ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
16 ގަޑިއިރުގެ ފާސްޓިންގ: ސިއްޙަތަށް ފައިދާކުރޭތަ؟
މުނިއަވަސް ގްރެފިކްސް

މެދުކެނޑުންތަކަކަށްފަހު ހިފާ ރޯދަ ނުވަތަ “އިންޓަމިޓެންޓް ފާސްޓިންގ” އަކީ ބަރުދަން ލުއިކުރުމާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމާއި، މެޓަބޮލިކް ދުޅަހެޔޮކަމުގެ އިތުރުން ހަށިގަނޑުގެ ސެލްތައް މަރާމާތުކުރުމަށް ހުރި ފައިދާތަކުގެ ސަބަބުން މުޅި ދުނިޔޭގައި މަޤުބޫލުވަމުން އަންނަ ކަމެކެވެ. މިކަމުގައި ގެންގުޅޭ ތަފާތު ގޮތްތަކުގެ ތެރެއިން “16:8” ގެ އުސޫލަކީ އެންމެ އާންމު އުސޫލެވެ. މިއީ 16 ގަޑިއިރު ރޯދައަށް ހުރުމަށްފަހު، ބާކީ އޮތް 8 ގަޑިއިރުގެ ތެރޭގައި ކެއުންބުއިން ކުރިއަށް ގެންދާ ގޮތެވެ.

އާންމުކޮށް ގެންގުޅޭ ޑައިޓްތަކާ ޚިލާފަށް، މި އުސޫލުގައި ބޮޑަށް ސަމާލުކަންދެނީ ކަނީ ކޯއްޗެއްތޯ ބެލުމުގެ ބަދަލުގައި ކަނީ ކޮން ވަގުތަކުތޯ ބެލުމަށެވެ. ރޯދައަށް ހުންނަ ވަގުތުތަކުގައި ފެން ބުއިމަށް ބާރުއަޅާއިރު، ކެލޮރީ އެކުލެވޭ އެއްވެސް ބުއިމެއް ނުވަތަ ކާނާއެއް ބޭނުންކުރުން މަނަލެވެ. ނަމަވެސް، މިގޮތަށް ރޯދައަށް ހުރުމުން ހަށިގަނޑުގެ އެތެރެއަށް ވަނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟

ސައިންސްވެރިންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ “އޮޓޯފަޖީ” އަށެވެ. މިއީ ހަށިގަނޑުގެ ސެލްތަކުގައި ހުންނަ ހަލާކުވެފައިވާ ބައިތައް ނައްތާލައި، އަލުން ބޭނުންކުރެވޭނެ ގޮތް ހަދައިދޭ ޤުދުރަތީ ނިޒާމެކެވެ. ލެބޯޓްރީ ތަހުލީލުތަކުން ދައްކާގޮތުގައި ރޯދައަށް ހުރުމުން މި ނިޒާމަށް ބާރު ލިބެއެވެ. އެހެންނަމަވެސް، އިންސާނުންގެ ހަށިގަނޑުގައި މިކަން ހިނގާ މިންވަރާއި، 16 ގަޑިއިރުގެ ރޯދައަކީ ސެލްތަކަށް އެދެވޭ ބަދަލެއް އަންނާނެހާ ދިގު ވަގުތެއްތޯ ބެލުމަށް ސައިންސްވެރިން އަދިވެސް ދަނީ ދިރާސާކުރަމުންނެވެ.

2025 މޭ 9 ގައި “ދަ ޖާނަލް އޮފް ފިޒިއޮލޮޖީ” ގައި ޝާއިޢުކުރި ދިރާސާއެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް އެޑިލޭޑްގެ ދިރާސާވެރިން ވަނީ ފަލަބަލީގެ އުނދަގޫ ހުރި 121 މީހެއްގެ ހަށިގަނޑުގައި އޮޓޯފަޖީ ހިނގާގޮތް ބަލާފައެވެ. މި ދިރާސާއިން އެދެވޭ ނަތީޖާތަކެއް ފެނުނު ކަމުގައިވިޔަސް، ހުރިހާ އެންމެންގެ ހަށިގަނޑުގައިވެސް މިކަން އެއްވަރަކަށް ހިނގާކަމަކަށް ސާބިތެއް ނުވެއެވެ.

މިވެސް ކިޔާލަން:  72 ގަޑިއިރުގެ ރޯދަ: ހަށިގަނޑު އަމިއްލައަށް ސާފުކޮށްދޭ "އޮޓޯފަޖީ"

މީގެ އިތުރުން، 2025 ޑިސެމްބަރު 6 ގައި “ނިއުޓްރިޝަން ރިވިއުސް” ގައި ޝާއިޢުކުރި ދިރާސާއެއްގައި، 1،280 މީހުން ބައިވެރިވި 23 ކްލިނިކަލް ޓްރަޔަލްއެއް މުތާލިއާކޮށްފައިވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ލޭގައި ހަކުރު ހުންނަ މިންވަރާއި، އިންސިއުލިން ރެސިސްޓެންސް އަދި އެޗް.ޑީ.އެލް (ރަނގަޅު) ކޮލެސްޓްރޯލްގެ މިންވަރަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވެއެވެ. ނަމަވެސް މި ނަތީޖާ އެކި މީހުންނަށް ފެނިފައިވަނީ ތަފާތު މިންވަރަށެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން 2024 އޮކްޓޫބަރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވަކި ވަގުތުތަކެއްގައި ކެއުމުގެ އުސޫލު ގެންގުޅުމުން، މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންގެ ލޭގެ ހަކުރާއި، ބަރުދަނާއި އަދި ބަނޑުގެ ސަރުބީއަށް ހެޔޮ ބަދަލުތަކެއް އާދެއެވެ.

އެހެންނަމަވެސް، ހަމައެކަނި ރޯދައަށް ހުރުމަކީ ބަރުދަން ލުއިކޮށްދޭނެކަމުގެ ޔަގީންކަމެއް ނޫނެވެ. މީގެ ކާމިޔާބީ ބިނާވެފައިވަނީ ބޭނުންކުރާ ކެލޮރީގެ މިންވަރާއި، ކާނާގެ ފެންވަރާއި، ކަސްރަތާއި، ނިދުމާއި އަދި އެމީހެއްގެ ސިއްޙީ ހާލަތުގެ މައްޗަށެވެ. ޕްރޮޓީން، ފައިބަރ، ތަރުކާރީ އަދި ސިއްޙަތަށް ފައިދާހުރި ފެޓްސް އެކުލެވޭ ހަމަހަމަ ކާނާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިގޮތަށް ރޯދަ ހިފަން ފަށަން ބޭނުންވާ މީހުން، ފުރަތަމަ ކުޑަ ވަގުތުކޮޅަކުން ފަށައި މަޑުމަޑުން ވަގުތު އިތުރުކުރުމަކީ ފަސޭހަވާނެ ގޮތެކެވެ. ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ސަމާލުކަން ދިނުމާއެކު، ބޯ އެނބުރުން ނުވަތަ އާދަޔާ ޚިލާފަށް ވަރުބަލިވުން ފަދަ އަލާމާތްތަކަށް ފަރުވާތެރިވާން ޖެހޭނެއެވެ.

މުހިންމު ކަމަކީ، މި އުސޫލަކީ ހުރިހާ އެންމެންނާ ގުޅޭ ކަމަކަށް ނުވެދާނެއެވެ. މާބަނޑު މީހުންނާއި، ގާތުންދޭ މީހުންނާއި، ކެއުމުގެ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ބަރުދަން މާ ބޮޑަށް ލުއި މީހުންނާއި، ހަކުރުބަލި ނުވަތަ އެހެނިހެން ސިއްޙީ މައްސަލަތައް ހުންނަ މީހުން މިކަން ފެށުމުގެ ކުރިން ސިއްޙީ މާހިރެއްގެ ލަފާ ހޯދަންވާނެއެވެ. ޚާއްސަކޮށް ލޭގެ ހަކުރަށް ބޭސްކުރާ މީހުން ޑޮކްޓަރެއްގެ ބެލުމުގެ ދަށުން މިކަން ކުރުން މުހިންމެވެ.

މިވެސް ކިޔާލަން:  72 ގަޑިއިރުގެ ރޯދަ: ހަށިގަނޑު އަމިއްލައަށް ސާފުކޮށްދޭ "އޮޓޯފަޖީ"

މީގެ އިތުރުން، “16:8” ގެ އުސޫލާއި ރޯދަމަހު ހިފާ ފަރުޟު ރޯދައާ ހުރި ތަފާތު ދެނެގަތުން މުހިންމެވެ. ރޯދަމަހުގެ ރޯދައާ ޚިލާފަށް، 16 ގަޑިއިރުގެ މި ރޯދައިގައި ފެން ބުއިމަކީ ހުއްދަ ކަމެކެވެ.

ރޯދައާއި މެޓަބޮލިޒަމް އަދި ސެލްތައް އާވުމާ ހުރި ގުޅުމާ ބެހޭގޮތުން ދިރާސާތައް ކުރިއަށްދާއިރު، ރޯދަ ހިފުމުން މުސްކުޅިވުން ހުއްޓުވައިދޭ ކަމަށް ނުވަތަ ބަލިތަކުން ފަސޭހަވާނެ ކަމަށް ބުނެ ކުރާ މާބޮޑު ދަޢުވާތަކަށް ސަމާލުވުމަށް ސައިންސްވެރިން އިލްތިމާސްކުރެއެވެ.

މެދުކެނޑުންތަކަކަށްފަހު ރޯދަ ހިފުމަކީ ބައެއް މީހުންނަށް ފައިދާހުރި އުސޫލަކަށް ވެދާނެއެވެ. ނަމަވެސް ދުޅަހެޔޮ ސިއްޙަތެއްގެ އަސްލަކީ ހަމަހަމަ ކާނާއާއި، ޤަވާއިދުން ކުރާ ކަސްރަތާއި، ހަމަ ނިދި އަދި ދާއިމީކޮށް ހިފަހައްޓާ ސިއްޙީ ރަނގަޅު އާދަތަކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top