ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ ތިން މެޗުން ގައްދޫ ބަލިވެއްޖެ
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ގައްދޫ، ދިވެހި ޕްރިމިއާރ ލީގު 2026/2027 ގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެއްޖެ އެވެ. މުބާރާތުގައި މިހާތަނަށް އެ ޓީމުން ތިން މެޗު ކުޅެފައިވާއިރު، ތިން މެޗު ވެސް ކުޅެފައި ވަނީ އަމިއްލަ ރަށުގަ އެވެ.

ފުރަތަމަ މެޗުގައި ދިވެހި ފުޓްބޯޅައިގެ ގަދަބާރު ނިއުރޭޑިއަންޓް ކައިރިން 2-0 އިން ގައްދޫ ބަލިވިއިރު އެ މެޗުގައި ގައްދޫން ވަނީ އުންމީދީ ކުޅުމެއް ދައްކާފަ އެވެ. ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދައި ނިއުރޭޑިއަންޓްގެ ފަހަތަށް ބާރުބޮޑުކޮށް ގޯލަށް ނުރައްކާ ވެސް ކޮށްފަ އެވެ.

ދެވަނަ މެޗުގައި ގައްދޫ ބައްދަލުކުރީ ޓީސީއާ އެވެ. ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ގައްދޫން ދެއްކި އެވެ. އަދި ޓީސީން މެޗުގެ ކުރީކޮޅު ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މި މެޗުން ގައްދޫ ބަލިވީ ފަހު ވަގުތު ޓީސީން ޖެހި އިތުރު ލަނޑާއިއެކު 4-2 އިން ނެވެ. އެހެން ވިސްނުމަކުން ބަލާނަމަ ފުރަތަމަ މެޗެކޭ އެއްގޮތަށް ދެ ލަނޑުގެ ތަފާތުން ނެވެ.

ތިންވަނަ މެޗުގައި ގައްދޫ ބައްދަލުކުރީ އީގަލްސްއާ އެވެ. އިއްޔެ ހަވީރު ގައްދޫ ދަނޑުގައި ކުޅުނު މި މެޗުން ވެސް ގައްދޫ ބަލިވީ، ކުރިން ދެ މެޗުގައި ފެނުނު ތަފާތު ނަތީޖާއިން ނެވެ. ކުރިން ދެ މެޗަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ގައްދޫން ދެއްކިއިރު، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ހޯދި އެވެ.

މިވެސް ކިޔާލަން:  ދިވެހި ޕްރެމިއާ ލީގު ހަފްތާ 17 އަށް ކަޅިއެއް

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ގައްދޫ ކޮޅަށް އީގަލްސްއިން މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ 68 ވަނަ މިނިޓްގައި އިސްމާއިލް އީސާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު އީގަލްސްގެ ކުޅުންތެރިއަކަށް ކުޅެލުމަށްފަހު ދެވަނަ ފަހަރަށް ހޯދައި އޭރިޔޭގެ އަރިމަތިން ވަދެ މަތިމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ބޯޅަ ގޯލަށް ވަނީ ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ގައްދޫ ކީޕަރުގެ އަތުގައި ޖެހިފަ އެވެ.

އީގަލްސްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު ޖައިލަމް އެވެ. މެޗުގެ ފަހުކޮޅު ބަދަލަކަށް ކުޅެން ނުކުތް ޖައިލަމް މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން ނުކުތް އާކިފް ބިން މުޙައްމަދު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހިލައި މަތިމަތިން ގޯލު ކުރިމައްޗަށް އާކިފް ނަގައިދިން ހުރަސް ޖައިލަމް ގޯލުގެތެރެއަށް ފޮނުވާލީ ބޮލުން ނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް، ލަނޑުގެ ތަފާތުން އީގަލްސް ވަނީ ލީގުގެ ދެވަނައަށް ޖެހިލާފަ އެވެ. އެއްވަނައިގައި އޮތް ވިކްޓަރީ އާއި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

މިވެސް ކިޔާލަން:  ޕޯޗުގަލްގެ އަންހެން ޓީމަށް "މާކިއުރިއަލް ޑްރީމް ސްޕީޑް" ބޫޓް ރޮނާލްޑޯ ހަދިޔާކޮށްފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ އިސްމާއިލް އީސާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top