ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ބައްޔާއިއެކު ސްރީލަންކާ މުބާރާތުން ކަޓައިފި އެވެ.
ސްރީލަންކާ އާއި ބަންގްލަދޭޝް ރޭ ބައްދަލުކުރި މެޗަށް ނުކުތްއިރު، މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދެވެން އޮތް ސްރީލަންކާ، ބަނގްލަދޭޝް އަތުން ބަލިވީ 4-0 އިން ނެވެ. ސްރީލަންކާއަށް ކުރިމަތިވި މި ބައްޔާއިއެކު ބޫޓާނަށް ވަނީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ލިބިފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ބޫޓާން އެންމެފަހުން ދަތުރުކޮށްފައިވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފު ޗެމްޕިއަންޝިޕްގަ އެވެ.
އަމިއްލަ ދަނޑުގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ބަނގްލަދޭޝްއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޤައުމުން ބޭރުގެ ލީގުތަކުގައި ކުޅެމުންދާ ބަނގްލަދޭޝްގެ ބައެއް ކުޅުންތެރިން ޓީމާއި ގުޅި މި މެޗުގައި ވަނީ ތަފާތު ދައްކައިފަ އެވެ. މި މެޗުގެ ފުރަތަމަ ލަނޑު ބަނގްލަދޭޝްއިން ޖެހީ، ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުންދާ ހަމްޒާ ޗައުދަރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝަމިތު ޝޯމޭ އެވެ. ސަމިތު ޝޯމޭއަކީ ކެނަޑާގެ ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ.
ނަތީޖާ ހަމަހަމަކުރުމަށް ސްރީލަންކާއިން ކުރަމުން އައި މަސައްކަތް ފުރަތަމަ ހާފުގައި ކާމިޔާބު ކުރެވޭގޮތެއް ނުވި އެވެ. އަލަށް ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ބަނގްލަދޭޝްގެ ކެޕްޓަން ހަމްޒާ ޗައުދަރީ ވަނީ މެޗުގެ ފަހުކޮޅު ބަންގްލަދޭޝްގެ ލީޑު ފުޅާކޮށް ދީފަ އެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ބަނގްލަދޭޝް އެވެ. މި ހާފުގައި އެ ޓީމުން އިތުރު ދެ ލަނޑު ޖެހިއިރު، ސްރީލަންކާއަށް ލަނޑެއް ނުޖެހެ އެވެ. މި ހާފުގައި ސްރީލަންކާއިން ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ބަނގްލަދޭޝްގެ ގޯލް ފޫ އަޅުވާލެވޭގޮތެއް ނުވި އެވެ. ބަނގްލަދޭޝްގެ ތިންވަނަ ލަނޑު ޖެހީ 52 ވަނަ މިނިޓްގައި ފަރްހާން އަލީ ވާހިދު އެވެ. ފުލަމް އެކަޑަމީއިން ތަމްރީނު ފުރިހަމަކުރި ފަރްހާން ކާމިޔާބުކުރި މި ލަނޑަކީ އޭނާގެ އަމިއްލަ ހުނަރު ދައްކައިލި މޮޅު ލަނޑެކެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ސްރީލަންކާއަށް ނުކުރެވި އުޅެނިކޮށް ބަނގްލަދޭޝްއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހި އެވެ. 87 ވަނަ މިނިޓްގައި ބަނގްލަދޭޝްއަށް މި ލަނޑު ޖަހައިދިނީ ރަކީބް ހުސައިން އެވެ. ރަކީބް މި ލަނޑު ޖަހާފައިވަނީ ސްރީލަންކާ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ، ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ބަނގްލަދޭޝް ގުރޫޕްގެ އެއްވަނައަށް ޖެހިލިއިރު، ސްރީލަންކާ އާއި ބޫޓާނަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ބޫޓާނަށް ގުރޫޕްގެ ދެވަނަ ލިބުނީ ލަނޑުގެ ތަފާތުން ނެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ.
