ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 30 
މުނިއަވަސް ގްރެފިކްސް

ފަރުދާގެ ފުރަގަހުގައިވާ ހިޔަނި 

ވަޝިއްޔާ ފަސްބެލުމެއްނެތި ގޭޓުން އެތެރެއަށް ހިނގައިގަތެވެ. އޭނާ ގަސްތުކުރީ އެގޮތަށް ކަންތައް ކުރުމަށެވެ. ނަމަވެސް އެޕާޓްމަންޓްގެ ދޮރާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ފިޔަވަޅުތަކުގެ ދުވެލި މަޑުވަމުން ދިޔައެވެ. އޭނާ ލައިގެން ހުރި ބޮޑު ހޫޑީގެ އަތްކުރި ރީތިކޮށްލުމަށްފަހު، ދަބަހުގެ ތެރޭގައި ތަޅުދަނޑި އޮތްކަން އެނގި ހުރެވެސް، އެ ހޯދާ ކަމަށް ހެދިގެން މަގުމައްޗަށް ނަޒަރު ހިންގައިލިއެވެ.

ފަހަރުގައި މިރުޒާ ގޮވާލަފާނެއެވެ. ފަހަރުގައި އޭނާގެ ޚިޔާލު ބަދަލުވެގެން އެނބުރި މަޑުކޮށްފާނެއެވެ. ނޫނީ އޭނާއަށް ސަލާމަތުން އެތެރެއަށް ވަދެވިއްޖެތޯ އަހާފައި ނުވަތަ މިރޭ ނިމުމުގެ ކުރިން ސައިތަށްޓެއް ބޯލަން އެކީގައި ނުގޮސް މަޑުކޮށްލަން ބުނެ މެސެޖެއް ކޮށްފާނެއެވެ.

އޭނާގެ އެ އުންމީދުތަކަކީ މޮޔަ ކަމެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް ފަޅު އެޕާޓްމަންޓަކަށް އެނބުރި ދާންޖެހުމުން އިޙުސާސްވަމުންދިޔަ މާޔޫސްކަން އޭނާ ވަށާލައިފިއެވެ.

އޭނާ ޤަބޫލުކުރަން ބޭނުންވާ މިންވަރަށްވުރެ ބޮޑަށް، މިރުޒާއާއެކު ހޭދަކުރި ވަގުތުތަކުން އޭނާއަށް އުފާވެރިކަން ލިބުނެވެ. މިރުޒާގެ ކައިރީގައި ހުންނައިރު އޭނާއަށް ހިތްހަމަޖެހުމާއި ނުތަނަވަސްކަން އެއްފަހަރާ އިޙުސާސް ކުރެވެއެވެ. އަދި އޭނާ ބޭނުންވީ އެކުވެރިކަން އިތުރަށް ދަމަހައްޓާށެވެ. އިތުރު ވާހަކަތަކާއި، ހިނިތުންވުންތަކެވެ. މިރުޒާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ ފުރަގަހުގައި ފޮރުވިފައިވާ އަސްލު ސިފަތައް ދެނެގަތުމަށް އޭނާ ބޭނުންވިއެވެ. އަދި ތެދަށް ބުނާނަމަ، އޭނާ ބޭނުންވީ މިއަށްވުރެ ގާތް ގުޅުމެކެވެ.

އާދައިގެ މަތިން އެ ދެމެދުގައި އޮންނަ ދުރުމިނެއް ނެތި، އޭނާއާ ގާތުގައިވުމުން ކުރެވޭނެ އިޙުސާސްތައް ދެނެގަންނަން އޭނާ ބޭނުންވިއެވެ. އޭނާ ހިފަހައްޓަން މަސައްކަތްކުރި އެ ޝައުޤުވެރިކަމަކީ އޭނާ ތަސައްވަރު ކުރިވަރުގެ ބާރުގަދަ ކަމެއްތޯ ބަލަން އޭނާ ބޭނުންވިއެވެ.

ނަމަވެސް މިރުޒާގެ ކާރުގެ އިންޖީނު އަޑު ބާރަށް އިވިގެން ދިޔައެވެ. ކާރު ނައްޓާލުމުގެ ކުރިން އޭގެ ހެޑްލައިޓްގެ އަލި ދޮރުމައްޗަށް އެޅިގެން ދިޔައެވެ. އަދި މަގުގެ ތެރެއަށް ކާރު އޮބާލިއިރު ފަހަތު ބައްތީގެ ރަތްކަން ފެންނަން ހުއްޓެވެ.

ވަޝިއްޔާ އިރުކޮޅަކު އެތަނުގައި ހުއްޓި ހުއްޓެވެ.

“އެނގޭ ތިހެން ވާނެކަން.” އޭނާގެ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލިއެވެ.

އޭނާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އެޕާޓްމަންޓް އޮތީ އަނދިރިކޮށް، މުޅިތަނަށް ހަމަހިމޭންކަން ވެރިވެފައެވެ. އޭނާ ވަންނަ ދޮރު ކައިރީ ހުރި ކުޑަ މޭޒުމަތީގައި ތަޅުދަނޑި ބޭއްވުމަށްފަހު، ފޯނު ޗާޖަށް ޖަހައި، ފެންޑާގެ ބޮކި ދިއްލާލިއެވެ. ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔުމުން، ދާދި ދެންމެއަކު އޭނާ ތަޖުރިބާކުރި ކަންތައްތަކާ އަޅާބަލާއިރު އެތަން ފެނުނީ ވަރަށް އާދައިގެ ތަނެއްގެ ގޮތުގައެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 22

އޭނާ ލައިގެން ހުރި ހޫޑީއާއި ޖޮގިންގް ޕޭންޓް ބޭލުމަށްފަހު، އިސްތަށިގަނޑު އައްސާލައިގެން ސީދާ ފާޚާނާއަށް މިސްރާބު ޖެހިއެވެ. މިވަގުތު އޭނާއަށް އެންމެ ބޭނުންވަނީ ފެންވަރާލުމެވެ.

ހޫނު ފެންތިކިތައް އޭނާގެ ކޮނޑާއި ބުރަކަށީގައި ޖެހެމުން ދިޔައިރު، ރޭގަނޑުގެ ފިނިވައިގެ ވަހާއި ކެފޭގެ ތެރެއިން ހަރުލާފައި ހުރި ވަސްތައް ފިލައިގެން ދިޔައެވެ. އޭނާ ގިނައިރު ވަންދެން ފެންވަރަން ހުރީ މިރޭގެ ހާދިސާތަކާމެދު ވިސްނާލުމުގެ ފުރުސަތު ހޯދުމަށެވެ.

މިރުޒާގެ ހިނިތުންވުމެވެ. އޭނާގެ އަޑެވެ. މޭޒު ކައިރީގައި އިނދެ އޭނާ ބަލާލި ގޮތެވެ. އަދި މީހެއްގެ ފިރިއަކަށް ހިތްކިޔެމުންދާކަން އެނގުމުން އުފެދުނު އުނދަގޫ އިހުސާސްތަކެވެ.

އޭނާ ލޯ މަރާލިއެވެ. އޭނާއަށް މި ކުރެވެނީ ކީއް ހެއްޔެވެ؟ އޭނާއަކީ މިފަދަ ކަންކަމާމެދު ވިސްނޭނެ ފަދަ އުމުރުގެ މީހެކެވެ. އެހެން މީހެއްގެ ފިރިއަކާ، ވަކިން ޚާއްޞަކޮށް އަމިއްލަ ދިރިއުޅުމުގެ މައްސަލަތައް ބޮޑުވެފައިވާ މީހަކާ އޭނާގެ ހިތް ގުޅިދާނެ ކަމަކަށް ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

އެ ޝައުޤުވެރިކަމަކީ ހަގީގަތެކެވެ. ނަމަވެސް އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާވެސް އެހާމެ ބިރުވެރިއެވެ.

ފެން އޮހެމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި ލަދުވެތިކަން އުފެދެމުން ދިޔައެވެ. އޭނާ ފެން އިސްކުރު މަޑުކޮށްލުމަށްފަހު، ފިނި ފެން ތިކިތައް އޭނާގެ މޫނުގައި ޖެހެން ދޫކޮށްލިއެވެ.

ފަހަރުގައި އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ދުރުގައި ހުރުން ކަމަށް ވެދާނެއެވެ. ފަހަރުގައި އޭނާއަށް ގުޅުން ހުއްޓާލަންވީއެވެ. ފަހަރުގައި އޭނާގެ އަމިއްލަ ދިރިއުޅުމަށާއި، އާއިލާއަށާއި، އަދި ސްރީލަންކާއަށް އައި އަސްލު މަޤުސަދަށް ސަމާލުކަން ދޭންވީއެވެ.

އޭނާ ފެން އިސްކުރު ބަންދުކޮށްލިއެވެ. މިނެޓްތަކެއް ފަހުން، ވާޝިޔާ ތުވާލި އޮޅާލައިގެން ބޭރަށް ނުކުތެވެ. އޭނާގެ ދިގު، ތެތް އިސްތަށިގަނޑު ބުރަކަށި މައްޗަށް ދޫވެފައި އޮތްއިރު، ކޮނޑާއި ފާޚާނާގެ ތަޅުންމައްޗަށް ފެންތިކިތައް ފައިބަމުން ދިޔައެވެ. އޭނާ ލޯޝަން ފުޅި ނަގައި، ދެއަތްތިލަ މޮޑެލަމުން ލޯގަނޑަށް ބަލާލިއެވެ.

މިވެސް ކިޔާލަން:  ރިހި މަސްތު – ޗެޕްޓަރ 25

އެވަގުތު އޭނާ ހުއްޓުން އެރިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. ފުރަތަމަ އޭނާއަށް އެއީ ކޮން ކަމެއްކަން ދެނެއް ނުގަނެވުނެވެ. ކޮޓަރި ފެންނަނީ އޭނާ ދިޔައިރު ހުރި ގޮތަށެވެ. އެނދު ކައިރީ ހުރި ބޮކި ދިއްލާފައި ހުރިއިރު، ފަރުދާތައް ހުރީ ދަމާފައެވެ. އަދި އޭނާގެ ދަބަސްވެސް އޮތީ ބޭއްވި ތަނުގައެވެ. ނަމަވެސް ލޯގަނޑުން ފެންނަ ރިފްލެކްޝަނުން، ފަރުދާގެ ކަނެއްގެ ފުރަގަހުން ނުބައި އެއްޗެއް ފާހަގަވިއެވެ.

ސިފައެކެވެ. ކަޅު ހިޔަންޏެކެވެ. މުޅިންހެން ފޮރުވިފައިވާ ސިފައެކެވެ. ވަޝިއްޔާގެ ހަރަކާތް ހުއްޓުނެވެ. އޭނާ އަލުން ލޯގަނޑަށް ބަލާލީ، އެއީ ފަރުދާގެ ސަބަބުން އުފެދިފައިވާ ހިޔަންޏެއް ނުވަތަ ބޭރު މަގުމަތީގެ އަލީގެ ސަބަބުން ފެންނަ އެއްޗެއް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ. ނަމަވެސް އެ ހިޔަނި ހަރަކާތްކޮށްލިއެވެ.

އޭނާގެ ހިތް ތެޅިގަތެވެ. އޭނާ ކުއްލިއަކަށް އެނބުރިލިއެވެ. ހަޅޭއްލަވައިގަތުމުގެ ކުރިން، މީހަކު ފަހަތުން އައިސް އޭނާގެ ގައިގައި ހިފެހެއްޓިއެވެ. އޭނާގެ އަނގަމަތީގައި އަންގި ލައްވާފައިވާ ބޮޑު އަތަކުން ބާރަށް ފިއްތާލިއިރު، އަނެއް އަތުން އޭނާ ހިފަހައްޓާލިއެވެ. އޭނާ ސަލާމަތްވުމަށްޓަކައި ތެޅިފޮޅި، އަތްފައި ހޫރަން ފެށިއެވެ. ނަމަވެސް ކުއްލިއަކަށް ދިން އެ ހަމަލާއެއްގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަރުދޫވިއެވެ.

އަނެއް އަތުން އޭނާގެ ނޭފަތުގައި ފޮތިގަނޑެއް ޖެއްސިއެވެ. އާދަޔާ ޚިލާފު ގަދަ ވަހެއް އޭނާގެ ނޭފަތުގައި ޖެހުނެވެ. އޭނާ ނޭވާ ހިފަހައްޓަން މަސައްކަތްކުރިއެވެ. އޭނާގެ އަތުން އެމީހާގެ އަތުގައި ވަކިދަމަން މަސައްކަތްކުރިއެވެ. މޭޒުމަތީގައި ހުރި ސެންޓު ފުޅިއެއް ވެއްޓި ތަޅުންމައްޗަށް ތެޅުނު އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. އެއީ ވަރަށް ބާރު އަޑެކެވެ. އޭނާ ފަހަތަށް ކިކެއް ޖަހަން މަސައްކަތްކުރި ނަމަވެސް، އޭނާގެ ފައިން ވަރުދޫވާން ފެށިއެވެ. އެއްފަހަރާ އެތައް ޚިޔާލުތަކެއް އޭނާގެ ސިކުނޑިއަށް އަޔެވެ. ނޫނެކެވެ. އަނެއްކާވެސް މިފަދަ ކަމެއް ނުވާށެވެ.

އޭނާގެ އަނގަމަތީގައި އޮތް އަތުގެ ދަށުން ހަޅޭއްލަވައިގަތުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. ލޮލުގެ ފެނުން ފުސްވާން ފެށިއެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 18

ލޯގަނޑާއި، ފަރުދާތަކާއި، ތަޅުންމައްޗަށް ބުރައިގެން ގޮސްފައިވާ ބިއްލޫރިކޮޅުތަކާއި، އޭނާގެ ފަހަތުގައި ހުރި ބޭނުން ނުވާ ސިފަ މަޑުމަޑުން ފުސްވެ، ލޮލަށް ނުފެންނަ ހިސާބަށް ދިޔައެވެ. ހޭނެތުނަ ނުދީ ހިފަހައްޓައިލެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. އޭނާ ހިފަހައްޓައިގެން ހުރީ ކާކުތޯ ބަލަން އޭނާ ބޭނުންވިއެވެ. ނަމަވެސް މުޅި ކޮޓަރި އޭނާގެ ލޯމަތިން ގެއްލެމުން ދިޔައެވެ.

އޭނާގެ ހަނދާނުގައި އެންމެ ފަހުން ހަރުލާފައި ހުރީ، ލޯގަނޑުން ފެނުނު އޭނާގެ އަމިއްލަ ބިރުގަނެފައިވާ ސިފައެވެ. ދެން މުޅި ދުނިޔެ އަނދިރިވިއެވެ.

*****

ރަށުގެ އަނެއްކޮޅުގައި، މިރުޒާ އިނީ ކާރު ދުއްވާށެވެ. ކްލަބުން ފެނުނު މީހާއާ ބެހޭގޮތުން ލިބުނު މެސެޖުގެ ސަބަބުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އެކަމަށް އަމަލުކުރާނެ ގޮތެއް އަދި އޭނާއަކަށް ނުނިންމެއެވެ. އޭނާ ކާރު މަޑު މަގަކަށް މަޑުކޮށްލުމަށްފަހު އަލުން އެ މެސެޖު ކިޔާލިއެވެ.

“އޭނާ ވަޝިއްޔާއާ ބެހޭގޮތުން ސުވާލުކުރަމުން އެބަދޭ.”

އޭނާ އެ މެސެޖު ފޮނުވި މީހާއަށް ގުޅިއެވެ.

“ކާކު ބުނި ވާހަކައެއް މިއީ؟”

“އެތަނުގައި ހުރި މީހެއްގެ ފަރާތުން އަހަންނަށް އެނގުނީ.”

“އޭނާ މިހާރު ކޮބާ؟”

“އަހަންނަކަށް ނޭނގެ. އޭނާ އެކި ތަންތަނަށް ހަރަކާތްތެރިވަމުން ދަނީ.”

މިރުޒާ ގަޑިއަށް ބަލައިލިއެވެ.

“އޭނާ ހުރި ތަނެއް ހޯދާ. އަދި އޭނާ ވަޝިއްޔާއަށް ޝައުޤުވެރިވަނީ ކީއްވެގެންކަން އަހަންނަށް އެނގެން ބޭނުން.”

އޭނާ ފޯނު ބޭއްވިއެވެ. އިރުކޮޅަކަށް، އަނބުރާ ވަޝިއްޔާގެ އެޕާޓްމަންޓަށް ދިއުމާމެދު އޭނާ ވިސްނާލިއެވެ. އޭނާ ވަޝިއްޔާ އެތަނަށް ދޫކޮށްލިތާ އަދި ބައިގަޑިއިރުވެސް ނުވެއެވެ. ނަމަވެސް ލިބުނު މެސެޖުގެ ސަބަބުން އޭނާއަށް އުނދަގޫތަކެއް އިޙުސާސްވަމުން ދިޔައެވެ.

ގޭޓު ކައިރީގައި ވާޝިޔާ ހުއްޓި ހުރި ގޮތް އޭނާ ހަނދާންވިއެވެ. ކާރުން ފޭބުމުގެ ކުރިން އޭނާއަށް ބަލާލި ގޮތެވެ. އެތެރެއަށް ވަދެގެން ދިޔުމުގެ ކުރިން ޖެހިލުންވެފައި ހުރި ހުރުމެވެ. އެ ދެމެދު އުފެދެމުންދިޔަ އިޙުސާސްތަކެވެ. މިރުޒާއަށް އެކަން ފާހަގަވިއެވެ. ޔަގީނެވެ. ނަމަވެސް މިރުޒާ ހިތާ ދެކޮޅަށް ނިންމީ އެތަނުން ދާށެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top