މޫނުގައި އުނގުޅާ ސީރަމްތަކަކީ މިހާރު އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ވީއިރު، މީގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މާއްދާއެއް އެބައޮތެވެ. އެއީ “ރެޓިނޮއިޑްސް” އެވެ. މިއީ މުސްކުޅިވުމުގެ އަލާމާތްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ބޮޑެތި ބްލެކްހެޑްސް ނުވަތަ އޮށާޅައަށް ފަރުވާކުރުމަށް މަޝްހޫރު، ވިޓަމިން އޭ އިން އުފައްދާފައިވާ މާއްދާތަކެކެވެ.
ނަމަވެސް، ރެޓިނޯލްއަކީ މީގެ ތެރެއިން އޮތް ހަމައެކަނި ފުރުސަތެއް ނޫނެވެ. މި މާއްދާތަކުގެ މެދުގައި ހުރި ތަފާތުތައް ދެނެގަތުމަކީ ހަމުގެ ފަރުވާގައި ރައްކާތެރި އަދި ބުއްދިވެރި ނިންމުންތައް ނިންމުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ފުރަތަމަ ކަމަކަށް، ރެޓިނޮއިޑްސްއަކީ ކޮބައި ހެއްޔެވެ؟
ރެޓިނޮއިޑްސްއަކީ ވިޓަމިން އޭ އިން އުފައްދާފައިވާ މާއްދާތަކެކެވެ. މީގެ މައިގަނޑު މަސައްކަތަކީ ހަމުގެ ސެލްތައް އާކޮށްދިނުމާއި، ހަމުގެ ލޯވަޅުތައް (ޕޯރސް) ބެދުމުން ސަލާމަތްކޮށްދިނުމާއި، ހަމުގެ ލޭ ހިނގުން ރަނގަޅުކޮށް ކޮލަޖަން އުފެއްދުމަށް އެހީތެރިވެދިނުމެވެ. މީގެ ވައްތަރުތަކަށް ބަލައި، އޮށާޅަ، ހަމުގައި ހުންނަ ރޫތައް، ހަމުގެ ކުލަ އެއްވަރުނުވުން އަދި އަވީގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތަކަށް މީގެން ފަރުވާ ލިބެއެވެ.
ރެޓިނޯލްއަކީ މި އާއިލާގައި ހިމެނޭ އެއް މާއްދާއެވެ. މިއީ ހުރިހާ ރެޓިނޮއިޑްސްއަށް ކިޔާ ނަމެއް ނޫނެވެ.
ތަފާތު ވައްތަރުތައް ދެނެގަތުން:
މި މާއްދާތަކުގެ ނަންތައް އެއްގޮތް ނަމަވެސް، މީގެ ބާރުގަދަ މިންވަރާއި، މަސައްކަތްކުރާ ގޮތް އަދި ބޭނުންކުރާ މަޤުޞަދު ތަފާތެވެ.
1. ރެޓިނައިލް އެސްޓަރސް – މަޑުމައިތިރި ފަރުވާއެއް
މީގެ ތެރޭގައި ރެޓިނައިލް ޕަލްމިޓޭޓް، ރެޓިނައިލް އެސިޓޭޓް އަދި ރެޓިނައިލް ޕްރޮޕިއޮނޭޓް ހިމެނެއެވެ. މިއީ ވިޓަމިން އޭ އިން އުފައްދާ އެންމެ މަޑުމައިތިރި މާއްދާތަކެވެ. މިއީ ހަމުގެ ތެރޭގައި އެކްޓިވް މާއްދާއަކަށް ބަދަލުވުމަށް ގިނަ މަރުހަލާތަކެއް ކަނޑަނޭޅޭތީ، ހަމަށް ލިބޭ އުނދަގޫތައް ކުޑަވި ނަމަވެސް، މީގެ ނަތީޖާ ފެންނަލެއް ލަސްވެފައި ކުޑައެވެ.
2. ރެޓިނޯލް – އެންމެ މަޤުބޫލު ވައްތަރު
ޑޮކްޓަރެއްގެ ސިޓީއާނުލައި ލިބެން ހުންނަ އެންމެ އާންމު ރެޓިނޮއިޑްއަކީ މިއެވެ. މި ހަމުގައި އުނގުޅުމުން “ރެޓިނަލް” އަށް ބަދަލުވެ، އެއަށްފަހު “ރެޓިނޮއިކް އެސިޑް” އަށް ބަދަލުވެއެވެ. މިއީ ކުދި ރޫތަކާއި، ހަމުގެ ކުލަ އެއްވަރުނުވުމާއި، ހަމުގެ އޮމާންކަން ގެއްލުމާއި އަދި ބައެއް ކަހަލަ އޮށާޅައަށް ފަރުވާކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
3. ރެޓިނަލް – މިއަށް “ރެޓިނަލްޑިހައިޑް” ވެސް ކިޔައެވެ.
ރެޓިނަލްއަކީ ރެޓިނޮއިކް އެސިޑަށް ބަދަލުވުމަށް އެންމެ މަރުހަލާއެއް ބޭނުންވާ މާއްދާއެކެވެ. އެހެންކަމުން މިއީ ރެޓިނޯލްއަށްވުރެ ބާރުގަދަ މާއްދާއެއްގެ ގޮތުގައި ބެލެވެއެވެ. މިއީ މުސްކުޅިވުމުގެ އަލާމާތްތަކާއި ހަމުގެ އޮމާންކަމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް، މީގެ ސަބަބުން ހަމަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ.
4. ޓްރެޓިނޮއިން – ޑޮކްޓަރީ ބޭހެއްގެ ގޮތުގައި ބޭނުންކުރާ ރެޓިނޮއިޑް
މިއީ ރެޓިން-އޭ ފަދަ ނަންނަމުގައި މަޝްހޫރު މާއްދާއެކެވެ. މިއީ ސީދާ “ރެޓިނޮއިކް އެސިޑް” ކަމަށްވާތީ، ހަމުގައި އުނގުޅުމާއެކު މަސައްކަތް ކުރަން ފަށައެވެ. މިއީ އޮށާޅައާއި އަވީގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތަކަށް ދޭ ބާރުގަދަ ފަރުވާއެކެވެ. މިއީ ހަމަށް ވަރަށް ބޮޑަށް އުނދަގޫވެ، ހަންފޮޅޭ ފަދަ ކަންކަން މެދުވެރިވާ މާއްދާއަކަށް ވާތީ، މިއީ ހަމައެކަނި ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުންކުރަންޖެހޭ އެއްޗެކެވެ.
5. އެޑަޕަލީން – އޮށާޅައަށް ޚާއްޞަ ފަރުވާއެއް
މިއީ އާންމުކޮށް އޮށާޅައަށް ފަރުވާކުރުމަށް ބޭނުންކުރާ، ރެޓިނޮއިޑްއެކެވެ. މިއީ ހަމުގެ ލޯވަޅުތައް ބެދުމުން ސަލާމަތްކޮށްދީ، މޫނުގައި އުފެދޭ އޮށާޅަ މަދުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
6. ޓަޒަރޮޓީން – ބާރުގަދަ ޑޮކްޓަރީ ފަރުވާއެއް
އޮށާޅައާއި، ސޮރައިއެސިސް ފަދަ ހަމުގެ ބަލިތަކަށް ބޭނުންކުރާ މި މާއްދާއަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. މީގެ ސަބަބުން ހަންގަނޑު ހިކުމާއި، ރަތްވުން ފަދަ ކަންކަން މެދުވެރިވެދާނެތީ، މިއީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ބޭނުންކުރަންޖެހޭ އެއްޗެކެވެ.
7. ޓްރައިފަރޮޓީން – އައު ޖީލުގެ ރެޓިނޮއިޑް
މިއީ މޫނާއި ހަށިގަނޑުގެ އެކި ތަންތަނަށް ނަގާ އޮށާޅައަށް ފަރުވާކުރުމަށް އުފައްދާފައިވާ، ހަމުގެ ވަކި ރިސެޕްޓަރތަކަށް އަމާޒުކޮށް މަސައްކަތްކުރާ އައު ފަރުވާއެކެވެ.
“އައިސޯޓްރެޓިނޮއިން” އަކީ ކޮބައި ހެއްޔެވެ؟
މިއީ ވެސް ވިޓަމިން އޭ އިން އުފައްދާ މާއްދާއެއް ނަމަވެސް، މިއީ ހަމުގައި އުނގުޅާ އެއްޗެއް ނޫނެވެ. މިއީ އާދައިގެ ފަރުވާތަކުން ރަނގަޅުނުވާ ބޮޑެތި އޮށާޅައަށް ބޭނުންކުރާ، ކާންދޭ ބާރުގަދަ ބޭހެކެވެ. މިއީ މާބަނޑު ދުވަސްވަރު ބޭނުންކޮށްފިނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ބޭހަކަށް ވާތީ، މިއީ ޑޮކްޓަރެއްގެ ވަރަށް ގާތް ބެލުމުގެ ދަށުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެކެވެ.
ރެޓިނޮއިޑްސް އިން ލިބޭ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
ބޭނުންކުރާ ވައްތަރަކަށް ބަލައި، ރެޓިނޮއިޑްސް އިން ތިރީގައިވާ ފައިދާތައް ލިބިދާނެއެވެ.
- ކުދި ރޫތައް މަދުކޮށްދިނުން: ހަމުގެ ކޮލަޖަން އިތުރުކޮށްދީ، މުސްކުޅިވުމުގެ އަލާމާތްތައް ކުޑަކޮށްދެއެވެ.
- އޮށާޅައަށް ފަރުވާ ލިބުން: ހަމުގެ ލޯވަޅުތައް ބެދުމުން ސަލާމަތްކޮށްދީ، އޮށާޅަ ނެގުން މަދުކޮށްދެއެވެ.
- ލައްތައް ފިލުވައިދިނުން: ހަމުގައި ހުންނަ ކަޅު ލައްތަކާއި، އޮށާޅަ ނެގުމަށްފަހު ހުންނަ ނިޝާންތައް ފިލުވައިދިނުމަށް އެހީވެއެވެ.
- ހަންގަނޑު އޮމާންކޮށްދިނުން: ހަމުގެ މަރުވެފައިވާ ސެލްތައް ބަދަލުކޮށް، އައު ސެލްތައް އުފެދުމަށް އެހީތެރިވެދެއެވެ.
- އަވީގެ ގެއްލުންތައް ކުޑަކުރުން: އަވީގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލުތައް ރަނގަޅުކޮށްދެއެވެ.
ނަމަވެސް މިއީ ވަގުތުން ރޫތައް ފިލުވައިދޭ އެއްޗެއް ނޫނެވެ. މީގެ ނަތީޖާ ފެންނަން މަދުވެގެން ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގާނެއެވެ.
އިޚްތިޔާރު ކުރާނީ ކޮން އެއްޗެއް ހެއްޔެވެ؟
އެންމެ އެކަށީގެންވާ މާއްދާއެއް އިޚްތިޔާރު ކުރަންވާނީ ތިމާގެ ހަމުގެ ބާވަތަށާއި، ހަންގަނޑުގެ ނާޒުކުމިނަށާއި، ބޭނުންވާ ނަތީޖާއަށް ބަލާފައެވެ.
- އަލަށް ފަށާ ފަރާތްތަކަށް: ބާރު ދަށް ރެޓިނޯލް ނުވަތަ ރެޓިނައިލް އެސްޓަރއަކުން ފެށުން ބުއްދިވެރިއެވެ.
- މުސްކުޅިވުމުގެ އަލާމާތްތަކަށް ވަރުގަދަ ފަރުވާއެއް ބޭނުންވާނަމަ: ހަންގަނޑަށް ކެތްކުރެވޭނަމަ “ރެޓިނަލް” ބޭނުންކުރެވިދާނެއެވެ.
- އޮށާޅަ ނަގާ ހަންގަނޑަކަށް: “އެޑަޕަލީން” އަކީ މިކަމަށް ޚާއްޞަ، ނަތީޖާ ފެންނަ މާއްދާއެކެވެ.
- ބޮޑެތި އޮށާޅަ ނުވަތަ ހަމުގެ ސީރިއަސް މައްސަލަތަކަށް: ޑޮކްޓަރެއްގެ ލަފާގެ މަތިން ޓްރެޓިނޮއިން ނުވަތަ ޓަޒަރޮޓީން ފަދަ ބާރުގަދަ ފަރުވާތައް ބޭނުންކުރެވިދާނެއެވެ.
- ނާޒުކު ހަންގަނޑަކަށް: ބާރުގަދަ އެއްޗެއް ބޭނުންކުރުމުގެ ކުރިން ހަމުގެ ދުޅަހެޔޮކަމަށް އިސްކަންދީ، ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ، މާއްދާއެއްގެ އިންސައްތަ މަތިވުމަކީ އޭގެ ނަތީޖާ ރަނގަޅުވާނެކަމުގެ ނިޝާނެއް ނޫން ކަމެވެ.
ރެޓިނޯލް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތް
އަލަށް ބޭނުންކުރަން ފަށާއިރު، ތިރީގައިވާ ފިޔަވަޅުތަކަށް އަމަލުކުރުން ބުއްދިވެރިއެވެ.
● ބާރު ދަށް އުފެއްދުމަކުން ފަށާށެވެ.
● ރޭގަނޑު، މޫނު ދޮވުމަށްފަހު ރަނގަޅަށް ހިއްކައި، ވަރަށް ކުޑަ މިންވަރެއް މޫނުގައި އުނގުޅާށެވެ.
● ފުރަތަމަ ހަފުތާއަކު ދެ ފަހަރު ބޭނުންކުރަން ފަށާށެވެ.
● ހަންގަނޑަށް އުނދަގޫ ނުވާނަމަ މަޑުމަޑުން ބޭނުންކުރާ މިންވަރު އިތުރުކުރެވިދާނެއެވެ.
● މީގެ ފަހުން ހަންގަނޑަށް މޮއިސްޗަރައިޒް ކޮށްދޭ އެއްޗެއް އުނގުޅާށެވެ.
● ކޮންމެ ދުވަހަކު ހެނދުނު އެސްޕީޢެފް30 އަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރާށެވެ. އަދި ބޭރުގައި އުޅޭނަމަ ތަކުރާރުކޮށް ސަންސްކްރީން އުނގުޅާށެވެ.
● ލޯކައިރިއާއި، ނޭފަތުގެ ކައިރި އަދި ތުންފަތް ކައިރީގައި މި އުނގުޅުމުން ދުރުހެލިވާށެވެ. ހަންގަނޑު މާބޮޑަށް ފޮޅުމާއި ދިލަނެގުމަކީ ބޭސް ރަނގަޅަށް މަސައްކަތްކުރާ ކަމުގެ ނިޝާނެއް ނޫނެވެ.
މުހިންމު ސަމާލުކަމެއް:
- ރެޓިނޮއިޑްސް ބޭނުންކުރަން ފަށާ ދުވަސްވަރު ހަންގަނޑު ހިކުމާއި، ރަތްވުމާއި، ހަންފޮޅުމާއި އަދި ކަސް އެރުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.
- މާބަނޑު ދުވަސްވަރު: ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހަމުގައި އުނގުޅާ ރެޓިނޮއިޑްސް ބޭނުންކުރުމުން ދުރުހެލިވާށެވެ. ކާންދޭ އައިސޯޓްރެޓިނޮއިންއަކީ މާބަނޑު މީހުންނަށް މުޅިން މަނާ ބޭހެކެވެ.
- ގާތުން ކިރުދޭ މައިން: ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އަދި ތުއްތު ދަރިފުޅަށް އަތްލެވޭ ފަދަ ތަންތަނުގައި މި އުނގުޅުމުން ދުރުހެލިވާށެވެ.
- ނާޒުކު ހަންގަނޑު: އެގްޒީމާ ނުވަތަ ރޮޒޭޝިއާ ފަދަ މައްސަލަތައް ހުންނަ ފަރާތްތަކުން މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.
- އެހެން މާއްދާތަކާއެކު ބޭނުންކުރުން: އެކްސްފޯލިއޭޓިންގ އެސިޑް ނުވަތަ ބެންޒޮއިލް ޕެރޮކްސައިޑް ފަދަ ބާރުގަދަ މާއްދާތަކާއެކު ރެޓިނޮއިޑްސް ބޭނުންކުރުމުން ހަމަށް ލިބޭ ގެއްލުން ބޮޑުވެދާނެއެވެ.
- ގަދަ ކުލައިގެ ހަންގަނޑު: ހަމަށް ލިބޭ އުނދަގޫތަކުގެ ސަބަބުން ހަމުގައި ކަޅު ލައްތައް އުފެދުމުގެ ފުރުޞަތު އޮވެއެވެ.
- އަވިން ރައްކާތެރިވުން: ރާއްޖެ ފަދަ އިރުގެ އަލިގަދަ ޤައުމުތަކުގައި އުޅޭއިރު، ކޮންމެ ދުވަހަކު ސަންސްކްރީން ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރެޓިނޮއިޑްސްއަކީ ހަމުގެ ފަރުވާގައި ވަރަށް ފައިދާހުރި މާއްދާތަކެއް ނަމަވެސް، އެހެން މީހުން ބޭނުންކުރާތީ ބެލުމެއްނެތި ބޭނުންކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
