ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެ ޙަރަމްފުޅުގެ ދީނީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަޤުފް ނިޒާމެއް ތަޢާރަފުކޮށްފި

މައްކާ (ނޮވެމްބަރު 2): މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ ދީނީ ކަންކަމާ ބެހޭ އިންތިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި، ޚާއްޞަ ވަޤުފް ނިޒާމަކާއި މުއައްސަސާގެ އޮނިގަނޑު އިފްތިތާޙުކޮށްފިއެވެ.

މި ނިޒާމު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދެ ޙަރަމްފުޅުގެ ދީނީ ކަންކަމާ ބެހޭ އިދާރާގެ ރައީސް، ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާން އަލް-ސުދައިސް އެވެ. ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިސްނެގުމަކީ ދެ ޙަރަމްފުޅުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، މަޝްރޫޢުތައް ހިންގުމުގެ އިތުރުން ޕްރައިވެޓް އަދި ނޮން-ޕްރޮފިޓް ސެކްޓަރާ ގުޅިގެން ޚަރަދުތައް ކުޑަކޮށް، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ސަޢޫދީ ވިޝަން 2030 އާ އެއްގޮތްވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދެ ޙަރަމްފުޅަށް ޒިޔާރަތްކުރާ އެތައް މިލިއަން މުސްލިމުންނަށް ފޯރުކޮށްދޭ ދީނީ އަދި އިލްމީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމެވެ. މި އޮނިގަނޑުގެ ދަށުން ރިއަލް އެސްޓޭޓާއި މާލީ އިންވެސްޓްމަންޓްތަކުގެ އިތުރުން އެކި ފަރާތްތަކުން ވެދޭ އެހީތައް މެދުވެރިކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދާއިމީ މާލީ ވަސީލަތްތަކެއް ޤާއިމުކުރެވޭނެއެވެ.

ޝައިޚް އަލް-ސުދައިސް ވިދާޅުވި ގޮތުގައި މި ނިޒާމުގެ ސަބަބުން ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ޙަލަޤާތަކާއި، އެކި ބަސްބަހުން ދީނީ އިރުޝާދު ދިނުމާއި، އޮންލައިންކޮށް ދީނީ އިލްމު އުނގަންނައިދިނުމުގެ އިތުރުން ދެ ޙަރަމްފުޅުގެ ތާރީޚު ދައްކުވައިދޭ މަޢުރަޒުތައް ފަދަ ޚިދުމަތްތައް އިތުރަށް ތަރައްޤީވެގެންދާނެއެވެ.

މީގެއިތުރުން، މި ވަޤުފް ނިޒާމު ހިންގުމުގައި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފުރިހަމައަށް ބޯލަނބައި، ހާމަކަން ބޮޑު ގޮތެއްގައި އޮޑިޓްކޮށް، އަހަރީ ރިޕޯޓުތައް ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކަންކަން ވިލަރެސްކުރުމަށްޓަކައި ދީނީ، ޤާނޫނީ އަދި މާލީ މާހިރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ އިސްތިޝާރީ ބޯޑެއް ވެސް މަސައްކަތްކުރާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

މިވެސް ކިޔާލަން:  ޙަރަމްފުޅާއި މަސްޖިދުއް ނަބަވީ ސަރަޙައްދުގައި ސަލާންޖެހުން : ރޫޙާނީ މާޙައުލަށް އެޅޭ ހިޔަންޏެއް

މި އައު ނިޒާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 1.8 ބިލިއަނަށް ވުރެ ގިނަ މުސްލިމުންގެ އެންމެ މާތް ދެ ބިނާއަށް ދެވޭ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެންގޮސް، އިސްލާމީ ވަޤުފް (އެންޓޯވްމެންޓް)ގެ މުހިންމު ސަގާފަތް ޒަމާނީ އިދާރީ ހިންގުމުގެ ތެރެއިން ދިރުވައި އާލާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top