“ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ ނޫން ހެއްޔެވެ؟”
“ކިތަންމެ ސިއްޙަތަށް ރަނގަޅު އެއްޗެހި ކެޔަސް މުސްކުޅިވާނެއެވެ.”
“އަގުބޮޑު ކްރީމްތައް އުނގުޅިޔަސް މޫނުގައި ރޫޖެހޭނެއެވެ.”
މިއީ އަހަރެމެންގެ ތެރޭގައި އާންމުކޮށް އިވޭ ވާހަކަތަކެކެވެ. ދިވެހިންގެ ކޮފީ މޭޒުތަކުންނާއި ދިރިއުޅުމުގެ އާންމު ވާހަކަތަކުގެ ތެރެއިން މިފަދަ ޖުމްލަތައް އަބަދުވެސް އިވެއެވެ. މީހަކު ހަކުރު މަދުކޮށް، ސިއްޙަތަށް ފައިދާހުރި ކާނާ ކާން ފަށައި، ކަސްރަތުކޮށް، ނުވަތަ އަވިން ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކޮށް، ހަމަށް ބޭނުންވާ މާއްދާތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ފަށައިފިނަމަ، އެމީހަކީ ސިއްޙަތަށް މާ ބޮޑަށް ފަރުވާތެރިވާ މީހެއްގެ ގޮތުގައި ނުވަތަ ހަމުގެ ފަރުވާއަށް މޮޔަވެފައި ހުރި މީހެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ.
އަމިއްލަ ނަފްސަށް އަޅާލައި، ބަލަހައްޓަން މަސައްކަތް ކުރުމަކީ މިހާރު މީހުން މަލާމާތްކޮށް މަޖާކުރާ ކަމަކަށް ވެއްޖެއެވެ. ނަމަވެސް ސުވާލަކީ، ކޮންމެ މީހަކުވެސް މުސްކުޅިވާނެތީ، ދަތް އުނގުޅުމާއި، ރަނގަޅަށް ކެއުމާއި، ހަށިގަނޑަށް އަޅާލުން ހުއްޓާލަންވީ ހެއްޔެވެ؟
ޖަވާބަކީ ނޫނެކޭ އެވެ.
އާދެ، މުސްކުޅިވުމަކީ ދުނިޔަވީ ޤާނޫނެކެވެ. އެއްވެސް އަގުބޮޑު ކްރީމަކުން އަހަރެމެން ދާއިމަށް ޒުވާންކަންމަތީގައި ނުބޭތިއްބޭނެއެވެ. ނަމަވެސް، މުސްކުޅިވުން ޤަބޫލުކުރުމާއި، އަމިއްލަ ސިއްޙަތަށް އަޅާނުލައި ދޫކޮށްލުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބައޮތެވެ. މަޢުލޫމާތު ހޯދުމަކީ މޮޅުކަން ދެއްކުމެއް ނޫނެވެ. އެއީ ޒިންމާދާރުވުމެވެ.
ކާނާގެ ބާވަތްތަކާއި، ހަމުގެ ދުޅަހެޔޮކަމާއި، ހޯރމޯންތަކާއި، ސިއްހީ ސަޕްލިމެންޓްތަކާ ބެހޭ މަޢުލޫމާތު ފަސޭހައިން ލިބެން އޮތް ޒަމާނެއްގައި، އަހަރެމެން ކާ އެއްޗެއްސާއި މޫނުގައި އުނގުޅާ ތަކެއްޗާމެދު ސަމާލުވުމަކީ ބޮޑާކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ.
އަމިއްލަ ނަފްސަށް އަޅާލުމަކީ އަގުބޮޑު އުފެއްދުންތަކުން ފާޚާނާ ފުރާލުމެއް ނޫނެވެ. އަދި ޓްރެންޑަކަށްވާ ކޮންމެ ސަޕްލިމެންޓެއް ގަތުމެއްވެސް ނޫނެވެ. އަގުހެޔޮ ނަމަވެސް ފެންވަރު ރަނގަޅު އުފެއްދުމަކީވެސް އަގުބޮޑު އެއްޗެއް ފަދައިން ފައިދާހުރި އެއްޗަކަށް ވެދާނެއެވެ. މުހިންމީ މަޢުލޫމާތު ހޯދުމާއި، ޤަވާއިދުން ކަންކަން ކުރުމާއި، ބުއްދީގެ ބޭނުން ހިފުމެވެ.
އުމުރުން 30 އަހަރާއި 40 އަހަރުން މައްޗަށް ދާއިރު، ހަށިގަނޑަށް ޤުދުރަތީ ބަދަލުތަކެއް އާދެއެވެ. ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި، މަސްތަކުގެ ވަރުދެރަވުމާއި، ހަންގަނޑު އާވުން ލަސްވުމަކީ މީހާގެ ސިފައަށާއި އިޙުސާސްތަކަށް ބަދަލު އަންނަ ކަންކަމެވެ. މީގެ ސަބަބުން ހަންގަނޑު ހިކުމާއި، އިސްތަށި ފޭބުމާއި، ހަމުގެ ކުލަ ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ.
މިއީ ސިއްޙަތަށް ސަމާލުކަން ދިނުން އެންމެ މުހިންމުވާ ވަގުތެވެ. ޕްރޮޓީން، ފައިބަރ، ވިޓަމިން އަދި މިނަރަލްސް ހިމެނޭ މިންހެޔޮ ކާނާއެއް އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަޕްލިމެންޓްތައް ބޭނުންކުރަންވާނީ ސިއްޙީ ގޮތުން އެކަމަށް ބޭނުންޖެހުމުންނެވެ. އެއީ ޖާދޫއެއް ނޫނެވެ. މިހާރު މަޤުބޫލު ކޮލަޖަން ފަދަ ތަކެއްޗަކީވެސް އެއިން ކުރާ ފައިދާއާމެދު ސައިންސީ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ ތަކެއްޗެވެ. އެހެންކަމުން، މާކެޓިންގ އިސްތިހާރުތަކަށް ހެއްލިގެން، އެއީ ޒުވާންކަން ދަމަހައްޓައިދޭނެ ހަމައެކަނި ވަސީލަތް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.
ހަމުގެ ފަރުވާއަށް ބަލާއިރު، ރާއްޖެ ފަދަ ހޫނު ޤައުމެއްގައި އަވިން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މާހިރުން ލަފާދެނީ އެސް.ޕީ.އެފް 30 އަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުމާއެކު، ހަންގަނޑު ސާފުކޮށް ބެލެހެއްޓުމަށެވެ. ޓިކްޓޮކްގައި މީހަކު ބުނިހާ އެއްޗެއް މޫނުގައި އުނގުޅުމަކީ ހަމުގެ ފަރުވާއެއް ނޫނެވެ. އެއީ ހަންގަނޑު ހަލާކުކޮށްލުމަށް ކުރެވޭ އަގުބޮޑު ކަމަކަށް ވެދާނެއެވެ. ގިނަ ތަކެތި ބޭނުންކުރުމަކީ ހަންގަނޑު ރީތިވާނެ ކަމެއް ނޫނެވެ.
ރަނގަޅަށް ނިދުމާއި، ގިނައިން ފެން ބުއިމާއި، ކަސްރަތުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަކީ ދުޅަހެޔޮކަމާއެކު މުސްކުޅިވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އެއްވެސް އަގުބޮޑު ސީރަމަކަށް ނުވަތަ ބުއިމަކަށް، ދިރިއުޅުމުގެ ނުރަނގަޅު އާދަތަކެއް ބަދަލެއް ނުކުރެވޭނެއެވެ. އަމިއްލަ ނަފްސަށް އަޅާލުމަކީ ކެތްތެރިކަމާއި، ސާބިތުކަން ބޭނުންވާ ކަމެކެވެ. އެއީ އެހެން މީހުންނާ ވާދަކުރުމެއް ނޫނެވެ.
ވީއިރު، މީހަކު ސިއްޙަތަށް ފައިދާހުރި ގޮތަކަށް އުޅެން މަސައްކަތް ކުރުމަކީ އަވަށްޓެރިންގެ މަލާމާތް ރައްދުވާންޖެހޭ ކަމެއް ހެއްޔެވެ؟ ހަކުރު ގިނަ ބުއިންތަކުގެ ބަދަލުގައި ތާޒާ ޖޫސް ބޯން ބޭނުންވާ މީހާއަށް އެ ފުރުސަތު ދޭށެވެ. އުމުރުން 40 އަހަރުގެ އަންހެނަކު އޭނާގެ ހަންގަނޑާއި އިސްތަށިގަނޑަށް އަޅާލަން ބޭނުންވުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫނެވެ.
ހުރިހާ އެންމެންނަކީ އަބަދު 25 އަހަރުގެ ޒުވާނެއްގެ ގޮތުގައި ހުންނަން އުޅޭ ބައެއް ނޫނެވެ. ބައެއް މީހުން ބޭނުންވަނީ ދުޅަހެޔޮކަމާއެކު، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއެކު އުމުރުން ދުވަސްވުމަށެވެ. އަދި ފެންވަރު ރަނގަޅު ހަމުގެ ފަރުވާގެ އެއްޗެއް ބޭނުންކުރުމަކީ މުއްސަނދިކަން ދެއްކުމެއްވެސް ނޫނެވެ. އެއީ ހަމައެކަނި އަމިއްލަ ސިފައަށް އަޅާލުމެވެ.
ވަގުތު ހުއްޓުވައެއް ނުލެވޭނެއެވެ. އަދި މުސްކުޅިވުމުގެ ހުރިހާ ނިޝާނެއް ފޮހެލައެއްވެސް ނުލެވޭނެއެވެ. ނަމަވެސް އަހަރެމެންނަށް ކުރެވޭނެ ކަމަކީ ހޭލުންތެރިކަމާއެކު ގޮތްތައް ނިންމުމެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދީ، ހަންގަނޑު ރައްކާތެރިކޮށް، ދުޅަހެޔޮކަންމަތީގައި ދެމިހުރުމަށް މަސައްކަތް ކުރުމެވެ. މީގެ ބޭނުމަކީ ހަޤީޤަތާ ޚިލާފު ރީތިކަމެއް ހޯދުމެއް ނޫނެވެ. އެއީ އަންނަން އޮތް އަހަރުތަކުގައި، އަމިއްލަ ނަފްސަށްޓަކައި ފައިދާހުރި ކަމެއް ކުރެވުނުކަމުގެ އިޙުސާސް ހޯދުމެވެ.
އާދެ، އަހަރެމެން އެންމެންވެސް މުސްކުޅިވާނެއެވެ. ނަމަވެސް މިއަދު އަހަރެމެން ދުނިޔޭގައި ތިބިއިރު، ދުޅަހެޔޮ ދިރިއުޅުމަކަށް މަސައްކަތް ނުކުރަންވީ ކީއްވެ ހެއްޔެވެ؟ އެކަމުގެ ސަބަބުން އަހަރެމެންނަކީ އަވަށްޓެރިންގެ މަލާމާތް ރައްދުވާ “ހެލްތު ފްރީކުން” ކަމުގައި ވިޔަސް، އެންމެ ކުޑަމިނުން އަހަރެމެންގެ އަތުގައި ރަނގަޅު ސަންސްކްރީނެއް އޮންނާނެ ނޫން ހެއްޔެވެ؟
