ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމްއިން) އިންތިޒާމް ކޮށްގެން ބާއްވާ ޤަޢުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގެ ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކުލަބް އަދި ދެވަނަ މެޗުން ޕޮލިސް ކުލަބް މޮޅުވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު، މިމެޗްގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ކުލަބް އެމްޓީސީސީ އާއި ޕޮލިސް ކުލަބެވެ.
ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ބައްދަލުކުރި މެޗް ސިފައިންގެ ކުލަބް ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު 16-25 އިން ސިފައިންގެ ކުލަބް ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓްގައި ލަޔަންސްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ދޭތެރެ ދޭތެރެއިން ލީޑު ވެސް ހޯދާފަ އެވެ. ވަރުގަދަ ޗެލެންޖެއް ކުރިމަތިވި މިސެޓް ސިފައިން ކާމިޔާބު ކުރީ 25-20 އިން ނެވެ.
ތިންވަނަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ލަޔަންސް އެވެ. ސެޓްގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، މަޑުމަޑުން ކުޅުން ރަނގަޅުކޮށް ގޭމްގެ ތެރެއަށް ވަދެ ސިފައިން ވަނީ ސެޓްގެ މެދަކާއި ހިސާބުން ލީޑު ހޯދާފަ އެވެ. އަދި ދެވަނަ ސެޓްގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ތިންވަނަ ސެޓް ވެސް ހޯދާފައެވެ. މި ސެޓް ސިފައިންގެ ކުލަބް ކާމިޔާބުކުރީ 25-16 އިން ނެވެ.
ޕޮލިސް ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗް ޕޮލިސް ކުލަބް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މިމެޗްގެ ފުރަތަމަ ސެޓްގައި ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، މި ސެޓް ފަށައިގެން ވެސް ރަނގަޅަށް ކުޅުނު ޕޮލިސް ކުލަބް ކާމިޔާބު ކުރީ 25-22 އިން ނެވެ.
ދެވަނަ ސެޓް ފެނުނީ މުޅި މެޗްގައި ވެސް ފެނުނު އެންމެ ވާދަވެރި ސެޓްގެ ގޮތުގައެވެ. ސެޓް ފަށައިގެން ރަނގަޅަށް ކުޅުނު ޕޮލިސް ކުލަބްގެ މައްޗަށް ކުލަބް އެމްޓީސީސީން ލީޑު ވެސް ނެގިއެވެ. ސެޓް ނިންމާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 30-28 އިން ނެވެ.
ކުރިން ދެ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓްގައި ކުލަބް އެމްޓީސީސީއަކަށް ނުދެއްކުނެވެ. ކުރިން ސެޓްތަކުގައި ދެއްކި މޮޅު ކުޅުން މި ސެޓްގައި ވެސް ދެއްކި ޕޮލިސް ކުލަބުން ތިންވަނަ ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތު ބޮޑު ކޮށެވެ. މި ސެޓްގައި ޕޮލިސް ކުލަބުން 25 ޕޮއިންޓް ހޯދިއިރު، ކުލަބް އެމްޓީސީސީއަށް ހޯދުނީ 14 ޕޮއިންޓެވެ.
މި މުބާރާތުގެ ދެމެޗް މިއަދު ވެސް އޮންނާނެ އެވެ. ހަވީރު ކުޅޭ މެޗްގައި ކުލަބް އެޗްޑީސީ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބެވެ.
