ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ދެވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ސުނޭހާއަށް ކަމުދަންޏާ އަހަންނަށް އޯކޭވާނެ.” ނިފާރު ބަލާލީ ސުނޭހާއަށެވެ.

“އަހަންނަށް ކަމުދާ ހުރިހާކަމެއް ކަމުދަންޏާ ހާދަ ރަނގަޅޭ.” ހިތުގައި އޮތްގޮތް ހާމަ ކުރެވުނީ އިޚްތިޔާރުން ބޭރުގައި ނަމަވެސް ނިފާރަށް އެ މެސެޖް ދެވުނީތީ ސުނޭހާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސިއްރުސިއްރުން ނިފާރަށް ބަލައި ވެސް ލެވުނެވެ.

ރަސްފަންނާއި ދިމާއަށް ސައިކަލް އަނބުރާލަމުން އަސީލް ކޮށްލި އިޝާރާތާއިއެކު ނިފާރު ވެސް ސައިކަލް އަނބުރާލި އެވެ.

“ސުނޭހާއަށް ކަމުދާ ހުރިހާކަމެއް އަހަންނަށް ކަމުނުދާ ކަމެއް އެނގެނީ ކިހިނެއް؟” ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނިފާރު ސައިކަލް ދުއްވަމުން ދިޔައީ ވަރަށް ބަލައިގެން ނެވެ.

“ނުބުނާތީއެއްނު ނޭނގޭނީ.” އަވަސްއަވަހަށް ސުނޭހާ ބުނެލިއެވެ. ނިފާރުގެ ފަރާތުން ލިބެމުންދިޔަ ޖަވާބުތަކުގެ ސަބަބުން ސުނޭހާގެ އުންމީދުތައް އާވަމުން ދިޔަ އެވެ. ހިތަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. އެފަދަ ފުރުސަތެއް އެހާ ފަސޭހައިން ލިބިދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެ އެވެ.

“ބުނާކަށް އަދި ފުރުސަތެއް ވެސް ނުދެމެއްނު.” ސައިކަލު މަޑުކޮށްލަމުން ނިފާރު ބަލާލީ އަސީލްމެން ކޮބައިތޯ އެވެ.

“ދެން ބުނަންވީނު. ކޮން އިރަކު ފުރުސަތު ބަންދުވެފައި އޮތީ؟” ސުނޭހާގެ ކިބައިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން ކިތަންމެ ރަނގަޅަކަށް ވެސް ނިފާރަށް ފާހަގަވި އެވެ.

ހަތަރު މީހުން އެކުގައި ވާހަކަ ދައްކަމުން ދައްކަމުން ގޮސް ރަސްފަންނު ސަރަހައްދަށް ވަނެވެ. އެތަނުގައި މީހުން ވަރަށް ގިނަ އެވެ. އެކުގައި އައިސްއުޅޭ ޢާއިލާތަކާއި ޒުވާން ގުރޫޕްތަކުގެ އިތުރުން ލޯބިވެރިންގެ ޖޯޑުތައް ވެސް މަދެއް ނޫނެވެ. މަދުމަދުން ނަމަވެސް ކުޑަކުދިން ވެސް އުޅެ އެވެ.

ތަންކޮޅެއް ކުރިޔަށް ޖެހިލަމުން ސުނޭހާގެ ކުރިމައްޗަށް ނިފާރު ތިރިވެލި އެވެ. އެއް ކަކޫ ބިންމަތީގައި ޖައްސަމުން އިސްއުފުލައި ސުނޭހާއާ ދިމާއަށް ބަލާލި އެވެ. މޫނުމަތިން ފެނުނީ އުފަލާއި ހިތްހަމަޖެހުމެވެ.

“ސުނޭހާދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަރެންނާއި ކައިވެނި ކުރަންވީނު.” ފިލްމީ މަންޒަރެއް ސިފަވެގެން ދިޔަ ކަހަލަ އެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުން ބޮޑުކަމުން ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ސުނޭހާއަކަށް ނޭނގުނެވެ. ޤަބޫލުކުރަން ދަތިވެގެން ކަހަލަގޮތަކަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ.

މިވެސް ކިޔާލަން:  ރިިހި ރާޅުތައް - ޗެޕްޓަރ 14

ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެތައް ބައެއްގެ ލޯތައް އެ ދިމާއަށް އަމާޒުވި އެވެ. އެދިއެދި ހުރި ފުރުސަތު ލިބުނީތީ މާތް ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމުން ސުނޭހާ އެ ހުށަހެޅުން ބަލައިގަތެވެ. ނިފާރުގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ.

އިއްޒަތާއި ޤަދަރާ ތަނަވަސްކަމަކީ ވެސް އެކަމަށް ބައެއް މީހުން ދެވިހިފާ ކަންކަމެވެ. އެބައިމީހުން ކުރާ ކޮންމެ ކަމެއްގެ ނިވަލުގައި އެފަދަ ކޮންމެވެސް މަޤުޞަދެއް އޮންނާނެ އެވެ. އެ މީހުންގެ ނަޒަރުގައި ލޯތްބަކީ ވެސް އެފަދަ އެއްޗެކެވެ. ލޯބިވެރިއަކު ހޯދުމުގައި އެކަމަށް ޚާއްސަ ސަމާލުކަން ދޭން ޖެހޭނެ އެވެ. އެހެންނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ އެވެ.

ކޮފީއަށް އިންސާފުކުރަމުން ދިޔައިރު ހަތަރު މީހުންގެ މެދުގައި ތަފާތު ވާހަކަތައް ވެސް ދެކެވެމުން ދިޔަ އެވެ.

މޭޒުމަތީގައި އޮތް ނިފާރުގެ ފޯނު ރިންގްވާން ފެށުމުން ސުނޭހާ ވެސް އެދިމާއަށް ބަލާލި އެވެ. ނަންބަރު ސޭވްކޮށްފައި އިންނަމަވެސް ޖަހާފައިވާ ނަމެއް ނަންބަރެއް މާ ރަނގަޅަކަށް ސާފެއް ނުވި އެވެ. ފޯނަށް ޖަވާބު ދެމުން ނިފާރު ދުރަށް ޖެހިލުމުން ސުނޭހާއަށް ލިބުނީ ހައިރާންކަމެވެ.

ސުނޭހާ އާއި ނިފާރުގެ މެދުގައި އުފެދުނު ލޯބީގެ ގުޅުން ތަރައްޤީވެ ކުރިއަރައިގެން ދިޔައީ ހީކުރި ވަރަށްވުރެ ބާރަށެވެ. އެކުގައި މަސައްކަތްކުރަން ލިބިފައިވާ ފުރުސަތުގެ އިތުރުން މަސައްކަތަށް ލިބިފައިވާ ހަމަހިމޭން އަމާން އޮމާން މާހައުލަކީ ވެސް އެކަމަށް ލިބުނު އިތުރު ފުރުސަތަކަށްވި އެވެ. އެކަކު އަނެކަކު ދަސްކުރަން ހުޅުވިގެންދިޔަ މަގަކަށް ވެސް ވަޒީފާގެ މާހައުލުވި އެވެ.

އެކުގައި ވަގުތުތައް ހޭދަކޮށް ލޯބީގެ އަހުދުތަކާއި ވަޢުދުތައް ވަމުން ދިޔައިރު ދެ ޒުވާނުން ވެސް ތިބީ ނުހަނު އުފަލުން ނެވެ.

ސުނޭހާގެ އާއިލާއަކީ އިއްޒަތާއި ޤަދަރާ ތަނަވަސްކަމަށް ބަލާނަމަ ފާހަގަކޮށްލެވޭފަދަ ފޯރުންތެރި ޢާއިލާއެކެވެ. ނިފާރަކީ ރާއްޖެތެރޭގެ ރަށަކުން އައިސްހުރި ވަރަށް އާދައިގެ ޒުވާނެކެވެ. މާލޭގައި ދިރިއުޅެމުންދަނީ ރައްޓެއްސަކަށް ކުލި ދައްކައިގެން އޭނާގެ ގޭގަ އެވެ. މާދަމާ އެތަނުން ނުކުންނަން ޖެހުނަސް ގޮސް ވަންނާނެ ތަނެއް އޭނާގެ ނެތެވެ. ބޮޑު ކުއްޔެއް ދައްކައިގެން މާލޭގައި ދިރިއުޅޭވަރުގެ އާމްދަނީއެއް އޭނާއަކަށް ނުލިބެ އެވެ. އެކަމާއިމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ނިފާރުގެ ދެލޮލުން ކަރުން ފާއްދާލަ އެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ފަހު ބައި

ސުނޭހާ ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ވެވޭ އެއްޗެކެވެ. ވާއެއްޗެއް ނޫނެވެ. ލޯބި ވެވިއްޖެނަމަ އޭނާގެ ފެންވަރެއް މުހިންމެއް ނޫނެވެ. އެމީހާގެ ހަސަބަކަށް އެމީހާގެ ނަސަބަކަށް ބަލާކަށް ނުޖެހެ އެވެ. ސިޔާސީ ވިސްނުމަކަށް ތާއިދުކުރާ ލީޑަރަކަށް ބެލުމެއް ވެސް ނެތެވެ. އެމީހާގެ ކިބައިގައި ހުންނަންޖެހޭ އިސްލާމީ ރިވެތި އަޚްލާޤާއި އުސޫލުތައް ހުރެއްޖެނަމަ އެ ނިމުނީ އެވެ.

ސުނޭހާ އާއި ނިފާރުގެ މެދުގައި އާލާވެ ކުރިއަރައިގެން ދިޔަ ލޯބީގެ ގުޅުމުގެ އެއްވެސް މަޢުލޫމާތެއް ދެފަރާތުގެ ޢާއިލާއިންކުރެ އެއްވެސް ޢާއިލާއަކަށް ނޭނގެ އެވެ.

އެންމެ ބޭނުންވި ބައިވެރިޔާ ލިބުމުން ސުނޭހާ ހުރީ ނުހަނު އުފަލުން ނެވެ. ބައިވެރިޔާއާއެކު އަބަދުގެ އަބަދަށް ލައްވާތޯ ދުޢާ ކުރެ އެވެ. ދުވަހަކު ވެސް ނިފާރާއި ވަކިވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނިފާރާއި ބައްދަލުވާ ކޮންމެ ފަހަރަކު، ދުވަހަކު ވެސް އޭނާ ދޫކޮށް ނުލުމަށް ސުނޭހާ އެދެ އެވެ. ނިފާރާއި ވަކިން އުޅެން ޖެހިއްޖެނަމަ ދިރިހުންނަން އުނދަގޫވާނެ ކަމަށް ބުނެ އެވެ. އެދުވަހަކުން އޭނާ މޮޔަ ވެދާނެ ކަމަށް ވެސް ބުނެ އެވެ.

ސުނޭހާ އާއި ނިފާރު ގުޅުނީ ހިތުގެ އެންމެ ފުންމިނުން އެކަމަށް އެދިގެން ނެވެ. ދުވަހަކު ވެސް ސުނޭހާ ދޫކޮށްލުމަކީ ނިފާރު ކުރާނެ ކަމެއް ނޫނެވެ. ސުނޭހާއާ ވަކިން އުޅެން ޖެހިއްޖެނަމަ އޭނާ އުޅެން ޖެހޭނެ ހާލު އޭނާއަށް ވިސްނެ އެވެ. އޭނާއާ ނުލައި އުޅެން ސުނޭހާއަށް އުނދަގޫވާ ފަދައިން ސުނޭހާ ނުލައި އުޅޭކަށް އޭނާއަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ސަތާރަވަނަ ބައި

ލޯބިވެރިންގެ ގޮތުގައި މާގިނަ ދުވަހު އުޅުމަކީ ސުނޭހާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ. އަބަދުގެ އަބަދަށް ނިފާރުގެ މީހަކަށް ވާށެވެ. ކައިވެންޏަށްފަހު ވެސް މިހާރު އުޅޭހެން އުޅެވިދާނެ އެވެ. އެކުގައި ބޭރަށް ދެވިދާނެ އެވެ. ސައިކަލް ދުއްވާލައި އެކުގައި ތަންތަނަށް ދިއުމަށް ހުޅުވޭ މަގު އޭރުން މާ ފަހިވާނެ އެވެ.

ވައިމަތި ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ސުނޭހާ އާއި ނިފާރުގެ ލޯބީގެ ގުޅުމަށް ސުނޭހާގެ ޢާއިލާއިން ދެކޮޅު ހެދި އެވެ. މިހާރުން މިހާރުން އެ ގުޅުން ހުއްޓާލުމަށް އޭނާގެ ބައްޕަ ޖިހާދު އެންގި އެވެ. އެކަމާއި ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށް ވެސް ބުންޏެވެ.

އޭނާއަށް ޚަބަރެއް ވެސް ކޮށްނުލައި ކުއްލިއަކަށް ސުނޭހާ ވަޒީފާއިން ވަކިވުން ވެގެން ދިޔައީ ނިފާރަށް ބަލައިގަންނަން އުނދަގޫވި ކަމަކަށެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް އުފެދުނެވެ. ވެގެން އުޅޭގޮތެއް ބެލުމަށް ސުނޭހާއަށް ގުޅާލިއިރު ފޯނު އޮތީ ނިވާލާފަ އެވެ. ނިފާރު ކަންބޮޑުވި އެވެ.

“ބައްޕަ ވެސް ދެން ހާދަ ހެއްވައޭ ދޯ؟ ހިތްހަމަނުޖެހޭ ކަމެއް ކުރިއްޔޭ ކިޔާފަ ކޮންމެހެން ޖެހޭތަ ފޯނު ހަލާކުކޮށްލަން. އެހެން ކަންތައް ކުރާ މީހުންދެކެ މަ ހާދަ ނައްޓައޭ.” ސުނޭހާގެ މަގަތުން އިށީނދެލައިގެން އިނދެ ވާހަކަ ދައްކަމުންދިޔަ އޭނާގެ ކޮއްކޮ އަލްނާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ.

ނިފާރާއި ބައްދަލުކުރަން ސުނޭހާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ފޯނު ކުރެވޭންހުރި ހުރިހާ މަގެއް ބަންދުކޮށްފައިވާއިރު ބޭރަށް ދެވޭކަށް ވެސް ނެތެވެ. ގެއަށް ރައްޓެއްސަކު އަޔަސް އެކަހެރިކޮށް އޭނާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުދެ އެވެ. އޭނާއެކޭ ބަންދު ކޮށްފައިވާ ދޫންޏެކޭ އެއްވެސް ތަފާތެއް ނެތެވެ.

ސުނޭހާ ބައްދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތަށް، އެކަށީގެންވާ ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު ނަމަވެސް ނިފާރު އުންމީދު ނަގައެއް ނުލަ އެވެ. އިތުރު މަގެއް ފެނޭތޯ އަބަދުވެސް ބަލަމުން ދިޔަ އެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top