ބަނގްލަދޭޝްގައި އިއްޔެ ފެށި ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިންޑިޔާ މޮޅުވެއްޖެ އެވެ. ސައުތު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބާއްވާ މި މުބާރާތުގައި މި އަހަރު ވާދަކުރަނީ ހަ ޤައުމުގެ ޤައުމީ ޓީމެވެ. ފީފާގެ ސަސްޕެންސަނެއްގައި އޮތުމުގެ ސަބަބުން މި އަހަރުގެ މުބާރާތުގައި ނޭޕަލަށް ބައިވެރިއެއް ނުވެވުނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތުގެ އެންމެ ކާމިޔާބު ޤައުމުގެ ގޮތުގައި އޮތް އިންޑިޔާ އާއި ޕާކިސްތާނެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ. މި ގުރޫޕްގައި މި ދެ ޤައުމުގެ އިތުރުން ދެން ހިމެނެނީ ދިވެހިރާއްޖެ އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު އިންޑިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފަހުކޮޅު މޮޅަށް ކުޅުނީ ޕާކިސްތާނެވެ.
މެޗު ފެށުމާއިއެކު ލަނޑެއް ޖެހުމަށް މަސައްކަތް ފެށި އިންޑިޔާއިން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑަކީ މުޙައްމަދު ސުހައިލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، ސުހައިލް އަޙްމަދު ބަޓް ޖަހައިދިން ލަނޑެކެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ޕާކިސްތާނުން ލަނޑެއް ޖެހުމުގެ ކުރިން އިންޑިޔާއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. 19 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސުހައިލް އަޙްމަދު ބަޓް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަބީޝެކް ސުރިޔާވަންޝީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ލިބިފައިވާ ލީޑާއިއެކު ވެސް ވަރުގަދަ އެޓޭކިން ގޭމެއް ކުޅެމުންދިޔަ އިންޑިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. 32 ވަނަ މިނިޓްގައި ނައުފަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މަގެންތަންގް ކިޕްގެން އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތަކަށް މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނަށް ވަނީ ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ޕެނަލްޓީއެއް ލިބިފަ އެވެ. ޝަޔަކް ދޯސްތު ފޮނުވާލި މި ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތެއް ނުވި އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއިއެކު ނިމުނުއިރު، ދެވަނަ ހާފުގައި ޕާކިސްތާނުން ވަނީ އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކޮށް ތަފާތު ދައްކައިފަ އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް މި ހާފުގައި އިސްކަންދިން އިންޑިޔާ ކޮޅަށް މެޗުގެ އިތުރު ވަގުތުގައި ޕާކިސްތާނުން ދެ ލަނޑު ޖެހި އެވެ. ފުރަތަމަ ލަނޑު ޖުނައިދު ޝާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަތީބު އުލްލާހު ޖެހިއިރު، ދެވަނަ ލަނޑު އަލަމްގީރު ގާޒީ ޖެހީ މިކެއަލް އަބްދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މި ގުރޫޕްގެ މެޗެއް ދެން އޮންނާނީ 8 ވަނަ ދުވަހު އެވެ. ރާއްޖެ ގަޑިން 14:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ދިވެހިރާއްޖެ އެވެ.
