ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 41
މުނިއަވަސް ގްރެފިކްސް

ޝްރެޔާ

ފަހުން، ޖާބިރު ވަކި ކޮޓަރިއަކަށް ގެންދެވުމުން، އޭނާ އެއް ކަމަކަށް އެދުނެވެ.

“މިހާ ގިނަ މީހުން ކައިރީގައި ނުތިބެ، އެ ދިވެހި އަންހެން ކުއްޖާއާ އެކަނި ވާހަކަދައްކާލަން އަހަރެން ބޭނުން.”

މެނޭޖަރު ވަގުތުން ބޯޖަހާލިއެވެ. “ލައްބަ ސާރ..”

ނަމަވެސް، ވަޝިއްޔާ އެތަނުން ގެންދިއުމުގެ ކުރިން، ޖާބިރަށް ކަމެއް ފާހަގަވިއެވެ. ވަޝިއްޔާގެ އިނގިލިތައް ކުޑަކޮށް ތުރުތުރުއަޅަމުން ދިޔައެވެ.

ޖާބިރު ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލާލިއެވެ. “އޭނާ ބަލީތަ؟”

މެނޭޖަރު މާ އަވަސްއަރުވާލާފައި ޖަވާބު ދިނެވެ.

“އަދި އާވީމާ.. ބައެއް ފަހަރު ކުޑަކޮށް ވަރުބަލިވަނީ. އެއީ މާ ބޮޑު ކަމެއް ނޫން.”

ޖާބިރު ވަޝިއްޔާއަށް ބަލާލިއެވެ. “ކައިފިންތަ؟”

ވަޝިއްޔާ ކުޑަކޮށް ފަސްޖެހުމަށްފަހު ބޯޖަހާލިއެވެ.

“އޯކޭ.. ރަނގަޅު.”

ޖާބިރު މެނޭޖަރާ ދިމާއަށް އެނބުރުނެވެ.

“އަދި އޭނާ ހުރީ އަރާމުގައިކަން ކަށަވަރުކުރޭ.”

މެނޭޖަރު ހިނިތުންވެލިއެވެ.

“އަޅުގަނޑު އެކަން ބަލާނަން، ސާރ.”

ނަމަވެސް، ޖާބިރު އެނބުރުނު ހިނދު، އެ ހިނިތުންވުން މޫނުމަތިން ފިލައިގެން ދިޔައެވެ. މެނޭޖަރު ވަޝިއްޔާއާ ހަވާލުވެގެން ހުރި އަންހެން މީހާގެ ކައިރިއަށް ޖެހިލިއެވެ.

“އޭނާއަށް ވެގެން އުޅޭ ގޮތެއް ބަލާ. މިރޭ އެއްވެސް މައްސަލައެއް ޖެހިގެން ނުވާނެ.”

އެ އަންހެން މީހާ ބޯޖަހާލިއެވެ.

ވަޝިއްޔާއަށް އިވުނީ އެމީހުން ދެއްކި ވާހަކައިގެ މަދު ބައިތަކެކެވެ. ކެމެރާތަކާއި ލައްޕާފައިވާ ދޮރުތަކުގެ ކައިރިން، ކޮރިޑޯގެ ތެރެއިން އޭނާ ގެންދިޔައީ ކުރިން ދުވަހަކުވެސް ވަދެފައިނުވާ ކޮޓަރިއަކަށެވެ. ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް، މި މީހާއަކީ ތަފާތު މީހަކަށް ވެދާނެތޯ އޭނާގެ ހިތަށް އެރިއެވެ. އެއީ ނުރައްކާތެރި ޚިޔާލެކެވެ.

“މަސްތު” ގައި، ބާރުގަދަ ފިރިހެނުންނަކީ ކޮންމެހެން އޯގާތެރި ބައެއް ނޫނެވެ. މުއްސަނދިކަމަކީ ރަޙުމުގެ ދަލީލެއް ނޫނެވެ. އަދި އޮޅުންފިލުވަން ބޭނުންވުމަކީ އަޅާލުން ކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް، އެހެން އެންމެންނަށް ފާހަގަނުވި ކަމެއް ޖާބިރު ރަޙްމާނަށް ފާހަގަވިއެވެ.

އެންމެންގެ ކުރިމަތީގައި ރީތި އާ މޫނެއްގެ ގޮތުގައި ދައްކަމުން ދިޔަ އަންހެން ކުއްޖާ ހުރީ ބަލިކޮށްކަން އޭނާއަށް ފެނުނެވެ. އަދި އެ ކުޑަކުޑަ ފާހަގަކުރުމުގެ ސަބަބުން، އެ އިމާރާތުގައި ތިބި އެއްވެސް މީހަކު ޖަވާބުދޭން ބޭނުންނުވާ ފަދަ ސުވާލުތަކެއް އޭނާ ވަރަށް އަވަހަށް ކުރަން ފަށާނެއެވެ. ސަބަބަކީ، ޖާބިރު ރަޙްމާން މި ޚާއްސަ ސިއްރު ގެޔަށް އައީ އާދައިގެ ވަގުތުކޮޅެއް ހޭދަކޮށްލާކަށް ނޫނެވެ. އޭނާ އައީ ތަފާތު ކަމެއް ހޯދާށެވެ. އަދި އޭނާ މި ހޮވި އަންހެން ކުއްޖާއަކީ މުޅި ނެޓްވޯކެއް ފަޅާއަރުވާލެވިދާނެ ފަދަ ބޮޑު ސިއްރެއްގެ މަރުކަޒުކަން ވެދާނެކަމެއް އޭނާއަކަށް ނޭނގެއެވެ.

މިވެސް ކިޔާލަން:  ހާވިލް - ހަތްވަނަ ބައި

*****

އެންމެ ރެއެއްގެ ތެރޭގައި ވަޝިއްޔާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ތަޅުލެވިފައިވާ ދޮރުތަކާއި، ފިނި ކޮޓަރިތަކާއި، ކެމެރާތަކުގެ ފާރަވެރިކަމާއި، އިހާނެތި އަމުރުތަކުގެ އިތުރުން ކުރިމަތީގައި އޮތް ނޭނގޭ ބިރުވެރިކަމަކީ މިހާރު މާޒީގެ ބައެއް ކަމުގައި އޭނާއަށް އިޙުސާސް ކުރެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު، އެއް ކޮޓަރިން އަނެއް ކޮޓަރިއަށް އޭނާ ދަމާކޫއްތައި، ބޭނުން ކޮންމެ މީހަކު ގެންގުޅޭ މުދަލެއްގެ ގޮތުގައި އޭނާއަށް ކުރަމުންދިޔަ މުއާމަލާތްތައް ނިމުމަކަށް އައެވެ. އޭނާއާ ދިމާލަށް ހަޅޭއްލަވާނެ މީހަކު ނެތެވެ. ފޮޓޯއަށް އަރަން މަޖުބޫރުކުރާނެ މީހަކު ނެތެވެ. އަދި ކަމަކަށް އެދުމުން ބިރުދައްކާނެ މީހަކުވެސް ނެތެވެ. އޭގެ ބަދަލުގައި، އޭނާއަށް މަރުހަބާ ކީ އޮމާން މާބަލް ތަޅުންތަކާއި، ބޮޑެތި ކުޑަދޮރުތަކާއި، ތާޒާ މަލުގެ މީރުވަސް ދުވާ ހިތްގައިމު މާހައުލަކަށެވެ.

ޖާބިރު ރަޙްމާން އޭނާގެ ނިންމުން ނިންމައިފިއެވެ. އޭނާ ބޭނުންވީ ހަމައެކަނި ވަޝިއްޔާއެވެ. އަދި “މަސްތު”ގެ ދުނިޔޭގައި، ނުފޫޒުގަދަ ފިރިހެނަކު އަންހެނަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމަށް ނިންމައިފިނަމަ، އެންމެ އަމުރަކުން އެމީހެއްގެ ވަށައިގެންވާ ކޮންމެ ކަމެއް ބަދަލުކޮށްލައެވެ.

މުޅި ސިޓީ ފެންނަން އޮންނަ ފަދަ ޝާހީ އަމިއްލަ ގެއަކަށް އޭނާ ބަދަލުކުރެވުނެވެ. އޭނާއަށް ޚާއްސަ ކުރެވުނު ކޮޓަރި، ކުރިން ރަހުމަތްތެރިންނާއެކު އުޅުނު އެޕާޓްމަންޓަށްވުރެވެސް ބޮޑެވެ. އެތަނުގައި ހެދުން ބަދަލުކުރާނެ ޚާއްސަ ބަޔަކާއި، އަމިއްލަ ފާޚާނާއަކާއި، އިށީނދެލައިގެން ތިބޭނެ ތަނެއްގެ އިތުރުން ހިތްގައިމު ބަގީޗާއެއް ފެންނަން އޮންނަ ބެލްކަންޏެއް ހުއްޓެވެ.

އޭނާގެ ޚިދުމަތުގައި މުވައްޒަފުންގެ ޓީމެއް ތިއްބެވެ. އޭނާގެ ޞިއްޙީ ހާލަތު ބެލުމަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސައި، ބަންދުގައި ހުރުމުގެ ސަބަބުންނާއި މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން ލިބިފައިވާ ޖިސްމާނީ އަނިޔާތަކަށް ފަރުވާ ދޭން ފެށުނެވެ. ރަނގަޅު ކާނާއާއި، ސާފު ހެދުމުގެ އިތުރުން އަރާމު އެނދެއް އޭނާއަށް ލިބުނެވެ. ބޭރުގައި ސަލާމަތީ ކަންކަން ބަލަހައްޓާނެ ފާރަވެރިން ތިއްބެވެ. އޭނާގެ އެކިއެކި ކަންކަމުގައާއި، ބާޒާރުކުރުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ އިންތިޒާމުތަކުގައި އެހީތެރިވުމަށް އަންހެނަކު ހަމަޖައްސައިދެވުނެވެ. އޭނާ ބޭނުންވާ ކޮންމެ ކަމެއް، ދެވަނަ ފަހަރަށް ބުނަން ނުޖެހި ވަގުތުން ފުރިހަމަވަމުން ދިޔައެވެ.

މިވެސް ކިޔާލަން:  އޭނާ - ވިހިވަނަ ބައި

ވަރަށް ދިގު މުއްދަތަކަށްފަހު، މީހަކު ކޮޓަރިއަށް ވަދެގަނެފާނެކަމުގެ ބިރުވެރިކަމެއް ނެތި ލޯ މަރާލައިގެން އޮވެލުމުގެ ފުރުޞަތު ވަޝިއްޔާއަށް ލިބުނެވެ. ނަމަވެސް، ރައްކާތެރިކަމާއި މިނިވަންކަމަކީ ތަފާތު ދެކަމެކެވެ. އޭނާ މިނިވަނެއް ނުވެއެވެ. އޭނާ ހަމައެކަނި ބަދަލުވީ ތަފާތު ވައްތަރެއްގެ ބަންދަކަށެވެ.

*****

އެރޭގެ ވަގުތެއްގައި ޖާބިރު ޒިޔާރަތްކުރިއެވެ. އޭނާ އެތެރެއަށް ވަނީ އެކަނިމާއެކަނި، ކުޑަ ހަދިޔާ ފޮށްޓެއް ހިފައިގެންނެވެ. “ހާލު ކިހިނެއް؟”

ސޯފާގައި އިނދެ ވަޝިއްޔާ އޭނާއަށް ބަލައިލިއެވެ. “ރަނގަޅު.”

“ރަނގަޅު. މާދަމާވެސް ޑޮކްޓަރު އަންނާނެ. އަހަރެން ބޭނުންވަނީ ކަލެއަށް އެންމެ ފުރިހަމަ ގޮތުގައި އަޅާލުން ލިބުން.” އޭނާ ބޯޖަހާލިއެވެ.

ޖާބިރު އެ ފޮށި މޭޒުމަތީގައި ބެހެއްޓިއެވެ. “ތިޔަ ހުޅުވާލަބަލަ.”

އޭގެ ތެރޭގައި އޮތީ ވަރަށް އަގުބޮޑު ރީތި ރަން އަތުގަ އަޅާ ބްރޭސްލެޓެކެވެ. ވަޝިއްޔާ އެއަށް ބަލައިލި ނަމަވެސް، އަތެއް ނުލައެވެ.

“ވަރަށް ރީތި، ތެންކްޔޫ.” މަޑުމައިތިރިކަމާއެކު އޭނާ ބުންޏެވެ.

“ތިޔައީ ކަލެއަށް ގެނައި އެއްޗެއް. އޭތި އަޅާބަލަ.”

“ޝުކުރިއްޔާ، ފަހުން.”

ޖާބިރު އޭނާގެ ކުރިމަތީގައި އިށީނދެ، ވަޝިއްޔާގެ މޫނަށް ފުންކޮށް ބަލައިލިއެވެ.

“ކަލޭ ތިޔަ އައީ ވަރަށް އުނދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފައި. އެހެންކަމުން، އެއްވެސް ކަމަކަށް އެއް ދުވަހުން ހޭނޭނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން.”

ވަޝިއްޔާ ސަމާލުވެ ހުރެ ޖާބިރަށް ބަލައިލިއެވެ. “މިހުރިހާ ކަމެއް ތިޔަ ކުރަނީ ކީއްވެ؟”

އޭނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އަހަރެން ބޭނުންވާތީ.”

“އެއީ ޖަވާބެއް ނޫން.”

އެ ވަގުތު، އޭނާގެ އެ ޖަވާބުން ޖާބިރު ހިތްހަމަޖެހުނު ކަހަލައެވެ.

“ކަލޭ ތިޔަ ކުރަނީ ވަރަށް ސީދާ ސުވާލުތަކެއް.”

“އަހަރެން ކުރިންވެސް ކުރަން.”

“އަދިވެސް ކުރިއަށް ގެންދެވިދާނެ.”

އޭނާ ފަހަތަށް ލެނގިލިއެވެ.

“ނަމަވެސް، ކަލޭ ދެނެގަންނަންޖެހޭ ކަމެއް އެބައޮތް. މިހާރު ކަލޭ ތިޔަ ހުރީ އަހަރެންގެ ހިމާޔަތުގެ ދަށުގައި. އަހަރެންގެ ހުއްދަ ނެތި، އެއްވެސް މީހަކަށް ކަލެއާ ކައިރިވެ، ބިރުދައްކައި ނުވަތަ އެއްވެސް ތަނަކަށް ނުގެންދެވޭނެ.”

ވަޝިއްޔާ އޭނާއަށް ބަލަހައްޓައިގެން އިނދެއެވެ. އެ ބަސްތަކުން އޭނާއަށް ހިތްހަމަޖެހުން ލިބެންޖެހޭނެ ނަމަވެސް، އޭނާގެ ސިކުނޑީގައި ބަރުވެފައި އޮތީ އެންމެ ޖުމުލައެކެވެ. “އަހަރެންގެ ހުއްދަ ނެތި.” މީގެ ކުރިންވެސް ތަފާތު ބަސްތަކުން މިފަދަ ވަޢުދުތަކެއް އޭނާއަށް ވަނީ އިވިފައެވެ.

މިވެސް ކިޔާލަން:  ރިހި ހުވަފެން - ޗެޕްޓަރ 8

“މިތާ މަޑުކުރަން ޖެހޭނެތަ؟” ވަޝިއްޔާ ސުވާލުކުރިއެވެ.

ޖާބިރުގެ މޫނުމަތީގެ އަސަރަކަށް ބަދަލެއް ނައެވެ. ” އާނ.”

“އަހަރެންގެ އާއިލާއަށް ގުޅިދާނެތަ؟”

ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ.

“އުހޫނ.. އަހަރެން އެއްވެސް ރިސްކެއް މައްސަލައެއް ބޭނުމެއް ނޫން.. ކަލޭގެ ސިއްޙަތު ތަންކޮޅެއް ބޮޑަށް ރަނގަޅުވުމުން އެކަމާ މަޝްވަރާކުރާނީ.”

ވަޝިއްޔާ އިސްޖަހާލިއެވެ. އޭނާ މާޔޫސްވިކަން ޖާބިރަށް ފާހަގަކުރެވުނު ނަމަވެސް، އެ ވާހަކަ އިތުރަކަށް ކުރިއަކަށް ނުގެންދިޔައެވެ.

“އަދި އެހެން ކަމެއްވެސް އެބައޮތް.” ޖާބިރު ބުންޏެވެ.

ވަޝިއްޔާ އަލުން ބަލައިލިއެވެ.

“އަހަރެން ވަޝިއްޔާ، އެ ނަމެއް ބޭނުމެއް ނޫން. އައި ޑޯންޓް ލައިކް އިޓް.”

ވަޝިއްޔާގެ ބުމަ ގޮށްޖެހުނެވެ. “އެކަމު އެއީ އަހަރެންގެ ނަން.”

“އަހަރެންނަށް ތިކަން އެނގޭ.”

“ދެން ކީއްވެ؟”

ޖާބިރު ހިނިތުންވެލިއެވެ. “މި އަހަރެން ބޭނުންވާ ގޮތް.. އަހަރެން މިހާރު ކަލެއަށްޓަކައި އެހެން ނަމެއް ހޯދައިފިން.”

އެ ބަސްތައް ސިކުނޑީގައި ބަދަލުކޮށްލުމަށް ވަގުތުކޮޅެއް ދެމުން ޖާބިރު މަޑުކޮށްލިއެވެ. “ޝްރެޔާ.”

ވަޝިއްޔާ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި ޖާބިރަށް ބަލަހައްޓައިގެން އިނެވެ. “ޝްރެޔާ؟”

“އާނ. މި ނަން ކަލެއާ ވަރަށް ގުޅޭ.”

“އެކަމަކު އަހަންނަކީ ވަޝިއްޔާ.”

“އަހަރެންގެ ކައިރީގައި ހުންނައިރު ތިއީ އެ ނަމުގެ ވެރިއެއް ނޫން.”

ޖާބިރު އެހެން ބުނީ ވަރަށް އާދައިގެ ގޮތަކަށް، އޯގާތެރިކަމާއެކުގައެވެ. އެއީ އޭނާގެ އަމިއްލަވަންތަކަން ބަދަލުކޮށްލަން އުޅޭ ފަދަ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހަމަ ލޯބިން ކިޔާނެ އާ ނަމެއް ހޮވައިދޭ ކަހަލަ ގޮތަކަށެވެ.

“މިއަދުން ފެށިގެން ތިއީ ޝްރެޔާ. މަގޭ ޝްރެޔާ.”

ވަޝިއްޔާ އިތުރު އެއްޗެއް ނުބުނެއެވެ. ޖާބިރު ހުރީ އެ ނިންމުމާމެދު ހިތްހަމަޖެހިފައިކަން ފެންނަން ހުއްޓެވެ. އޭނާ ކޮޅަށް ތެދުވެ، ގަމީހުގެ އަތްކުރި ރީތިކޮށްލުމަށްފަހު ދޮރާ ދިމާލަށް ބަލައިލިއެވެ.

“ކުޑަކޮށް އަރާމުކޮށްލާ. ކުރިއަށް އޮތީ މުޅިން އާ ދިރިއުޅުމެއް.”

އޭނާ ނުކުތުމާއެކު ދޮރު ލެއްޕުނެވެ. އެ ކުޑަ ފޮށީގައި އޮތް ރަން ބްރޭސްލެޓަށް ބަލަހައްޓައިގެން ވަޝިއްޔާ އެ އިން ގޮތަށް އިނެވެ.

އާ ދިރިއުޅުމެއް.. މިއީ ހަމަ އެ ބުނާ އާ ދިރިއުޅުން ބާވައެވެ؟

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top