ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޓީސީސީ އާއި ޕޮލިސް ފެށީ މޮޅަކުން
ވޮލީބޯޅަ އެސޯސިއޭޝަން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން ޓީމު އެމްޓީސީސީ އަދި ދެވަނަ މެޗުން ޕޮލިސް ކުލަބް މޮޅުވެއްޖެ އެވެ. އިއްޔެ ހަވީރު ފެށި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ޓީމު އެމްޓީސީސީ އާއި ސިޓީ ފްރެންޑްސް ކުލަބް އަދި ދެވަނަ މެޗުގައި ބައްދަލުކުރި ޕޮލިސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބްގެ އިތުރުން ކުލަބް ވެމްކޯ އެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކުލަބް އެމްޓީސީސީ ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ. ފުރަތަމަ ސެޓްގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، ސެޓްގެ މެދަކާއި ހިސާބުން އެމްޓީސީސީ ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ފަސޭހަކަމާއިއެކު 25-11 އިން ސެޓް ކާމިޔާބުކޮށްފަ އެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ދާދި ހަމަހަމަ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު ކުލަބް އެމްޓީސީސީ ކާމިޔާބުކުރި ނަމަވެސް، މި ސެޓް ކާމިޔާބުކުރީ ސިޓީ ފްރެންޑްސް ކުލަބެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ތިންވަނަ ސެޓް ފޯރި އިތުރަށް ގަދަވިއެވެ. އެންމެ ވާދަވެރި ސެޓްގެ ގޮތުގައި ފެނުނު މި ސެޓް ކުލަބް އެމްޓީސީސީ ކާމިޔާބުކުރީ ސެޓް ނިންމުމަށް ސިޓީ ފްރެންޑްސްއަށް ލިބުނު ފުރުސަތު ގެއްލުވާލުމަށްފަހު 26-24 އިން އެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓްގައި ދެއްކި ކުޅުން ހަތަރުވަނަ ސެޓްގައި ސިޓީ ފްރެންޑްސް ކުލަބަކަށް ނުދެއްކުނެވެ. ކުލަބް އެމްޓީސީސީއިން މި ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 25-12 އިން ނެވެ.

މިވެސް ކިޔާލަން:  ޗެމްޕިއަން ކާލާމަންނަ މޮޅަކުން ފެށިއިރު، ރަނަރަޕް ޗެލެންޖާރސްގެ ފެށުން ނާކާމިޔާބު

ދެވަނަ މެޗު ޕޮލިސް ކުލަބް ކާމިޔާބުކުރީ ހުރާ ކޮމިއުނިޓީ ކުލަބާއި ވާދަކޮށް ސީދާ ތިން ސެޓުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް ފެނުނީ ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެއް ފެނުނު ސެޓެއްގެ ގޮތުގަ އެވެ. އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނުނެގުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 25-23 އިން ނެވެ. ދެވަނަ ސެޓްގެ ފެށުން ހުރާ ކޮމިއުނިޓީ ކުލަބަށް ދަށްކޮށް ދިޔައިރު، ފަހުން ކުޅުން ރަނގަޅުކުރި ނަމަވެސް ރަނގަޅު ވާދައެއް ކުރެވޭވަރެއް ނުވި އެވެ. މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 25-18 އިން ނެވެ. މެޗުން މޮޅުވުމަށްޓަކައި، ހޯދަން މަޖުބޫރުވި ތިންވަނަ ސެޓް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައި ހުރާ ކޮމިއުނިޓީ ކުލަބުން ލީޑު ނެގި ނަމަވެސް، ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ތިންވަނަ ސެޓް ވެސް ގެންދިޔައީ ޕޮލިސް ކުލަބެވެ. ތިންވަނަ ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 25-22 އިން ނެވެ.

ޤައުމީ ވޮލީބޯޅަ ލީގުގެ ދެ މެޗު މިއަދާއި މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ފިރިހެން ޑިވިޝަން 1 ގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު އެޗްޑީސީ އާއި ޕޮލިސް ކުލަބް ބައްދަލުކުރާއިރު، މިރޭގެ މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top