ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފި އެވެ. ސާފް ސަރަހައްދުގެ ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި ކިޔަމުން އައި ދިވެހިރާއްޖެ ގުރޫޕް ސްޓޭޖްއިން ޖެހިޖެހިގެން ކެޓި މިއީ ތިންވަނަ އަހަރެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާނު އަތުން ބަލިވީ 3-0 އިން ނެވެ. ޑިފެންސިވް ގޭމަކުން މެޗު ފެށި ދިވެހިރާއްޖެ ކޮޅަށް އެ މެޗުގައި ޕާކިސްތާނުން ތިން ލަނޑު ޖެހިއިރު، ފުރަތަމަ 9 މިނިޓްތެރޭ ދެ ލަނޑު ޖެހި އެވެ. މިއީ ސާފްގެ މުބާރާތެއްގައި ޕާކިސްތާނު ކައިރިން ދިވެހިރާއްޖެ ބަލިވި ފުރަތަމަ މެޗެވެ. ގުރޫޕް ސްޓޭޖްގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އިންޑިއާއާ އެވެ. އިންޑިއާގެ ބީ ޓީމެއްގެ ގޮތުގައި ސިފަކުރަމުން އައި މި ޓީމު އަތުން ދިވެހިރާއްޖެ ބަލިވީ 1-0 އިން ނެވެ. ބަދަލުތަކަކާއިއެކު ނުކުތް ދިވެހިރާއްޖެއިން މި މެޗުގައި ވެސް ފެނުނީ ޑިފެންސިވް ގޭމެއް ކުޅުނު ތަނެވެ. އަމިއްލަ ހާފުގައި ގިނަ ވަގުތު ބޯޅަ ބާއްވައި ކީޕަރު ގިނަ ޕާސްތަކެއް ދީގެން ކުޅުނު ތަނެވެ.
މި މެޗަށް ނުކުތްއިރު ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫނީ ދިވެހިރާއްޖެއަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިންޑިއާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ 38 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ނެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އިންޑިއާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، އިންޑިއާ އާއި ޕާކިސްތާނު ކުޅުނު މެޗުގައި އިންޑިއާއަށް ދެ ގޯލު ޖަހައިދިން ސުހައިލް އަހްމަދު ބަޓް އެވެ.
ލަނޑު ޖަހާނެ ފުރުސަތު ދިވެހިރާއްޖެއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއިއެކު ދިވެހިރާއްޖެއިން ކުޅުން ރަނގަޅުކުރި ނަމަވެސް، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. މުޒްދާން ހަސަން އާއި އީތަން ޒަކީ ފޮނުވާލި ބޯޅަ އިންޑިޔާގެ ކީޕަރު ދިފާއުކުރިއިރު، ލަނޑު ޖަހަން އިންޑިއާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ކުރެވިފައެއް ނުވެ އެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު އިންޑިއާއިން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ހޯދިއިރު، ތިން ޕޮއިންޓާއިއެކު ޕާކިސްތާނަކީ މި ގުރޫޕްގެ ދެވަނަ ޓީމެވެ. އެއްވެސް ޕޮއިންޓެއް ނުލިބި، މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް ދިވެހިރާއްޖެ ވީއިރު، މުބާރާތުގައި ލަނޑެއް ނުޖެހޭ ހަމައެކަނި ޓީމަކީ ވެސް ދިވެހިރާއްޖެ އެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ސާފް މުބާރާތެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ދަށް އަދި އެންމެ ލަދުވެތި ނަތީޖާ އެވެ.
