ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކުދިން ބޮޑުވުމަށް ފުރުސަތުދީ، ދުރުވިޔަނުދީ !
މުނިއަވަސް ގްރެފިކްސް

ކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އޯގާތެރިކަމަކީ ހަމައެކަނި ކުޑަކުދިންނަށް އޮންނަ ކަމެއް ނޫނެވެ. ބައެއް ފަހަރު، އަހަރެމެންގެ ދަރިން ބޮޑެތި މީހުންނަށް ވުމުން މި އޯގާތެރިކަމުގެ ބޭނުން މާ ބޮޑަށް ޖެހެއެވެ.

މައިންބަފައިންގެ ދައުރަކީ ހިތްގައިމު، އެހެނަސް އޮޅުންބޮޅުން ބޮޑު ކަމެކެވެ. ދަރިން ކިތަންމެ ބޮޑުވި ނަމަވެސް، އަހަރެމެންނަށް އަބަދުވެސް ފެންނަނީ އަހަރެމެންގެ އަތުގައި ހިފައިގެން އުޅުނު، ދެ އަތުގެ ތެރެއަށް ބޮޑާހޭކި، ކޮންމެ ކަމަކު އަހަރެމެންނަށް ބަލައިލި އެ ކުޑަކުދިންނެވެ. އެކުދިންނަށް މަގުދައްކައި، ނަސޭހަތްދީ، ކަންކަން އިސްލާހުކޮށްދީ އަދި ރައްކާތެރިކަން ދިނުމަށް އަހަރެމެން އާދަވެފައިވާލެއް ބޮޑުކަމުން، އެކުދިން ބޮޑުވެއްޖެކަން ބައެއް ފަހަރު ހަނދާން ނެތެއެވެ. ނަމަވެސް، ދަރިން ބޮޑުވަމުން އަންނައިރު، ކަންކަމުގެ ތެރެއަށް ނުވަދެ ދުރަށް ޖެހިލަން ދަސްކުރުމަކީ މައިންބަފައިކަމުގައި ދަސްކުރަންޖެހޭ އެންމެ އުނދަގޫ ފިލާވަޅެވެ.

ދަރިން ބޮޑެތިވަމުންދާ ވަރަކަށް، އަހަރެމެން އެކުދިންނާމެދު ކަންތައް ކުރާ ގޮތްވެސް ބަދަލުވާން ޖެހެއެވެ. އެއްްޒަމާނެއްގައި އަހަރެމެން ހިފަހައްޓައިގެން އުޅުނު އެ ކުޑަ އަތްތަކުން، އަމިއްލައަށް ދިރިއުޅުމުގެ މަގުތައް ހޯދަން ދަސްކުރަން ޖެހެއެވެ. އަމިއްލައަށް ގޮތްތައް ނިންމުމަށާއި، ކަންކަން ތަޖުރިބާކުރުމަށާއި، މާޔޫސްކަމާ ކުރިމަތިލުމަށާއި އަދި އަމިއްލަ ގޯސްތަކުން ފިލާވަޅު ލިބިގަތުމަށް އެކުދިންނަށް ފުރުސަތު ދޭން ޖެހެއެވެ. އެތައް އަހަރެއް ވަންދެން އެކުދިންނަށް ދަސްކޮށްދިން ކަންތައްތަކުގެ ބޭނުން އަމަލީ ގޮތުން ހިފުމަށް އަހަރެމެން ޖާގަ ދޭން ޖެހެއެވެ. ކޮންމެ ނިންމުމަކަށް އަހަރެމެންގެ ރުހުން، ކޮންމެ ކުށަކަށް ނަސޭހަތުގެ ބޯދާ ތަޤުރީރެއް ނުވަތަ ކޮންމެ ޚިޔާލުތަފާތުވުމަކީ އިސްލާހުކުރަންޖެހޭ ކަމެއް ކަމަށް ދެކިގެން ނުވާނެއެވެ.

މިވެސް ކިޔާލަން:  ދަރިން ބޮޑެތި ކުރެވެނީ މި އެންމެ ރަނގަޅަށްތަ؟

އޯގާތެރި ތަރުބިއްޔަތަކީ ކުޑައިރުން ނިމޭ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ބަދަލުވާ ކަމެކެވެ. އޭގެ މާނައަކީ ވަގުތުން ގޮތް ނުނިންމައި އަޑުއެހުމާއި، ކިޔަމަންތެރިވާން މަޖުބޫރުނުކޮށް މަޝްވަރާ ދިނުމާއި، އަދި ބޮޑުވެފައިވާ ދަރިންނަކީ އަމިއްލަ އައިޑެންޓިޓީއަކާއި، އަމިއްލަ ޚިޔާލާއި، އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅިއެއް އޮތް ބައެއްކަން ޤަބޫލުކޮށް އިޙުތިރާމްކުރުމެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ބޮޑުވީ މައިންބަފައިން އަބަދުވެސް ވާނީ ރަނގަޅަށް ކަމަށާއި، ބާރަށް ވާހަކަދެއްކުމަކީ ބާރުވެރިކަން ކަމަށާއި، އަދި މައިންބަފައިންގެ ބަހަކަށް ސުވާލު އުފެއްދުމަކީ އިޙުތިރާމް ކުޑަކުރުން ކަމަށް ޤަބޫލުކުރާ މާހައުލެއްގައެވެ. ނޭނގި ނަމަވެސް، ބައެއް ފަހަރު މި އާދަތައް ދަރިން ބޮޑުވުމުންވެސް އަހަރެމެން ގެންގުޅެމެވެ. ހަރުކަށި ބަސްތަކާއި، މެދުކެނޑުމެއްނެތް ފާޑުކިޔުންތަކާއި، ކަންކަން ކޮންޓްރޯލްކުރުމަކީ ލޯބީގެ ނިޝާންތަކެއް ކަމަށް އަހަރެމެންނަށް ހީކުރެވެއެވެ. ނަމަވެސް ލޯތްބަކީ ހަމައެކަނި ބާރު އަޑަކުން އިއްވަންޖެހޭ އެއްޗެއް ނޫނެވެ.

ބޮޑެތިވެފައިވާ އަހަރެމެންގެ ދަރިން ބޭނުންވަނީ އަމުރުތައް އިއްވުމުގެ ބަދަލުގައި މަޝްވަރާކުރާ، އިޙުތިރާމް ކުޑަނުކޮށް ޚިޔާލު ތަފާތުވާ، އަދި ކޮންމެ ވާހަކައެއް ނަސޭހަތުގެ ތަޤުރީރަކަށް ބަދަލުނުކޮށް އަޑުއަހާނެ މައިންބަފައިންނެވެ. އެކުދިންނަށް ދިމާވާ ދަތިތަކާއި ހެދޭ ގޯސްތައް ހިއްސާކުރާއިރު، ލަދުގަންނަން ޖެހިދާނެތީ ނުވަތަ ކުރީގެ ކަންކަން ހަނދާންކޮށްދީ މަލާމާތްކޮށްފާނެތީ ބިރުގަނެގެން ނުވާނެއެވެ.

އަދި މީގެ އިތުރުން މުހިންމު ކަމެއް އަހަރެމެން ދަސްކުރަން ޖެހެއެވެ. އެއީ، މުޅި އުމުރު އަހަރެމެން ބެލެހެއްޓި ދަރިންނަކީ، ކޮންމެވެސް ދުވަހަކުން އަހަރެމެން ބަލަހައްޓާނެ މީހުން ކަމުގައި ވެދާނެކަމެވެ. އެކުދިން ދޭ ނަސޭހަތް ޤަބޫލުކުރުމާއި، އެކުދިންގެ އެހީތެރިކަން ބަލައިގަތުމާއި، އަދި އަހަރެމެންގެ ބާރުވެރިކަމަށް ނުވަތަ މިނިވަންކަމަށް ހުރަސްއެޅެނީ ކަމަށް ނުދެކި އެކުދިންނަށް އަހަރެމެން ބަލަހައްޓަން ފުރުސަތު ދޭން ދަސްކުރަން ޖެހެއެވެ. ބެލެނިވެރިކަމަކީ ކާކަށްތޯ މާ މޮޅަށް އެނގެނީ ބަލަން ކުރާ އުމުރު ދުވަހުގެ މުބާރާތަކަށް ވެގެން ނުވާނެއެވެ.

މިވެސް ކިޔާލަން:  ކައިވެނި ރޫޅާލުން: އިހުމާލަކުން ދަރިން ގިލަންވެރިކަމުގައި!

ދުރަށް ޖެހިލުމުގެ މާނައަކީ ލޯބި ދިނުން ހުއްޓާލުމެއް ނޫނެވެ. ނުވަތަ ޒިންމާއިން ބަރީއަވުމެއްވެސް ނޫނެވެ. އޭގެ މާނައަކީ ދަރިންގެ ކަންކަމުގެ ތެރެއަށް އަތްނުބާނައި، އެކުދިން ބޭނުންވާ ވަގުތު އެހީތެރިވާން ތައްޔާރަށް ހުރުމެވެ. ބޭނުންވާ ވަގުތު މަގުދައްކައިދީ، އިތުރު ފިއްތުންތަކެއް ކުރިމަތިކުރުވާ ބައެއްގެ ބަދަލުގައި އަމާން އައްސޭރިއަކަށް ވުމެވެ. އަދި ގޯހެއް ހެދޭ ހިނދު މައާފަށް އެދުމުގެ ހިތްތިރިކަން ހުރުމެވެ. އިޙުތިރާމަކީ ދެފަރާތުންވެސް އޮންނަންޖެހޭ އެއްޗެކެވެ.

ބައެއް ފަހަރު މައިންބަފައިންނާއި ބޮޑެތިވެފައިވާ ދަރިންނާ ދެމެދު އުފެދޭ ދުރުކަމަކީ ލޯބި ނެތުމުން އުފެދޭ ކަމެއް ނޫނެވެ. އެއީ އަބަދު ފާޑުކިޔުމާއި، ކޮންޓްރޯލްކުރުމާއި، އޮޅުންނުފިލުމާއި ނުވަތަ ކިތަންމެ ރަނގަޅަށް ކަންތައް ކުރިޔަސް އެންމެ ރަނގަޅު ނުވާކަމުގެ އިޙުސާސް ކުރެވޭތާ އެތައް އަހަރެއް ވުމުން އުފެދޭ ކަމެކެވެ. އަހަރެމެންނަކީ ދަރިން ގުޅަން ފަސްޖެހޭ ފަދަ ރުޅިގަދަ ބަޔަކަށް ނުވަތަ އެކުދިން ދުރުވާން ބޭނުންވާ ފަދަ ބިރުވެރި ބަޔަކަށް ވެގެން ނުވާނެއެވެ.

އޭގެ ބަދަލުގައި، އަހަރެމެންނަކީ އެކުދިންނާއެކު ހީނސަމާސާކޮށް، ހިތުގެ ޝަކުވާތައް ހިއްސާކޮށް، އެއްވެސް ނުތަނަވަސްކަމެއް ނެތި ޒިޔާރަތްކޮށް އަދި ދިރިއުޅުން ދަތިވާ ވަގުތު އެހީއަށް އެދި އަންނަ މައިންބަފައިން ކަމުގައި ވަމާ ހިނގާށެވެ.

މައިންބަފައިންގެ އެންމެ ބޮޑު ކާމިޔާބީއަކީ، އަބަދު އަހަރެމެންނަށް ބަރޯސާވެގެން އުޅޭ ކުދިންތަކެއް ބޮޑުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެގެން ތިބެމެ، އެކުދިންގެ ދިރިއުޅުމުގައި އަހަރެމެންގެ ބައިވެރިވުން ބޭނުންވާ ފަދަ ބޮޑެތި މީހުންތަކެއް ބިނާކުރުމެވެ.

އަހަރެމެންނަށް އަބަދުވެސް އެކުދިން ފެންނާނީ ކުޑަކުދިންގެ ގޮތުގައެވެ. އެކަމެއް ބަދަލެއް ނުވާނެއެވެ. ނަމަވެސް، އެކުދިން ބޮޑެތިވެފައިވާ މިންވަރު ބަލައިގަނެ، އެކުދިންނަށް އިޙުތިރާމްކޮށް، އަދި އެކުދިންގެ އަގުވަޒަންކުރަން ދަސްކުރަންވީ ވަގުތު މިއީއެވެ.

މިވެސް ކިޔާލަން:  ލޯބިން ގޮސް ދަރިން ހަލާކު ނުކުރޭ

ސަބަބަކީ، އަހަރެމެންގެ ދަރިން އަބަދުވެސް އަހަރެމެންގެ ލޯބި ބޭނުންވާނެތީއެވެ. އެކުދިން ބޮޑުވުމުން ބޭނުންވަނީ އެ ލޯބީގެ ތަފާތު ގޮތެކެވެ. ❤️

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top