ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ބިސްބުރު ސްޕޯރޓްސް ކުލަބް ތިންވަނަ މެޗުން މޮޅުވެ ލީގުގެ ފަސްވަނައަށް ޖެހިލައިފި އެވެ.
މިއަދު ހަވީރު ބިސްބުރު ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބް ބައްދަލުކުރި މެޗަށް ދެ ޓީމު ނުކުތްއިރު ބިސްބުރު ކުޅެފައިވާ ފަސް މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަދި ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޓީސީ ކުޅެފައިވާ ފަސް މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗަށް ނުކުތްއިރު މެޗު ކާމިޔާބުކޮށް ލީގުގެ ފަސްވަނައަށް ޖެހިލުމުގެ ފުރުސަތު ދެ ޓީމަށް އޮތީ ހަމަހަމައަށެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބިސްބުރުން ނެވެ. 11 ވަނަ މިނިޓްގައި ބިސްބުރަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރެމު ޓިމޮތީ ފަހިކޮށްދިން ފުރުސަތެއްގަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ޓީސީއަށް ލަނޑެއް ނުޖެހި އުޅެނިކޮށް މުޙައްމަދު ޒިދާން އީސާ ވަނީ 15 ވަނަ މނިޓްގައި ބިސްބުރުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ. ދެވަނަ ހާފު ފެށުމާއިއެކު ޓީސީއިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމުގެ މަސައްކަތް އިތުރުކުރި އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔަފަހުން ޓީސީއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، މެޗުގެ 63 ވަނަ މިނިޓްގައި ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އީނާޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބިސްބުރުގެ އޭރިޔާ ބޭރުން އަރިމަތިން އެ ޓީމަށް ލިބުނު ފްރީކިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ބޯކޮށް ވާރޭ ވެހި ދަނޑުގައި ފެން ހެދުމުގެ ސަބަބުން ކުޅެން އުނދޫވި މި މެޗުގައި އިތުރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފަ އެވެ.
2-1 އިން ބިސްބުރު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ މަގްސޮން ޑޮއުރާޑޯ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 9 ޕޮއިންޓް ހަމަކޮށް ބިސްބުރު ސްޕޯރޓްސް ލީގުގެ ފަސްވަނައަށް ޖެހިލިއިރު، ޓީސީ ސްޕޯރޓްސް އޮތީ ހަތްވަނައިގަ އެވެ.
ލީގުގެ މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯރޓްސް ކުލަބެވެ.
