” އޭނާ ބުންޏެވެ. “އަދި އޮޕަރޭޝަންތަކުގެ ދެމެދުގައިވެސް ހޯރމޯން ކޮއިލް ލެއްވުން ނުވަތަ ކެމިކަލް މެދުވެރިކޮށް މެނޯޕޯޒް (އިއްދައިން ކެނޑުން) އަށް ދިއުން ފަދަ ހޯރމޯން ފަރުވާތައް ހޯދަންޖެހޭ. އެކަމުގެ ސަބަބުން ހޯރމޯންތައް ހުއްޓުވައިގެން ބަލި ކޮންޓްރޯލް ކުރެވުނަސް، ބަލި ދަނީ އިތުރަށް ބޮޑުވަމުން. އެހެންވީމާ ކުޑަ ދުވަސްކޮޅަކަށް ލުޔެއް ލިބުނަސް، އަބަދުވެސް އެ ބަލި ހަށިގަނޑުގައި ހުރޭ.”
އޮޕަރޭޝަނަށް ފަހުވެސް، ތަދު ކުޑަކުރުމަށްޓަކައި ޓެންސް މެޝިނާއި، ޕެޕަރމިންޓް ސައި، ފިނިކުރާ ޕެޗް، ހޫނު ފެން ފުޅި އަދި ސީ.ބީ.ޑީ ތެޔޮ ފަދަ ތަކެތި ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ
އެންޑޯމެޓްރިއޯސިސްއަކީ ދުނިޔޭގެ އަންހެނުންގެ 6 އިންސައްތައާއި 27 އިންސައްތައާ ދެމެދުގެ އަދަދަކަށް ދިމާވާ، އުނަގަނޑުގައި ދާއިމީކޮށް ރިއްސުމުގެ މައިގަނޑު އެއް ސަބަބެވެ. މީގެ އިތުރުން ވުލްވޮޑީނިއާ އަދި ކުޑަކަމުދާ ނިޒާމުގެ ތަދުތަކަކީވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
“އޮޕަރޭޝަނަކީ އަހަންނަށް ލިބުނު ފުރިހަމަ ހައްލެއް ނޫން. އަދި ގިނަ ބަޔަކަށް އެއީ ހައްލެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. އޮޕަރޭޝަނުން ކުއްލިއަކަށް މުޅިން ރަނގަޅެއް ނުވޭ. ކޮންމެ ފަސް އަހަރަކުން އޮޕަރޭޝަން ކުރަމުން ދިރިއުޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން. އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން.” ގްރީންވުޑް ބުންޏެވެ.
ގްރީންވުޑްގެ ފަސް އަހަރުގެ ފިރިހެން ކުއްޖަކު ހުރި ނަމަވެސް، އޭނާ ބޭނުންވަނީ އިތުރު ދަރިއަކު ހޯދާށެވެ. އެކަމަކު މި ބަލީގެ ސަބަބުން ދަރިމައިވުމަށް ހުރަސްއެޅިފައިވާތީ، އޭނާ ވަނީ އައި.ވީ.އެފް ހަދަން ނިންމާފައެވެ.
އެ ފަރުވާގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އޭނާ އެއްކަމެއްގައި ޔަޤީންކަން އެބައޮތެވެ. “އަހަރެން ދެން އޮޕަރޭޝަނެއް ނުކުރާނަން. ކޮންމެ ފަސް އަހަރަކުން އޮޕަރޭޝަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އައި.ވީ.އެފް އަށްފަހު، އަހަރެން ރަހިމާއި ބިސް ނަގާނީ. އޭރުން ބަލިން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ ކަމަށް އުންމީދު ކުރަން.”
މެންޗެސްޓަރ މެޓްރޯޕޮލިޓަން ޔުނިވަރސިޓީގެ ހެލްތު ފިސިކޮލޮޖީ ރީޑަރ، ޑރ. ޖޭސްމިން ހިއާން ވިދާޅުވި ގޮތުގައި، މިހާރު ހުރި ފަރުވާތަކުން ތަދު ކުޑަނުވާތީ ބަލިމީހުން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ.
“އުނަގަނޑުގައި ރިއްސުމަކީ ބޭރުފުށުން ފެންނަން ހުންނަ ކަމަކަށް ނުވިޔަސް، އޭގެ އަސަރު ވަރަށް ބޮޑު. އަހަރެމެންގެ ހޯދުންތަކުން އެނގޭ ގޮތުގައި، ހަމައެކަނި އޮޕަރޭޝަނާއި ހޯރމޯން ބޭސް ބޭނުންކުރާ އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު ދަށް. ނަމަވެސް ފަރުވާގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ހިމަނާފައިވާނަމަ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު.” އޭނާ ވިދާޅުވިއެވެ.
މި ދިރާސާގައި ބައިވެރިވި 18 އަހަރާއި 66 އަހަރާ ދެމެދުގެ 147 އަންހެނުން ބުނި ގޮތުގައި، މި ތަދުގެ ސަބަބުން އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.
ދިރާސާއިން ދެއްކި ގޮތުގައި، އޮޕަރޭޝަން ކުރުމަކީ ޖިސްމާނީ ދިރިއުޅުމުގެ ފެންވަރު ދަށްވާ ކަމެކެވެ. އަދި ހަމައެކަނި ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ދިރިއުޅުމުގެ ފެންވަރު ދަށްވާ ކަމެކެވެ.
އޭގެ ބަދަލުގައި، ފަރުވާގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ހޯދާ އަންހެނުން ބުނީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކަމަށެވެ. ޑރ. ހިއާން އިތުރަށް ވިދާޅުވީ، މިކަމުގެ ނަތީޖާ ރަނގަޅުކަމުން، މިފަދަ ތަދުތައް ހުންނަ ހުރިހާ އަންހެނުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އެޑިންބަރާ ޔުނިވަރސިޓީގެ ކްލިނިކަލް ލެކްޗަރާ، ޑރ. ލޫސީ ވިޓޭކަރ ވެސް މިކަމަށް އެއްބަސްވެވަޑައިގަންނަވައެވެ. އޭނާ ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ރިޕޯޓްތަކުގައިވެސް މި ލަފާ ދީފައިވެއެވެ.
“އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަކީ ނަފްސާނީ ގޮތުން ބޮޑު ބުރައެއް އުފުލަންޖެހޭ ކަންކަން. އެހެންކަމުން ބޭސްވެރިކަމުގެ ފަރުވާއާއެކު ނަފްސާނީ އެހީތެރިކަން ދިނުމަކީ، ވަސީލަތްތައް މަދު މި ބައްޔަށް ފަރުވާކުރުމުގައި ގެންގުޅެވޭނެ ފުރިހަމަ ގޮތެއް.” ޑރ. ވިޓޭކަރ އިތުރަށް ވިދާޅުވިއެވެ.
އެން.އެޗް.އެސް އިންގްލޭންޑްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އުނަގަނޑުގައި ދާއިމީކޮށް ރިއްސުމަކީ އަންހެނުންގެ ދިރިއުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. އެހެންކަމުން، ޖިސްމާނީ ފަރުވާގެ ތެރޭގައި ތަދު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ނަފްސާނީ މާހިރުންގެ ޚިދުމަތް މިހާރު ވަނީ ހިމަނާފައެވެ. އަދި ދިގުމުއްދަތުގެ ބަލިތައް ތަހައްމަލުކުރާ އަންހެނުންނަށް، އެން.އެޗް.އެސްގެ ނަފްސާނީ ފަރުވާގެ ޚިދުމަތްތަކަށް އަމިއްލައަށް އެދުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
