ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް ހޯދައިފި އެވެ. ލީގު ބުރުގެ އެއްވަނަ ހޯދައި، ފައިނަލްގެ ސީދާ ޖާގައެއް ހޯދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފައިނަލްގައި ބައްދަލުކުރީ ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗަކީ ލީގު ބުރުގެ އެއްވަނަ ޓީމު ކަނޑައެޅުމަށް ކުޅެވުނު މެޗެވެ. މި މެޗު މޯލްޑިވްސް ޕޮލިސް ސާވިސް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ.
މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ފައިނަލް މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް އެ ޓީމު ކާމިޔާބުކުރީ 25-4 އިން ނެވެ. ފުރަތަމަ ސެޓްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެވަނަ ސެޓްގައި އެމްއޭސީއެލްއިން ވަނީ ފުރަތަމަ ސެޓަށްވުރެ މާ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓްގައި އެމްއޭސީއެލްއިން 22 ޕޮއިންޓް ހޯދި އެވެ. ދެވަނަ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓްގައި އެމްއޭސީއެލްއަށް ދެއްކޭ ގޮތެއް ނުވިއެވެ. ވާދަވެރިވާނެ ކަމަށް ބެލެވުނު މި ސެޓް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކާމިޔާބުކުރީ 25-12 އިން ނެވެ.
ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހައްވާ ރާޝިދާ އެވެ. މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އެމްއޭސީއެލްގެ އަނޫޒާ އަބްދުލް ހަމީދު، މޯލްޑިވްސް ޕޮލިސް ސާވިސްގެ މައިސަރަތު އަބްދުއްރަހީމް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ހައްވާ ރާޝިދާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތައުހީދާ ރަޝީދު، އެމްއޭސީއެލްގެ އާއިޝަތު ސުހާ އަދި އެމްއޭސީއެލްގެ ޢާއިޝަތު ނާޒިމާ އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކީ އެމްއޭސީއެލްގެ މުއީނާ ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޯޗް މުނާ މުނީރުއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހައްވާ ރާޝިދާ އެވެ.
