ކަމަކަށް ތައްޔާރުވާއިރު ނުވަތަ ޕްރެޒެންޓޭޝަނެއް ދޭން ހުންނައިރު ހިތުގެ ތެޅުން އަވަސްވެ، މޭބޮޑުވާނަމަ އާންމުކޮށް ދޭ ނަސޭހަތަކީ ފުންކޮށް ނޭވާލުމެވެ. ނަމަވެސް، ހާސްކަމާއި ފިއްތުންތަކާ ކުރިމަތިލާއިރު އަހަރެމެންގެ ހަށިގަނޑުން އިޖާބަދޭ ގޮތަށް ބަދަލު ގެނެސްދޭނެ އެހެން ގުނަވަނަކަށް ސައިންސްވެރިން މިހާރު ދަނީ ސަމާލުކަން ދެމުންނެވެ. އެއީ “ވޭގަސް ނާރު” އެވެ.
“ވޭގަސް ނާރު” ނުވަތަ “ކްރެނިއަލް ނާރވް X” އަކީ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމްގެ މައިގަނޑު ބައެކެވެ. މިއީ ހިތުގެ ތެޅުމާއި، ހަޖަމުކުރުމާއި، ހާސްކަމުން ހަށިގަނޑު އަރައިގަތުމަށް އެހީތެރިވެދޭ ނިޒާމެވެ. މި ނާރު ސިކުނޑިން ފެށިގެން ކަރުގެ ތެރެއިން ގޮސް، މޭމައްޗާއި ބަނޑާ ހަމައަށް ދެމިފައިވެއެވެ.
މުހިންމު ކަމަކީ، ކަރުތެރެއާއި ކަރުގެ މަސްތައް ކޮންޓްރޯލް ކުރުމުގައި ވެސް ވޭގަސް ނާރު ބައިވެރިވާ ކަމެވެ.
2021 ވަނަ އަހަރު “ނިއުރޯސާޖިކަލް ރިވިއު” ގައި ޝާއިއުކުރި ދިރާސާއަކުން އެނގޭ ގޮތުގައި، ކަރުތެރޭގެ މަސްތަކަށް ވޭގަސް ނާރާއި ގްލޯސޯފެރިންޖިއަލް ނާރުގެ އެހީތެރިކަން ލިބެއެވެ. އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގެ ލިޔުންތަކުގައި ވެސް ކަރުގެ މަސްތަކަށް ހަކަތަ ފޯރުކޮށްދިނުމުގައި މި ނާރު އަދާކުރާ ދައުރު ބަޔާންކޮށްފައިވެއެވެ.
މި ގުޅުމުގެ ސަބަބުން ގާގަލް ކުރުމާއި، މަޑުމަޑުން ލަވަކިޔުމާއި، އަދި ވަކި ހަމައަކުން ނޭވާލުން ފަދަ ކަންކަމަކީ ނާރުތަކުގެ ނިޒާމަށް ބަދަލު ގެނައުމަށް ކުރެވިދާނެ ކަންކަން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް، ސައިންޓިފިކް ގޮތުން ވެދާނެ ކަމަށް ބެލެވޭ ކަންކަމާއި، ހަޤީޤަތުގައި ސާބިތުވެފައިވާ ކަންކަމާ ދެމެދު ބޮޑު ތަފާތެއް އެބައޮތެވެ.
ގާގަލް ކުރުމުން ވޭގަސް ނާރު “ހަރަކާތްތެރި” ކޮށްދޭ ހެއްޔެވެ؟
ގާގަލް ކުރުމަކީ ދޫ، ތަލި، އަދި ކަރުތެރޭގެ މަސްތައް އެކުއެކީގައި މަސައްކަތް ކުރަންޖެހޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން މަސްތަކަށް ހަރަކާތްތެރިކަން އާދެއެވެ.
“ޖާނަލް އޮފް ވޮއިސް” ގައި ޝާއިއުކުރި ދިރާސާއެއްގައި 20 މީހަކު ލައްވައި އެއް މިނެޓު ވަންދެން ގާގަލް ކުރުވިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ކަރުގެ މަސްތަކަށް ވަގުތުން ބަދަލުތަކެއް އައިސް، އަޑުލާން ފަސޭހަވި ކަމަށް ބައިވެރިން ބުންޏެވެ. އެހެންނަމަވެސް، ގާގަލް ކުރުމުގެ ސަބަބުން ހާސްކަން ކުޑަވާކަމެއް ނުވަތަ ވޭގަސް ނާރު މެދުވެރިކޮށް ހަށިގަނޑަށް ހަމަޖެހުން ލިބޭކަމެއް މި ދިރާސާއަކުން ސާބިތެއް ނުވެއެވެ.
މި ތަފާތު ދެނެގަތުން މުހިންމީ، ސޯޝަލް މީޑިއާގައި ބައެއް ފަހަރު ގާގަލް ކުރުމަކީ ނާރުތަކުގެ ނިޒާމު “ރީސެޓް” ކުރުމަށް ސާބިތުވެފައިވާ ކަމެއް ކަމަށް ބުނާތީއެވެ. ނަމަވެސް މިއީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ.
ވޭގަސް ނާރަށް ބޭރުން ކަރަންޓު ސިގްނަލް ދީގެން ކުރާ ދިރާސާތައް ދަނީ އިތުރުވަމުންނެވެ. ޗައިނާގެ ސައިންސްވެރިން ހެދި ދިރާސާއެއްގައި، އޮޕަރޭޝަނުގެ ކުރިން ކުރިމަތިވާ ހާސްކަން ކުޑަކުރުމަށް މިފަދަ އާލާތްތައް ބޭނުންކޮށްގެން ރަނގަޅު ނަތީޖާއެއް ލިބިފައިވާކަން ފާހަގަކުރިއެވެ. ނަމަވެސް، މިއީ ހަމައެކަނި ފެނުން ގާގަލް ކުރުމެއް ނޫނެވެ. މިއީ ޚާއްސަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ކަންކަމެވެ.
ވީމާ، ގާގަލް ކުރުމުން ފައިދާއެއް ވެދާނެ ހެއްޔެވެ؟
ވެދާނެއެވެ. ނަމަވެސް ސީދާ ކިހާވަރެއްގެ ފައިދާއެއް ކަމެއް، ކިހާ ވަގުތަކަށް ވާނެކަމެއް ސައިންސްވެރިންނަކަށް އަދި ބުނާކަށް ނޭނގެއެވެ.
ގާގަލް ކުރުމުން ހަމަޖެހުން ލިބެނީ ކަރުގެ މަސްތަކަށް އަންނަ ބަދަލަކުން ނުވަތަ ނޭވާލާ ގޮތަށް އަންނަ ބަދަލަކުން ކަމަށް ވެދާނެއެވެ. ނުވަތަ އެއީ ހާސްވާ ކަންކަމުން ސަމާލުކަން އަނބުރާލައި، އަމިއްލަ ހަށިގަނޑަށް ސަމާލުކަން ހުއްޓޭތީ ވާކަމަކަށް ވެސް ވެދާނެއެވެ.
ގާގަލް ކުރުމުން ހަމަޖެހުން ލިބޭ ކަމަށް ޤަބޫލުކުރާ މީހަކަށް، ފެނުން މަޑުމަޑުން ގާގަލް ކުރުމަކީ ގެއްލުމެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް ބާރަށް ނުވަތަ އަނިޔާވާ ގޮތަށް ގާގަލް ކުރުމުން އިތުރު ފައިދާއެއް ވާކަމުގެ ހެއްކެއް ނެތެވެ. އަދި ނޭވާ ހާސްވާ ވަރަށް ނުވަތަ ކަރުގައި އެއްޗެއް ތާށިވާ ވަރަށް މިކަން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އެންމެ ސައްޙަ ނަތީޖާއަކީ މިއެވެ. ކަރުތެރެއާއި ވޭގަސް ނާރާ ގުޅުން ހުރި ނަމަވެސް، އާދައިގެ ގޮތަކަށް ގާގަލް ކުރުމަކީ ހާސްކަމަށް އޮތް ފަރުވާއެއް ނުވަތަ ނާރުތަކުގެ ނިޒާމު “ރީސެޓް” ކުރާ ކަމެއްކަން ސައިންޓިފިކް ގޮތުން އަދި ސާބިތެއް ނުވެއެވެ. އެހެންނަމަވެސް، މިއީ ހާސްވާ ވަގުތުތަކުގައި ހަށިގަނޑަށް ސަމާލުކަން ދިނުމަށް ކުރެވިދާނެ ފަސޭހަ ކަމެކެވެ. ސައިންސްވެރިން އަދިވެސް ދަނީ މިފަދަ ގުޅުންތައް ދިރާސާ ކުރަމުންނެވެ.
މިއީ ސިއްޙީ ލަފައެއް ނޫނެވެ. ދާއިމީކޮށް ހާސްވުން، މޭގައި ރިއްސުން، ހިތުގެ ތެޅުން އާދަޔާ ޚިލާފަށް އަވަސްވުން ނުވަތަ ނޭވާލާން އުނދަގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެއެވެ.
