ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – އަށާވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އަނެއްކާ ވެސް ސްކޫލު ބަންދުވީމަ އަންނާނީ.” ޔަޒީދާ އުރާލަމުން މުހުތާރު ބުނެލި ޖުމްލައާއިއެކު ޔަޒީދާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔަ އެވެ.

ރާނިޔާމެން ތިން މައިންގެ އުފަލާއި ހިތްހަމަޖެހުމަކީ މުހުތާރުގެ ވެސް އުފަލާއި ހިތްހަމަޖެހުމެވެ. ކޮންމެ ދުވަހަކު ގުޅައިގެން ދަރިފުޅާއި ވާހަކަ ދެއްކި ނަމަވެސް ފެނުމުގެ ފުރުސަތު ނުލިބޭތީ މުހުތާރުގެ ހިތަށް ވަމުންދިޔަ ތަދަށް ކުޑަނަމަވެސް ލުޔެއް ލިބުނީ ރާނިޔާމެންގެ ފަރާތުން ނެވެ. އެ ފުރުސަތު ގެއްލޭކަށް، އެ ފުރުސަތަށް އުނިކަމެއް އަންނާކަށް މުހުތާރު ބޭނުމެއް ނުވެ އެވެ.

“އައްސަލާމް ޢަލައިކުމް.” ސަލާން ގޮވާލި އަޑު އިވިގެން ބޭރަށް ނުކުތް ރާނިޔާއަށް ލިބުނީ ހައިރާންކަމެވެ. އޮފީސް ހެދުމެއްގައި ހުރި މެދުއުމުރުގެ އެ ފިރިހެން މީހާއަށް ބަލާލަމުން ދެ ދަރިންނަށް ގޮވާލި އެވެ.

“އަހަރެން ބޭނުން ރާނިޔާއާ ވާހަކައެއް ދައްކާލަން. މަޢާފަށް އެދުން މާބޮޑަށް ލަސްވެއްޖެކަން ވެސް ޤަބޫލުކުރަން. އަހަރެންނަށް މަޢާފް ކުރޭ.” ކުށަށް އިޢުތިރާފް ވަމުން އެމީހާ މަސައްކަތްކުރީ ރާނިޔާއާ ވާހަކަ ދައްކާށެވެ.

ރާނިޔާ ގޮވާލި އަޑުއިވުމުން ނާއިމާއި ޔަޒީދާ އައެވެ. ކީއްވީހޭ އަހާ ފަދައަކުން އެއްފަހަރު ރާނިޔާއަށް އަނެއް ފަހަރު އެމީހާއަށް ބަލަމުން އައިސް ރާނިޔާގެ ގައިގައި ބައްދާލި އެވެ.

“ފާއިދު! މި ތިބީ ކަލޭގެ ދެ ދަރިން. އެމީހުންނާ ތިޔަ ދައްކާ ވާހަކައެއް ދައްކާ. ދެ އަހަރެއްހާ ދުވަސް ފަހުން ނަމަވެސް މަޢާފަށް އެދުނީތީ މަޢާފް ކޮށްފިން. މިހުރީ ދަރިފުޅުމެންގެ ބައްޕަ.” ބައްޕަ އާއި ދިމާވުމާއިއެކު ދަރިންނަށް އެކަން އަންގައިދިނުމަށް ރާނިޔާ އިސްކަން ދިނެވެ.

ފާއިދު ގޮވާލުމުން ޔަޒީދާ ގޮސް ފާއިދުގެ ގައިގައި ބައްދާލި ނަމަވެސް ނާއިމް އަޅައެއް ނުލި އެވެ. ބައްޕަ ކައިރިއަށް ދާށޭ ބުނާ ފަދައަކުން ރާނިޔާ ދުރަށް ޖައްސާލި ނަމަވެސް ނާއިމް ނުދިޔަ އެވެ. ނުދާނަމޭ ބުނާ ފަދައަކުން ދެ އަތަކަށް ބޯ ހަލުވާލަމުން އަނެއްކާ ވެސް ރާނިޔާގެ ގައިގައި ބައްދާލި އެވެ.

“ދަރިފުޅާ! ބައްޕަ ކައިރިއަށް އައިސްބަލަ.” ނާއިމަށް ގޮވާލަމުން ފާއިދު އެދުނެވެ.

“ތީ ކޮއްކޮގެ ބައްޕައެއް ނޫން.” ނާއިމްގެ ޖަވާބު އަޑުއިވިފައި ރާނިޔާ ދިޔައީ ސިއްސައިގެން ނެވެ.

ދަރިފުޅު ދަރަށް ޖައްސާލަމުން ރާނިޔާ ތިރިވި އެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ދަރިފުޅު ގެނެސް ގަޔާއިލާ ބައްދާލި އެވެ.

“ދަރިފުޅާ! ތީ މަންމިގެ ބަސްއަހާ ކުއްޖެއްނު. ބަސްއަހައިގެން ދޭބަލަ ބައްޕަ ކައިރިއަށް. ކޮއްކޮ ވެސް އެ ދިޔައީއެއްނު. ތިހެން ހެދީމާ ބައްޕަ ދެރަވާނެއެއްނު.” ރާނިޔާ މަސައްކަތްކުރީ ނާއިމަށް ވިސްނައިދޭށެވެ. އޭނާގެ ބައްޕަ ކައިރިއަށް ފޮނުވާށެވެ.

“އަޅާނުލާ. ޅަވީމަ ވާގޮތް އެއީ. އަދި ރަނގަޅުވާނެ.” ރާނިޔާއާ ދިމާއަށް އަންނަމުން ފާއިދު ބުނެލި އެވެ.

“އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން. ދެ މީހުން އެކަނި ތިބެ. ކޮފީއަކަށް ޖައްސާލަންވީނު. ކޮން އިރަކު އަންނަންވީ؟ ރާނިޔާއަށް ފްރީ ވަގުތެއް ބުނޭ. އަހަރެން އަންނާނަން ބަލާ.” ފާއިދު އިސްކަން ދިނީ ރާނިޔާ ބޭނުންވާ ގޮތަށް ކަންތައް ކުރުމަށެވެ.

މިވެސް ކިޔާލަން:  ދެބަންވެލި - 03

“ގަދަ ވަޔާއިއެކު ވިދާ ގުގުރާ ވާރޭ ވެހެމުން ދަނިކޮށް، މެންދަމާއި ދިމާއަށް ވަގުތު ދަތުރުކުރަމުން ދަނިކޮށް، ރޮއި އާދޭސް ކުރަމުން ދަނިކޮށް، ކުޑަކުޑަ ދެ ކުދިންނާއިއެކު ގެއިން ބޭރަށް ނެރެލި ހަނދާން އަހަރެން ނެތޭނެ ކަމަށް ހީކުރީތަ؟ ދުވަހަކު ވެސް އެކަމެއް ނުވާނެ. ވަރިކޮށްލި ފަހުން ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ދަރިއަކަށް ޚަރަދެއް ކޮށްނުލި ތާނގައި ހާލު ވެސް ބަލާނުލި. އެކަމު.. ގަދަ ކީރިތިވަންތަ މާތް ﷲ ސުބްހާނަހޫ ވަތަޢާލާގެ ހެޔޮ ރަހުމަތްފުޅާއިއެކު އަހަރެންނާއި ދަރިން މި އުޅެނީ ފުދިގެން. އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވޭ. ދަރިއަކަށް ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން އުޅޭކަށް ވެސް ނުޖެހޭ. ދެން.. ދެން ކީއްކުރަން؟ ކޮން ވާހަކައެއް ދައްކަން؟ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ.” ފާއިދު ބޭނުންވި ފުރުސަތު ދޭން ބޭނުން ނުވާކަން ހާމަކުރަމުން ރާނިޔާ ދެއްކީ ސަބަބުތަކެވެ. އެކަމާއި ދެކޮޅަށް ފާއިދަށް އެއްވެސް ވާހަކައެއް ނުދެއްކޭނެ އެތައް ސަބަބެކެވެ.

“ތި ހުރިހާ ކަމެއް ވެސް އަހަރެން ޤަބޫލުކުރަން. ކުށް ޤަބޫލު ކުރެވުނީތީ މަޢާފަށް އެދެން މިއައީ ވެސް. ވެދިޔަތަން ހަނދާން ނައްތާލާފަ ދަރިންނަށްޓަކައި ނަމަވެސް ދަރިންގެ މުސްތަޤުބަލަށްޓަކައި ނަމަވެސް އަހަރެންނަށް ފުރުސަތެއް ދީ. އެއިން އެއްވެސް ކަމެއް ދެނެއް ތަކުރާރެއް ނުވާނެ. އަހަރެންގެ ފަރާތުން ރާނިޔާއަކަށް ދަރިއަކަށް ހިތާމައެއް ހިތްދަތިކަމެއް ދިމައެއް ނުވާނެ. ދުވަހަކު ވެސް ހިތުގައި ޖެހޭ ކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އެއްފަހަރަށްޓަކައި ނަމަވެސް އަހަރެންނަށް މަޢާފް ކޮށްދީ. އާދޭސްކޮށްފައި ބުނަން.” ރާނިޔާއާ ދިމާއަށް އައި ފާއިދު އާދޭސްކުރަން ފެށި އެވެ.

“ނުވާނެ ތިކަމެއް. އަހަރެންނާއި ފާއިދު ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ. މަޢާފަށް އެދުނީތީ މަޢާފްކޮށްފިން. ދަރިންނާއި ބައްދަލުކުރަން ބޭނުމިއްޔާ އެކަން ވާނެ. އަހަރެންނާ ބައްދަލުކުރަން އަންނާނެ ކަމެއްނެތް.” ރާނިޔާ އިއްވީ އޭނާގެ ނިންމުމެވެ. އެ ނިންމުމުން ބަދަލުކުރަން މަސައްކަތް ނުކުރުމަށް ވެސް ބުންޏެވެ.

ފާއިދު ބޭނުންވި ކަންތައް ނުވާނެކަން އެނގުނު ހިސާބުން އިތުރަށް މަޑުކުރުމުގެ ބަދަލުގައި ފާއިދު ނުކުމެގެން ދިޔައީ އެވެ.

ފާއިދު އޭނާގެ ވިސްނުން ބަދަލުކުރާނެ ކަމަށް ރާނިޔާއަށް ހީވި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ދަރިންނާއި ބައްދަލުކުރުމުގެ ނަމުގައި ގެއަށް އަންނަން ފެށި ފާއިދުގެ ބޭނުމަކީ ދަރިންނާއި ބައްދަލުކުރުމެއް ނޫނެވެ. ކޮންމެ ގޮތަކުން ނަމަވެސް ރާނިޔާގެ ރުހުން ހޯދުމަކީ ފާއިދުގެ އެންމެ ބޮޑު ބޭނުމެވެ. އެކަން ރާނިޔާއަށް ވިސްނެން ފެށި ހިސާބުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށި އެވެ.

“ހާދަވަރެއް ވެފައޭ ދޯ މި ހުންނަނީ އަރާމުގަ އުޅެލެވޭގޮތް ވީމަ. ދެން.. އެހެން ނޫނަސް ކޮންމެހެން ދަރިންނަށް ވިސްނާނެ ކަމެއް ނެތްތާ. ހިތުން މާމޮޅު ވާހަކައަކަށް ވެގެން ދެއްކިޔަސް މިޒަމާނުގަ މީހުން ޤަބޫލެއް ނުކުރާނެ ތިކަހަލަ ވާހަކައެއް. ހަމަޖެހޭ ކަހަލަ ވާހަކައެއް ދައްކަބަލަ. މިފަދަ ޒަމާނެއްގަ ހިލޭ އަންހެނަކު ގެނެސްގެން ހިލޭ ސާބަހަށް އެއްވެސް މީހަކު ނުގެން ގުޅޭނެ. ރަޖިސްޓްރީ ނުކޮށް ވަންޏާ އޭނާއަށް ވެސް ރަނގަޅުތާ. ބޭނުން އިރަކު ބޭނުން..” ފާއިދުގެ ވާހަކަތައް އަޑުއިވިފައި ރާނިޔާއަކަށް ކެތެއް ނުވި އެވެ.

މިވެސް ކިޔާލަން:  ރިހި ރާޅުތައް - ޗެޕްޓަރ 1

“ހަމަ މިހާރު މިގެއިން ނުކުމޭ. ތިޔަ ކަހަލަ ހުތުރު ވާހަކަތައް ދައްކަން މިގެއަށް އަންނާނެ ކަމެއްނެތް. އެންމެންނަކީ ކަލޭ ކަހަލަ މީހުންނެއް ނޫން. އަން ކިޔާފިއްޔާ އަންނާރު ވިޔަސް ހެޔޮވާނީ ތިޔަ ކަހަލަ ޖާހިލުންނަށް. މީގެ ފަހުން ކަލެއަށް ދަރިންނާއ ބައްދަލުކުރެވޭނީ ވެސް ދޮރޯށި ކައިރިން. ވަރަށް ކެތްކޮށްފިން. އެކަމު ކަލެއަކަށް އެވަރެއް ނުވިސްނުނު. ހަމަ މިހާރު ނުކުމޭ.” ރާނިޔާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލަ އެވެ. ލަވައިގެން ހަޅޭކާއިއެކު އަތުގެ އިޝާރާތުން ވެސް ގެއިން ނުކުންނަން ބުންޏެވެ.

އެކަނިމާއެކަނި ހުއްޓާ ފާއިދާއި ކުރިމަތިލާން ޖެހުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް ރާނިޔާގެ ކިބައިން އެކަމެއް ނުފެނުނެވެ. އޭނާ ހުރީ އެވަރު ވިސްނައި ސަމާލުވެގެން ނެވެ.

ރާނިޔާ ހީކުރި ވަރަށްވުރެ ފަސޭހައިން ފާއިދު ނުކުމެގެން ދިޔަ އެވެ. ފާއިދު ނުކުމެގެންދިޔަ ނަމަވެސް އަދި އެވަރުން ނުނިމޭނެކަން ރާނިޔާއަށް ޔަގީނެވެ. ފާއިދަކީ ކާކުކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ރާނިޔާ އެވެ. ރާނިޔާ ވިސްނަމުން ދިޔައީ ދެން ވެދާނެ ގޮތަކާއި މެދުގަ އެވެ.

ރާނިޔާ އާއި ފާއިދުގެ މެދުގައި ހިނގަމުންދިޔަ ކަންކަމުގެ އެއްވެސް ހިލަމެއް މުހުތާރަކަށް ނުވެ އެވެ. އެއިން އެއްވެސް ކަމެއް މުހުތާރަށް އަންގާކަށް ރާނިޔާ ބޭނުމެއް ވެސް ނުވެ އެވެ.

ފާއިދުގެ ޚަބަރެއްވީ އަނެއްކާ ވެސް ދެތިން ދުވަސް ފަހުން ނެވެ. ޗުއްޓީއަށް ދިޔަ ލަކްޝްމީ ފުރުވާލުމަށް އެއާރޕޯރޓަށް ގޮސްފައި ދަރިންނާއިއެކު އައިސް ގެއަށް ވަންނަނިކޮށް ފާއިދު ގޮވާލުމުން ރާނިޔާ މަޑުކުރި އެވެ. ދެކުދިންނަށް ފާއިދު ދައްކާލަމުން ބައްޕަ ކައިރިއަށް ދާށޭ ބުންޏެވެ. ބައްޕައާ ވާހަކަ ދައްކާލަން ދަރިންނަށް ވަގުތު ދެމުން ތަންކޮޅެއް ދުރުގައި ރާނިޔާ މަޑުކޮށްލި އެވެ.

“ވަރަށް ބޮޑަށް ސޮރީ.. މާބޮޑަށް ރުޅި އާދެވުނީމަ އެހެން ބުނެވުނީ.” ދަރިންނާއި ވާހަކަ ދައްކަން ހުރުމަށްފަހު، ދަމުން ދަމުން ރާނިޔާއާ ގާތްވެލި ފާއިދު މަޢާފަށް އެދުނެވެ. ރާނިޔާ ބުނާ އެއްޗެއް ބަލާލަން ފާއިދު މަޑުކުރި ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ދެ ދަރިން ގޮވައިގެން ރާނިޔާ ވަނީ ގޯތިތެރެއަށެވެ.

ލަކްޝްމީ ފުރައިގެން ދިއުމުން ގޭތެރެއަށް ވެރިވި ފަޅުކަމާއި ހަމަހިމޭންކަން އިތުރުވެގެން ދިޔައީ މުހުތާރު ފުރުމުން ނެވެ. ވިޔަފާރި ކަމެއްގައި ކުއްލިއަކަށް މުހުތާރު ފުރައިގެން ދިޔަ އެވެ. މުހުތާރު ބުނިގޮތުން އެ ދަތުރުގައި ދެތިން ދުވަސް ވާނެ އެވެ.

މުހުތާރު ފުރައިގެން ދިޔަކަން އެނގިއްޖެނަމަ ފާއިދުގެ އުނދަގޫ އިތުރު ވެދާނެކަމާއިމެދު ރާނިޔާއަށް ވިސްނުނެވެ. ގެއިން ބޭރަށް ނުކުތުން ކުރިޔަށްވުރެ މަދުކޮށް ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުކުތުން ހުއްޓާލި އެވެ. ފާއިދު ކިތަންމެ ބޭނުންވި ނަމަވެސް އޭނާ އެ ބޭނުންވާ ފުރުސަތު ދޭކަށް ރާނިޔާ މިހާރަކު ބޭނުމެއް ނޫނެވެ.

މިވެސް ކިޔާލަން:  ދެހިތުގެ ވިންދު - ހަތަރުވަނަ ބައި

ދިހައެއް ޖަހާކަންހާއިރެވެ. ރޭގަނޑަށް ކައިގެން ދަރިން ނިދުމުން ރާނިޔާ މަޑުކޮށްލީ ޓީވީ ބަލާށެވެ.

“ވިޔަފާރި ދަތުރެއްގައި އިނގިރޭސިވިލާތަށް ގޮސް ހުރި ވިޔަފާރިވެރިޔާ އިސްމާއިލް މުހުތާރު ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެ. އޭނާއާއިއެކު އެ ދަތުރުގައި ބައިވެރިވި އޭނާގެ ވަކީލް ޢަލީ ފާއިދު އާއި މުހުތާރުގެ ވިޔަފާރި ކުންފުނީގެ ޑިރެކްޓަރ ޖިހާދު އިބްރާހިމް ހާމަކުރެއްވި ގޮތުގައި މުހުތާރު ގައިގައި ކާރު ޖެހިފައިވަނީ ވިޔަފާރި ބައްދަލުވުމެއް ނިންމާލުމަށްފަހު ހޮޓަލުން ބޭރަށް ނުކުތް ވަގުތު. އެމީހުން ތިބޭ ހޮޓަލަށް ދިއުމަށްޓަކައި ތިން މީހުން އެކަމުގައި އެތަނުން ނުކުތް ނަމަވެސް މުހުތާރު ހުރީ އެމީހުނަށްވުރެ ތަންކޮޅެއް ކުރީގައި ކަމަށް ވެސް ޖިހާދު ބުނެފައިވޭ. މުހުތާރުގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަމާއިގުޅޭ ފަރާތްތަކުން ބަލަމުންދާއިރު މުހުތާރުގެ ކަށުކަމާކެމީގެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ޖިހާދުމެން އަންނަނީ ކުރަމުން.” ޓީވީން ދައްކާލި ކުއްލި ޚަބަރާއިއެކު ރާނިޔާ ދިޔައީ ސިއްސައިގެން ނެވެ.

ފުންމައިގެން ކޮޅަށް ތެދުވި ރާނިޔާއަށް އަޑުގެ ކޮޅަށް ރޮއިގަނެވުނެވެ. އެހެން ނުވާނެއޭ ބުނެ ހަޅޭއްލަވައިގަނެވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ރާނިޔާއަށް ހޭވެރިކަންވީ އޭނާގެ ދެ ދަރިން އައިސް އޭނާއަށް ގޮވުމުން ނެވެ. އަވަސްއަވަހަށް ތެދުވަމުން ގަޑި ބަލާލިއިރު ހެނދުނު އަށެއް ޖަހައި ބޮޑުވެއްޖެ އެވެ. މުހުތާރުގެ މަރުގެ މަތިން ހަނދާންވުމާއިއެކު ރާނިޔާއަށް އަނެއްކާ ވެސް ރޮވިއްޖެ އެވެ.

މުހުތާރުގެ މޫނު ދެކިލުމަށް އެ ޤައުމަށް ދެވޭނެ އެއްވެސް މަގެއް ފެނޭތޯ ރާނިޔާ އެތައް މަސައްކަތެއް ކުރި އެވެ. ކާމިޔާބެއް ނުލިބުނު ތާނގައި ކުރިއެރުމެއް ވެސް ނުލިބުނެވެ.

ލިބުނު ހިތާމަ އާއި ހިތްދަތިކަމުން އަރައިގަނެވޭނެ އެއްވެސް މަގެއް ނުފެނި ހުއްޓައި ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ އެވެ. ހިތާމައަކަށްފަހު އެއަށްވުރެ ހިތާމައެއް ކުރިމަތިވެއްޖެ އެވެ.

ގޭތެރެއަށް ވަދެގެން އައި ފާއިދު މަޑުކޮށްލީ ސިޓިންރޫމްގައި އިން ރާނިޔާގެ ކުރިމައްޗަށެވެ. ސަލާމް ގޮވާލުމެއް ހުއްދަ ހޯދާލުމެއް ވެސް އޭނާގެ ނެތެވެ.

“އަހަރެން މި އައީ އަހަރެންގެ ކުދިން ބަލައި. ކިތަންމެ ފުއްޕާފަ އުޅުނަސް ކަލެއަކަށް ދެނެއް މި ކުދިންނެއް ނުބެލޭނެ. ކަލެއަށް ޚަރަދު ކުރާކަށް މުހުތާރެއް ދެން ނާންނާނެ. މާދަމާ ނޫންކަމެއް ވެސް ނޭނގެ މިތަނުން ނުކުންނަން ޖެހޭނީ. ވަންނާނެ ތަނެއް ހުރި މީހެއް ނޫން ކަލެއަކީ. އަހަރެންގެ ދެ ކުދިން މަގުމަތި ކޮށްލާކަށް ދޫކޮށެއް ނުލެވޭނެ. އަވަހަށް ގޮތެއް ނިންމާ. އަހަރެންނަކަށް ވަގުތެއް ނެތް.” ފާއިދުގެ ކިބައިން ފެންނަމުން ދިޔައީ ކާމިޔާބުގެ ކުލަވަރެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top