މަސްތީ ރޭ
ރޭގަނޑުން ދަންވެ ވައިރޯޅިތައް ފިނިވެފައިވާއިރު، ކޮލޮމްބޯ ސިޓީގެ ތެރެއިން އިވޭ ނައިޓްކްލަބްގެ އަޑުގަދަ މާހައުލާ އެތަން މާ ދުރެވެ. ވަޝިއްޔާ ހިނގަމުން ދިޔައީ އޭނާ ލައިގެން ހުރި ބޮޑު ހޫޑީގެ އަތްކުރީގެ ތެރެއަށް އަތްލައި އަތް ފޮރުވައިލައިގެން މިރުޒާގެ ކައިރިންނެވެ.
ވަޝިއްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މިހާރު މާ ބޮޑަށްވެސް ރަނގަޅު. ހާސްކަމާއި ނުތަނަވަސްކަން މިހެން ނިކުމެލީމަ ފިލައިފި.”
“ސާފު ވައިގެ ސަބަބުން؟”
“އާނ.. މާ ބޮޑަށްވެސް.”
މޫދާވީ ފަރާތުގައި ހުރި ރޭލިންގް ކައިރިއަށް އެމީހުން މަޑުކޮށްލިއެވެ. ވަޝިއްޔާ ރޭލިންގްގައި އަތް ބާއްވާލައިގެން ހުރެ، ދުރުން ފެންނަ ބައްތިތަކުގެ ހިޔަނި ފެންގަނޑުގެ މަތީގައި ކުޅެލަ ކުޅެލާ ހުރި މަންޒަރަށް ބަލަން ހުއްޓެވެ.
“ރަށްމަތިން ވަރަށް ހަނދާންވޭ.” ކުއްލިއަކަށް ވަޝިއްޔާ ބުންޏެވެ.
މިރުޒާ އޭނާއާ ދިމާއަށް އެނބުރުނެވެ.
“ދެން ކީއްވެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރަށަށް ނުދަނީ؟”
ވަޝިއްޔާ ކުޑަކޮށް ހީނލިއެވެ.
“މިކޮޅަށް އައި ބޭނުން އަދި ފުރިހަމައެއް ނުވޭ.”
“ޑޮކްޓަރަށް ދެއްކުމާއި، ވިޔަފާރިކުރުމާއި، ތަންތަން ބަލާލުންތަ؟”
“އަދި ހީނުކުރާ ކަހަލަ ދިރިއުޅުމުގެ ބައެއް ފިލާވަޅުތައް ވެސް.”
މިރުޒާ ހިނިތުންވެލިއެވެ.
“އެކަހަލަ ފިލާވަޅުތަކުގެ އަގު އާންމުކޮށް ވަރަށް ބޮޑުވާނެ.”
ވަޝިއްޔާ އަނެއްކާވެސް ހީނލިއެވެ. އެއަށްފަހު އޭނާގެ މޫނުމަތިން މަޑުމޮޅިކަމެއް ފެނިގެންދިޔައެވެ.
“އަހަރެންގެ އާއިލާއަށް މިތަނުގައި އަހަންނަށް ދިމާވި ކަންތައްތަކުގެ ދެބައިކުޅަ އެއްބައި އެނގުނަސް އެމީހުން ވަރަށް ބޮޑަށް ހައިރާންވާނެ.”
“އެހެންތަ؟”
“ޔަގީން. އެމީހުން ހީކުރަނީ އަދިވެސް އަހަންނަކީ ވާރޭ ވެހޭއިރު ކުޑަ ހިފައިގެން ދާން ހަނދާންކޮށްދޭން ޖެހޭ ކުޑަ ކުއްޖެއް ކަމަށް.”
“ވެދާނެ ތިޔައީ އަދިވެސް އެމީހާ ކަމަށް.”
ވަޝިއްޔާ އޭނާއަށް ބަލައިލިއެވެ. “މިރުޒާއަށް ހީވޭތަ އެހެން؟”
“އަހަރެން ޤަބޫލުކުރަނީ މީހުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރިޔަސް، އެމީހުންގެ ހިތް ބަދަލެއް ނުވާނެ ކަމަށް.”
ވަޝިއްޔާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ. އަދި ހިނިތުންވެލިއެވެ.
“ތިޔައީ ހީނުކުރާހާ ޅެންވެރި ވާހަކައެއް، މިރުޒާ ގަފޫރު.”
“މީހަކު ގާތު ނުބުނާތި. އަހަރެންގެ އަގު ވެއްޓިދާނެ.”
ވަޝިއްޔާ ހީނލިއެވެ. އަދި މިރުޒާ އަނެއްކާވެސް އޭނާއަށް ބަލަން ހުއްޓެވެ.
މި ރޭގަނޑު ވަމުންދަނީ ވަޝިއްޔާ އެންމެ ބޭނުންވި ފަދަ ވަގުތަކަށެވެ. ހިމޭން، އާދައިގެ، އަދި އެއްވެސް ކަމެއް ސާފުކޮށްދޭން ނުޖެހޭ ވަގުތުކޮޅަކަށެވެ. ނަމަވެސް މިރުޒާއަށް އެނގޭ ގޮތުގައި، މި ރޭގަނޑު ބަދަލުވަމުންދަނީ އެއިން އެކަކުވެސް ރާވާފައި ނުވާ ފަދަ ގޮތަކަށެވެ.
ވަޝިއްޔާ އޭނާއާ ދިމާއަށް އެނބުރުނުއިރު، އެ ދެމީހުންގެ މޫނާއި ހަށިގަނޑު ވަނީ ކުރިއަށްވުރެ ބޮޑަށް ގާތްވެފައެވެ. މިރުޒާއަށް ވަޝިއްޔާގެ އިސްތަށިގަނޑުން ތާޒާ ޝޭމްޕޫގެ ވަސް ދުވައެވެ. އެއީ ފިނި ރޭގަނޑުގެ ވައިގެ ތެރޭގައި ހިފާލާފައިވާ ސާފުތާހިރު، މަޑުމައިތިރި މަސްތީ ވަހެކެވެ.
ވަޝިއްޔާ އޭނާއަށް ބަލައިލިއެވެ. މިރުޒާ ވެސް ބަލައިލިއެވެ. ވަގުތުކޮޅަކަށް، އެކަކުވެސް ހަރަކާތެއް ނުކުރެއެވެ. ދެން ވަޝިއްޔާ އިސްދަށަށް ޖަހާލަމުން، މަޑުމަޑުން ހިނިތުންވެލިއެވެ.
“މިކަން ވަރަށް އުނދަގޫ ކަމަކަށް ތި ހަދަނީ.”
މިރުޒާ ބުމަ އަރުވާލިއެވެ. “އަހަރެން އުނދަގޫ ކުރަނީ ކޮން ކަމަކަށް؟”
ވަޝިއްޔާ އަނެއްކާވެސް އިސްއުފުލާލިއެވެ. “އެއްވެސް ކަމަކަށް ނޫން.”
މިރުޒާ ހިނިތުންވެލިއެވެ. އެކަމަކު އޭނާއަށް އެނގެއެވެ. އަދި އެ އެނގުމުގެ ސަބަބުން، އެމީހުންގެ މެދުގައި އޮތް ހިމޭންކަން އިތުރަށް ފުންވެގެން ދިޔައެވެ.
ކުޑަ އިރުކޮޅަކަށް އެހެން ތިބުމަށްފަހު، ވަޝިއްޔާ ވަރަށް ހިތްވަރުކޮށްފައި ހިތާއި ނަފްސާ ދެކޮޅަށް މިރުޒާ އާއި ދުރަށް ޖެހިލިއެވެ. މިރުޒާއަށް މިކަން ފާހަގަވީ ނަމަވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މިރުޒާއަކަށް އެ ބެލުމެއް ތިރިއެއް ނުކުރެވުނެވެ.
*****
އެ ދެމީހުން އިތުރު ވަގުތުކޮޅަކަށް ބޭރުގައި މަޑުކޮށްލިއެވެ. އަދި ވާހަކަދެއްކީ އާދައިގެ ކަންކަމާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ޒިޔާރަތްކުރަން ބޭނުންވާ ތަންތަނާއި، ދިމާވި ބައެއް މީހުންގެ އާދަޔާ ޚިލާފު އުޅުމާއި، ކުޑައިރުގެ ހަނދާންތަކުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދިރިއުޅުމުގެ ހުރި ތަފާތުތައް ހިމެނެއެވެ.
ވަޝިއްޔާ އޭނާގެ ކުޑައިރުގެ ހަނދާނެއް އާކުރިއެވެ. އެއީ އޭނާގެ ރަހުމަތްތެރިންނާއެކު އަތިރިމަތީގައި ބޮލި ހޮވަން ހޭދަކުރި ހަވީރެއްގެ ވާހަކައެވެ. މިރުޒާ ކިޔައިދިނީ އޭނާގެ ފަގީރު ނިކަމެތި ކުޑައިރުގެ ވާހަކައެވެ. ދިރިއުޅުމުގައި އުންމީދުކުރާ ކޮންމެ ފުރުސަތަކީ އިންސާނާއަށް ޙައްޤުވާ މިންވަރަށް ލިބޭ އެއްޗެއް ނޫންކަން އޭނާއަށް ވަރަށް ކުރިން ދަސްވި ކަމަށް ބުންޏެވެ.
މިފަހަރު މިރުޒާގެ މާޒީގެ ވާހަކަ ކިޔައިދިނީ އެއްވެސް އުނި އިތުރެއް ނެތިއެވެ. އޭނާ ހުރިހާ ވާހަކައެއް ކިޔައެއް ނުދެއެވެ. ނަމަވެސް، އޭނާއަކީ ކުރިން ކޮންކަހަލަ މީހެއްކަން ވަޝިއްޔާއަށް ވަޒަންކޮށްލެވޭ ވަރަށް އޭނާ ވާހަކަދެއްކިއެވެ.
ވަޝިއްޔާ ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަން އިނެވެ.
“ކަންތައްތައް ތަފާތު ގޮތަކަށް ދިމާވިނަމަ، ދިރިއުޅުން ހުންނާނެ ގޮތަކާމެދު ދުވަހަކުވެސް ވިސްނާލަންތަ؟” ވަޝިއްޔާ އެހިއެވެ.
“އަބަދުވެސް ވިސްނަން.”
“ކޮން ކަމެއް ބަދަލުކުރަން ބޭނުންވަނީ؟”
މިރުޒާ މޫދާ ދިމާއަށް ބަލާލިއެވެ.
“ފަހަރުގައި އެއް ކަމަކަށްވުރެ ގިނަ ކަންތައް.”
ވަޝިއްޔާ އިންތިޒާރުކުރީ އޭނާ އިތުރަށް އެވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް އޭނާ އެވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.
އޭގެ ބަދަލުގައި، މީރުޒާ ވަޝިއްޔާއާ ދިމާއަށް އެނބުރުނެވެ. “ދެން ވަޝިއްޔާ؟”
“އަހަރެން ހިތަށްއަރަނީ ޒުވާން ދުވަސްވަރު މިއަށްވުރެ ގިނައިން ދަތުރުފަތުރު ކުރެވުނުނަމައޭ.”
“މިހާރު އެކަމަށް އޮތީ ކޮން ހުރަހެއް؟”
“ހަޤީޤަތުގައި އެއްވެސް ހުރަހެއް ނެތް.”
“އެހެންވީމާ ދަތުރުކުރޭ.”
ވަޝިއްޔާ ހިނިތުންވެލިއެވެ.
“ތިޔަ ބުނަނީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި.”
“ބައެއް ފަހަރު އެއީ ހަމަ އެހާ ފަސޭހަ ކަމެއް.”
“ކޮންމެ ކަމެއް ނޫން.”
މިރުޒާ ބޯޖަހާލިއެވެ. “ނޫން. ކޮންމެ ކަމެއް ނޫން.”
އެ ދެމީހުންގެ ހަތަރުކަޅި އަނެއްކާވެސް ބައްދަލުވިއެވެ. މިފަހަރު، އެކަކުވެސް އަވަހަށް ނަޒަރު ވަކިކޮށެއް ނުލިއެވެ.
*****
ވަގުތު މާބޮޑަށް ލަސްވެ ދަންވަމުން ދިޔުމާއެކު، މިރުޒާ ވަޝިއްޔާ ދެން އިތުރަށް ބޭރުގައި މަޑުނުކޮށް ގެއަށް ދިޔުމަށް ހުށަހެޅިއެވެ. ވަޝިއްޔާ ހުރީ ދާން ބޭނުންވެފައެއް ނޫނެވެ. އެހެންނަމަވެސް، އެންމެ ބުއްދިވެރި ގޮތަކީ އެޕާޓްމަންޓަށް ގޮސް އަރާމުކޮށްލުންކަން އޭނާއަށް އެނގެއެވެ.
އެރޭ އޭނާއަށް ވަރަށް މުހިންމު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ބިރުގަންނަ ކަންތައްތަކާ ދުރަށް ޖެހިލައި، އާދައިގެ ވާހަކަތަކެއް ދައްކާލައި، އިޙުސާސްތައް ތަފްސީލުކޮށްދޭން މަޖުބޫރުނުވާ ފަދަ މާހައުލެއްގައި މީހަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބުނެވެ. އަދި އޭނާ ޤަބޫލުކުރަން ބޭނުންނުވެފައި ހުރި ކަމެއްވެސް އޭނާއަށް އިޙުސާސްވިއެވެ.
އޭނާ މިރުޒާއާ އަލުން ބައްދަލުކުރަން ބޭނުންވެއެވެ. އެކީގައި ވަގުތު ހޭދަކުރަން ބޭނުންވިއެވެ. އެއީ އޭނާ ސަލާމަތްކޮށްދޭނެ މީހަކު ބޭނުންވެގެންނެއް ނޫނެވެ. ނުވަތަ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށް ނުކުޅެދިގެންނެއްވެސް ނޫނެވެ. އެކަމަކު ހަޤީޤަތުގައިވެސް އޭނާއާއެކު ވަގުތު ހޭދަކުރުމުން އުފާވާތީއެވެ. އަދި މިއީ ފަހަރުގައި މިކަމުގެ އެންމެ އުނދަގޫ ބައެވެ.
އެޕާޓްމަންޓްގެ ގޭޓާ ހަމައަށް ދެވުމުން، މިރުޒާ ކާރު މަޑުކޮށްލިއެވެ. ވަގުތުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ހަރަކާތެއް ނުކޮށް މަޑުން ތިއްބެވެ.
“މިރޭގެ ވަގުތުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ވަޝިއްޔާ ބުންޏެވެ.
“ކޮންމެ ވަގުތަކުވެސް.”
ވަޝިއްޔާ އޭނާއަށް ބަލާލިއެވެ. “ހަމަ އަސްލުވެސްތަ؟”
“އާނ، ހަމަ އަސްލުވެސް.”
ވަޝިއްޔާ ހިނިތުންވެލިއެވެ. ދެން، ކާރުގެ ދޮރު ހުޅުވުމުގެ ކުރިން އޭނާ މިރުޒާއާ ދިމާއަށް އެނބުރުނެވެ.
“ގުޑްނައިޓް، މިރުޒާ.”
“ގުޑްނައިޓް، ވަޝިއްޔާ.”
އޭނާ ކާރުން ފައިބައި، ދޮރު ލެއްޕުމަށްފަހު އިމާރާތުގެ ވަންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ. ވަޝިއްޔާ އެތެރެއަށް ވަދެ ލޯމަތިން ގެއްލެންދެން މިރުޒާ އެތަނުގައި މަޑުކޮށްލިއެވެ. އޭނާ ކާރު ދުއްވާލީ އޭގެ ފަހުންނެވެ.
އެ މުޅި ރޭ އޭނާ ހޭދަކުރީ ވަޝިއްޔާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، އޭނާގެ ވާހަކަތައް އަޑުއަހައި، އޭނާގެ ހިތުގައި ދުވަހެއް ދުވަހަކަށް މުހިންމުވަމުންދާ އެ އަންހެނާއަށް ބަލާށެވެ. ނަމަވެސް، އޭނާ ދުއްވާފައި ދަނިކޮށް ފޯނަށް މެސެޖެއް އައެވެ. އެއީ އޭނާއާއެކު މަސައްކަތްކުރާ މީހެއްގެ މެސެޖެކެވެ.
“އަހަރެމެން ވާހަކަދައްކަން ޖެހޭ. އެއީ ކްލަބުން ދިމާވި މީހާގެ ކަމެއްގައި. އޭނާ ވަޝިއްޔާއާ ބެހޭގޮތުން ސުވާލުކުރަމުން އެބަދޭ.”
މިރުޒާގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާ އަލުން އެ މެސެޖު ކިޔާލިއެވެ. އެވަގުތު ދެވަނަ މެސެޖެއް އައެވެ.
“އަދި މިރޭ ކަލޭ އޭނާއާއެކު އުޅުނުކަންވެސް އޭނާއަށް އެނގޭ.”
މިރުޒާ ކާރުގެ ސްޓިއަރިންގައި ވީލްގައި ބާރަށް ހިފަހައްޓާލިއެވެ. އަމާން އޮމާންކޮށް ދިޔަ އެރޭގެ ނިމުން އަތުވެއްޖެއެވެ. ކްލަބުގައި ހިނގައިދިޔަ ކަންތައްތަކަކީ ވަޝިއްޔާ ހޮސްޕިޓަލުން ދޫކޮށްލުމުން ނިމުނު ކަންތައްތަކެއް ނޫނެވެ. އަދިވެސް މީހަކު އެބަ ފާރަލައެވެ. އަދި މިހާރު، ވަޝިއްޔާއަށްޓަކައި މިރުޒާގެ ހިތުގައި އުފެދެމުންދާ އިޙުސާސްތަކަށްވުރެ މާ ބޮޑު، އަވަސް މައްސަލައަކާ އޭނާ ކުރިމަތިލާން ޖެހިއްޖެއެވެ. އޭނާ އެންމެ ބޮޑަށް ރައްކާތެރިކަން ދޭން ބޭނުންވާ މީހާ، އަށް އެހެން މީހެއްގެ ލޯ ވަނީ އަމާޒުވެފައެވެ.
(ނުނިމޭ)
