ކުޅިވަރުގެ ސާމާނު ވިއްކުމަށް ޚާއްސަކޮށްފައިވާ ބޫޓް ސްޕޯރޓްސްއަކީ ނާއިމްގެ ރައްޓެއްސެއްގެ ފިހާރައެކެވެ. އެތަނުން ސުނޭހާއަށް ވަޒީފާ ހަމަޖައްސައިދިނީ ނާއިމްއެވެ.
ވަޒީފާއަށް ނުކުންނަން ފެށުމާއިއެކު ސުނޭހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އުފުލަމުންދިޔަ ހިތާމަ އާއި ހިތްދަތިކަމަށް ކުޑަ ނަމަވެސް ލުޔެއް ލިބުނެވެ. ވިސްނުމުގެ ބޮޑުބައެއް ވަޒީފާއަށް ހުސްކޮށްލަން ޖެހުނު ހިސާބުން އެ ޚިޔާލުތަކާއި ފިކުރުތަކާއި ދުރުވެލަން މަޖުބޫރުވިއެވެ.
ނާއިމްގެ ޢާއިލާއާއެކު ސުނޭހާ ހޭދަކުރަމުން ދިޔައީ އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ނަމަވެސް، އޭނާގެ ހިތުގައި ފަވާލެވިފައިވާ ނިފާރުގެ ނަމަށް ފަނޑުކަމެއް ނައެވެ.
ކަންތައް ވީގޮތް ނިފާރަށް އޮޅުންފިލުވައިދޭން ސުނޭހާ ބޭނުންވިއެވެ. އޭނާއަށް ކުރިމަތިވި މަޖުބޫރާއި އޭނާ އުޅެމުންދިޔަ ހާލުގެ ވާހަކަތައް ކިޔައިދޭން އޭނާ ކުރި މަސައްކަތް އަންގައިދޭން ހިތް އެދުނެވެ. ނިފާރު އޭނާއާމެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އެކަމުގައި އޭނާގެ ކުށެއް ނެތެވެ. އެވާހަކަވެސް ދައްކަން ޖެހެއެވެ.
ނިފާރާއި ބައްދަލުކުރަން ސުނޭހާ ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ. ކަންތައް ވެފައިވާ ގޮތުން ނިފާރު ހުންނާނީ އޭނާދެކެ ވަރަށް ރުޅިއައިސްފައިކަން ސުނޭހާއަށް އެނގެއެވެ.
އޮފީހުގެ ފަރާތުން ލިބުނު އެއްއަހަރު ދުވަހުގެ ކޯހެއްގައި ނިފާރު ފުރައިގެން ދިޔަކަމެއް ސުނޭހާއަކަށް ނޭނގެއެވެ. އޮފީހުން ލިބުނު ރައްޓެހިންވެސް މުޢާމަލާތް ނުކުރެވުމުގެ ސަބަބުން ގެއްލި ދިޔައީއެވެ. އެފަދަ ވާހަކައެއް ދައްކަން އެއިން މީހަކާއި އަލުން ބައްދަލުކުރުން ރަނގަޅު ނުވާނެކަން ސުނޭހާއަށް އެނގެއެވެ.
ރެކްގައި ބޫޓް ބެހެއްޓުމަށްފަހު ނިފާރު ހިނގައިގަތީ ފިހާރައިން ނުކުންނާށެވެ. ސުނޭހާފަދަ މަކަރުވެރި ކެހިވެރިއެއްގެ ކުރިމަތީގައި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ފިހާރައިން ނުކުންނަން ހިނގައިގަތް ނިފާރު ހުއްޓުނީ ސުނޭހާ އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް އުފެދުނެވެ. ސުނޭހާއާ ދިމާއަށް ނިފާރު ބަލާލުމުން ނިފާރުގެ އަތުން ސުނޭހާ ދޫކޮށްލިއެވެ.
“އަހަރެން ބޭނުން ބައްދަލު ކޮށްލަން.” އިޚްތިޔާރުން ބޭރުގައި ނަމަވެސް ސުނޭހާއަށް އިއްވުނީ އޭނާގެ ހިތުގެ އެދުމުގެ އަޑެވެ. އެތައް ދުވަހަކަށްފަހުގައި ނަމަވެސް ނިފާރާއި ބައްދަލުވުމުން އޭނާގެ ޒަމީރު އެދެމުން ދިޔައީ ކަންތައްވީ ގޮތް ނިފާރަށް އަންގައިދޭށެވެ. އޭނާއަކީ ކުށްވެރިއެއްތޯ، ކުށްވެރިއެއް ނޫންތޯ ނިންމާނީ ނިފާރެވެ. ނިފާރުދެކެ އޭނާވީ ލޯބި އަދިވެސް ބަދަލެއް ނުވެއެވެ. އެ ވިސްނުން ދޫކޮށްލަން ބޭނުންވި ނަމަވެސް ސުނޭހާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ.
“މިހާރުވެސް މިތިބީ ބައްދަލުވެފައެއްނު.. ދެން ކޮން ބައްދަލުވުމެއް ބާއްވާކަށް.” ނިފާރުގެ ފަރާތުން ފެނުނީ ސުނޭހާ ބޭނުންވި މަންޒަރެއް ނޫނެވެ. އިވުނީ އަހަން ބޭނުންވި އަޑެއް ނޫނެވެ.
“އަހަރެންނަށް އެނގޭ ނިފާރު ތިހުރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފައިކަން. ކަންތައް ވީގޮތް ކިޔައިދޭން އަހަރެން ބޭނުން. ޤަބޫލުކުރުމާއި ނުކުރުން އެއީ ނިފާރުގެ ކަމެއް. ބުނަން އޮތީ އަހަރެންނަށް މަޢާފް ކޮށްދޭށޭ.” ސުނޭހާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
ނިފާރާއި ބައްދަލުކުރަން ބޭނުންކަމަށް ސުނޭހާ އިސްވެ ބުނުމުން ނިފާރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ސުނޭހާ އަދިވެސް ލޯބިވަނީ އޭނާދެކެކަން ވިސްނުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސުނޭހާގެ ވާހަކަތަކާއި ޢަމަލުތައް އެހެން ހުރުމުން ސުނޭހާގެ ކައިވެނީގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާނެކަމަށް ޤަބޫލުކުރެވެން ފެށިއެވެ.
“ކިހާއިރަކު ކޮންތާކަށް ދާންވީ؟” ސުނޭހާއާ ބައްދަލުކުރަން އެއްބަސްވަމުން ނިފާރު ބުނެލިއެވެ.
“މާދަމާރޭ އަށެއް ޖަހާއިރު މިތަނަށް އާދޭ. އަހަރެން ހުންނާނަން މިތަނުގަ.” ފުރުސަތު ގެއްލުވާލަން ބޭނުންނުވި ސުނޭހާ އަވަސްއަވަހަށް ބުންޏެވެ.
“އޯކޭ. ދެން ދަނީ.” ފިހާރައިން ނުކުމެގެން ދިޔަ ނިފާރު ލޯކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ސުނޭހާ ހުއްޓެވެ.
ނިފާރާއި ބައްދަލުވުމުންނާއި އޭނާއާ ބައްދަލުކުރަން ސުނޭހާ ދިން ދަޢުވަތު ޤަބޫލުކުރުމުން ސުނޭހާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ކައިވެނީގެ ފަހަތުގައިވާ ސިއްރާއި އެ މަޖުބޫރުގެ ވާހަކަތައް ނިފާރަށް ކިޔައިދިނުމަށް ފުރުސަތު ލިބުނީތީ އޭނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.
އަބަދުގެ އަބަދަށް ސުނޭހާގެ މަތިން ހަންދާން ނައްތާލަން ނިންމައިގެން ހުރި ނިފާރުގެ ވިސްނުން ބަދަލުވިއެވެ. ސުނޭހާއާ ދިމާވި ހިސާބުން އެތައް ކަމެއް ބަދަލުވިއެވެ. ނިންމައިގެން ހުރި ނިންމުމާއި ހިތުގެ އެދުން ދިމައެއް ނުވިއެވެ. އެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރާކަށް ހިތެއް ހަމައެއް ނުޖެހުނެވެ.
ކިތަންމެ ވަރަކަށް ހިތްވަރުކުރި ނަމަވެސް، ސުނޭހާއާނުލައި ދިރިއުޅޭން އޭނާއަށް ފަސޭހަ ނުވާނެކަން ސުނޭހާއާ ދިމާވި ހިސާބުން ނިފާރަށް ޖެހުނީ ޤަބޫލުކުރާށެވެ.
ޑިއުޓީ ނިންމާލުމަށްފަހު ފިހާރައިން ނުކުތް ސުނޭހާ ބަލާލީ ކުލީކާރެއް ފެނޭތޯއެވެ. މިހަފުތާއަކީ ނާއިމްގެ އިރާކޮޅު ޑިއުޓީ ހަފުތާއަށް ވާތީ ޑިއުޓީ ނިންމާލުމަށްފަހު ސުނޭހާ ގެއަށް ދަނީ ކުލީކާރެއްގައެވެ. ސުނޭހާ ބަލައި އަންނަން ރާނިޔާ ބޭނުންވި ނަމަވެސް ސުނޭހާއަކަށް އެގޮތް ކަމަކު ނުދިޔައެވެ.
“މަންމަ ދައްކާ ވާހަކަ. އަހަރެންވެސް މީ ކުޑަކުއްޖެއް ނޫނެއްނު. އަހަރެން އެކަނި ހިނގައިދާނަމޭ.” ރާނިޔާގެ ފޯނަށް ޖަވާބު ދިނުމަށްފަހު ސުނޭހާ އަނެއްކާވެސް މަގަށް ސަމާލުކަން ދިނެވެ.
ސުނޭހާ ގެއަށް ދިޔައިރު އޭނާގެ އިންތިޒާރުގައި ދޮރޯށި ކައިރިއަށް ނުކުމެ ރާނިޔާ ހުއްޓެވެ.
ނާއިމްގެ ކޮންމެ ޑިއުޓީއެއްހެން ގުޅިފައިވަނީ ރޭގަނޑާއެވެ. އެއް ހަފުތާގައި އިރާކޮޅު އަނެއް ހަފުތާގައި ދަންވަރު ކަހަލަ ގޮތަކަށެވެ. އަވަހަށް ނިދުމަކީ ސުނޭހާގެ އާދައެކެވެ. ޑިއުޓީއަށް ނުކުންނަންފެށި ހިސާބުން އެކަމަށް ބަދަލެއް އައި ނަމަވެސް ގެއަށް އައުމާއެކު ނިދަން އޮށޯތުމަކީ ސުނޭހާ ކުރާ ކަމެކެވެ. ޑިއުޓީ ނިންމާފައި ނާއިމް އަންނަންދެން އިންތިޒާރު ކުރުމަކީ ދުވަހަކުވެސް ސުނޭހާ ކުރި ކަމެއް ނޫނެވެ.
ހެދުން ބަދަލުކޮށްލައިގެން އައިސް ސުނޭހާ އޮށޯތީ ނިދާން ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ޚިޔާލުތައް ގުޅިފައިވަނީ ނިފާރާއެވެ. ހިނދުރީގައި ހަރުލާފައިވަނީ ނިފާރުގެ އަޑެވެ. އޭނާއާ ބައްދަލުކުރަން އެއްބަސްވަމުން ނިފާރު ބުނެލި ޖުމްލަ ތަކުރާރުކޮށް އިވިއިވި ހުރި ކަހަލައެވެ. ދައްކާނެ ވާހަކަތަކާއިއެކު ނިފާރުގެ ކިބައިން މަޢާފަށް އެދޭނެ ގޮތަކާއިމެދުވެސް ވިސްނެމުން ދިޔައެވެ.
ނިފާރާއި ގުޅުވައިގެން ރޭވުންތައް ރާވަމުން ޕްލޭންތައް ހަދަމުން، ޚިޔާލީ އޮއިވަރެއްގައި ފަތަމުންދިޔަ ސުނޭހާއަކަށް ވަގުތުތައް ފާއިތުވަމުން ދިޔަގޮތެއް ނޭނގެއެވެ.
ސުނޭހާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. ދޮރާއި ދިމާއަށް ބަލާލިއިރު ނާއިމް ކޮޓަރިއަށް ވަންނަނީއެވެ. ފާރާއި ދިމާއަށް އެނބުރިލަމުން ނިދާގޮތް ދައްކާލި ސުނޭހާ އޮތީ ނިދާފައި ނޫންކަމެއް ނާއިމަކަށް ނޭނގެއެވެ.
ކަންތައްވީ ސުނޭހާ ބޭނުންވި ގޮތަށެވެ. އެއްޗެތި ބަދަލުކޮށްލައިގެން އައިސް އެނދަށް އެރި ނާއިމް ސުނޭހާއަކަށް ސަމާލުކަމެއް ނުދިނެވެ. ސުނޭހާ ނިދާފައި އޮއްވައި ގޮވުމަކީ އެއްވެސް އިރެއްގައި ނާއިމް ކުރިކަމެއް ނޫނެވެ. އެފަދަ މީހަކަށް ގޮވުމަކީ ކިހާވަރެއްގެ ހިތްހަމަނުޖެހުމެއް ކުރިމަތިވާނެ ކަމެއްކަން އޭނާއަށް އެނގެއެވެ.
ރޭގަނޑުގެ ހަމަހިމޭންކަމާއި މަޑުމައިތިރިކަމަށް ނިމުން ގެންނަމުން ދުވާލުގެ ހަލަބޮލިކަން ފާޅުވާން ފެށީ ފަތިސް ނަމާދުން މީހުންތައް ފައިބާން ފެށި ހިސާބުންނެވެ. މަސްވެރިން އެމީހުންގެ ދަތުރުތަކާއިގެން އަވަސްވެގަތްއިރު، ފަތިހުގެ ކަސްރަތަށް ނުކުތް މީހުންވެސް މަދެއް ނޫނެވެ. އެންމެ ބޮޑު ހަލަބޮލިކަމެއް ވެރިވެފައިވަނީ ބަނދަރު ސަރަހައްދަށޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ. މާލެއިން ފުރުމާއިގެން ބައެއް އުޅަނދުތަކުގެ މީހުން އުޅެމުން ދިޔައިރު މާލޭގެ ބަނދަރަށް ވަންނަމުންދިޔަ ދޯނިތައްވެސް މަދެއް ނޫނެވެ.
ސުނޭހާއަށް ހޭލެވުނީ ހަތެއް ޖަހާކަންހާއިރުއެވެ. ތާހިރުވެލައިގެން ސުނޭހާ ބަދިގެއަށް ދިޔައިރުވެސް ނާއިމް އޮތީ ނިދާފައެވެ.
“ދަރިފުޅާ! މިއަދުވެސް ކާރުތަކުގެ އަޑުގަދަކަމުން ނިދާލެވޭވަރެއް ނުވި ދޯ؟” ސުނޭހާ އައިސް ބަދިގެއަށް ވަނުމާއެކު އޭނާއަށް ބަލާލަމުން ރާނިޔާ އަހާލިއެވެ.
“އުނހު. މިހާރު އެކަމަށް ހޭނިއްޖެ. ތަންކޮޅެއް ކުރިން ހޭލެވުނީމަ މަންމައަށް އެހީވެލަން އައީ.” ހިނިތުންވެލަމުން ސުނޭހާ ގޮސް މަސައްކަތުގައި ބައިވެރިވިއެވެ.
“އެހެންތަ؟ ހާދަ ރަނގަޅޭ. އެކަމު މިޒަމާނުގަ ތިޔަ ކަހަލަ ހީވާގި ޒުވާނުން ވަރަށް މަދުވާނެ. އޮފީހެއް ތަނަކަށް ދިޔަޔަސް ބަންދު ދުވަހެއް ލިބިއްޖެއްޔާ މެންދުރެއްކަންހާއިރު ނޫނީ އެދުވަހަކު ނުތެދުވާނެ. މިގޭ ޔަޒީދާވެސް މެންދުރެއްކަންހާއިރު ނޫނީ ނުތެދުވާނެ. އެވަރުންވެސް އެ ދައްކަނީ ސަރުކާރު އޮފީހަކަށް ބަދަލުވާ ވާހަކަ.” ވާހަކަ ދެއްކި ނަމަވެސް ރާނިޔާ ކުރަމުންދިޔަ މަސައްކަތަށް މަޑުޖެހުމެއް ނާދެއެވެ.
“މަންމަ ތިހެން ބުންޏަސް ހުރިހާ ޒުވާނުން އެއްގޮތެއް ނުވާނެ. އަޅުގަނޑުވެސް އާންމުކޮށް ފަތިހު ތެދުވަން.” މޭޒުމަތި ސާފުކުރަމުން ސުނޭހާ ބުންޏެވެ.
“އާނ. ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް. މަންމަވެސް މިބުނީ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނޭ. މަންމަ ޤަބޫލުކުރަމޭ ތިއީ މަންމައަށް ލިބުނު ޖަވާހިރެއްކަން.” ރާނިޔާގެ ވާހަކަތައް އަބަދުވެސް ދާ މިސްރާބުން ގޮސް ނިންމާލިއެވެ.
ސައި ތައްޔާރުކޮށް ނިންމާލުމަށްފަހު ސުނޭހާ ދިޔައީ ކޮޓަރިއަށެވެ.
ގޭތެރޭގައި އުޅެމުންދިޔަ ނަމަވެސް ސުނޭހާގެ ވިސްނުމާއި ފިކުރާއި ޚިޔާލު އުޅުނީ މުޅިން އެހެން ދިމާއެއްގައެވެ.
(ނުނިމޭ)
