ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯރޓްސް ކުލަބް ކުޅުނު 6 ވަނަ މެޗު ކާމިޔާބުކޮށް 16 ޕޮއިންޓާއިއެކު، ޕޮއިންޓްގެ ގޮތުން ބޮޑު ލީޑެއް ނަގައި އެއްވަނައިގައި ހަމަޖެހިލައިފި އެވެ. މި މެޗާއި ހަމައަށް ލީގުގައި އެއްވެސް މެޗަކުން ބަލިވެފައިނުވާ ވިކްޓަރީ ރޭ ހޯދި މޮޅާއިއެކު އެ ޓީމުން ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ލީގުގައި އެ ޓީމު ކުޅުނު 6 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
ވިކްޓަރީ ސްޕޯރޓްސް ކުލަބާއި އޮޑި ސްޕޯރޓްސް ކުލަބް ގަލޮޅު ރަސްމީ ދަނޑުގައި ރޭ ބައްދަލުކުރި މެޗު ވިކްޓަރީ ކާމިޔާބު ކުރީ 2-0 އިން ނެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ވިކްޓަރީ އެވެ.
ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ 20 ވަނަ މިނިޓްގައި ވިކްޓަރީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މިރްޖަލޯވް ކަސިމޮވް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އޮޑިއަށް އެކަމުގައި ކާމިޔާބެއް ނުހޯދި އުޅެނިކޮށް ވިކްޓަރީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ނާއިޒް ހަސަން (ދާދު) ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަހްމަދު ރިޒުވާން އެވެ. ރިޒްވާންގެ މި ލަނޑާއިއެކު ހަތް ލަނޑު ހަމަކޮށް އޭނާ ވަނީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއިއެކު ނިމުނުއިރު، ދެވަނަ ހާފުގައި، ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވިކްޓަރީއިން ލީގުގެ އެއްވަނައިގައި ހަމަޖެހިލީ އެ ޓީމާއި އެންމެ ކައިރިން ވާދަކުރާ ނިއުރޭޑިއަންޓާއި އީގަލްސްއަށްވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެން ނެވެ.
2-0 އިން ވިކްޓަރީ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީއަށް ދެ ލަނޑު ޖަހައިދިން އަހްމަދު ރިޒްވާން އެވެ.
ލީގުގެ ދެ މެޗު މިއަދާއި މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ޓީސީ ސްޕޯރޓްސް ކުލަބާއި ބިސްބުރު ސްޕޯރޓްސް ކުލަބް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯރޓްސް ކުލަބެވެ.
