ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ނަވާރަވަނަ ބައި
މުނިއަވަސް ގްރެފިކްސް

ކައިވެނީގެ ކަންތަކުގައި ވާހަކަ ދައްކަން ޔަޒީދާ ގޮވައިގެން އައި ބޯއީފްރެންޑަކީ މުހުތާރުގެ ދަރިފުޅުބާ އެވެ. އެ ފިރިހެން ކުއްޖާއަކީ ކާކުކަން ފާއިދަށް އެނގޭބާ އެވެ. އެ ފިރިހެން ކުއްޖާ އެ އުޅެނީ ޔަޒީދާދެކެ ލޯބިވެގެންބާ އެވެ. ފާއިދުއަކީ ކާކުކަން އޭނާއަށް އެނގޭބާ އެވެ. ކުއްލިއަކަށް ޔަޒީދާމެން އެތަނުން ނުކުމެގެން އެ ދިޔައީ ކީއްވެބާ އެވެ. އެމީހުން ދާނީ ކޮންތާކަށްބާ އެވެ.

ސުވާލުތަކުން ފުރި ހުއްޓުން އަރާފައި ހުރި ސިލްވިޔާއަށް ހޭވެރިކަންވީ ފާއިދު ވާހަކަ ދެއްކުމުން ނެވެ.

އަވަސްއަވަހަށް ރިސެޕްޝަނަށް ފޯނުކުރިއިރު ޔަޒީދާމެން އެތަނުން ނުކުމެގެން ހިނގައްޖެ އެވެ.

ހާސްވެ ކަންބޮޑުވެފައި ހުރި ފާއިދުގެ ފަހަތުން ސިލްވިޔާ ވެސް ބޭރަށް ނުކުތެވެ. އެތަނުގެ ބައެއް މުވައްޒަފުންނާއިއެކު ނުކުމެ ވަށައިގެންވާ މަގުތަކާއި އެތަނުގައި ހުރި ބައެއް ފިހާރަ ކަހަލަ ތަންތަން ހޯދި އެވެ. އެއިން ހިސާބަކުން ނިފާރުމެންގެ ހިލަމެއް ނުވުމުން ފާއިދު އަނެއްކާ ވެސް ވަނީ ހޮޓަލަށެވެ.

ޔަޒީދާމެން ދިޔަތާކަށް ދިޔައީ ކުލީކާރަކަށް އަރައިގެންކަން ހޮޓެލްގެ ކެމެރާތައް ބެލުމުން އެނގުނެވެ.

“ޕޮލިހުންނަށް ގުޅާ.. މިހާރުން މިހާރަށް އެމީހުން ހައްޔަރުކޮށްގެން މިތަނަށް ގެންނަން ބުނޭ. އެ ނިފާރަށް ރަނގަޅު ފިލާވަޅެއް ދޭންވާނެ.” ކެމެރާތަކާއި ދުރަށް ޖެހިލަމުން ފާއިދުގެ ހަޅޭލަވައިގަތެވެ. ޔަޒީދާމެން އެގޮތަށް ކަންތައް ކުރުމުން އައިސްފައިވާ ރުޅީގެ ސަބަބުން ކިޔުނު އެއްޗެއް ވެސް އޭނާއަކަށް ނޭނގުނެވެ.

ފާއިދު ވާހަކަ ދެއްކީ ދިވެހިބަހުން ކަމަށްވާތީ ބުނި އެއްޗެއް ނޭނގި ހުއްޓުން އަރާފައި ތިބި މުވައްޒަފުންނަށް ހަދާނެގޮތެއް ނޭނގުނެވެ. އޭނާ އައިސްފައިވާ ރުޅި ފެނިފައި ދެވަނަ ފަހަރަށް ސުވާލު ކުރާކަށް ވެސް ނުކެރުނެވެ.

ވިސްނައި ފިކުރުކުރަން އިން ފާއިދު ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުން ނެވެ. ނުވެސް ދަންނަ ނަންބަރަކުން އައި އެ ފޯނުކޯލަކީ ވަރަށް މުހިންމު ފޯނުކޯލަކަށް ވެދާނެކަމުގައި އޭނާގެ ހިތް ބުންޏެވެ. އެ ފޯނަށް ޖަވާބު ދިނުމަށް އޭނާ އަވަސްވެގަތީ އެހެންވެ އެވެ.

“އައްސަލާމް ޢަލައިކުމް މިސްޓަރ ފާއިދު އަބްދުލް ހާދީ.” އެކޮޅުން އިވުނީ ނިފާރުގެ އަޑުކަމުގައި ނިންމީ ފާއިދު އަމިއްލައަށެވެ.

“ކަލޭ.. ކަލޭ.. މަގޭ ދަރިފުޅު ގޮވައިގެން ކޮންތާކަށް ތި ދިޔައީ؟ ހަމަ މިހާރު އޭނާ ގޮވައިގެން އާދޭ. އެހެން ނޫނީ އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން.” ޔަޒީދާ ކަންތައްކުރި ގޮތުން ހާސްވެ ނުތަނަވަސްވެފައި ހުރި ފާއިދު ގާތަށް އައީ ރުޅި އެވެ. ޔަޒީދާ އެގޮތަށް ކަންތައް ކުރުމުގައި ނިފާރުގެ އަތެއް ވާނެކަމުގައި އޭނާގެ ހިތް ބުންޏެވެ.

“އަސްލުވެސްތަ؟ އެހެން ނުހަދައްޗޭ. އޭރުން ޔަޒީދާ ވެސް ކިހާ ދެރަވާނެ. އެހެން ހަދައި..” ނިފާރު ދައްކަމުންދިޔަ ވާހަކަތައް ފުރިހަމަ ނުކުރެވެނީސް ފާއިދު ވާހަކަ ދައްކަން ފެށުމުން ނިފާރު ހުއްޓާލި އެވެ.

“މަ ނޫޅެން ކަލެއާ ވާހަކަ ދައްކާކަށް. ހަމަ މިހާރު ޔަޒީދާ އަތަށް ފޯނު ދީ. ކަލެއާމެދު ކަންތައް ކުރާނެގޮތް އެއޮތީ ބުނެފަ. ކަލެއަށް ތިއުޅެނީ ވަރަށް ބޮޑަށް އޮޅިގެން. ކަލޭ ތިއުޅެނީ އަހަރުމެންގެ މުއްސަނދިކަން ފެނިގެންކަން އެނގޭ ހިސާބުން ޔަޒީދާ ކަލެއާ ދުރައް ދާނެ. ކަލޭ ކަހަލަ ތަންދޮރު ނުދަންނަ ގަމާރެއް ނޫނޭ އެއީ.” ފާއިދުގެ ރުޅިގަނޑު ހައްތަހާ ދިޔައީ ގަދަވަމުން ނެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ސާދަވަނަ ބައި

“އަހަރެން މަރުވުމުން ޔަޒީދާ ދެރަނުވަންޏާ ދެރަވާނެ އެހެން މީހެއް ނުހުންނާނެ. އެކަމު.. ޔަޒީދާ މަރުވެއްޖެއްޔާ އެ ހިތާމައާ ހިތްދަތިކަން ކަލޭމެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ. ކަލޭ ތިޔަ ހީކުރާ ކަހަލަ ފިނޑިއެއް ނޫން އަހަރެންނަކީ. ކަލޭމެންގެ މުއްސަނދިކަން ފެނިގެން އެކަމުގެ ދަހިވެތިކަމުގައި ޔަޒީދާގެ ފަހަތުން ދުވާވަރުގެ މުއްސަނދި ބައެއް ވެސް ނޫން ކަލޭމެންނަކީ. އޮޅިގެން ތިއުޅެނީ ކަލޭމެނަށް. އަވަހަށް ގޮތެއް ނިންމާ. ކުރިޔަށް މިއޮތް ސައުވީސް ގަޑިއިރު ތެރޭ ވަލީގެ ކަންތައް ހަމަނުޖައްސައިފިއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ.” ނިފާރުގެ ވާހަކަތައް އަޑުއިވިފައި ފާއިދަށް ހުއްޓުން އެރިއެވެ. ޔަޒީދާއަށް ދެރަގޮތެއް ވެއްޖެނަމަ އޭނާގެ ހިތަކަށް ކެތެއް ނުވާނެ އެވެ.

“އޭތް.. ކަލޭ މޮޔަވެގެން ނުތެޅި ހުރޭ! ޔަޒީދާ އަތަށް ފޯނު ދޭށޭ ބުނެފީމެއްނު. ހަމަ މިހާރު އޭނާ އަތަށް ފޯނު ދީ. ކަލޭ ތިޔަ ހުރި ތަނެއް ބުނޭ.” ފާއިދުގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

“ނުދޭނަން. ފުއްޕަ ފުއްޕަ ހުންނަން ޖެހޭނީ. މިއަދު މީ ކަލޭގެ ދުވަހެއް ނޫން. މިއަދު މީ އަހަރެންގެ ދުވަސް.” ލިބުނު ފުރުސަތާއިމެދު ނިފާރު އުފާކުރާ ކަހަލަ އެވެ.

“ޔަޒީދާ އަތަށް ފޯނުދީ!” ފާއިދު ދިނީ އިންޒާރެވެ.

“ބައްޕަ ތިހެން ކަންތައް ކުރީމަ ޔަޒީދާ ވެސް ކިހާ ދެރަވާނެ. އެންމެ ފަހަރަކު ނަމަވެސް އަޅެ ނިކަން ވިސްނާލަބަލަ. މުއްސަނދިކަމުގެ ދަހިވެތިކަމުގަ ނަމަވެސް މަ ޔަޒީދާއާ ކައިވެނިކޮށްފިއްޔާ އޭނަ ކިހާ އުފާވާނެ. ދަރިފުޅު އުފަލުގައި ހުންނަތަން ދެކޭކަށް ބޭނުމެއް ނޫންތަ؟ ބައްޕަ ކަންތައްކުރި ގޮތުން ޔަޒީދާ ރުޅިއައިސްގެން ތިތަނުން ނުކުތީ. އަހަރެން އެއްވެސް ކަމެއް ނުކުރަން. ތިޔަ ތަނަށް އަހަރެން ދިޔައީ ޔަޒީދާ ބުނެގެން. ތިޔަ ތަނަށް ގެންދިޔަ މީހާ ބުނީމަ ނުކުންނަން ދޯ ޖެހޭނީ. އެހެންވެ ނުކުތީ. އަހަރެން ގޯހެއް ނުހަދަން.” ނިފާރުގެ ވާހަކައިގެ ރާގު ކުއްލިއަކަށް ބަދަލުވި އެވެ.

“ބޭކާރު އަނގަ ނުތަޅާ ޔަޒީދާ އަތަށް ފޯނުދޭށޭ ބުނެފީމެއްނު.” ފާއިދުގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވި އެވެ.

“އޯކޭ.. ކަލޭގެ ގޮތުގައި ކަލޭ ހުރޭ. އަހަރެން މި ނައްޓާލަނީ ޔަޒީދާ ގޮވައިގެން ސީރިޔާއަށް. ގުޑްބައި.” ކުއްލިއަކަށް ނިފާރު ފޯނު ކަނޑާލި އެވެ.

ފާއިދު މޮޔަވި ކަހަލަ އެވެ. އަޑުގެ ކޮޅަށް ހަޅޭލަވައިގަންނަމުން ދުވެފައި ބޭރަށް ނުކުތެވެ. ވާނުވާ ނޭނގި ހުއްޓުން އަރާފައި، އެތައް ބަޔަކު އޭނާއަށް ބަލަހައްޓައިގެން ތިބި ނަމަވެސް ފާއިދު އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. ފާއިދުގެ ފަހަތުން ސިލްވިޔާ ވެސް ދުވެފައި ބޭރަށް ނުކުތެވެ.

މިވެސް ކިޔާލަން:  އޭނާ - ތޭވީސްވަނަ ބައި

ސިލްވިޔާ މަސައްކަތްކުރީ ފާއިދު ހަމައަކަށް އަޅުވާށެވެ. އެކަމަށްޓަކައި އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އެތައް ވާހަކައެއް ދައްކައި އެތައް ނަސޭހަތެއް ދޭން ޖެހުނެވެ. ތަކުރާރުކޮށް ކަންކަން ހަނދާންކޮށްދީ ވިސްނައިދޭން ޖެހުނެވެ. ޤަބޫލުކުރަން ފަސޭހަވާނޭހެން އެތައް ވާހަކައެއް ބަދަލުކުރަން ޖެހުނެވެ.

ފާއިދުގެ ފޯނަށް ނިފާރު ގުޅި ނަންބަރަށް ގުޅިއިރު އެ ނަންބަރުގެ ޚިދުމަތް ވަނީ ކަނޑާލާފަ އެވެ. އިތުރަށް އޭނާއާ ވާހަކަ ދައްކަން ބޭނުންނަމަ ޖެހޭނީ އޭނާ ފޯނުކުރާނެ ވަގުތަކަށް އިންތިޒާރު ކުރަންކަން ސިލްވިޔާއަށް އެނގެ އެވެ.

ފާއިދު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނިފާރު ހުރި ތަނެއް ހޯދައި އޭނާގެ ހިމާޔަތަށް ޔަޒީދާ ގެންނާށެވެ. ނިފާރު އެގޮތަށް ކަންތައް ކުރީތީ ވެސް އޭނާގެ ކިބައިން ބަދަލު ހިފައި އަބަދުގެ އަބަދަށް ހަނދާން ހުންނާނެފަދަ ފިލާވަޅެއް ދޭށެވެ. ނިފާރު ބޭނުންހާ ގޮތެއް އޭނާއަށް ނުހެދޭނެކަން އަންގާލާށެވެ.

ފާއިދުގެ ވާހަކަތައް ސިލްވިޔާއަކަށް ކަމަކު ނުދިޔަ އެވެ. ސިލްވިޔާ އިސްކަން ދިނީ މަސްލަހަތަށެވެ. ނިފާރަށް ދޫދޭން ޖެހޭނަމަ އެކަން ކުރަން ވެސް އޭނާ ތައްޔާރެވެ. އޭނާގެ ފަރާތުން އެއްވެސް މީހަކަށް ހިތާމައެއް ހިތްދަތިކަމެއް ގެއްލުމެއް ވާކަށް އޭނާ ނޭދެ އެވެ. ޔަޒީދާ ހޯދޭން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީކަން ސިލްވިޔާއަށް ޔަގީނެވެ.

ނިފާރު އަދިވެސް ގުޅާނެކަމުގައި ސިލްވިޔާގެ ހިތް ބުނަމުންދިޔަ ބުނުން ހަޤީޤަތަކަށްވި އެވެ.

ފާއިދުގެ ފޯނަށް ގުޅި ނަމަވެސް ނިފާރަށް ޖަވާބު ދިނީ ސިލްވިޔާ އެވެ. ފޯނުން ވާހަކަ ދައްކަމުން ދައްކަމުން ސިލްވިޔާ ދުރަށް ޖެހިލި އެވެ. އޭނާ ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އެހެން މީހަކަށް އަޑުއިވޭން އޭނާ ބޭނުންނުވާ ކަހަލަ އެވެ.

ސިލްވިޔާ ބޭނުންވި ފަދައިން ނިފާރާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖެހުނެވެ. އެ ޤައުމަށް ނިފާރު އާ ނަމަވެސް އޭނާގެ ޢަމަލުތަކާއި ބަސްމަގުން އެކަމެއް ނުފެނެ އެވެ. އޭނާ ހުރީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ނެވެ. ބޭނުން ހުރިހާ މަޢުލޫމާތެއް ހޯދައި ހިތުދަސް ކޮށްފައިވާ ކަހަލަ އެވެ. ސިލްވިޔާ ބޭނުންވި ފުރުސަތު ނިފާރު ދިން ނަމަވެސް ސިލްވިޔާ ކަންތައް ކުރަން ޖެހުނީ ނިފާރު ބޭނުންވި ގޮތަށެވެ. އެ ދެމެދުގައި ކިތަންމެ ބައިވަރު ވާހަކަތަކެއް ދެކެވުނު ނަމަވެސް ސިލްވިޔާއަކަށް ނިފާރުގެ ފުރިހަމަ އިތުބާރެއް ނެތެވެ.

“އޯކޭ. ނިފާރު ބޭނުން ގޮތެއް. މީ އެންޑް ޔޫ ނޫން އެއްވެސް މީހަކު މި ބައްދަލުވުމުގައި ހުންނާކަށް އަހަރެން ވެސް ބޭނުމެއް ނޫން.” ސިލްވިޔާގެ ނިންމުން ނިފާރަށް ކަމުދިޔަ އެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 19

“ބޭޑް ބޯއީ.. ފާއިދު ކަންތައްކުރި ގޮތުން އޭނާ ހުންނަނީ ވަރަށް ރުޅިއައިސްފަ.. ބަޓް، ޔަޒީދާއަށް ދެރަގޮތެއް ހަދާކަށް އޭނާ ނުކެރޭނެ. އޭނާ ޓޫ މަޗް ލޯބިވަނީ ޔަޒީދާ.” ފާއިދުގެ ކައިރީ އިށީންނަމުން ސިލްވިޔާ ވާހަކަ ދެއްކި އެވެ.

ސިލްވިޔާއާ ބައްދަލުކުރަން ނިފާރު އެއްބަސްވި ވާހަކަ ފާއިދު ގާތު ސިލްވިޔާއެއް ނުބުނެ އެވެ. އަދި އެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ވެސް ނުދެ އެވެ.

ރޭގަނޑުގެ ނުވައެއް ޖަހާކަން ހާއިރެވެ. ކުއްލިއަކަށް ބޭރަށް ދިޔަ ސިލްވިޔާގެ ބޭނުމަކީ ނިފާރާއި ބައްދަލުކުރުން ނަމަވެސް އެހެން މީހަކަށް އެއިން އެއްވެސް ކަމެއް ނޭނގެ އެވެ.

ނިފާރުގެ ކުޅަދާނަކަމާއި ރޭވުންތެރިކަމާއިމެދު ސިލްވިޔާ ޝައްކެއް ނުކުރެ އެވެ. ކުއްލިއަކަށް ވެސް ކަމެއް ބަދަލު ވެދާނެކަން އޭނާއަށް އެނގެ އެވެ. ކަންތައް ވީ ހީކުރި ގޮތަށެވެ. ސިލްވިޔާ ގޮވައިގެން ނިފާރު ދިޔައީ މުޅިން އެހެން ހިސާބަކަށެވެ. ސިލްވިޔާގެ ފޯނު ނިވާލައި ނިފާރުގެ އަތަށް ފޯނު ނެގި އެވެ.

ސިލްވިޔާ ދައްކާނީ ޔަޒީދާގެ ވާހަކަ ކަމަށް ނިފާރު ހީކުރި ނަމަވެސް ސިލްވިޔާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ.

“އެންމެ ފުރަތަމަ ވެސް އަހަރެން ބުނަނީ ދޯ ކަލޭ މުހުތާރުގެ ދަރިފުޅު. ފާއިދު ކައިރީ އަންނަނީމަ އޭނާ ވަރަށް ރުޅި އަންނަނީ. ކަލޭ އަވަސް މޯލްޑިވްސް ދާން ބޭނުން. ފާއިދު މިތަނުގަ ވަރަށް ޕަވަރު ހުންނަނީ. އޭނާ ވަރަށް ގިނަ ލާރި ސްޕެންޑް ކުރަނީ. ކަލޭ ސޭފް ވައްތަރު ހުންނަން އަހަރެން ބޭނުންވަނީ.” ސިލްވިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ.

ނިފާރަކީ ސިލްވިޔާ އެބުނާ މުހުތާރުގެ ދަރިއެއްކަމަށް ނިފާރު އެއްބަސްވި އެވެ.

“ފާއިދު ކާކު ކަލޭ އެނގެނީތަ؟ މުހުތާރު ކައިރީ އޭނާ ކޮން ވައްތަރު ކުރަނީ ކަލޭ އެނގެނީތަ؟” ސިލްވިޔާގެ ކިބައިން ފެނުނީ ހިތާމަ އާއި ހިތްދަތިކަމެވެ.

“ކަލޭ ކޮންމެ ވާހަކަ ދައްކަނީމަ ވެސް ފާއިދު ކަލޭ ކައިރީ އޯކޭ ނުދެނީ. ޔަޒީދާ ކަލޭ މެރީކުރަން އޭނާ އޯކޭ ނުވަނީ. އަހަރެން ރިކުއެސްޓް ކުރަނީ ކަލޭ އަވަސް މޯލްޑިވްސް ދަނީ.” ސިލްވިޔާގެ ފަރާތުން ފެނިގެން ދިޔައީ ނިފާރާއިމެދު އޭނާގެ ހިތުގައިވާ ހަމްދަރުދީ އެވެ. ނިފާރު ސަލާމަތްކުރަން އޭނާ ބޭނުންވެފައިވާވަރެވެ.

“ކީއްވެ؟ ތިހެން ވާން ޖެހޭ ސަބަބު އޮޅުންފިލުވަން އަހަރެން ބޭނުން.” ނިފާރު ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ. ސިލްވިޔާގެ ފަރާތުން އިތުރު މަޢުލޫމާތެއް ލިބިދާނެކަމުގައި އޭނާގެ ހިތް ބުންޏެވެ.

“ނެކްސްޓް މަންތުގަ އަހަރުމެން ދާނަން މޯލްޑިވްސް. އެތަނަށް ގޮސް މީޓްކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދޭނަން. އަވަހަށް ދޭ.” އަނެއްކާ ވެސް ސިލްވިޔާ އެދުނީ ނިފާރު ރާއްޖެ ދިއުމަށެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top