“މަޖުބޫރު ހިތުގެ ޚިޔާލުގާ، “މަޖުނޫނު“ ފަދައިން ވޭނުގާ
މަހުބޫބް ދެއްވި އަޒާބުގާ، މަރުނޫން އެހެން އަސަރެއް ނެތޭ”
ދިވެހި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރު، ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ (ނަހޫ)ގެ އެންމެ ފަހުގެ އަސަރުގަދަ ލޯބީގެ ފިލްމު “މަޖުނޫނު“ގެ ޓްރެއިލާ ފެށިގެން އަންނަނީ މި އަސަރުގަދަ އަދި އެހާމެ ފުން ޅެންބައިތުންނެވެ. ދެން ފެނިގެންދަނީ ޅެންބައިތަށް ވުރެންވެސް އަސަރުން ފުރިފައިވާ މަންޒަރުތަކެކެވެ.
މިއީ ލޯބީގެ ސަބަބުން ހިތަށް ލިބިފައިވާ ބޮޑު ކެކުޅުމާއި، މަޖުނޫނު ފަދައިން މޮޔަވާ ހިސާބަށް ގޮސް، އެންމެ ފަހުން މަރު ނޫން އެހެން ސަލާމަތްކަމެއް ނެތްކަން ވަރަށް ފުރިހަމައަށް ސިފަކޮށްދޭ ވޭނީ ބައިތެކެވެ. މި ބައިތާއެކު ދައްކާލި ކުރު ޓްރެއިލާއިން ފެނިގެންދަނީ ލޯބީގެ ހިތްދަތި، އެހާމެ އަސަރުން ފުރިގެންވާ މަންޒަރުތަކެކެވެ. މުޅި ގައިން ހީބިހި ނަގައި، ލޯލިތައް ކޮޅަށް ޖެހިގެންދާ ފަދަ ވަރުގަދަ މަންޒަރުތަކަކާއި ޖަޒުބާތުތަކެއް މި ޓްރެއިލާއިން ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ.
ޓްރެއިލާއަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ނަހުލާ ބުނެފައިވަނީ، ޓްރެއިލާ ބެލި މީހުންގެ 90 އިންސައްތަ މީހުން ބުނެފައިވަނީ ހަމަ އަސްލަށްވެސް، މުޅި ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށެވެ. އަދި ގިނަ ބަޔަކު ވަނީ މިއީ އޭނާގެ ފިލްމަކުން މިހާތަނަށް ފެނުނު އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމަ ޓްރެއިލާ ކަމަށްވެސް ފާހަގަކޮށްފައެވެ.
ނަހޫގެ ފުރިހަމަ އިރުޝާދާއެކު ޑައިރެކްޓަރު މުޙައްމަދު ފައިސަލް ކޮށްފައިވާ މޮޅު މަސައްކަތުން، މި ފިލްމުގައި ހިމެނޭ ތަރިންގެ އެކްޓިންގެ މުޅިން ތަފާތު “އެހެން ލެވެލް” އެއް ފެނިގެންދެއެވެ. ކެރެކްޓާތަކުގެ ރުއިމާއި، ހިތާމައާއި، ރުޅިވެރިކަމުގެ އިތުރުން ލޯބީގެ މާޔޫސްކަން އެ ތަރިން ދައްކުވައިދީފައިވަނީ ބެލުންތެރިންގެ ހިތްތަކަށް އަސަރުކުރުވާ ފަދަ މޮޅު ހުނަރަކާއެކުގައެވެ.
ޓްރެއިލާ ރިލީޒްކުރުމާއި ފިލްމުގެ ލަވަތައް ރިލީޒްކުރުމަށް އަށްޑިހައިގެ ވައިބާއެކު ރޭ އޮލިމްޕަހުގައި ބޭއްވި އިވެންޓުގައި މި ފިލްމުގެ ހިތްގައިމު ލަވަތައް އިއްވާލާފައިވެއެވެ.
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ “މަޖުނޫނު“ގެ މި ޓްރެއިލާއިން ދައްކުވައިދެނީ، މި ފިލްމަކީ ދިވެހި ސިނަމާއަށް އަނެއްކާވެސް ބޮޑު ލޮޅުމެއް ގެނުވާނެ، ލޯބީގެ ހިތްދަތި ރީތި ވާހަކައެއް ބުނެދޭނެ ފިލްމެއް ކަމެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ ފިލްމު “މަޖުނޫނު“ ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.
ފިލްމުގެ ޓިކެޓް ބުކިންއަށް މިއަދު ހުޅުވާލާފައިވާއިރު، 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.
