ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ދިހަވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ތީ ށ. ފޭދޫ މުހުތާރުއާ ސާބިގާގެ ދަރިއެއް ދޯ؟” ނިފާރުގެ އަތުން ދޫކޮށްލަމުން ވަލީދު ކޮށްލި ސުވާލަށް އާނއެކޭ ބުނާ ފަދައަކުން ނިފާރު ބޯ ޖަހާލި އެވެ.

“މުހުތާރަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް.. އޭނާގެ ހެޔޮކަން ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެ. ކޮންތާކު ހުންނަނީ؟ ކިހާ ދުވަހެއް ވާނެ؟ ދަރިފުޅާ! ނިފާރު ގެންގޮސް ގެސްޓްހައުސްގަ ބަހައްޓާ. ކެއުމާ ހުރިހާ ކަމެއް ހަމަޖައްސައިދީ. އޭނާ ބޭނުން ހުރިހާ ކަމެއް ބަރާބަރަށް ހަމަޖައްސައިދޭތި.” ވަލީދުގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.

ނިފާރަށް ލިބުނު ހައިރާންކަން އިތުރުވިއިރު ހައިފާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވި އެވެ.

“އަޅުގަނޑުގެ އުމުރުން ފަސްވަރަކަށް އަހަރުގަ ބައްޕައާ މަންމަ ވަކިވެއްޖެ. އަޅުގަނޑު އުޅުނީ ރަށުގަ. ބައްޕައާ ބެހޭގޮތުން މާބޮޑު އެއްޗެއް ނޭނގެ. އަޅުގަނޑާއި މަންމައަށް ބޭނުންވާވަރަށް ފައިސާ ފޮނުވާކަން އެނގޭ. ބައްޕައާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް މަންމަ ބޭނުމެއް ނުވޭ. މަންމަ އެހެން ކައިވެންޏެއް ވެސް ނުކުރޭ. އަޅުގަނޑުގެ އުމުރުން އެގާރަ އަހަރުގަ މަންމަ ނިޔާވެއްޖެ. އޭގެ ދެތިން އަހަރު ފަހުން ބައްޕަ ނިޔާވި ވާހަކަ ވެސް އަޑުއެހިން. އަޅުގަނޑު އުޅުނީ ބޮޑުދައިތައާއެކު ރަށުގަ. ގްރޭޑް ދިހައެއް ނިންމާފަ ކޮލެޖަށް ވަންނަން މާލެ އައީ. ބޮޑުދައިތަގެ ރައްޓެއްސެއް ކައިރީ އުޅެނީ.” ދެލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލު ވެސް ނިފާރު ހިތްވަރުކުރި އެވެ. އޭނާއަށް އެނގޭވަރުން ބައްޕަގެ ވާހަކަ ވެސް ބުންޏެވެ.

“އެ ވާހަކަ ދެން ބާއްވާ. ހިތްވަރުކުރޭ. ނިފާރުގެ ޙައްޤު ނިފާރަށް ހޯދައިދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރިން. ބޮޑުދައިތަގެ އެއްބާރުލުމެއް ނުލިބުނު.. ފަހަރެއްގަ ވެދާނެ އެ ދުވަހު އެ މަސައްކަތް ކުރީމަ ކަމަށް ވެސް މިއަދު މިހެން އޮންނަން މި ޖެހުނީ. އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.” ވަލީދު އިސްކަން ދިނީ ނިފާރަށް ހިތްވަރު ދޭށެވެ.

“ބައްޕަ ތި ކިޔާ އެއްޗެއް އަދި ނޭނގެ. ތަންކޮޅެއް ތިލަކޮށް ކިޔައިދޭންވީނު.” ހައިފާއަކަށް މަޑަކުން ނީންދެވުނެވެ.

“ބައްޕަ މަސައްކަތްކުރީ މުހުތާރު ކައިރީ. އެ ކުންފުނީގެ މާލޭ އޮފީހުގަ ފައިސާއާ ބެހޭ ބައިގަ. މަސް ނިމޭކޮޅު ރިސޯޓަށް ވެސް ދަން. މި އަތޮޅު ރިސޯޓެއްގެ ފަންސާސް އިންސައްތަ ހިއްސާ އާއި ދެ ފިހާރަ މާލޭގައި ހުންނާނެ. ބޮޑު ދެ ގޯތި ވެސް މާލޭގަ އޮންނާނެ. ކޮންމެ ތަނެއް ހުންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިންމާފަ. ފައިސާއަކީ އޭނާއަށް އެއްވެސް އެއްޗެއް ނޫން. ނިކަމެތިންނަށް އެހީތެރިވުމާއި މުއައްޒަފުންނަށް ކޮށްދޭން ޖެހޭ ކަންކަން ބަރާބަރަށް ކޮށްދިނުމަކީ އޭނާ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް. އެކަމު އެއިން އެއްވެސް ކަމެއް އެތަންތަނާއި ހަވާލުވެ ތިބޭ މީހުނަކަށް މުހިންމެއް ނުވޭ. ސަމާލުކަމެއް ނުދޭ. ގެސްޓްހައުސް ނިންމަން ބައްޕަ ލޯނު ނެގި ވަގުތު ވަޒީފާއިން ވަކިކޮށްލީ. އަހަރެން ހިންދެމިލަފާނެހެން ހީވީމަ ބަޔަކު ކަންބޮޑުވީ. މެނޭޖްމަންޓްގައި ތިބި ބަޔަކަށް އެކަން ހަޖަމެއް ނުވި. ތެދުވެރި އިޚުލާސްތެރިންނަކީ އެ މީހުނަށް އެހާ މުހިންމު ބައެއް ނޫން. އެ ދުވަހު ވަރަށް ދެރަވި. ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަހު އަދާކުރި ވަޒީފާ ދޫކޮށްލާފައި އަންނަން ޖެހުމުން ރޮވުނު. އެހާބޮޑު ދަރަންޏެއް ބޮލުގައި އެޅުނު ވަގުތު އެގޮތަށް ކަންތައް ކުރުމުން އެހާބޮޑަށް ހިތުގައި ވެސް ޖެހުނު.” ވީ ދެރައެއްގެ ބޮޑުކަމުން ވަލީދަކަށް ވާހަކައެއް ނުދެއްކުނެވެ. ވާހަކަތައް މެދުކަނޑާލަމުން އެނދުގައި ހަމަޖެހިލި އެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 14

“ބައްޕަ ގޮސް މުހުތާރާއި ބައްދަލުކޮށް ކަންތައް ވީގޮތް ކިޔައިދިނިން.. ކަމެއް ވާނެގޮތެއް ކާކަށް ކިހިނެއް އެނގޭނީ؟ މާތް ﷲ ގެ ކުޅަދުންވަންތަކަން.. ލޯން އެއްކޮށް ދައްކައިދިން. އިތުރަށް ފައިސާ ބޭނުންނަމަ ބުނުމަށް ވެސް ބުނި. ބަޔަކު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެ ދުވަހު މުހުތާރު ބައްޕަގެ އަތުގައި ހިފީތީ ބައްޕައަށް ހިންދެމިލެވުނީ. އެއީ. ވަރަށް ހެޔޮ މީހެއް.” ލޯތްބާއި އޯގާތެރިކަމާއެކު ނިފާރުގެ އަތުގައި ފިރުމާލަމުން ވަލީދު ހިނިތުންވެލި އެވެ.

“ޖިހާދު ކިޔާ މީހެއް ދަންނަންތަ؟ އޭނާގެ ވާހަކަ ބޮޑުދައިތަ ކިޔައިދިންތަ؟ މާލޭގަ އުޅޭ ބޮޑު މުއްސަންޖެއް އެއީ.” ވަލީދު ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުވާން ފެށި އެވެ.

ޖިހާދުގެ ވާހަކަ ބުނުމާއިއެކު ނިފާރުގެ ހަނދާނަށް އައީ ސުނޭހާގެ ބައްޕަ އެވެ. ސުނޭހާގެ ބައްޕަ ޖިހާދަކީ މާލޭގައި ދިރިއުޅޭ ބޮޑު މުއްސަންޖެކެވެ. ދެ ފިހާރަ އާއި ބޮޑު ގެއެއްގެ އިތުރުން ރިސޯޓެއްގެ ފަންސަވީސް އިންސައްތަ ހިއްސާ އޮވެ އެވެ. ބުރިބުރިއަށް ނަގާފައިވާ އެ ގޭގެ ކުލީގެ ގޮތުގައި ވެސް އެތައް ހާސް ރުފިޔާއެއް ކޮންމެ މަހަކު އޭނާއަށް ލިބެ އެވެ.

“ޖި.. ޖިހާދު.. ސުނޭހާގެ ބައްޕަ..” ނިފާރުގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށް އެތައް އިރަކު އިނެވެ.

“އާނ.. ޖިހާދު. ތިޔަ ބުނާ ޒާތުގެ ނަމެއް ކިޔާ ކުއްޖެއް ވެސް އޭނާގެ ހުންނާނެ.” ސުނޭހާގެ ނަން ބުނުމާއިއެކު ކަމެއް ހަނދާންކުރާ ފަދައަކުން ވަލީދު އިތުރުކޮށްލި އެވެ.

“އަދި އުޅޭނެ ފާއިދު ކިޔާ މީހެއް. ވަރަށް މަޝްހޫރު އެހާމެ ކުޅަދާނަ ވަކީލެއް އެއީ. އޭނާގެ ލޯފާމުން މުހުތާރުގެ ވިޔަފާރިއާ ގުޅޭ ހުރިހާ ކަމެއްގެ އެކަހަލަ ކަންތައްތައް ބަލަހައްޓަމުން ދިޔައީ. ބޭރު މީހަކާއި ދެ އަނތްބަށް އިނދެގެން މޮރިޝަސްގަ ވެސް އުޅުނު. އަހަރެން މި ދައްކާ ވާހަކަ ޤަބޫލުކުރަން ދަރިފުޅުމެނަށް އެހާ ފަސޭހަ ނުވެދާނެ. ޖިހާދަކީ މުހުތާރުގެ އެންމެ ގާތް އެކުވެރިޔާ. މުހުތާރުގެ މުޅި ވިޔަފާރި ބަލަހައްޓަން އެންމެ އިސްކޮށް ހުންނަ މީހާ. އޭނާގެ ކޮންމެކަމެއް އަމިއްލަ ކަމެއް ފަދައިން މުހުތާރު ކޮށްދެމުން ދިޔައީ. އެކަމު.. ފައިސާއަކީ ވަރަށް އެހެން ކަހަލަ އެއްޗެއް. ފައިސާގެ އަޅަކަށް ނުވެ ސަލާމަތްވާނީ އީމާންތެރިކަން ވަރަށް ވަރުގަދަވެގެން. ކެތްތެރިވެ ހަމަޖެހޭތި.. ބައްޕަ މި ދައްކާ ވާހަކަ އަޑުއަހަން ފަސޭހަ ނުވެދާނެ. މުހުތާރުގެ ކުއްލި މަރާއި މި ދެ މީހުނާއި ގުޅުމެއް ވާނެ. އެމީހުން މިއަދު އެ ތިބި މުއްސަނދިކަމަކީ މުހުތާރުގެ މުއްސަނދިކަން. ހީލަތާއި މަކަރުން މުދާތައް ވެރިކޮށްލައިގެން އެތިބީ. އެކަމުން ނިފާރަށް އިންސާފު ލިބޭވަރަށްވުރެ ބޮޑަށް ވެރިން ތިބީ ފައިސާއަށް ވިކި ހުސްވެފަ. އިންސާފެއް ހައްލެއް ނުލިބުނު. ބޮޑުދައިތަގެ އެއްބާރުލުމެއް ވެސް ނުލިބުނު. އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނިން.” ހިތަށް ކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުން އިތުރަށް ވާހަކަދައްކަން ވަލީދަށް އުނދަގޫވި އެވެ.

މިވެސް ކިޔާލަން:  ދެކަފި - ހަތަރުވަނަ ބައި

“ހަމަޖެހޭ ބައްޕާ.” މޭޒުމަތީ ހުރި ފެންތަށި ވަލީދަށް ދިއްކޮށްލަމުން އޭނާގެ މޭގައި ހައިފާ ފިރުމާލި އެވެ.

ހައިރާންވެ ހުއްޓުން އަރާފައި އިން ނިފާރުގެ ކިބައިން ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ކުއްލިއަކަށް އެނގުނު މާޒީއާއެކު އެތައް ސުވާލެއް އުފެދި ދައްކާނެ ވާހަކައެއް ކުރާނެ ސުވާލެއް ނޭނގިފައި އިން ކަހަލަ އެވެ.

“ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ނޫނީ ކަމެއް ނުކުރާތި. ނިފާރު ބޭނުން ކޮންމެ ކަމެއްގަ އަހަރުމެން ދެބަފައިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ. ނިފާރު އެކަންޏެއް ނުވާނެ.” ނިފާރަށް ބަލާލުމަށްފަހު ހައިފާއާ ދިމާއަށް ވަލީދު ބަލާލި އެވެ. ވަލީދުގެ އެ ވާހަކައަށް އެއްބަސްވެ އާނއެކޭ ބުނާ ފަދައަކުން ހައިފާ ބޯ ޖަހާލި އެވެ.

އެގާރަ ޖަހަންވީރު ވެސް ނިފާރު ގެއަށް ނައުމުން ސުނޭހާ ކަންބޮޑުވި އެވެ. ނިފާރު ބޭރަށް ދިޔައީ ހައިފާއާއެކުކަން އޭނާއަށް އެނގެ އެވެ. އެހެން އަންހެނަކާއިއެކު ނިފާރު އެގޮތަށް ބޭރުގައި އުޅުމަކީ ސުނޭހާގެ ހިތަށް ފަސޭހަ ކަމަކަށް ނުވި އެވެ. ކެތްތެރިކަން ކޮޅުންލާން ފެށި އެވެ.

ވަލީދު ދައްކަމުންދިޔަ މުހިންމު ވާހަކަތަކަށް ހުސްވެގެން އިން ނިފާރު ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުން ނެވެ. އަވަސްއަވަހަށް ޖީބުން ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ސިޔާހް އެވެ.

“ތި ގޭގައިތަ ނިދަނީ؟ އަހަރުމެން މި އުޅެނީ ނިދަން. ނިފާރު އައިމަ ގެ ތަޅުލެވޭނީ. އެހެންވެ އަހާލީ.” ނިފާރު ފޯނަށް ޖަވާބު ދިނުމާއިއެކު ސިޔާހް ވާހަކަ ދެއްކި އެވެ.

“އިރުކޮޅަކުން މި ދަނީ.” އަވަސްއަވަހަށް ނިފާރު ބުނެލި އެވެ.

“މާ ލަސްވީދޯ؟ ހަނދާންކޮށް ހެނދުނު ސައިބޯން އަންނާތި.” ވަލީދު އެދުނެވެ.

މިވެސް ކިޔާލަން:  އޭނާ - ފަނަރަވަނަ ބައި

ނިފާރާއިއެކު ހައިފާ ދޮރޯއްޓާއި ހަމައަށް އައިއިރު ވެސް ނިފާރު ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފަ އެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ލިބުނު އެ މަޢުލޫމާތުގެ ސަބަބުން ނިފާރަށް ބޮޑު ބަދަލެއް އައެވެ. އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އެކަމަށް ހުސްވެފަ އެވެ. މި ދަތުރުގައި އާދެވުނުކަމާއި ހައިފާއާ ބައްދަލުވިކަން ނަސީބެކޭ ވެސް އެތައް ފަހަރަކު ނިފާރުގެ ހިތަށް އެރި އެވެ.

“ސައިކަލުގަ ދޭ. ކަމެއް ބޭނުންވެއްޖެއްޔާ ހަނދާންކޮށް އަހަރެންނަށް ގުޅާތި.” ޖީބުން ނެގި ތަޅުދަނޑި ނިފާރަށް ދިއްކޮށްލަމުން ހައިފާ ދައްކާލީ އެތަނުގައިހުރި ސައިކަލެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ޖެހޭނެ ބައްޕައާ ވާހަކަދައްކާލަން.” ނިފާރުގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތާމަވެރިކަން ސިއްރުކުރަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވި އެވެ. ހައިފާއަށް އެކަން ފާހަގަވި އެވެ.

ނިފާރު ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ހުރުމަށްފަހު، ހައިފާ ގޮސް ގޭތެރެއަށް ވަނެވެ.

ނިފާރު ގެއަށް އައިއިރު ބައެއް މީހުން ނިދަން އޮށޯވެއްޖެ އެވެ.

ސިޔާހާއި ވާހަކަދައްކަމުން ދައްކަމުން ކޮޓަރިއަށް ދިޔަ ނިފާރު މަސައްކަތްކުރީ އަވަހަށް ނިދާށެވެ. ކޮންމެހެނެއް ހަދާފަ ވެސް މާދަމާ ވަލީދާއި ބައްދަލުކުރަން އޭނާ ބޭނުމެވެ. އެކަމާއި ބެހޭގޮތުން އިތުރަށް ހޯދަންޖެހޭ އެތައް މަޢުލޫމާތެއް އެބަހުއްޓެވެ. އޭނާގެ ޙައްޤު ހޯދަން މަސައްކަތް ކުރާނީ އޭނާ އެވެ.

ނިފާރަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ފޯނު ނެގިއިރު ގުޅަނީ ހައިފާ އެވެ.

“އަށެއް ޖަހާއިރަށް ތައްޔާރުވޭ. ބަގީއެއް ފޮނުވާނަން މީހުން ބަލާ. އޭގަ އާދެވޭނެ އަށް މީހުނަށް. ނިޔާސާ ގޮވައިގެން ނިފާރު އާދޭ ސައިކަލުގަ.” ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށްފަހު ހައިފާ ފޯނު ކަނޑާލި އެވެ. ނިފާރު ދައްކާ ވާހަކަ އަޑުއަހާކަށް އޭނާ ނޫޅެ އެވެ.

ނިޔާސާގެ ވާހަކަ ހައިފާ ބުނުމުން ނިފާރު ގާތަށް އައީ ހިންޏެވެ. އޭނާ އެވާހަކަ ޤަބޫލުކުރީބާއޭ ވެސް ހިތަށް އެރި އެވެ.

އަވަސްއަވަހަށް ހައިފާއަށް ނިފާރު ގުޅި އެވެ. ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް ގުޅުމުން ވެސް ކަންތައްކުރީ އެހެނެވެ.

“އިތުރަށް ދައްކާނެ ވާހަކައެއް އޮތިއްޔާ ކައިރިއަށް އާދޭ.” ހައިފާ ކޮށްލި މެސެޖު ފެނުމާއިއެކު ނިފާރަށް ހިނިތުންވެލެވުނެވެ.

ހެނދުނުގެ އަރާމު ނިދި ދޫކޮށްލުމަށްފަހު ތެދުވާން ބޭނުން ނުވި ނަމަވެސް އެންމެން ވެސް ތެދުވެ ތައްޔާރުވި އެވެ. ނިފާރުމެން ބަލައި ހައިފާ ފޮނުވި ބަގީ އައީ އެމީހުން މަގަށް ނުކުންނަނިކޮށެވެ. ބަގީއަށް ބަލާލުމާއިއެކު ވެސް އެއީ ކޮންމެވެސް ގެސްޓްހައުސްއެއްގައި ބޭނުންކުރާ އެއްޗެއްކަން އެނގުނެވެ.

“ނިޔާސާ އާދޭ އަހަރެންނާއިއެކު ސައިކްގަ ދާން.”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top