ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަލޯހާ އެއަރލައިންސް ފްލައިޓް 243: ވައިގެ ދަތުރުފަތުރުގެ ތާރީޚު ބަދަލުކޮށްލި ހާދިސާ

ގުގުރީގެ ގަދަފަދަ އަޑާއެކު ޖައްވުގެ ތެރެއިން ބޯޓު އުދުހެމުން ދިޔައެވެ. ކޮކްޕިޓްގެ ތެރެއިން އިވެމުންދިޔައީ ކެނޑިނޭޅި ގޮވަމުންދިޔަ އެލާމްތަކުގެ އަޑާއި ސައިރަންގެ ބިރުވެރި އަޑެވެ. ރޭޑިއޯ މުވާސަލާތުތައް އޮޅުންބޮޅުންވެ، ޕައިލެޓުންގެ މެދުގައި ހާސްކަން އިތުރުވަމުން ދިޔައެވެ.

“އަހަރެމެންނަކަށް އެއްވެސް ވަރަކަށް އޮކްސިޖަންއެއް ނުލިބޭ!”
“ޓެރެއިން (ފަރުބަދަތަކުގެ) އެލާމް އެބަ ގޮވާ!”

މިއީ ހުވަފެނެއް ނޫނެވެ. މިއީ މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާ ހަގީގަތެކެވެ. މަތިންދާބޯޓެއްގައި ދިމާވެދާނެ އެންމެ ބިރުވެރި، ނުރައްކާތެރި ހާލަތަކީ މިއީއެވެ.

އެއީ 1988 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އެވެ. ހަވާއީގެ ހިލޯ އެއަރޕޯޓުގެ ރަންވޭމަތީގައި، އަލޯހާ އެއަރލައިންސްގެ ފްލައިޓް 243، ބޮއިންގ 737 މަރުކާގެ މަތިންދާބޯޓު ދަތުރަށް ތައްޔާރުވަމުން ދިޔައެވެ. މިއީ ހޮނޮލުލޫއަށް ދިއުމަށް ހަމަޖެހިފައިވާ އެންމެ 35 މިނެޓުގެ ކުރު ދަތުރެކެވެ. މި ބޯޓަކީ ހެނދުނުން ފެށިގެން ރަށްތަކުގެ މެދުގައި ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މިއީ އެ ދުވަހުގެ 9 ވަނަ ދަތުރެވެ. މި ބޯޓު އުފެއްދި ފަހުން 89,000 އަށްވުރެ ގިނަ ފަހަރު އުދުހިފައިވާއިރު، މުޅި ދުނިޔޭގައިވެސް މި ރެކޯޑު މުގުރާލެވިފައިވަނީ އެންމެ ބޯޓަކަށެވެ.

ބޯޓުގެ ކެޕްޓަނަކީ 11 އަހަރުގެ ތަޖުރިބާކާރު ބޮބް ޝޯންސްޓައިމަރ އެވެ. ފަސްޓް އޮފިސަރަކީ މީމީ ޓޮމްޕްކިންސް އެވެ. ކެބިންގެ އިސް ސްޓެވާޑެސްއަކީ ވައިގެ ދާއިރާގައި 37 އަހަރު ހޭދަކޮށްފައިވާ އެންމެންގެ ލޯބިވާ ކްލެރަބެލް ލެންސިންގ (ސީ.ބީ) އެވެ. އޭނާގެ އިތުރުން މިޝެލް ހޮންޑާ އަދި ޖޭން ސަޓޯ ޓޮމީޓާ ވެސް ފަޅުވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މިއީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ކްރޫއެވެ.

މެންދުރުފަހު 1:25 ގައި ބޯޓު ނައްޓާލިއެވެ. ދަތުރުގެ ކޮންޓްރޯލް ނަގައިގެން އިނީ ފަސްޓް އޮފިސަރ މީމީއެވެ. ކެޕްޓަން ބޮބް ބަލަހައްޓަމުން ދިޔައީ ރޭޑިއޯ މުވާސަލާތެވެ. ބޯޓު 24,000 ފޫޓު މައްޗަށް (7,300 މީޓަރަށް) އެރިއެވެ. ގަޑިން 1:45 އެވެ. ހުރިހާ ކަމެއްވެސް ދިޔައީ އާދައިގެ މަތިން އޮމާންކޮށެވެ. ފަސިންޖަރުން ތިބީ ސީޓުބެލްޓު އަޅައިގެންނެވެ. ސްޓެވާޑެސްއިން ދިޔައީ ބުއިންތައް ބަހަމުންނެވެ.

ކުއްލިއަކަށް ގަދަފަދަ ގޮވުމެއްގެ އަޑު އިވިގެން ދިޔައެވެ. ބޮޑު ފްލޭޝްއަކާއެކު، ބޯޓުގެ މަތީ ފުރާޅުން 35 އަކަމީޓަރުގެ ބޮޑު ބައެއް ވައިގެ ތެރެއަށް ވިއްސައިގެން ދިޔައެވެ. ބޯޓުގެ ކެބިން ޑީޕްރެޝަރައިޒްވެ، ގަޑިއަކު 300 މޭލުގެ ބާރުމިނުގައި ހުރި ގަދަ ފިނި ވަޔާއެކު ބޯޓުތެރެ ހަލާކުގެ ތެރެއަށް ވެއްޓުނެވެ. ނޭވާލާނެ އޮކްސިޖަނެއް ނެތެވެ.

މިވެސް ކިޔާލަން:  އެއާރ ކެނެޑާ ބޯޓެއް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

ފަސިންޖަރުން ބިރުން ހަޅޭއްލަވަން ފެށިއެވެ. ސީޓުބެލްޓު ނާޅައި ހުރި އިސް ސްޓެވާޑެސް ސީ.ބީ ލެންސިންގ ވަގުތުން ވައިގެ ތެރެއަށް ދަމައިގަނެގެން ދިޔައެވެ. ޖޭން ވެއްޓި ބޮލަށް އަނިޔާވިއިރު، މިޝެލް ވެއްޓުނީ ކޮރިޑޯ މައްޗަށެވެ. ފުރަތަމަ ފަސް ސަފުގައި ތިބި ފަސިންޖަރުން ތިބީ ސީދާ އުޑުމައްޗަށް ހާމަޔަށެވެ. އެމީހުންގެ މަތީގައި ފުރާޅެއް ނެތެވެ. ފައިދަށުގައި ހުރީ ހަމައެކަނި ތަޅުމުގެ ހަނި ބީމްތަކެވެ. ބޯޓު މެދުން ދެފަޅިވާން އުޅޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

ކެޕްޓަން ބޮބް ވަގުތުން ބޯޓުގެ ކޮންޓްރޯލް ނަގައި، އެމަޖެންސީ ޑިސެންޓަކަށް (ތިރިކުރުމަކަށް) ދިޔައެވެ. މިނެޓަކު 1200 މީޓަރުގެ ބާރުމިނުގައި ބޯޓު ތިރިކުރަމުން ދިޔައީ ނޭވާލެވޭނެ ހިސާބަކަށް ވާސިލްވުމަށެވެ. ކޮކްޕިޓާއި ކެބިންއާ ދެމެދު ގުޅުން ކެނޑިފައިވާތީ، ޕައިލެޓުން ދިރިތިބިކަންވެސް އެކަކަށްވެސް ނޭނގެއެވެ. މިޝެލް ހޮންޑާ ކޮންމެ ފަސިންޖަރެއްގެ ކަންފަތްދޮށުގައި ހަޅޭއްލަވަމުން އެއްސެވެ. “ބޯޓު ދުއްވަން އެނގޭ ހެއްޔެވެ؟” މިއީ ފަސިންޖަރުންގެ ހިތްތަކަށް ވެރިވި އެންމެ ބިރުވެރި ވަގުތެވެ.

އެންމެ ކައިރީގައި އޮތީ މައުއީގެ ކަހުލުއީ އެއަރޕޯޓެވެ. ނަމަވެސް އެއަރޕޯޓަށް ދެވެން އޮތީ 3,000 މީޓަރު އުސް ފަރުބަދައެއްގެ ކައިރިންނެވެ. ބޯޓުގެ ހުންގާނު ހިފަހައްޓަން އުނދަގޫވެ، ހައިޑްރޮލިކް ސިސްޓަމްތައް ދިޔައީ ފެއިލްވަމުންނެވެ. އަދި ބޯޓުގެ ކުރީ ފުރޮޅު (ނޯސް ގިއަރ) ތިރިވިކަމުގެ އެއްވެސް އިޝާރާތެއް ޑޭޝްބޯޑަކުން ނުދެއްކިއެވެ. ފުރޮޅު ނެތި ޖައްސައިފިނަމަ، ބޯޓު ރަންވޭމައްޗަށް މުގުރި، އަލިފާން ރޯވެ އެންމެން މަރުވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އުދުހޭނެ ވަގުތެއް ނެތެވެ. ކެޕްޓަން ނިންމީ ކޮންމެ ގޮތެއް ވިޔަސް ބޯޓު ޖެއްސުމަށެވެ.

ފަސިންޖަރުން އެކަކު އަނެކަކަށް އަލްވަދާޢު ކިޔަމުން ދިޔައެވެ. ދެމަފިރިން އެކަކު އަނެކަކުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ކަހުލުއީ އެއަރޕޯޓުގެ ޓަވަރަށް ބޯޓުގެ ފުރޮޅު ފެނުނުކަމުގެ ޚަބަރު ލިބުނީ އެންމެ ފަހު ސިކުންތުގައެވެ.

ގަދަފަދަ ވައިގެ ތެރޭގައި، އަޖާއިބެއްފަދަ ގޮތަކަށް، ކެޕްޓަން ބޮބް އަދި ފަސްޓް އޮފިސަރ މީމީ ބޯޓު ކަހުލުއީ އެއަރޕޯޓުގެ ރަންވޭ 02 އަށް ސަލާމަތްތެރިކަމާއެކު ޖެއްސިއެވެ. 13 މިނެޓުގެ ބިރުވެރި ކާރިސާއަށްފަހު، ބޯޓު ހުއްޓުނު ވަގުތު މުޅި ބޯޓުގައި އަތްތިލަބަޑީގެ އަޑާއި ރުއިމުގެ އަޑު ގުގުމައިގެން ދިޔައެވެ.

މިވެސް ކިޔާލަން:  ކޮރެއަން އެއަރ 8509: އިންޒާރުތަކަށް ބީރު ކަންފަތެއް

ހާދިސާގައި 65 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު، ފުރާނަ ގެއްލުނީ ހަމައެކަނި ސީ.ބީ ލެންސިންގ ގެއެވެ. ކަނޑުގެ ސަރަހައްދު ބެލި ނަމަވެސް އޭނާގެ ހަށިގަނޑެއް ނުފެނުނެވެ. މިފަދަ ބޮޑު ގެއްލުމެއް ލިބުނު ބޯޓެއް ވައިގެ ތެރޭގައި ދެފަޅިނުވެ ސަލާމަތުން ޖެއްސުމަކީ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ހިނގި މުޢުޖިޒާތެއް ފަދަ ކަމެކެވެ.

ހާދިސާ ތަހުގީގުކުރި އެމެރިކާގެ އެން.ޓީ.އެސް.ބީ އިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގިނަ އަދަދަކަށް ދަތުރުކުރުމުގެ ސަބަބުން ބޯޓުގެ ދަގަނޑުގަނޑަށް އައި “މެޓަލް ފެޓީގް” (ދަގަނޑު ބަލިކަށިވުން) އަދި ހަވާއީގެ ލޮނުގަދަ ވައިގެ ސަބަބުން ދަގަނޑުތަކުގައި ދަބަރު ޖަހައި، އެލްމެނިއަމް ޝީޓްތައް ތަތްކޮށްފައި ހުރި އެޕޮކްސީ ގްލޫ ވަކިވެގެން ދިއުމުންނެވެ. މި ބޯޓު ވެފައިވަނީ ގޮވަން ތައްޔާރުވެފައި އޮތް ޓައިމް ބޮމަކަށެވެ.

މި ހާދިސާއަށްފަހު، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކަށާއި، ބޯޓުތައް ބަލަހައްޓައި އިންސްޕެކްޓް ކުރުމުގެ އުސޫލުތަކަށް ވަރަށް ބޮޑެތި، އިންގިލާބީ ބަދަލުތަކެއް ގެނެވުނެވެ. އެހެންކަމުން މިއީ ވައިގެ ދަތުރުފަތުރުގެ ތާރީޚު މުޅިން ބަދަލުކޮށްލި ތާރީޚީ ފްލައިޓެވެ.

—–

މަތިންދާބޯޓުގެ ފުރާޅު ވަކިވެގެން ދިޔަ ހާދިސާގެ ތަޙުޤީޤު ކުރިއަށް ދިޔަވަރަކަށް، އެހެނިހެން ގިނަ މައްސަލަތަކެއް ފެންމަތިވާން ފެށިއެވެ. ބޮއިންގް ކުންފުނިން ނެރޭ ސާވިސް ބުލެޓިންތަކާއި، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ނެރޭ “އެއަރވާދިނަސް ޑައިރެކްޓިވްސް” އަކީ އާންމުކޮށް ވިސްނައިގަންނަން އުނދަގޫ، ޤާނޫނީ ލިޔުމެއްގެ ގޮތުގައި އެކުލަވާލެވިފައި ހުންނަ އުނދަގޫ އެއްޗެހިތަކެކެވެ. އަލޯހާ އެއަރލައިންސްއަށް ބޭނުންވެފައި އޮތީ، މިފަދަ ލިޔުންތައް ދިރާސާކޮށް، އާދައިގެ ސާދާ ބަހުރުވައިން މެކޭނިކުންނަށް ކިޔައިދޭނެ ފަރާތެކެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާފައެއް ނުވެއެވެ. އިންތިހާއަށް ގިނަ ދަތުރުތައް ކޮށްފައިވާ ބޯޓެއް، މިފަދަ އިރުޝާދުތައް ފުރިހަމައަށް ފަހުމުނުވާ މެކޭނިކުން ބެލެހެއްޓުމަކީ ބޮޑު ކާރިސާއަކަށް މަގުފަހިވި މައިގަނޑު ސަބަބެވެ.

ތަޙުޤީޤު ޓީމަށް ބޯޓު ގޮވި ސަބަބު ދެނެގަނެވުނު ނަމަވެސް، އެކަން ހިނގި ގޮތުގެ ތަފްޞީލު އަދިވެސް އޮތީ ސާފުނުވެއެވެ. މި ދަނޑިވަޅުގައި، ބޯޓަށް އެރި އިރު ދޮރު ކައިރީގައި ރެނދެއް ހުއްޓާ ފެނުނު ކަމަށް ބުނާ ފަސިންޖަރެއްގެ މަޢުލޫމާތު ލިބުނެވެ. ސިންތިއާ ޖޯންސަން ކިޔާ މި އަންހެން މީހާ ހާމަކުރި ގޮތުގައި، ދޮރުގެ ކަނާތްފަރާތު ހުދު ކުލައިގެ ދަވާދުލާފައިވާ ހިސާބުން މެޓަލްގަނޑު ވަކިވެފައިވާ ތަން އޭނާއަށް ފެނުނެވެ. ނަމަވެސް، ފަޅުވެރިން އަވަދިނެތި އުޅޭތީއާއި، އެއީ އެމީހުންގެ އަމިއްލަ ބޯޓު ކަމުން އެކަން އެނގޭނެ ކަމަށް ނިންމައި އޭނާ އެ ވާހަކަ ނުބުނީއެވެ.

މިވެސް ކިޔާލަން:  ނުރައްކާތެރި ދަތުރު: ކަނޑުމައްޗަށް ތިރިކުރި ފްލައިޓް 961

ހެކިވެރިޔާ ފާހަގަކުރި ސަރަޙައްދާއި، ދަގަނޑު ބާވުމުގެ ސަބަބުން އުފެދުނު ރެނދުތައް ގުޅި، ބޯޓުގެ މަތީބައި ވަކިވެގެން ދިޔަ ގޮތް ތަޙުޤީޤު ޓީމުން ދެނެގަތެވެ. ބޮއިންގް 737 ގެ ފަރުމާގައި ކޮންމެ 10 އިންޗިއަކުން ހުންނަ “ޓިއަރ ސްޓްރެޕްސް” ތަކުގެ ބޭނުމަކީ ރެނދެއް އުފެދުނަސް އެ ކުޑަ ދާއިރާއަކަށް ހިފަހައްޓައި، ކޮންޓްރޯލް ކުރެވޭ ގޮތަށް ޕްރެޝަރު ބޭރުކޮށްލުމެވެ. ނަމަވެސް، ކުރު ދަތުރުތައް ގިނަވުމުގެ ސަބަބުންނާއި ގުޅުވާފައިވާ ތަންތަން ދޫވުމުގެ ސަބަބުން، ހުރިހާ ރެނދެއް އެއްފަހަރާ ގުޅި، ރައްކާތެރިކަމުގެ މި ނިޒާމު ފޫއަޅުވާލީއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިންޖިނިއަރެއް ކަމަށްވާ މެޓް އޮސްޓިން އައު ނަޒަރިއްޔާއެއް ނެރުނެވެ. އޭނާ ފާހަގަކުރި ގޮތުގައި ބޯޓު ގޮވި ވަގުތު، ފްލައިޓް އެޓެންޑެންޓް ސީބީ ލެންސިންގ ދަމައިގަތީ ކުޑަކޮށް ހުޅުވުނު ސަލާމަތީ ލޯވަޅާ ދިމާލަށެވެ. އެވަގުތު އޭނާގެ ހަށިގަނޑުން އެ ލޯވަޅު ބެދުމުން، ނިކުންނަން އުޅުނު ވައި ހުއްޓި، އުފެދުނު ބޮޑު ޕްރެޝަރުގެ ސަބަބުން (“ފްލުއިޑް ހެމަރ” އިފެކްޓް) ބޯޓުގެ ފުރާޅު އެއްކޮށް އެއްލައިލީއެވެ. ފޮރެންސިކް ތަޙުލީލުތަކުން ބޯޓުގެ ބޭރުގައި ހުރި ލޭގެ ތިކިތަކުން ދައްކަނީ އޭނާ ކުޑަ ވަގުތުކޮޅަކަށް އެތަނުގައި ތާށިވި ކަމެވެ.

އެން.ޓީ.އެސް.ބީ އިން މި ވިސްނުމަކީ ސައިންޓިފިކް ގޮތުން ވެދާނެ ކަމެއް ކަމަށް ޤަބޫލުކުރި ނަމަވެސް، އެމީހުން ބުރަވަނީ ބޯޓުގެ ގިނަ ތަންތަން އެއްފަހަރާ ބަލިކަށިވެ ފޭލްވީ ކަމަށެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ބާވަމުންދާ މަތިންދާބޯޓުތައް ބަލަހައްޓާނެ ހަރުދަނާ ޤަވާޢިދުތައް އެކުލަވާލެވި، އެމެރިކާގެ ކޮންގްރެސްއިން “އޭވިއޭޝަން ސޭފްޓީ ރިސާޗް އެކްޓް” ފާސްކުރިއެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެއްލިގެން ދިޔަ ސީބީ ލެންސިންގގެ ހަނދާނުގައި ހޮނޮލުލޫ އެއަރޕޯޓުގައި ޚާއްޞަ ބަގީޗާއެއް ހެދުނުއިރު، އެ ބިރުވެރި ވަގުތުކޮޅުން ސަލާމަތްވި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ އެ ހަނދާންތަކާއި ބިރުވެރިކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ހާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން މުޅިން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ފިލާވަޅެކެވެ.

ނޯޓް
އަލޯހާ އެއާލައިންސްގެ ފްލައިޓް 243 އަކީ ހަވާއީގެ ހީލޯ އާއި ހޮނޮލުލޫއާ ދެމެދު އެ އެއާލައިނުން ދަތުރުކުރި ތާވަލުކުރެވިފައިވާ ޑޮމެސްޓިކް ޕެސެންޖަރު ފްލައިޓެކެވެ. 28 އެޕްރީލް 1988 ގައި، މި ދަތުރުގައި ބޭނުންކުރި ބޮއިންގ 200-737 މަރުކާގެ ބޯޓު ވައިގެ ތެރޭގައި އުދުހެމުން ދަނިކޮށް، ފިއުޒަލާޖްގެ (ބޯޓުގެ ބޭރު ކޮށާރުގަނޑުގެ) ބައެއް ނެއްޓިގެން ދިޔުމުގެ ސަބަބުން ބާރުގަދަ ގޮވުމަކާއެކު ޕްރެޝަރު ދަށްވެ، ބޯޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓު ރަނގަޅަށް މަރާމާތުކޮށް ބަލަހައްޓާފައި ނުވުމާއި، މެޓަލް ފެޓީގްގެ (ދަގަނޑަށް ބާރުބޮޑުވެ ބަލިކަށިވުމުގެ) ސަބަބުންނެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top