ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާޒިޔާ ދެވަނައަށް ޖެހިލައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ހަވަނަ މެޗުން މޮޅުވެ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ލީގުގެ ދެވަނައަށް ޖެހިލައިފި އެވެ.

އިންޓަނޭޝަނަލް ބުރޭކަށް ލީގު މެދުކަނޑާލުމުގެ ކުރިން ކުޅުނު އެންމެ ފަހު މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯރޓްސް ކުލަބެވެ. ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 އިން ނެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ބުރުން ވަނީ ވަނީ ވަރުގަދަ ޑިފެންސެއް ކޮށްފަ އެވެ. އަދި ލިބުނު މަދު ފުރުސަތުތަކުގައި މާޒިޔާގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް ވެސް އުފައްދައިފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ކުރެވޭގޮތެއް ނުވި އެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ މާޒިޔާއިން ނެވެ.

ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް މާޒިޔާއަށް ކާމިޔާބުވީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. މުޅި މެޗުގައި ވެސް ފެނުނު އެންމެ މޮޅު ބަދަލުގެ ގޮތުގައި ފާހަގަވި، މާޒިޔާގެ ބެންޖަމިން ތޯމަސް ކުކު ކުޅެން ނުކުމެ ލިބުނު ފުރަތަމަ ބޯޅައިން މާޒިޔާއަށް ލީޑު ނަގައިދިނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ، އޭނާ ކުޅެން އެރިއިރު މާޒިޔާއަށް ލިބިފައި އޮތް ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން ބުރު ކުޅުންތެރިން މަސައްކަތްކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ފަހަތުން އަރައި އޭދަފުށިން ހަނިމާދޫ ބަލިކޮށްފި!

ނަތީޖާ ހަމަހަމަކުރުމަށް ބުރުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވުމުގެ ކުރިން މާޒިޔާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ބުރުގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ބުރުގެ އޭރިޔާތެރެއަށް ވަދެ ކީޕަރުގެ ދުރުކަނުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބެންޖަމިން ތޯމަސް ކުކު އެވެ.

ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

2-0 އިން މާޒިޔާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަދަލަކަށް ނުކުމެ މާޒިޔާއަށް ދެ ލަނޑު ޖަހައިދިން ބެންޖަމިން ތޯމަސް ކުކު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 13 ޕޮއިންޓް ހަމަކޮށް، މާޒިޔާއިން ލީގުގެ ދެވަނައަށް ޖެހިލިއިރު، ވިކްޓަރީ އޮތީ 16 ޕޮއިންޓާއިއެކު ލީގުގެ އެއްވަނައިގަ އެވެ. އަދި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓާއި ހަތަރުވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ލީގުގެ ކުޅުން ދެން ފެށޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top