ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބް ހޯދައިފި އެވެ. ފަސް ޓީމުގެ މެދުގައި ކުރިޔަށް ދިޔަ މި ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބް ހޯދީ އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ނެވެ.
ލީގުގެ ފުރަތަމަ މެޗު ލަޔަންސް ރެކްރިއޭޝަން ކުލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، ދެވަނަ މެޗު ކުލަބް އެމްޓީސީސީއާ ބައްދަލުކޮށް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ. ތިންވަނަ މެޗު ޕޮލިސް ކުލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، ލީގުގެ ފަހު މެޗު ކުލަބް އެޗްޑީސީއާ ބައްދަލުކޮށް ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުން ނެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުރިޔަށް ދިޔަ މި ލީގުގެ ފަހު މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެޗްޑީސީ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ކުލަބް އެޗްޑީސީ ކާމިޔާބުކުރީ 26-24 އިން ނެވެ.
ފުރަތަމަ ސެޓްގައި ދެއްކި މޮޅު ކުޅުން ދެވަނަ ސެޓްގައި ކުލަބް އެޗްޑީސީއަކަށް ނުދެއްކުނެވެ. ފަސޭހަކަމާއިއެކު ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރި މި ސެޓްގައި ކުލަބް އެޗްޑީސީއަށް ހޯދުނީ 16 ޕޮއިންޓެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު، މެޗު ކާމިޔާބުކުރުމަށްޓަކައި ދެ ޓީމަށް ވެސް މުހިންމުވި ތިންވަނަ ސެޓް ފެނުނީ ފޯރިގަދަ ސެޓެއްގެ ގޮތުގަ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނުއިރު، މި ސެޓް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރީ 26-24 އިން ނެވެ. ހަތަރުވަނަ ސެޓްގައި ކުލަބް އެޗްޑީސީއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކީ ދިވެހި ސިފައިންގެ ކުލަބެވެ. މި ސެޓް އެ ޓީމު ކާމިޔާބުކުރީ 25-21 އިން ނެވެ.
ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބް ހޯދިއިރު، މުބާރާތުގެ ދެވަނަ މަގާމް ހޯދީ ޕޮލިސް ކުލަބެވެ. ތިންވަނަ މަގާމް ކުލަބް އެޗްޑީސީ ހޯދިއިރު ހަތަރުވަނަ މަގާމް ހޯދީ، އިއްޔެ ހަވީރު ލަޔަންސް ރެކްރިއޭޝަން ކުލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރި ކުލަބް އެމްޓީސީސީ އެވެ. ލީގުގައި ކުލަބް އެމްޓީސީސީއިން ތިން ޕޮއިންޓް ހޯދިއިރު، ލަޔަންސް ރެކްރިއޭޝަން ކުލަބަށް ޕޮއިންޓެއް ނުލިބެ އެވެ.
ޤައުމީ ވޮލީބޯޅަ ޗެމްޕިއަންޝިފް މުބާރާތުގެ ހަތަރު ޖާގަ ލިބޭނީ މި ހަތަރު ޓީމަށެވެ.

މުބާރާތުގެ ޑްރީމް ޓީމް / ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ
މުބާރާތުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ ޑްރީމްގައި ހިމެނެނީ ބެސްޓް އައުޓް ސައިޑް ހިޓާރ ދިވެހި ސިފައިންގެ ކުލަބްގެ އާދަމް ނަސީމް، ސެކަންޑް ބެސްޓް ސައިޑް ހިޓަރ ޕޮލިސް ކުލަބްގެ އަޙްމަދު ނާފިއު، ބެސްޓް މިޑްލް ބްލޮކާރ ކުލަބް އެޗްޑީސީގެ އިސްމާއިލް ސާޖިދު، ސެކަންޑް ބެސްޓް މިޑްލް ބްލޮކާރ ދިވެހި ސިފައިންގެ ކުލަބްގެ އާދަމް ފައިރޫޒް، ބެސްޓް ސެޓާރ ދިވެހި ސިފައިންގެ ކުލަބްގެ ހުސައިން ޝާހިދު، ބެސްޓް އޮޕަސިޓް ޕްލޭޔާރ ދިވެހި ސިފައިންގެ ކުލަބްގެ ހުސައިން ރައްޒާން، ބެސްޓް ލިބަރޯ ޕޮލިސް ކުލަބްގެ މުޙައްމަދު ނައީމް، މޯސްޓް ވެލިއުބަލް އަންޑަރ 21 ޕްލޭޔާރ ޕޮލިސް ކުލަބްގެ އަޙްމަދު އިލްހާމް، މޯސްޓް ވެލިއުބަލް ފޮރިން ޕްލޭޔާރ ދިވެހި ސިފައިންގެ ކުލަބްގެ ފަހަދު ރަޒާ، މޯސްޓް ވެލިއުބަލް ކޯޗު ދިވެހި ސިފައިންގެ ކުލަބްގެ ކޯޗު ޖުނައިދު އަބްދުﷲ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ދިވެހި ސިފައިންގެ ކުލަބްގެ ޙުސައިން ރައްޒާން އެވެ.
