“ބައްޕަ ބަލިވި ވާހަކަ އޭނާއަށް އެނގޭތަ؟”
“އާނ.”
“އޭނާ އަންނަން ބޭނުންވިތަ؟”
ސަނަމް އިސްޖަހާލިއެވެ. “ވަޒީފާގެ ކަމެއް އޮތީ.”
ބައްޕަ އިރުކޮޅަކަށް ހިމޭންވިއެވެ. ދެން ބުންޏެވެ. “ވަޒީފާއަކީ މުހިންމު އެއްޗެއް ސަނަމް. އެކަމަކު ފިރިހެނަކު ކައިވެނި ކުރުމުން، އޭނާ ލޯބިވާ މީހުންނަށް އޭނާގެ މަސައްކަތް ނިމެންދެން އަބަދު އިންތިޒާރުގައި ނުތިބެވޭނެކަން އޭނާއަށް ވިސްނެންވާނެ.”
ސަނަމް ދެލޯ މަރާލިއެވެ. “ބައްޕާ، އާހިލްއާމެދު ގޯސްކޮށް ނުދެކޭތި.”
“ބައްޕަ ގޯސްކޮށެއް ނުދެކެން. އަދި އޭނާ ކުށްވެރިއެއްވެސް ނުކުރަން. ބައްޕަ މި ހަނދާންކޮށްދެނީ ދަރިފުޅުގެ އުފާވެރިކަންވެސް މުހިންމުކަން.”
ސަނަމް ބައްޕަގެ އަތަށް ބާރުކޮށްލިއެވެ.
އެރޭ އާހިލް އޭނާއަށް މެސެޖެއް ފޮނުވިއެވެ. “ބައްޕަގެ ހާލު ކިހިނެއް؟”
ސަނަމް އެ މެސެޖަށް ބަލަހައްޓައިގެން އެތައް ސިކުންތަކު އިނެވެ. “ރަނގަޅުވަމުން އަންނަނީ. ޑޮކްޓަރު ބުނީ އަރާމުކުރަން.”
އާހިލް އަނެއްކާވެސް ޖަވާބު ދިނެވެ. “ވަރަށް ރަނގަޅު. އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ބުނޭ.”
ސަނަމް ޝުކުރިއްޔާއޭ ލިޔެފައި ފޯނު ބޭއްވިއެވެ. އެއީ އެކަކު އަނެކަކަށް އަޅާލާ ދެމީހުންގެ ދެމެދުގައި ދެކެވޭނެ އެންމެ އާދައިގެ، ހަމަޖެހޭ ވާހަކަކޮޅެކެވެ. ނަމަވެސް އެ މެސެޖުތަކަށްފަހު އޭނާގެ ހިތަށް ވެރިވީ ބަޔާންކުރަން ނޭނގޭ ފަދަ ހުސްކަމެކެވެ.
އެނބުރި އެމީހުންގެ އެޕާޓްމަންޓަށް ދިޔައިރު، އާހިލް އިނީ ގެއަށް އައިހެވެ. އޭނާ ކާ މޭޒު ދޮށުގައި އިނދެގެން ބޭރުން ގެނައި ކާއެއްޗެއް ކަމުން ފޯނުން ވީޑިއޯއެއް ބަލަމުން ދިޔައެވެ.
“ބައްޕަ ކިހިނެއް؟” އޭނާ އެހިއެވެ.
“ރަނގަޅު.”
“އުފާވެއްޖެ.”
ސަނަމް އޭނާގެ ދަބަސް ކޮޓަރީގައި ބެހެއްޓިއެވެ.
“ކައިފިންތަ؟” އާހިލް ގޮވާލިއެވެ.
“އާނ.”
“ބަދިގޭގަ އެބަހުރި ކާއެއްޗެހި، ކާން ބޭނުމިއްޔާ.”
“އެންމެ ރަނގަޅު.”
އެމީހުންގެ ވާހަކަ އެހިސާބުން ނިމުނީއެވެ.
އެރޭ ފަހުން، ސަނަމް ބެލްކަނީގައި ހުއްޓިލައިގެން ހުއްޓެވެ. ޖެހެމުންދިޔައީ ހޫނު ވައެކެވެ. މޫދުގެ ލޮނުވަސް ހަނި ގޯޅިތަކުގެ ތެރެއިން ވައިރޯޅިތަކާއެކު އަންނަމުން ދިޔައެވެ. މަގުގެ އަނެއް ފަރާތުގައި ހުރި އެޕާޓްމަންޓެއްގެ ބޭރުގައި އާއިލާއެއް އެއްވެ އުޅެއެވެ. ބޮޑު ދެ މީހުންގެ ދެމެދުގައި ކުޑަކުއްޖަކު ދުވަމުންދިޔައިރު، ދޮށީ އަންހެނަކު އެ ކުއްޖާއަށް ގޮވަމުން ދިޔައެވެ. ސަނަމް އެ މަންޒަރަށް ބަލަހައްޓައިގެން ހުރީ އޭނާގެ ދެލޯ ކަރުނުން ފުސްވަންދެންނެވެ.
ކައިވެނީގެ ކުރީކޮޅުގައި ހަމަ މިތަނުގައި ހުރެގެން، އޮފީހުގައި ދިމާވި ދަތި ދުވަހަކާމެދު އޭނާ ކަންބޮޑުވެފައި ހުރި ރޭ ސަނަމްގެ ހަނދާނަށް އައެވެ. އެރޭ އާހިލް ނުކުތީ ދެ ޖޯޑު ސައި ހިފައިގެންނެވެ.
“ކޮން ކަމަކާ ތި ވިސްނަނީ؟” އާހިލް އެހިއެވެ.
“ކަމަކާ ނޫން.”
“އޭގެ މާނައަކީ ކޮންމެވެސް ކަމަކާ ވިސްނަނީއޭ.”
ސަނަމް ހިނިތުންވެލިއެވެ. “ކިހިނެއް އެނގުނީ؟”
“ސަބަބަކީ ކަމަކާ ނުވިސްނާ ހުންނައިރު ސަނަމްގެ މޫނުމަތިން ވަކި ޚާއްސަ ވައްތަރެއް ޖައްސާތީ.”
އޭނާ ސަނަމްގެ އަތަށް ސައިޖޯޑު ދިއްކޮށްލިއެވެ. އެވަގުތު ސަނަމް ހީނގަތެވެ. އަދި އިތުރު އެއްވެސް ވާހަކައެއް ނުދައްކައި، އާހިލް އޭނާގެ އަތް ސަނަމް އިން ގޮނޑީގެ ފަހަތުން ވަށާލިއެވެ. އެމީހުން އެކުގައި އެތަނުގައި ތިބީ ސައި ފިނިވަންދެންނެވެ.
އެރޭ ސަނަމް ބޭނުންވީ އޭނާގެ މައްސަލަތައް އާހިލް ހައްލުކޮށްދޭކަށް ނޫނެވެ. އޭނާ އެދުނީ ހަމައެކަނި އާހިލްގެ އެކުވެރިކަމަށެވެ. އެތަނުގައި މަޑުކޮށްލުމަށެވެ. މިހާރު އެ ހަނދާނަކީ ކެތްނުކުރެވޭވަރުގެ ވޭނެކެވެ.
ސަނަމް ފާޚާނާއަށް ވަދެ، އިސްކުރު ދޫކޮށްލުމަށްފަހު، ވީހާވެސް މަޑުން ރޯން ފެށިއެވެ. އޭނާ ރޯ އަޑު އާހިލްއަށް އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީ އާހިލް ރުޅިއަތުވެދާނެތީ ބިރުންނެއް ނޫނެވެ. ނަމަވެސް، އޭނާގެ ކަރުނަތަކަކީ އިތުރު ބުރައެއް ނުވަތަ ޑިމާންޑެއްގެ ގޮތުގައި ދެކޭނެ މީހަކަށް އެ ކަރުނައިގެ ސަބަބު ބަޔާންކޮށްދިނުމުގެ ހިތްވަރު ދެން އޭނާގެ ކިބައިގައި ނެތުމުންނެވެ.
އޭނާ ފާޚާނާއިން ނުކުތްއިރު، އާހިލް އޮތީ ނިދާފައެވެ. ސަނަމް އެނދުގެ އޭނާގެ ފަރާތުގައި އޮށޯވެ، އަނދިރިކަމަށް ނަޒަރު ހިންގާލިއެވެ. ވަރަށް ގިނައިރު ވަންދެން އޭނާ އާހިލްގެ ނޭވާލާ އަޑު އަހަން އޮތެވެ.
ދެން، އަޑުހަރުކޮށް އަހަން ލަދުވެތިވި ސުވާލު މަޑުމަޑުން ކޮށްލިއެވެ.
“އާހިލް، މީތަ މަށަށް ދިން މަޤާމަކީ؟” އާހިލްއަކަށް ނުހޭލެވުނެވެ. “އަދި އާހިލްގެ ކައިރިން މަށަށް ލިބުނު މަޤާމަކީ މިއީ ކަމަށް ވަންޏާ، ދުވަހަކުވެސް މިހާ އެކަނިވެރިކަން އިޙުސާސް ނުވަނީ ކީއްވެ؟”
ކޮޓަރީގެ ސީލިންގުން އެއްވެސް ޖަވާބެއް ނުދިނެވެ.
*****
އެންމެ ފަހުގެ ނިންމުމާ ހަމައަށް ދެވުނީ ވަރަށް އާދައިގެ ހަވީރެއްގައެވެ. އެއްވެސް ޒުވާބެއް ނުހިނގައެވެ. އެއްޗެއް ތަޅައެއް ނުލައެވެ. އަދި ބޭވަފާތެރިކަމުގެ އެއްވެސް ސިއްރެއްވެސް ފަޅާއެއް ނޭރިއެވެ. ހަމައެކަނި އޮތީ ރޭގަނޑުގެ ކެއުމަކަށް ލިބުނު ދަޢުވަތެކެވެ.
އާހިލްގެ އާއިލާއިން އޭނާގެ ދޮށްޓަށް ހުންނަ ދައްތަގެ ގޭގައި ކުޑަ އެއްވުމެއް އިންތިޒާމުކުރިއެވެ. ތިމާގެ މީހުން ޖަމާވާތީ، ސަނަމް މުޅި މެންދުރުފަސް ހޭދަކުރީ އެ ގެއަށް ގެންދާނެ ކާއެއްޗެއް ތައްޔާރުކުރުމުގައެވެ. މަޑު ފެހިކުލައިގެ ހެދުމެއް އަޅައި، އިސްތަށިގަނޑު ރީތިކޮށް އައްސާލައިގެން، އާހިލް ތައްޔާރުވެގެން ނިކުންނަންދެން އޭނާ މަޑުކުރިއެވެ.
ކޮޓަރިން ނިކުތްއިރުވެސް އާހިލް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.
“ތައްޔާރުތަ؟” އޭނާ އެހިއެވެ.
“އާނ.”
“ހިނގާ ދާން. ލަސްވެއްޖެ.”
ސަނަމް ކާތަށި ހިފައިގެން އޭނާގެ ފަހަތުން ހިނގައިގަތެވެ. ދައްތަގެ ގެއަށް ދިޔައިރު، ގޭތެރެ އޮތީ ހަލަބޮލިވެ، މީހުންގެ އަޑުން ފުރިފައެވެ. ކުދިންތައް ދުވެހަދާއިރު، ތަށިތައް ދެކޮޅަށް ގެންދެވެމުން ދިޔައެވެ. ތެލުލި މަހާއި ކުޅި ރިހައިގެ މީރުވަސް މުޅި ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. ސަނަމް ހުރިހާ އެންމެންނާވެސް ބައްދަލުކުރީ ހިނިތުންވުމާއެކުގައެވެ. ކާން ހަދަން އެހީތެރިވެ، ދޮށީ މީހުންނަށް ތަށިތައް އަޅައިދީ، ކާން ފެށުމުން އާހިލްގެ ކައިރީގައި އިށީނެވެ.
އިރުކޮޅަކަށް ހުރިހާ ކަމެއްވެސް ދިޔައީ އާދައިގެ މަތިންނެވެ. އެހެން އުޅުމުގެ ތެރޭގައި އާހިލްގެ ދެބެންގެދެދަރި ކުއްޖަކު އަހާލިއެވެ. “އާހިލް، ސަނަމް ގޮވައިގެން ތަންތަނަށް ނުދަނީ ކީއްވެ؟ ކުރިން ތިޔަ ދެމީހުން އުޅެނީ އެއްކޮށެއްނު.”
އާހިލް ހީނލިއެވެ. “އެކަހަލަ ކަންކަމަށް މިހާރަކު ވަގުތެއް ނުވޭ. މަސައްކަތް ބުރަކަމުން ވަގުތު ނުވަނީ.”
ދެން ހުރި މީހަކު މަޖާވެލާފައި ބުންޏެވެ. “ސަކަރާތެއްނު ސަނަމްއަށް. ކަލެއަށް އިންތިޒާރުކޮށްކޮށް ވަރުބަލިވެދާނެ.”
އާހިލް ކޮނޑު އަރުވާލިއެވެ. “އޭނަ މިހާރު އޮންނާނީ އެކަމަށް އާދަވެފަ.”
އެ ބަސްތައް ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. ސަނަމްގެ ހިތުގައި ޖައްސާކަށް އޭނާ ގަސްތެއް ނުކުރެއެވެ. އެ ވާހަކަ ބުނީ، އޭނާގެ އަނބިމީހާ އަބަދުވެސް ވިސްނައިދޭނެ ކަމަށާއި، މަޢާފުކުރާނެ ކަމަށާއި، އޭނާ ދޫކޮށްލި ތަނުގައި އަބަދުވެސް ހުންނާނެ ކަމަށް މާބޮޑަށް ޔަޤީންކޮށްގެން ހުރި ފިރިއެއްގެ ފަޚުރުވެރިކަމާއެކުގައެވެ.
އެހެން ނަމަވެސް، އެ ބަސްތަކާއެކު ސަނަމްގެ މޫނުމަތިން ކުލަވަރު އޮއްސިގެން ދިޔައެވެ. “އޭނަ މިހާރު އޮންނާނީ އެކަމަށް އާދަވެފަ.”
ސަނަމް ތަށްޓަށް ބަލައިލިއެވެ. އޭނާ އިންތިޒާރުގައި ހޭދަކުރި އެތައް ހަވީރެކެވެ. ފިނިނުވެ ހުންނާނެހެން ބަހައްޓައިދިން އެތައް ކެއުމެކެވެ. ފޮނުވާފައި ދެރަވި އެތައް މެސެޖެކެވެ. އަދި އާހިލްގެ ކައިރީގައި އޮވެ، އަޑުނީއްވާ ރުއި އެތައް ރެއެކެވެ. އޭނާ ކެތްތެރިވީ އުފަލުން ކަމަށް އާހިލް ހީކުރީއެވެ. އޭނާގެ ހިމޭންކަމަކީ ހިތްހަމަޖެހުން ކަމަށް އާހިލް ދެކުނީއެވެ. އޭނާ އެ ގޭގައި ހުރި ހުރުމަކީ އުފަލުގައި ހުރިކަމުގެ ހެއްކެއް ކަމަށް އާހިލް ބަލައިގަތީއެވެ.
ސަނަމް ސަމުސާ ބޭއްވިއެވެ. “އަހަރެން ދައްތައަށް އެހީވާން ބަދިގެއަށް ގޮސްލަނީ.” މަޑުމަޑުން ބުންޏެވެ.
އާހިލް މާބޮޑު ސަމާލުކަމެއް ނުދީ ބުންޏެވެ. “އެންމެ ރަނގަޅު.”
ބަދިގޭގެ ސިންކު ކައިރީގައި، އިސްކުރުން ފެން ފައިބަފައިބައި ހުއްޓާ ސަނަމް މަޑުކޮށްލިއެވެ. އާހިލްގެ ދައްތަ ނިޝާއަށް އޭނާގެ މޫނުމަތީގެ ބަދަލު ފާހަގަވިއެވެ.
“ސަނަމް؟ ހުރިހާ ކަމެއް ރަނގަޅުތަ؟”
ސަނަމް ގަދަކަމުން ހިނިތުންވެލިއެވެ. “އާނ.”
ނިޝާ އިރުކޮޅަކު ބަލަން ހުރެފައި ބުންޏެވެ. “އަހަރެންގެ ކުރިމަތީގަ ކަންކަން ފޮރުވާކަށް ނުޖެހޭނެ.”
އެއީ ފުދުނު މިންވަރެކެވެ. ސަނަމްގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ނިޝާ އިސްކުރު ބަންދުކޮށްލުމަށްފަހު އޭނާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. “ކީއްވީ؟”
“ކަމެއް ނުވޭ.”
“ސަނަމް.”
ސަނަމް ބޯހޫރާލިއެވެ. “ބުނެދޭކަށް ނޭނގެ.”
“ހުރިހާ އެއްޗެއް ކިޔައިދޭނެ ކަމެއް ނެތް. ހަމައެކަނި ތަދުވާ ސަބަބު ބުނެބަލަ.”
ސަނަމް ދެއަތުން މޫނު ފޮރުވާލިއެވެ. “އަހަރެން ހުންނަކަމަށް އާހިލް މާބޮޑަށް އާދަވެއްޖެ. އެހެންވެ މިހާރު އޭނާއަކަށް އަހަރެން ނުވެސް ފެނޭ.”
ނިޝާ އޭނާގެ ކައިރީގައި އިށީނެވެ. “އާހިލްއާ ވާހަކަދެއްކިންތަ؟”
“ވަރަށް ގިނަ ފަހަރު.”
“އޭނަ ކީކޭ ބުނީ؟”
“ބުނަނީ ވަރަށް ބިޒީއޭ. ދިރިއުޅުން އުނދަގުލޭ. އަހަރެން ވިސްނަންވާނޭ.”
ނިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އާހިލްއަކީ އަބަދުވެސް ތަންކޮޅެއް ގޮތްދޫނުކުރާ ކުއްޖެއް.”
ސަނަމް މާޔޫސްކަމާއެކު ހިނިތުންވެލިއެވެ. “އޭނައަކީ ގޯސް މީހެއް ނޫން ނިޝާ. އެހެންވެ މިކަން މާ އުނދަގޫވަނީ. އޭނާއަކީ އަނިޔާވެރިއެއްނަމަ، ކޮންމެ ދުވަހަކު ހަޅޭއްލަވާ މީހެއްނަމަ، އަހަރެން ދެރަވާ ސަބަބު ކިޔައިދޭން ފަސޭހަވީސް.”
އޭނާ ކަރުނަތައް ފޮހެލިއެވެ. “އެކަމަކު އޭނަ އެހެންނެއް ނޫޅޭ. ވަޒީފާއަށް ދޭ. ޚަރަދުތައް ބަލަހައްޓާ. ބައެއް ފަހަރު ކައިފިންތޯ އަހާ. ގެއަށް އައިސް އަހަރެންގެ ކައިރީގަ ނިދާ. ބޭރުފުށުން ބަލާއިރު ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ.”
“ދެން ކޮން ކަމެއް މަދުވަނީ؟”
ސަނަމް ތަޅުންގަނޑަށް ބަލައިލިއެވެ. “އަހަރެން.”
ނިޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ސަނަމް މަޑުމަޑުން ކުރިއަށް ގެންދިޔައެވެ. “މިހާރު އަހަންނަކަށް އަނބިމީހާއެއްގެ އިޙުސާސެއް ނުކުރެވޭ. އަހަންނަށް ހީވަނީ އޭނާ ނިންމާލާފައިވާ ޒިންމާއެއްހެން. އޭނާ އަހަންނާ ކައިވެނިކޮށް، ގެއަށް ގެނައުމުން އެ ހުރިހާ ކަމެއް ނިމުނީ ކަމަށް އޭނާ ޤަބޫލުކުރަނީ.”
ނިޝާ ސަނަމްގެ އަތުގައި ހިފާލިއެވެ. “ތި ވާހަކަ ސީދާ އޭނަ ގާތު ބުނިންތަ؟”
“ނޫން.”
“ބުނަންވީނު.”
ސަނަމް ދެކޮޅުހެދިއެވެ. “އެއް ވާހަކައެއް ތަފާތު ގޮތްގޮތަށް ދައްކަން އަހަރެން ވަރުބަލިވެއްޖެ.”
ސިޓިންގރޫމުން އިވޭ އާހިލްގެ ހުނުމުގެ އަޑަށް ބަލައިލަމުން އޭނާ ބުންޏެވެ. “އަހަންނަށް ތަދުވާކަން ފާހަގަކުރަން އެހެން މީހަކަށް ދަސްކޮށްދިނުމުގައި މުޅި އުމުރު ހޭދަކުރާކަށް އަހަރެން ބޭނުމެއް ނޫން.”
ފުރަތަމަ ފަހަރަށް، އޭނާ އަބަދުވެސް ދުރުކުރަމުން އައި ވިސްނުމަކަށް ޖާގަދިނެވެ.
(ނުނިމޭ)
