ޖާބިރުގެ ދުނިޔެ
މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހަލުވިކަމާއެކު ހުރިހާ ކަމެއް ވަރަށް ބޮޑަށް ބަދަލުވެ، އިންތިޒާމުތައް ފުރިހަމަވެގެން ދިޔައެވެ. ވަޝިއްޔާގެ ބަލިތަކަށް ފަރުވާކުރުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް ސިއްރުވެރި ގޮތަކަށެވެ. ކާނާއާ ބެހޭ މާހިރެއްގެ ލަފާ ހޯދައި، އޭނާގެ ސިއްޙީ ހާލަތު ޤަވާއިދުން ބަލަމުން ދިޔައެވެ. އަލަމާރި ފުރުނީ އަގުބޮޑު ހެދުންތަކާއި، އަތްދަބަސްތަކާއި، ފައިވާނާއި އަދި ގަހަނާތަކުންނެވެ. އޭނާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރި އަންހެންމީހާ، އޭނާ ރީތިވާ ސެލޫންތަކަށާއި، ހަމައެކަނި ޚާއްޞަ ބޭފުޅުންނަށް ހުޅުވާލެވިފައިވާ ފިހާރަތަކަށާއި، ޖާބިރުގެ ނަމުގައި ރިޒަވޭޝަން ހަދާފައިވާ ރެސްޓޯރެންޓްތަކަށް ގެންދަން ފެށިއެވެ.
ބޭރުގެ ބީރައްޓެހިންގެ ކުރިމައްޗަށް އަގަށް އޭނާ ނެރުން މިހާރު ވަނީ ހުއްޓާލާފައެވެ. ކުރިން ފިރިހެނުންތަކެއްގެ މުނިފޫހިފިލުވައިދޭން އޭނާ ކުރަންޖެހުނު ކަންކަމުން މިހާރު ވަނީ މިންޖުވެފައެވެ.
ޖާބިރު ބޭނުންވީ އޭނާއަކީ ހަމައެކަނި ޖާބިރަށްޓަކައި ހުރި މީހަކަށް ހެދުމަށެވެ. ރޭގަނޑުގެ ކެއުންތަކުގައި އޭނާ އިންނަނީ ޖާބިރުގެ ކައިރީގައެވެ. އަމިއްލަ ބައްދަލުވުންތަކުގައި އޭނާ ތަޢާރަފުކޮށްދެނީ ވަރަށް ޚާއްޞަ މީހެއްގެ ގޮތުގައެވެ. ޖާބިރުގެ އެކުވެރިންނަށްވެސް، އޭނާއަކީ “މަސްތު” ނެޓްވޯކްގެ އެހެން އަންހެނުންނާ ތަފާތު، ފަސޭހައިން ގާތްނުވެވޭނެ އަދި ބޭނުންހާ ސުވާލެއް ނުކުރެވޭނެ މީހެއްކަން ވަރަށް އަވަހަށް ފަހުމްވިއެވެ.
ބައެއް މީހުން އޭނާއަކީ ނަސީބުވެރިއެއް ކަމަށް ބުނަމުން ދިޔައެވެ. އަނެއްބަޔަކު ދެކުނީ އެއީ ލިބުނު މަތީ ދަރަޖައެއް ކަމަށެވެ. ނަމަވެސް، މީގެ ކުރިން ދުވަހަކުވެސް ބަޔަކު އަޑުއަހާފައި ނުވާ އަންހެނަކަށް ޖާބިރު ރަޙްމާން މިހާ ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެންތޯ މަދު ބަޔަކު ސިއްރުސިއްރުން ސުވާލު އުފެއްދިއެވެ.
ދެކެވޭ ވާހަކަތައް ވަޝިއްޔާއަށް އިވުނު ނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ދިޔައީ މި އައު ދިރިއުޅުމުގެ އުސޫލުތައް ދަސްކުރަމުންނެވެ.
ފެންނަން ހުރި ކަސްތޮޅެއް ނެތް ނަމަވެސް، އޭނާގެ މިނިވަންކަމަށް ހުރަސްތަކެއް ހުއްޓެވެ. ހެދުން ބޭނުން ގޮތަކަށް އިޚްތިޔާރު ކުރެވުނަސް، ދާންވީ ތަން ނިންމުމުގެ ބާރެއް އޭނާއަކަށް ނެތެވެ. އޭނާ އެދޭ ކޮންމެ އެއްޗެއް ލިބުނު ނަމަވެސް، އޭނާ އެންމެ ބޭނުންވާ ކަންތައް، އެއީ އޭނާގެ ކުރީގެ އާދައިގެ ދިރިއުޅުމަށް އެނބުރި ދިއުމުގެ މަގު ފަހިވުމެއް ނުވިއެވެ. އަދި އެކަމާމެދު ޖާބިރު ހުރީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ޖާބިރު ދުވަހަކުވެސް ބާރަށް ވާހަކަދައްކާކަށް ނުޖެހެއެވެ. އޭނާގެ ނުފޫޒާއި ބާރުވެރިކަން އެކަމަށް ފުދެއެވެ.
*****
އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ވަޝިއްޔާ ހުރީ ކޮޓަރީގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީގައެވެ. އޭނާ ލައިގެން ހުރީ ވަރަށް ރީތި ޝެމްޕޭން ކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދާލާފައެވެ. އަދި އަތުގައި ރަނުގެ އެއްކަލަ ބްރޭސްލެޓް އަޅާފައި އޮތެވެ.
އޭނާގެ އެހީތެރިއަކަށް ހުރި އަންހެންމީހާ ހިނިތުންވުމާއެކު ބުންޏެވެ. “ޝްރެޔާ، މިއަދު ވަރަށް ރީތި.”
ވަޝިއްޔާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. “އަހަންނަށް އެ ނަމުން ނުގޮވާ.”
އެ އަންހެންމީހާ ކުޑަކޮށް ޖެހިލުންވިއެވެ. “އެކަމަކު ޖާބިރު ސާހަބު..”
“މަގޭ ނަމަކީ ވަޝިއްޔާ.”
އެ އަންހެންމީހާ އަޑު މަޑުކޮށްލަމުން ބުންޏެވެ. “މިތަނުގައި، އޭނާ ބުނާ ބުނުން އިސްލާހު ނުކުރުން މާ ރަނގަޅުވާނެ.”
ވަޝިއްޔާ އޭނާއާ ދިމާއަށް އެނބުރިލިއެވެ. “ހުރިހާ އެންމެންނަށްވެސް އެނގޭތަ؟”
“ކޮން ކަމެއް؟”
“އަހަރެންގެ އެހެން ނަމެއް އޮތްކަން؟ އަދި އަހަރެންގެ ކުރީގެ ދިރިއުޅުމާ ބެހޭގޮތުން.. ކިހިނެއްކަން މިތަނަށް އަހަރެން ގެނެވުނީ؟”
އެ އަންހެންމީހާ އިސްޖަހާލިއެވެ. “ޖާބިރު ސާހަބަށް އެނގެންޖެހޭ ހުރިހާ ކަމެއް އޭނާއަށް އެނގޭނެ.”
އެ ޖަވާބުން ވަޝިއްޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެ އަންހެންމީހާ ދިއުމުން، ވަޝިއްޔާ އެނދު ކައިރީގައި ހުރި ވަތްގަނޑު ހުޅުވާލިއެވެ. އޭގެ ތެރޭގައި އޭނާ އެދިގެން ގެނެސްފައިވާ އައު ނޯޓުފޮތެއް އޮތެވެ. އޭނާ އެ ފޮތުގެ ހުސް ސަފުހާތަކުގައި އަތް ހާކާލިއެވެ. ގިނައިރުތަކެއް ވަންދެން އޭނާ އެ ފޮތަށް ބަލަހައްޓައިގެން އިނެވެ. ދެން ގަލަން ނަގައި އޭގައި ލިޔުނެވެ.
“މަގޭ ނަމަކީ ވަޝިއްޔާ.” އޭނާ އެ ޖުމުލައިގެ ދަށުގައި ދެ ރޮނގު ދަމާލިއެވެ.
އޭގެ ތިރީގައި އިތުރުކޮށްލިއެވެ. “އަހަރެން މިއީ ކާކުކަން ހަނދާނެއް ނުނެތޭ.”
ބޭރުން ފިޔަވަޅުގެ އަޑު އިވުމާއެކު، އޭނާ އަވަސްއަވަހަށް ފޮތް ލައްޕާލިއެވެ.
*****
އެވަގުތު ސިޓީގެ އަނެއް ފަރާތުގައި، ޖާބިރު ރަޙްމާން އޭނާގެ އެންމެ ގާތް އެކުވެރިޔަކާ ވާހަކަދައްކަން އިނެވެ.
“އޭނާ މިހާރު އެ މާހައުލަށް ހޭނެމުން އެބަދޭ.” އެމީހާ ބުންޏެވެ.
“ރަނގަޅު.”
“ކަލޭ އޭނާއަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ތިޔަ ހަމަޖައްސައިދިނީ.”
ޖާބިރު ތަށްޓަކަށް ބުއިމެއް އަޅަމުން ބުންޏެވެ.
“އަގުހުރި އެއްޗެއް ބޭކާރުވެގެން ދާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން.”
އެ މީހާ ހިނިތުންވެލިއެވެ. “އޭނާގެ އޮތީ ކޮން އަގުހުރި ސިފައެއް؟”
ޖާބިރު ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ. “އޭނާ ތަފާތު. އެހެން މީހުން ކުޅޭ ކަހަލަ މަކަރުވެރި ކުޅިވަރުތައް ކުޅޭކަށް އޭނާއަކަށް ނޭނގޭ. އޭނާ މީހުންނާ ދިމާއަށް ބަލަނީ އަދިވެސް ތެދުވެރިކަމަށް އުއްމީދުކުރާ ފަދަ ގޮތަކަށް.”
“އެކަން އެހެން ވާނެތަ؟”
ޖާބިރު މަޑުމަޑުން ހީނލިއެވެ. “މި ދުނިޔެއަކު ނޫން.”
އޭނާ ކުޑަދޮރާ ދިމާއަށް އެނބުރިލިއެވެ.
“ކުރީގެ އެއްވެސް ތަނެއްގެ މީހަކު އޭނާއާ ބައްދަލުވިޔަ ނުދީ. އެއްވެސް ފޮޓޯއެއް، ޒިޔާރަތްކުރާ މީހަކު، ނުވަތަ ބޭކާރު މުއާމަލާތެއް ހިންގިޔަ ނުދީ. ކުރީގެ ހުރިހާ ކަމެއް އޭނާއާ ދުރުގައި ބާއްވަން އަހަރެން ބޭނުން.”
“ތިޔަކަން ވާނެ.”
“އަދި އޭނާއާ ބެހޭގޮތުން އެއްވެސް މީހަކު ސުވާލުކުރޭތޯ ބަލާ.”
އެ މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “މީހަކު ސުވާލުކުރިތަ؟”
“އަހަންނަކަށް ނޭނގޭ. އެހެންވެ މި ބުނީ ބަލާށޭ. ދުވަސްތަކެއް ކުރިން ވަރަށް ހޯދި މި އަންހެންކުއްޖާ ގެއްލިގެން.. އެކަމު މިހާރު އާއިލާގެ އެދުމުގެ މަތިން ވަނީ ހުއްޓާލައިފަ. ބުނަނީ އޭނާ އަމިއްލަޔަށް މިދުނިޔެ ތެރެޔަށް ވަދެ ފިލީކަމަށް.”
ޖާބިރު އަތުގައި ހުރި ތަށި ބެހެއްޓިއެވެ.
“ޚާއްޞަކޮށް މިރުޒާ ގަފޫރު ކިޔާ މީހަކު ހޯދާ އަޑުއެހިން.”
*****
އެރޭ ވަޝިއްޔާ އިނީ ބެލްކަނީގައި، ދުރުން ފެންނަ ސިޓީގެ ބައްތިތަކަށް ބަލާށެވެ. އޭނާއަށްޓަކައި އެތެރޭގައި އަރާމު އެނދެއް ތައްޔާރުކުރެވިފައިވެއެވެ. އޭނާގެ ކަންކަން ބަލަން ޑޮކްޓަރަކާއި، ދޮރުމަތީގައި ސެކިއުރިޓީން ތިއްބެވެ. އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާހާ މުއްސަނދިކަމާއި އަރާމު އޭނާއަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އޭނާއަށް އިޙުސާސްވަމުން ދިޔައީ އޭނާގެ އަމިއްލަ ވަޒަނެއް ނެތްކަމުގެ ފަޅުކަމެވެ.
މި ދުނިޔެ އޭނާއަށް އައު ހެދުންތަކަކާއި، އައު އެޑްރެހަކާއި، އައު ނަމެއް ދީފިއެވެ. އަދި އޭނާއަކީ އަމިއްލަ މިލްކެއް ކަމަށް ދެކޭ މީހަކުވެސް ލިބިއްޖެއެވެ. ނަމަވެސް، އޭނާ ވާން ބޭނުންވަނީ ކާކަށްތޯ އެއްވެސް މީހަކު އަހައެއް ނުލައެވެ.
އޭނާގެ ރަހުމަތްތެރިންނާއި، އޭނާގެ ރަށާއި، އާއިލާގެ މަތިން ހަނދާންކުރުމުން އޭނާގެ ހަނދާނަށް އައީ ކުރީގެ އެޕާޓްމަންޓުގައި އޮތް އޭނާގެ ނޯޓުފޮތެވެ. އަދި އޭރު މާ މުހިންމު ކަމެއް ކަމަށް ނުދެކޭ އާދައިގެ ދިރިއުޅުމުގެ ވާހަކަތަކެވެ.
އޭނާ ހޯދަން އަދިވެސް ބަޔަކު އުޅޭބާވައޭ އޭނާގެ ހިތަށް އެރިއެވެ. އަދި ދުވަހެއްގެ ކޮޅުންވެސް ފެނިއްޖެނަމަ، އޭނާއަކީ އެމީހުން ދަންނަ ވަޝިއްޔާކަން އެމީހުންނަށް ވަކިކުރަން އެނގޭނެބާވައޭވެސް ހިތަށް އެރިއެވެ.
“މަސްތު” ގެ ތެރޭގައި، އޭނާ ބޭނުންނުވާ އަސީރެއްގެ ދަރަޖައިން، ރައްކާތެރިކަން ދެވިފައިވާ ޚާއްޞަ މީހެއްގެ ދަރަޖައަށް އޭނާ ބަދަލުވެއްޖެއެވެ. އޭނާއަށް ކުރާ ޤަދަރާއި އިޙުތިރާމު ބަދަލުވެއްޖެއެވެ. ވަށައިގެންވާ މާހައުލު ބަދަލުވެއްޖެއެވެ. އޭނާއާ މީހުން ވާހަކަދައްކާ ގޮތްވެސް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް، ހުރިހާ ބާރެއް އަދިވެސް އޮތީ އެހެން މީހެއްގެ އަތުގައެވެ. އަދި ފަހަރުގައި، މިއީ މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ނުރައްކާތެރި ބައެވެ.
ވަޝިއްޔާއަށް ފައިސާއިން ގަނެވޭނެ ހުރިހާ އުފަލެއް ލިބެމުންދިޔަ ނަމަވެސް، އެ ހުރިހާ ކަމެއް ފޯރުކޮށްދޭ މީހާ ނޫން އެހެން މީހަކާނުލައި ދިރިއުޅުމެއް އޮތްކަން އޭނާގެ ހިތަށް ގެންނަން ދިޔައީ އުނދަގޫވަމުންނެވެ. ޖާބިރު އޭނާއަށް ދިނީ “ޝްރެޔާ” ގެ ނަމެވެ. ޖާބިރުގެ އަމިއްލަ ޝްރެޔާއެވެ.
ނަމަވެސް، އެ މުއްސަނދި ގަނޑުވަރުގެ ތެރޭގައި، އެނދު ކައިރީގައި ހުރި ވަތްގަނޑެއްގެ ތެރޭގައި ފޮރުވާފައިވާ ކުޑަ ނޯޓުފޮތެއްގައި އޮތީ ތަފާތު ހަޤީޤަތެކެވެ. އޭނާގެ ނަމަކީ އަދިވެސް ވަޝިއްޔާއެވެ. އޭނާ ރަޙީނު ކުރެވުނެވެ. ގަސްތުގައި މަސްތުވަތަކެއްޗަށް ދެވިހިއްޕިއެވެ. ގަދަކަމުން އޭނާގެ ބަރަހަނާ ފޮޓޯއާއި ވިޑިޔޯ ނެގުނެވެ. އަދި އެތައް ބައެެއްގެ ޖިންސީ އެދުން ފުއްދުމަށް ވަރަށް އިހާނެތިކޮށް ވިއްކާލެވުނެވެ.
އަދި މިހާރު އޮތް ސުވާލަކީ، “މަސްތުގެ ދުނިޔެ” ތެރޭގައި އޭނާއަށް ސަލާމަތުން ހުރެވޭނެތޯއެއް ނޫނެވެ. އެއީ އެތަނުން ސަލާމަތްވެގެން ނުކުމެވޭނެ މަގެއް ދުވަހަކުވެސް އޭނާއަށް ފެންނާނެތޯ އުފެދޭ ސުވާލެވެ.
(ނުނިމޭ)
