މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމު “މަޖުނޫން” އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ އިތުރުން، މި ފިލްމުން ފެނިގެންދިޔަ އެންމެ ފުރިހަމަ އަދި އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ ނަހުލާގެ ދޮށީ ދަރިފުޅު އީނާޝް ސިނާން (ނާޝް) މި ފިލްމުން ފެނިގެން ދިއުމެވެ. މިއީ ދެހާސް ފަސްވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު “ޒުލޭޚާ” އިން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ކުޑަކުޑަ އެކްޓްރެސް، ގާތްގަނޑަކަށް ވިހި އަހަރަށް ފަހު އަލުން އެކްޓިންއިން ފެނިގެންދިޔަ ފަހަރެވެ.
މިދިޔަ މަހު 26 ން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު “މަޖުނޫން” އިން ނާޝް ފެނިގެންދިއުމަކީ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެކެވެ. ވިހި އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް މަގުބޫލު ދިވެހި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ “ޒުލޭޚާ”ގެ ލީޑުން ފެނިގެން ދިޔަ ނާޝް، އެންމެންގެ ލޯބި ހޯދުމަށްފަހު ސްކްރީނުން ގެއްލުމުން، މި ދިގު މުއްދަތުގެ ތެރޭގައި އޭނާގެ ދިރިއުޅުން ހުރި ގޮތް ބަލައިލަން ބޭނުންވެފައި ތިބި މީހުން މަދެއް ނޫނެވެ.
“ޒުލޭޚާ” އަށް ފަހު ނަހުލާ އޭރު ބުނެފައި ވަނީ ނާޝް އެހިސާބުން ފިލްމު ކުޅުން ހުއްޓާލީ ކަމަށެވެ. އަދި ކުޑަކުއްޖެއްގެ ރޯލުން ވެސް ދެން ނުފެންނާނެ ކަމަށް އޭރު އޮތީ ބުނެފައެވެ. އެއީ ނާޝްގެ އެންމެ އިސް އަމާޒަކީ ކިޔެވުން ކަމަށް ވާތީ، އެކަމަށް ފުރިހަމަ ސަމާލުކަން ދޭން ބޭނުންވުމުންނެވެ. އަދި އެ ހުވަފެން އޭނާ ވަނީ ފުރިހަމައަށް ހަގީގަތަކަށް ހަދާފައެވެ. ޖަމާލުއްދީން ސްކޫލުގެ ކެޕްޓަންކަން ކުރުމަށް ފަހު، އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމުގައި ހުރެ ސްކޫލް ދައުރު ނިންމައި، ނާޝް ކުރިއަށް ދިޔައީ އެކައުންޓްސްގެ ދާއިރާއިންނެވެ.
ނާޝް އަކީ ޒިންމާދާރު މަޤާމެއްގައި ހުރި ނަމޫނާ ޒުވާނެއް
ޖަމާލުއްދީން ސްކޫލުގެ ފުރާޅުގެ ދަށުން ދަސްވެނިވި ފަޚުރުވެރި ދަރިވަރުންނާ ބެހޭގޮތުން އެ ސްކޫލުން ނެރުނު ޕޯސްޓެއްގައި ނާޝް އާބެހޭ ގޮތުން ލިޔެފައިވެއެވެ.
“އީނާޝް ސިނާނަކީ ޖަމާލުއްދީން ސްކޫލުގެ ކުރީގެ ދަރިވަރުންގެ ތެރެއިން ނަމޫނާ ޝަހުސިއްޔަތެކެވެ. އޭނާއަކީ އުމުރުން އެންމެ 20 އަހަރުގައި އެސޯސިއޭޓް އޮފް ޗާޓާރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށް، ޗާޓަރޑް އެކައުންޓަންޓްކަން ހާސިލުކުރި އެންމެ ހަގު ދިވެހި ފަންނީ މާހިރެވެ.
އީނާޝް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ އެޕްލައިޑް އެކައުންޓިންގގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް (އޮނަރސް) ދަސްވެނިވެފައެވެ. އޭނާއަކީ އެސޯސިއޭޝަން އޮފް ސަރޓިފައިޑް ޗާޓަރޑް އެކައުންޓަންޓްސް އަދި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ފެލޯ މެންބަރެއްގެ އިތުރުން، ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (ސީޕީއޭ އޮސްޓްރޭލިއާ)ގެ މެންބަރެއްވެސް މެއެވެ.
ކިޔަވައި ނިމުމަށްފަހު، އީނާޝް ފުރަތަމަ ތިން އަހަރު ހިދުމަތް ކުރެއްވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިވަޑައިގަތީ ފައިނޭންޝަލް ޕްލޭނިންގ އެންޑް ޕޮލިސީސް ޔުނިޓުގެ މެނޭޖަރެއްގެ މަގާމަށެވެ. އުމުރުން އެންމެ 22 އަހަރުގައި އެ މަގާމާ ހަވާލުވިއިރު، އޭނާއަކީ އެ ބޭންކުގެ މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކުރި އެންމެ ހަގު މުވައްޒަފެވެ.
މިހާރު އޭނާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ފައިނޭންޝަލް ޕްލޭނިންގ އެންޑް ޕޮލިސީސްއެވެ. މިއީ އެ ބޭންކުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އެންމެ ހަގު ބޭފުޅުންގެ ތެރެއިން އެކެކެވެ. މީގެ އިތުރުން، އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އެތިކްސް ކޮމިޓީގެ މުގައްރިރުވެސް މެއެވެ.
އިނާޝްއަކީ އެކައުންޓިންގ ދާއިރާގެ އިތުރުން ދުޅަހެޔޮކަމާއި ކަސްރަތަށް ލޯބިކުރާ، ސަރޓިފައިޑް ޒުމްބާ އިންސްޓްރަކްޓަރެކެވެ. އޭނާއަކީ ފެޑަރޭޝަން އޮފް އިންޓަރނޭޝަނަލް ސްޕޯޓްސް، އެއިރޯބިކްސް އެންޑް ފިޓްނަސް (FISAF) ގަބޫލުކުރާ ސަރޓިފައިޑް ޕާސަނަލް ޓްރެއިނަރެއްގެ އިތުރުން ގްރޫޕް ފިޓްނަސް ޓްރެއިނަރެއްވެސް މެއެވެ.”
ފާއިތުވި އަހަރު ނެރުނު ފިލްމު “ސޮރީ” އިން ނާޝްގެ ހަނދާންތައް އާވެގެން ދިޔައީ، އެ ފިލްމުން އޭނާގެ “ޑުޕްލިކޭޓް” އެއްހާ ވެސް ވައްތަރު، ނާޝްގެ ދަރިފުޅު އެވްލީ ފެނިގެން ދިއުމުންނެވެ. އަދި އެ ފިލްމުގައި ނާޝް ކިޔާފައިވާ ލަވައެއް ވެސް އިވިގެން ދިޔައެވެ. މީގެ ކުރިން “ޒުލޭޚާ”ގެ “މަންމާއޭ މި ހިތުގާ” އަދި “ޔޫސުފް” ގެ “ކިޔާ ރާގު ވޭނީ ހިތް އަދު މީއޭ” ލަވަތަކުން އިވުނު ނާޝްގެ ޖާދުވީ އަޑު “ސޮރީ” އިން އިވިގެން ދިއުމަށް ފަހު، މިފަހަރު “މަޖުނޫން” އިން އޭނާ ސްކްރީނުން ފެނުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއާއެކު، ނާޝް އަނެއްކާވެސް ފިލްމީ ދާއިރާއަށް ނުކުމެ ފިލްމުތަކުން ފެންނަން ފަށަނީތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ.
ނަމަވެސް ނާޝް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، މިއީ ފިލްމީ ދާއިރާއިން އާ ފެށުމަކުން ފެށި ފެށުމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. “މަޖުނޫން” ގެ އެ ބައި އޭނާ ކުޅުނީ، އެއީ ފިލްމީ ގޮތަކަށް ވުރެ ބޮޑަށް އޭނާގެ އާންމު ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި ވެސް މީޓިންތައް ބާއްވައި އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދާ ފަދަ ސީރިއަސް ކެރެކްޓާއަކަށް ވެފައި، މަންމަ އެދުމުން ކަމަށެވެ. އަދި އެ ރޯލު ކުޅެން އެއްބަސްވީ ނޫނެކޭ ބުނާނެ މާ ބޮޑު ވަގުތެއް ވެސް ނުލިބި، މަންމަ ބުނުމުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ނަހުލާ ބުނެފައި ވަނީ، ފިލްމުގައި ސައިކޭޓްރިސްޓް (ނަފްސާނީ ޑޮކްޓަރު) އެއްގެ ބައި ކުޅުމަށް އޭނާ ވިސްނާފައި އޮތީ ވެސް ފިލްމީ ދާއިރާގެ ބޭރުން އެހެން ދާއިރާއެއްގެ ބޭފުޅަކު ލައްވައި އެ ރޯލު ކުޅުވުމަށް ކަމަށެވެ. އަދި އެ ބައި ނާޝް ކުޅެދިނުމުން އޭނާއަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ ކަމަށް ނަހުލާ ބުންޏެވެ.
ކޮންމެއަކަސް، ސްކްރީނުން ގެއްލިފައި ހުރި “ކުޑަކުޑަ ޒުލޭޚާ” ބޮޑުވެފައި ހުއްޓާ އަލުން ބޮޑު ސްކްރީނުން ބަލައިލަން އެދިއެދި ތިބި އެތައް ބެލުންތެރިންނަކަށް، ނާޝް މި ފިލްމުން ފެނިގެން ދިއުން ވެގެންދިޔައީ ބަޔާންކުރަން ދަތި އުފަލަކަށެވެ.
މިހާރު ވިއްކަނީ 24 ވަނަ ޝޯގެ ޓިކެޓް
މިހާރު ފިލްމު “މަޖުނޫން”ގެ 24 ވަނަ ޝޯގެ ޓިކެޓް ވިއްކަމުން އަންނައިރު އޮލިމްޕަހުގެ ކައުންޓަރުކައިރީގައި ކިއު ހަދާލާފައި އޮތްތަން ފެނެއެވެ. ބާރު ބޮޑުވެގެން މެސެޖުތަކަށް ޖަވާބު ދެވުން ލަސްވާތީ ކައުންޓަރަށް އައިސް ޓިކެޓު ނެގުމަށް ކްރިސްޓަލް އެންޓަޓެއިންމެންޓުން އިލްތިމާސް ކުރެއެވެ. އެހެން ނޫނީ ސްކްރީނުން ފިލްމު ބެލުމުގެ ފުރުސަތު ގެއްލިދާނެއެވެ.
އަތޮޅު ތެރޭގެ ރަށްރަށުގައިވެސް މިހާރު މި ފިލްމުގެ ޝޯތައް އަތޮޅުތެރޭގެ ރަށްރަށުގައި ދައްކަން ފަށާފައިވާއިރު، އެކި ރަށްރަށުގައި ފިލްމު ދައްކަން ހަމަޖެހިފައިވާ ޝެޑިއުލްތައް ފިލްމުގެ ފޭސްބްކް ޕޭޖުން ބަލައިލެވޭނެއެވެ.
