ތަކުރާރުވަމުންދިޔަ ހުވަފެންތައް
އާޝިޔާގެ ވަށައިގެން ހިނގަމުންދާ ކަންކަން ރަނގަޅަށް ދެނެގަތުމުގެ ނުވަތަ އެކަމަށް އިޚުތިޔާރުގައި އެއްބަސްވުމުގެ ޤަބިލުކަން ނެތް ހާލަތަކަށް އޭނާ ވައްޓާލެވޭނެ ކަމެއް އޭނާއަށް ނޭނގެއެވެ. އޭނާ ތައްޔާރުކުރި މެޑިކަލް ލިޔެކިޔުންތަކަކީ މާ ބޮޑު އޮޅުވާލުމެއްގެ ބައެއްކަން އޭނާއަށް ނޭނގެއެވެ. އަދި އެންމެ ބޮޑު ކަމަކީ، އާޝިޔާގެ ހަނދާނުގައި ނެތް ކަމެއް ފޮރުވުމަށްޓަކައި އޭނާގެ މި އެހީތެރިކަން ބޭނުންކުރެވޭނެ ކަމަކަށް އޭނާ ދުވަހަކުވެސް ހީނުކުރެއެވެ.
ޑރ. ޝަހުދާ އޭނާގެ ލޯ މަރާލިއެވެ. އެރޭގެ ހަނދާންތައް އެހެން ރޭރެއާ ތަފާތެވެ. އާޝިޔާ އައިއިރު ހުރީ ވަރަށް ބޮޑަށް ހާސްވެ، ބަލިކަށިވެފައިކަން އޭނާ ހަނދާންވެއެވެ. އޭނާ އެތަނަށް ގެނައީ ކީއްވެގެންތޯ އާޝިޔާ ސުވާލުކުރި ހަނދާން ވެސް ވެއެވެ. އެކަމުގެ ތެރެއަށް ނުވަނުމަށް ހަމްދާން އޭނާ ގާތު ބުނި ހަނދާން ވެއެވެ. ކޮރިޑޯ ތެރޭގައި ޒޯޔާ ރޮމުން ދިޔަ ހަނދާން ވެއެވެ. އަދި އެންމެންނާ ދުރުގައި، ހިނގަމުންދާ ކަންކަމާމެދު ހިތްހަމަނުޖެހިފައި ނަޖުމީ ހުރި މަންޒަރު އޭނާ ހަނދާންވެއެވެ.
އެއް ފަހަރަކު ޝަހުދާ، މިކުރާ ކަމުގެ މަޢުލޫމާތު އާޝިޔާއަށް އެނގޭތޯ ހަމްދާން ގާތު އެހިއެވެ. އޭނާ ދިން ޖަވާބަކީ “ވަގުތު ޖެހުމުން އޭނާއަށް އެނގޭނެ.”
އެ ޖުމްލައިން އޭރުވެސް އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް އޭނާ ހުރީ ހިމޭނުންނެވެ. ވަޒީފާގެ އިންތަކަކީ އުޒުރަކަށް ހެދިއެވެ. ރަހުމަތްތެރިކަމަކީ އެކަން ދިފާއުކުރާނެ ސަބަބަކަށް ހެދިއެވެ. އަދި ސިއްރު ހިފެހެއްޓުމަކީ އެންމެން ފޮރުވިގެން ތިބި އައްޑަނައަކަށް ވިއެވެ.
ޑރ. ޝަހުދާ އެހެން ފައިލެއް ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ އަސްލު މެޑިކަލް ރެކޯޑެވެ. އޮޅުވާލައިގެން ހެދި ފައިލް އޮތީ އޭގެ ދަށުގައެވެ. އޭނާ އެ ދެ ފައިލް އަޅާކިޔައިލިއެވެ. އޭގައި ހުރި ތަފާތުތައް ކުޑަ ނަމަވެސް، އެއީ ގަސްތުގައި ކޮށްފައިވާ ކަންކަމެވެ.
ތާރީޚުތަކެވެ. ކުރި ކަންތައްތަކުގެ ތަފްސީލެވެ. ހުއްދަ ދިން ކަމުގެ ލިޔުންތަކެވެ. އެހީތެރިވި މީހާ (ޑޯނަރ) ދެނެގަންނަ ބައެވެ. ހުރިހާ ކަމެއް ބަދަލުކޮށްފައިވަނީ އެއީ އާންމު މެޑިކަލް މަރުހަލާއެއްގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް އެއްވެސް ބަދަލެއް ނުގެންނަ އެއް ކަމެއް އޮތެވެ. އާޝިޔާގެ ލޭގެ ގުރޫޕެވެ.
މިހާރު ކުރިއަށްދާ ޑީ.އެން.އޭ ތަހުޤީޤާމެދު އޭނާ ބިރުގަންނަނީ އެހެންވެއެވެ. މިހާރު އެ ޑީ.އެން.އޭ ސާމްޕަލަށް ބަދަލެއް ގެނެސްފައިވާނަމަ، އެމީހުން އެ މަސައްކަތް ކުރަނީ ހަމައެކަނި ސިދުރާގެ އަސްލު ބައްޕައަކީ ކާކުކަން ފޮރުވާކަށް ނޫނެވެ. އެމީހުން މަސައްކަތް ކުރަނީ ކުރީގެ ދޮގުތައް ދެމެހެއްޓުމަށެވެ.
ޑރ. ޝަހުދާ އޭނާގެ ފޯނު ނެގިއެވެ. ފަހަކަށް އައިސް ވާހަކަ ނުދެއްކި ނަމަވެސް، އޭނާ ވަނީ ހަމްދާންގެ ނަންބަރު އެތައް އަހަރެއް ވަންދެން ފޯނުގައި ރައްކާކޮށްފައެވެ. އެއް ފަހަރު، އާދަވެފައި ހުރި ގޮތަށް އެ ނަންބަރަށް ގުޅަން އޭނާ އުޅުނެވެ. ދެން އޭނާ ހަނދާންވިއެވެ. ހަމްދާން ވަނީ މަރުވެފައެވެ. އޭގެ ބަދަލުގައި އޭނާ ފޯނުގެ ކޮންޓެކްޓް ލިސްޓު ހުޅުވާލިއެވެ. އޭގައި އެހެން ނަންބަރެއް އޮތެވެ. ނަޖުމީއެވެ. އޭނާގެ އިނގިލި އެ ނަންބަރު މަތީގައި މަޑުޖެހުނެވެ. އޭނާ ގުޅަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެހެން ހަދައިފިނަމަ، އެ ސިއްރުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް އިންކާރު ނުކުރެވޭނެކަން ވެސް އޭނާއަށް އެނގެއެވެ.
ގޮތެއް ނިންމުމުގެ ކުރިން، އޭނާގެ ފޯނުގެ ސްކްރީނަށް މެސެޖެއް އައެވެ. އެއީ ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ. “އޭނާއަށް ހަނދާންވަނީ.”
ޑރ. ޝަހުދާ އެ މެސެޖަށް ބަލަހައްޓައިގެން އިނެވެ. އޭގެ ފަހުން ދެވަނަ މެސެޖެއް އައެވެ. “އެހެން މީހަކު ބުނުމުގެ ކުރިން، އޭނާއަށް ހަޤީޤަތް ކިޔައިދީ.”
އޭނާގެ މޫނު ހުދުވެ، ކުލަވަރު އޮއްސުނެވެ. އޭނާ މަޑުމަޑުން އެ ބާ މެޑިކަލް ފައިލް އަލުން ހުޅުވާލިއެވެ. އެންމެ އަޑީގައި އޮތީ އެތައް އަހަރެއް ވަންދެން އޭނާ ނުބަލާ އޮތް ލިޔުމެކެވެ. އެއީ އިޤުރާރު ފޯމެކެވެ. އާޝިޔާގެ ނަމެވެ. އޭނާގެ ސޮޔެވެ. ނަމަވެސް ޑރ. ޝަހުދާއަށް ޔަގީންވާ ކަމަކީ، އާޝިޔާ ދުވަހަކުވެސް އެ ފޯމުގައި ސޮއިނުކުރާ ކަމެވެ. އެއީ ވެސް އޭނާ އަމިއްލައަށް އޮޅުވާލައިގެން ކޮށްފައިވާ ސޮޔެކެވެ. އަދި އެ ސޮޔާ ދިމާލުން ތިރީގައި އޮތީ ތާރީޚެވެ. އެއީ އާޝިޔާގެ ހަނދާންތައް ފޮހެވެން ފެށި ރެއެވެ. އެންމެ ފަހުން ޑރ. ޝަހުދާއަށް ސިއްރަކާއި ކުށަކާ ހުރި ބިރުވެރި ތަފާތު ވިސްނުނެވެ.
ސިއްރެއް ހިމޭންކަމުން ރައްކާތެރި ކުރެވިދާނެއެވެ. ނަމަވެސް ކުށެއްގެ ހެކި ކޮންމެވެސް ދުވަހަކުން ފެންނާނެއެވެ. އަދި އަށް އަހަރު ފަހުން، އެ ހެކިތައް ވާހަކަ ދައްކަން ފަށައިފިއެވެ. އޭނާ އެ ފައިލްތައް އެއްކޮށްލައި، ތެދުވިއެވެ. އެތައް އަހަރެއް ވަންދެން އޭނާ ބިރުގަތީ އޭނާގެ އަބުރާއި ޤަދަރަށް އުނިކަމެއް އަތުވެދާނެތީއެވެ. މިހާރު އޭނާ ބިރުގަންނަނީ އެއަށްވުރެ މާ މުހިންމު ކަމަކާ މެދުގައެވެ. އޭނާއަށް ކުރެވުނު ކަންތައްތަކުގެ ހަޤީޤަތް އެނގުމުގެ ޙައްޤު އާޝިޔާއަށް ލިބިގެންވެއެވެ. އަދި ސިދުރާއަށް އޭނާގެ އުފަންވުމުގެ ހަޤީޤަތް އެނގެން ޖެހެއެވެ.
ޑރ. ޝަހުދާ އޭނާގެ ދަބަސް ނެގިއެވެ. އޮފީހުން ނުކުތުމުގެ ކުރިން، އޮޅުވާލައިގެން ހަދާފައިވާ ލިޔެކިޔުންތަކަށް އޭނާ އެންމެ ފަހު ފަހަރަށް ބަލައިލިއެވެ. އަދި އެ ހުސް ކޮޓަރީގައި މަޑުމަޑުން ބުންޏެވެ. “އަހަރެން އެމީހުން ހުއްޓުވަން ޖެހޭނެ.”
ބޭރުގައި، ކުޑަދޮރުތަކުގައި ޖަހަމުންދިޔަ ވާރޭގެ ތިކިތަކާއެކު ވާރޭ ވެހެން ފެށިއެވެ. އަދި ރަށުގެ ކޮންމެވެސް ހިސާބެއްގައި، އާޝިޔާއަށް މިހާރުވެސް ކަންކަން ހަނދާންވާން ފަށައިފިއެވެ. ފުރަތަމަ ފެންނަން ފެށީ ތަކުރާރުވަމުންދިޔަ ހުވަފެންތަކެކެވެ.
އާޝިޔާއަށް އިޙުސާސް ކުރެވެމުންދިޔައީ ހޭލާ ހުރެ ނިދިޖެހި، ހަޤީޤަތާއި ހުވަފެނުގެ އިން ވަކިކުރަން ނޭނގޭ ފަދަ ހާލަތެއްގައެވެ. މެންދަމު މީހަކު އޭނާގެ ނަމުން ގޮވައިލިހެން ހީވެގެން ހޭލެވޭއިރު، ކައިރީގައި ސިދުރާ އޮންނަނީ ވަރަށް އަރާމުގައި ނިދާފައެވެ. ކޮޓަރިތެރެ އޮންނަނީ އަނދިރިކޮށެވެ. ހަމައެކަނި ފެންނަން ހުންނަނީ ފަރުދާގެ ތެރެއިން ފޭދިގެން އަންނަ ހަނދުވަރުގެ ފަނޑު ރިހި އަލިކަމެވެ. ބައެއް ފަހަރު އަލުން ލޯ މަރައިލުމާއެކު އޭނާއަށް ހުރެވޭނީ މުޅިން އެހެން ތަނެއްގައެވެ. ތެތް ދޮންވެލިގަނޑެއްގެ މަތީގައި ހުސްފަޔާ ހުއްޓިލައިގެން، ނުވަތަ ކުޑަ ދޯންޏެއްގެ ފަހަތުގައި އިށީނދެގެން، ނުވަތަ ދުވަހަކުވެސް ދިޔަ ހަނދާނެއް ނެތް ހޮސްޕިޓަލެއްގެ ކޮރިޑޯއެއްގައި ހިނގަމުންދާ ކަހަލަ އިޙުސާސެއް ކުރެވެއެވެ. އަދި ބައެއް ފަހަރު އޭނާއަށް ފެންނަފަށުން ބޭރުގައި ހުރެގެން ޒޯޔާ ވާހަކަދައްކާ އަޑު އިވެއެވެ.
ފުރަތަމަ އާޝިޔާ ހީކުރީ އެއީ ލިބުނު ހިތާމައިގެ ސަބަބުން ފެންނަ ބިރުވެރި ހުވަފެންތަކެއް ކަމަށެވެ. ދެން އޭނާ އާދަވެގެން ކަމުންދިޔަ ބޭސްތައް ކެއުން ހުއްޓާލިއެވެ. އެކަން ހިނގީ ކުއްލިއަކަށެވެ.
ބަދިގޭ ވަތްގަނޑު ތެރެއިން ހުންބަލާ އެއްޗެއް ހޯދަން އުޅެނިކޮށް، ރިސިޕްޓްތަކެއްގެ ފަހަތުގައި ފޮރުވިފައި އޮތް ބޭސް ސިޓީ އުރައެއް އޭނާއަށް ފެނުނެވެ. އޭގެ ބޭރުގައި އޭނާގެ ނަމާއި، ބޭސް ދޫކުރި ތާރީޚާއި، މީގެ އަހަރުތަކެއް ކުރިން އޭނާއަށް ލިޔެދީފައިވާ ބޭހުގެ ނަން އޮތެވެ. އެ ބޭސްތައް ވަރަށް ޤަވާއިދުން ކެއި ހަނދާން އޭނާ ހުއްޓެވެ. ބޭސް ކާންވީ ވަގުތު ޖެހުމުން ހަމްދާން ހަނދާންކޮށްދޭ ހަނދާނާއި، ބޭސް ހުސްވާންވާއިރަށް ބަދިގޭ ކައުންޓަރު މަތިން އާ ބޭސް ފޮށި ފެންނަ ހަނދާން އޭނާގެ ހުއްޓެވެ.
ނަމަވެސް އެ ރިސިޕްޓުން ފެނުނު ކަމަކުން އޭނާ މަޑުޖެހުނެވެ. އެއީ އެމީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ފާމަސީއެއް ނޫނެވެ. އެ ބޭސް ނަގާފައިވަނީ ހަމްދާންއެވެ. އެކަމާމެދު އޭނާ ދުވަހަކުވެސް ސުވާލު ނުއުފެއްދި ސަބަބު ވިސްނުމުން އާޝިޔާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ހަމްދާން އަބަދުވެސް އެފަދަ ކަންކަމާ އަޅާލައެވެ. ބޭސް ސިޓީތަކަށް ބޭސް ނެގުމާއި، ބިލްތައް ދެއްކުމާއި، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖެއްސުމާއި، ދިރިއުޅުމުގެ ކުދިކުދި އަމަލީ ކަންކަން އޭނާ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައެވެ. “އަހަރެން ބޭސް ގެނެސްފިން” ހަމްދާން ބުނުމުން، ނޭވާލުން ފަދަ އާދައިގެ ކަމެއްގެ ގޮތުގައި އޭނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އާޝިޔާ އެކަން ޤަބޫލުކުރެއެވެ.
ބައެއް ފަހަރު ހަމްދާން އަމިއްލައަށް ގޮސް އެ ބޭސްތައް ނަގަނީ ކީއްވެގެންތޯ އޭނާ ދުވަހަކުވެސް ސުވާލެއް ނުކުރެއެވެ. އެ ބޭސްތަކާ ބެހޭގޮތުން ފާމަސިސްޓް ގާތު ހަމްދާން ބުނީ ކީއްވެގެން ކަމެއްވެސް އޭނާ ނާހައެވެ.
މިހާރު، ގެއްލިފައިވާ އަހަރުތަކާ ބެހޭގޮތުން އެނގިފައިވާ ކަންކަމާއެކު، އެ އާދައިގެ ކަންތައް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އެހެންކަމުން އޭނާ ބޭސް ކެއުން ހުއްޓާލިއެވެ.
(ނުނިމޭ)
